އެޑިޔުކޭޝަން މިނިސްޓްރީގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ނުރައްކާތެރި ލޮޅުންތަކެއްއަރާ ފޫނުބެދޭފަދަ ބޮޑެތި ގެއްލުންތަކުން ސަލާމަތްކޮށްދެއްވުމަށް ދާއިމީ އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓޭމް އިން ގޮވާލައިފިއެވެ.
ޓީޗަސް އެސޯސޮއޝަނުން މިގޮތައް ގޮވާލެއްވީ ދިވެހި ރާއްޖޭގެ ތަޢުލީމީ މުޤައްރަރުގައި ހިމެނޭ އިސްލާމާއި ދިވެހި، ދިވެހި ރާއްޖޭގައި ކިޔަވަމުންދާ މަތީ ޡާނަވީގެ ދަރިވަރުންނަށް އިޚްތިޔާރީ މާއްދާޔަކަށް ހެދުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މިނޫސްބަޔާނުގައި ޓީޗަރސް އެސޯސިއޭޝަނުން ހާމަކޮށްފައިވަނީ ވަށާޖެހޭ ތަޢުލީމަކީ މާތްވެގެންވާ އިސްލާމްދީނުގެ މަކާރިމުލް އަޚުލާޤުގެ ތަރުބަވީ ތަޢުލީމު ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް އެފަދަ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުންކަމަށާއި ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ދޯހަޅި ތަޢުލީމީ ސިޔާސަތުގެ ސަބަބުން އިސްލާމީ، ތަރުބަވީ ތަޢުލީމުގެ މާހައުލެއް އެކަށީގެންވާ ގޮތުގައި ސްކޫލު ތަކުގައި ޤާއިމު ކުރެވިފައި ނުވާކަމަށެވެ.
ތަޢުލީމީ ވަޒީރަށް ހުޝާމަދުކުރުމަށާއި ތަޢުރީފުގެ ޕެޓިޝަންތައް ހަދައިގެން މީޑިޔާއަށް ނުކުމެ އަޑުއުފުލުމަށް، ތަޢުލީމީ ވުޒާރާގައި އިސްކޮށް ތިއްބެވި ސިޔާސީ ބައެއްބޭފުޅުން ސްކޫލު މަދަރުސާތަކުގެ ޕްރިންސިޕަލުންނަށާއި ވެރިންނަށް ނުފޫޒުފޯރުވުމާއި ބިރުދައްކަމުންދާކަމަށާއި އަދި ދިވެހި ރާއްޖޭގައި ކިޔަވަމުންދާ މަތީ ޡާނަވީގެ ދަރިވަރުންގެ ނަމުގައި އެވެސް ޒިންމާދާރުކަމެއް ނެތް ޢަމަލުތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށާއި އަދި ވަގުތުން ވަގުތަށް އެކަން ހުއްޓާލުމަށް ޓީޗަރސް އެސޯސިއޭޝަނުން ގޮވާލައިފައިވެއެވެ.
މިނޫސް ބަޔާނުގައި ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިތުރަށް ހާމަކޮށްފައިވަނީ ޒަމާނީ ޑިމޮކުރަސީގެ ތެރެއިން ދިވެހިޤައުމު ޤައުމެއްގެ ގޮތުގައި ތަރައްޤީއާއި ތަހުޒީބުގެ ކުރިބޯށިތައް ހާސިލްކުރަމުންމިދާ ހަލުވި ދުވެލީގެ ތަރަހައަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަސްކަމަށާއި ކަންމިހެން އޮތްއިރު ރާއްޖޭގެ ތަޢުލީމީ ހުރިހާ ފަންތިއެއްގެ ހުރިހާ މަރުހަލާއެއްގައި އިސްލާމްދީނާއި ދިވެހިބަހުގެ ޢިލްމު އެކަށީގެންވާ ގޮތެއްގައި އެކަށީގެންވާ މިންވަރަކަށް ހިއްސާކުރުމަށްވެސް ޓީޗަސްއެސޯސިއޭޝަނއއިން ގޮވާލާކަމަށާއި އަދި ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމުގެ އެއްވެސް މަރުހަލާއެއްގައި އިސްލާމްދީނާއި ދިވެހިބަސް އިޚުތިޔާރީ ދެމާއްދާގެ ގޮތުގައި ދޫކޮށްލައިފިނަމަ ދިވެހި ޤައުމުގެ އަމިއްލަ މަސްލަހަތު ގެއްލި ޤައުމީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަށާއި ޤައުމުގެ ތަރައްޤިއާއި ތަހުޒީބަށާއި ޤައުމުގެ ދަރީންގެ ދަރީންގެ ދަރީންނަށް ފޫނުބެއްދޭފަދަ ބޮޑެތި ގެއްލުންތައްލިބި ދިވެހިޤައުމުގެ ޝަރަފާއި ކަރާމާތް ކިލަނބުވެ ނުރައްކާތެރި ލޮޅުންތަކެއް އަރާނެކަން ޓޭމްގެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...