ދިވެހިރާއްޖޭގެ މަތީ ތަޢްލީމް ފޯރުކޮށްދޭ އެންމެ ބޮޑު ސްކޫލް ކަމަށްވާ ، ސީ އެޗް އެސް އީ ގައި މިއަންނަ އާދީއްތަ ދުވަހުން ފެށިގެން ޢަރަބި ބަސް ކިޔަވާދޭން ފައްޓާނެކަމަށް އެ ސްކޫލުގެ އިސްލާމް މުދައްރިސަކު މިއަދު ވިދާޅުވެއްޖެއެވެ.
އިތުރަށް މަޢްލޫމާތު ދެއްވަމުން އެ މުދައްރިސް ވިދާޅުވީ، މި މާއްދާ ކިޔަވާދޭން މި ފަށަނީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ކަމަށާއި، މިހާރު ކިޔަވާ ދިނުމާ ބެހޭ ބައެއް އިތުރު މެޓީރިއަލްސް ވެސް ލިބިފައިވާ ކަމަށެވެ.
މިއަންނަ ހަފްތާއިން ފެށިގެން ފެށޭ މި ކްލާސްތައް ނަގާދެވޭނީ އޭ ލެވެލް ފެންވަރަށް ކަމަށްވެސް މަޢްލޫމާތު ލިބެއެވެ. އޯ ލެވެލްގައި ޢަރަބި ނުކިޔަވާ ދަރިވަރުންނާއި އެއްގޮތަކަށްވެސް ޢަރަބި ނުދަންނަ ދަރިވަރުންނަށްވެސް މިކްލާސްތަކުގައި ބައިވެރިވެވެއެވެ.
ނަމަވެސް މިކުލާސްތަކުގައި ބައިވެރިވެވެނީ އަލަށް ގްރޭޑް 11 އަށް ވަންނަ ދަރިވަރުން އެކަންޏެވެ. މިދަރިވަރުންގެ ތެރެއިން މިހާރުވެސް 50 އަކަށް ދަރިވަރުންރަޖިސްޓްރީ ވެފައިވާ ކަމަށް މަޢްލޫމާތު ލިބެއެވެ. މިއީ ސީ އެޗް އެސް އީ އަށް މިފަހަރު އަލަށް ވެއްދި 400 ވަރަކަށް ދަރިވަރުންގެ ތެރެއިން 12%އަށް ވުރެ ގިނަ އަދަދެކެވެ. 2 އަހަރު ތެރޭގައި 12 އަހަރުގެ ޢަރަބި ބަސް ކިޔަވުމުގެ ޗެލެންޖަކަށް މިހާ ގިނަ ދަރިވަރުން ކުރިމަތިލީ ކަމީ ދަރިވަރުންގެ މެދުގައި ޢަރަބި ބަސް އުނގެނުމަށް އޮތް ތަރުހީބު ދައްކުވައިދޭ ކަމެކެވެ.
ހަފްތާއަކު 3 ގަޑި ނަގާ ދޭ ގޮތަށް ހަމަޖެހިފައިވާ މިމާއްދާ ކިޔާވާ ދަރިވަރުން "ނޭޝަނަލް ޓޮޕް ޓެން އެވޯރޑްސް"ގައި ވާދަކުރުމަށް މި މާއްދާގެ ނަތީޖާވެސް ހިމެނިދާނެ ކަމަށް މަޢްލޫމާތުލިބެއެވެ.
މިފަދަ މާއްދާއެއް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޙައްޤު ޝުކުރުވެރިވަމެވެ. ޚައްޞަކޮށް ސީ އެޗް އެސް އީ ގެ ޕްރިންސިޕަލް މެޑަމް ޢައިޝަތު ޞޮފޫރާއަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަމެވެ.
މިކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ބޭފުޅުންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާށިއެވެ! އަދި މި މާއްދާ ކިޔެވުމަށް އިސްނެގި އެންމެހާ ދަރިވަރުންނަށް ތަވްފީޤް ދެއްވާ ޢިލްމުގެ މަގުގައި ކުރިއަރާ ދިއުން މިންވަރު ކުރައްވާށިއެވެ! އާމީން!!!

ކޮމެންޓް (0)
ލޯޑް ކުރަމުން...