"އަހަރުމެން ރުހުނަސް އަދި ނުރުހުނަސް އިސްލާމީ ޕާޓީތައް ސިޔާސީ ގޮތުންނާއި ޝަރުޢީ ގޮތުންނާއި އަދި ޤާނޫނީ ގޮތުން ބޮޑުބާރަކަށް ވެގެން ހިނގައްޖެއެވެ." އެމެރިކާގެ "ލޮސްއެންޖަލިސް ޓައިމްސް" ކިޔާ ނޫހެއްގައި، "މިސްކިތާއި ދައުލަތް" މިސުރުޚީގެ ދަށުން އެޤައުމުގެ ލިޔުންތެރިއެއް ކަމުގައިވާ Doyle McManus ލިޔުނު މަޒްމޫނު ފައްޓަވާފައިވަނީ އިސްވެދިޔަ ޢިބާރާތުންނެވެ. އެލިޔުމުން ކަށަވަރުކޮށްދީފައި ވަނީ ޢަރަބި ދުނިޔޭގައި އިސްލާމީ ބާރުތަކަކީ ޙަޤީޤަތަކަށް ވެއްޖެ ކަމަށެވެ. އެހެންކަމުން ޢާއްމުގޮތެއްގައި ހުޅަނގުގެ މައްޗަށް އަދި ޚާއްޞަކޮށް އެމެރިކާގެ މައްޗަށް ވާޖިބުވެގެން ވަނީ އެބާރާއެކު މުޢާމަލާކުރުމުގެ މަގެއް ހުޅުވާލުމެވެ.
އެއީ ވަރަށް ބޮޑު ތެދެކެވެ. ޑިމޮކްރަސީގެ ހަމަތަކުގެ މަތީން މިނިވަންކަމާއެކު އޮޅުވާލުމެއް މަކަރުހެދުމެއް ނެތް ސާފު އިންތިޚާބެއް ކުރެވޭ ކޮންމެ ފަހަރަކު އެ އިންތިޚާބުގައި މުސްލިމުން ބައިވެރިވެގެން ކާމިޔާބު ހޯދާފައި ވެއެވެ. ޢައްބާސްމަދަނީ ރައީސްކަމުގެ ދަށުން އަލްޖަޒާއިރުގައި ހިންގި "އަލްޖުބްހަތުލް އިސްލާމިއްޔާ ލިލްއިންޤާޛުލްވަޠަނީ" މި ޕާޓީ 1990 ގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރިއެވެ. ނަމަވެސް ހުޅަނގުގެ ނޫފުޛު ގަދަވެފައިވާ ސިފައިންގެ ފަރާތުން އޭނާ ހައްޔަރުކޮށް އިންތިޚާބުވެސް ކެންސަލްކުރީ އެވެ.
އޭގެފަހުގައި ތުރުކީވިލާތުގައި އިސްލާމްދީނުގެ އުޞޫލުތަކުގެ މަތީގައި ދިރިއުޅުން ބިނާކުރުމަށް ސިޔާސީ ގޮތުން މަސައްކަތްކުރެއްވި ނަޖްމުއްދީން އަރްބަކާން ގެ ރިފާހު ޕާރީ 1996 ހޯދި ކާމިޔާބީއާ ޢިލްމާނީ ސިފައިންނާއި، ހުޅަނގުން އެ އިސްލާމީ ޕާޓީގެ ވެރިކަމާމެދު ޢަމަލުކުރިގޮތް ދެކޭށެވެ.
މިއަދު ސިޔާސީ މައިދާނުގައި މަސައްކަތްކުރާ މުސްލިމުންގެ ސުވާލަކީ މިނިވަން އިންތިޚާބެއްގައި މުސްލިމުން ކުރިމަތިލައި ވާދަކޮށްގެން ވެރިކަމަށް އެބައިމީހުން އެމެރިކާ ހުއްދަދޭނެ ހެއްޔެވެ؟ މިއީ ބައިނަލް އަޤުވާމީ ބައްދަލުވުންތަކުގައި ޖަވާބު ދިނުމަށް އެމެރިކާ ޖެހިލުންވެ އެސުވާލަށް ފިލަން ދުވި ސުވާލެކެވެ. އަދި އޭގެ ބަދަލުގައި އެމެރިކާގެ ދިޕޮލަމާސީން ވެސް މުސްލިމުންނާ ކުރިމަތިކުރަނީ ސުވާލެކެވެ. އެއީ އިންތިޚާބުގައި އިސްލާމުންނަށް ކާމިޔާބު ނުވެއްޖެނަމަ މިނިވަން ޑިމޮކްރެޓިކް އިންތިޚާބެއް ހިންގުމުގެ ހުއްދަ މުސްލިމުން ދޭހެއްޔެވެ؟ މިސުވާލުގެ އަސްލު މަޤުޞަދަކީ އެމެރިކާއާ އަދި ހުޅަނގާ ކުރިމަތިކުރެވޭ ސުވާލުން ރެކިގަތުމެވެ. އެހެނީ މިނިވަންކަމާއެކު އިންތިޚާބުތައް ބޭއްވިޔަ ނުދީ އަދި އިންތިޚާބުތަކުގެ މައްޗަށް އިތުބާރުކުރުން ގެއްލުވާލާފައި ވަނީ އިސްލާމީ ޕާޓީތަކަށް ނިސްބަތްވާ މީހުންނެއް ނޫނެވެ. ސަރުކާރުތައް ހިންގުމުގައި ތިބޭ ވެރިންނާއި އެމީހުންގެ ޕާޓީ ތަކުންނެވެ.
ތެދެކެވެ. މީގެ ކުރީގައި މިއީ ވާހަކައިގެ މޭޒުމަތީގައި އެނބުރޭ ސުރުޚީތަކެކެވެ. ނޫނީ ސުވާލު ތަކެކެވެ. ނަމަވެސް މިއަދު މިއޮތީ އެންމެ ކުޑަމިނުން ޢަރަބި ޤައުމުތަކުގައި ޙަޤީޤަތަކަށް ވެގެން ގޮސްފައެވެ. އަރަބި ޤައުމުތަކަށް ބަލާއިރު ޘަވްރާ އަށްފަހު މިއަހަރު ތޫނިސްގައި ބޭއްވުނު އިންތިޚާބުން އަލްއުސްތާޛް އަލްޣަންނޫސީގެ ވެރިކަމުގައިވާ ޙިޒްބުއް ނަހްޟާ ވަނީ އެންމެ ކުރިހޯދާފަ އެވެ. މިސްރުގައިވާ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އިޖްތިމާޢީ ޙަރަކާތަކީ އަލް އިޚްވާނުލް މުސްލިމޫން އެވެ. އޭގެ ތެރެއިން މިހާރު އިސްލާމީ ފިކުރުގެ އެތައް ޖަމާޢަތްތަކެއް އުފެދިގެން އައިސްފައި ވެއެވެ. ހުކުރު ޚުޠުބާތަކާއި މީހުންގެ ބައްދަލުވުންތަކުގައި އިސްލާމީ ވެރިކަމަކަށް މިޞްރު ބަދަލުކުރުމަށް ހިތްވަރުދެވި އެކަމަށް މަސައްކަތްކުރެވެމުން ދެއެވެ. ލީބިޔާގެ ޘަވްރާ ކާމިޔާބުކުރުމުގައި އިސްލާމުންގެ ދައުރަކީ ވަންހަނާވެގެންވާ ކަމެއްނޫނެވެ. ލީބިޔާގެ ޒަޢީމު މަޢުމަރުލް ޤައްޛާފީ ވައްޓާލައި އޭނާގެ ބާރުދުއްވާލުމުގައި އިސްރޯލްކުޅޭ ބައެއްކަމުގައި އިސްލާމުން ވެއެވެ. މިހެންކަމުން މިނިވަން ލީބިޔާ ބިނާކުރުމުގެ އާ ސަރުކާރުގައި އެބައިމީހުން ހިމެނޭނެއެވެ.
ހުޅަނގުން ބިރުގަންނަނީ ގިނަ މުސްލިމުން ލިބަރަލް ޕުލޫރަލިޒަމް ޤަބޫލުނުކުރާތީ އެވެ. އަދި އެބައިމީހުން އިސްލާމް އެއީ ދައުލަތުގެ ރަސްމީ ދީން ކަމުގައި ކަނޑައަޅަން ބޭނުންވާތީ އެވެ. ހަމައެހެންމެ މަދަނީ ޤާނޫނުގެ އަސާސަކީ އިސްލާމީ ޝަރީޢަތް ކަމުގައި ހެދުމަށް ހިތްވަރުދީ އެކަމަށްޓަކައި ގަދައަޅާތީ ވެސް މެއެވެ. މީގެ އިތުރުން ފަލަސްޠީނު ބިމުގައި އުފައްދާފައިވާ އިޒްރޭލްއޭ ނަމަކަށް ކިޔާ ދައުލަތަކީ މުސްތަޤިއްލު ދައުލަތެއް ކަމަށް އިސްލާމީ ޙަރަކާތްތަކުގެ ގިނަ ޒުވާނުން ޤަބޫލުނުކުރުމުގެ މައްސަލަ އާއި އަދި އެ ޤައުމާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތަކީ ގިނަ މުސްލިމުން ރުހުމުން މަޙްރޫމުވެގެންވާ ކަންކަމަށް ވުމެވެ. ކަންމިހެން ހުރުމާއި، އެމެރިކާގެ ގިނަމީހުންގެ ނަޒަރުގައި ޢަރަބި ޤައުމުތަކުގައި އުފެދިފައިވާ ޘަވްރާތަކުގެ ނަތީޖާއެއްގެ ގޮތުން އިސްލާމުންގެ ވެރިކަމެއް އައިސް އެބައިމީހުންނާއެކު އުޅުމަކީ ނުވާނެ ކަމެކެވެ. މިއީ އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރުން ވެސް ފާޅުކޮށްފައިވާ ވާހަކައެކެވެ. މިކަން ފާޅުކޮށްފައިވަނީ މިޞްރުގެ އިންތިޚާބުގައި އަލަށް އުފެދޭ ޕާލަމެންޓުގެ އަޣުލަބިއްޔަތު އަލްއިޚްވާނުލް މުސްލިމޫން ހޯދައިފި ޙާލަތުގައި އެމެރިކާ އިން އެޤައުމަށްދޭ އެހީ މަދުކުރުމަށް އެދި ހުށަހަޅަމުންނެވެ. މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ސަބަބަކީ އިސްލާމްދީނަށް ވުރެ މަޢާފުކުރާ ތަސާމުޙުކަން ބޮޑު ދީނެއް ނުވެއެވެ. އަދި ޙައްޤު ސާބިތުކޮށް، އަނިޔާވެރިކަން ނައްތާލާ ދީނެއް ނުވެއެވެ.
އެހެންނަމަވެސް ވަރަށްބޮޑު ތިން އުނދގުލަކާ އެމެރިކާ ވަނީ ކުރިމަތިލާފަ އެވެ. ފުރަތަމަ ކަމަކީ ޝަރުޢީ ގޮތުން ހުއްދަ ލިބިގެންވާ ޤާނޫނީ ސިޔާސީ ބާރަކަށް އިސްލާމީ ޙަރަކާތްތައް ވުމެވެ. އަނެއް ކަމަކީ މިނިވަން އަދި ސާފު އިންތިޚާބެއް އިސްލާމީ ޤައުމުތަކުގައި ބާއްވައިފިނަމަ އިސްލާމީ ވިސްނުމުގެ މީހުން ކާމިޔާބުވުމުގެ އުންމީދު ބޮޑުވުމެވެ. ތިންވަނަ ކަމަކީ އެބައިމީހުންގެ ޚާއްޞަ ތަޖުރިބާގެ މަތީގައި އިސްލާމީ ޕާޓީތައް ސާބިތުވެގެން ވުމެވެ.
ދީނި ސިޔާސީ ޖަމާޢަތްތައް ވަނީ ހަމައެކަނި އިސްލާމްދީނަށް ނިސްބަތްވެފައެއް ނޫނެވެ. އިޒްރޭލުގައި ވެސް ޔަހޫދީ ދީނަށް ނިސްބައްވާ ޕާޓީތައް ވެއެވެ. އިޓަލީގައި ވެސް ކެތޮލިކް މަޛްހަބަށް ނިސްބަތްވާ ޕާޓީ ވެއެވެ. ކަންމިހެން ހުރުމާއެކު ހޮވިފައިވާ ބައެއް ސިޔާސީ މީހުން އެމީހުންގެ ދީނީ ޢަޤީދާ އެބައިމީހުންގެ ޤައުމުގެ ސިޔާސަތުގައި ފެނިގެން ދިއުމަށް ބޭނުންވެއެވެ. އެމެރިކާ އަކީ ވަކި ދީނަކަށް ނިސްބަތްވާ ޖަމާޢަތްތައް އޮތްތަނެއް ނޫނެވެ. ފާޅުގައި އެޓައިޓަލްގެ ދަށުން ޕާޓީއެއް އެމެރިކާގައި ނެތަސް އެމރިކާގެ ވަރަށް ގިނަ ނަޞާރާއިންގެ ކިބައިގައި މި އިޙްސާސް ހުރެއެވެ.
އިސްލާމީ ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީ އަށް ހުރި ނުރައްކަލެއް ނޫންކަން އަންގައިދޭ ދަލީލުތައް ވަރަށް ގިނައިން އެބަހުއްޓެވެ. ޔުނިވަރސިޓީ އޮފް ނޯތު ވިލާޔަތު ކެރޮލީނާ ގައި ދިރާސާކުރައްވާ ދެ ބާޙިޘުން ކަމުގައިވާ ޗާލްސްކުޒަމަން އާއި އިޖްލާލް ނަޤްފީ އިސްލާމީ ޤައުމުތަކުގައި ހިންގާފައިވާ 160 އިންތިޚާބީ ތަރުޖިބާތަކުގެ މައްޗަށް ކުރި ދިރާސާއެއްގައި ޑިމޮކްރަސީގެ މައިދާނުގައި އިންތިޚާބުތަކުގައި ވާދަކޮށްގެން ފާހަގަކުރެވޭ ފަދަ ކުރިއެރުން އިސްލާމުން ހޯދަމުން އަންނަކަމަށް ހާމަކޮށްފައި ވެއެވެ.
އިސްލާމްދީނަކީ ފުރިހަމަ ޝޫރާއެއް އޮތް ދިރިއުޅުމުގެ ނިޒާމެކެވެ. މާއްދިއްޔަތާއި މަޢުނަވިއްޔަތާ ދެމެދުގައި ހަމަކަން ޤާއިމްކޮށް އިންސާނީ ޙަޟާރަތެއް ޤާއިމްކުރުމުގެ ޤާބިލްކަން ހުރި ރިސާލަތެވެ. ސުންނަތުއް ތަދާވުލްގެ ދަށުން ދެންއޮތީ އިސްލާމީ ރިސާލަތުގެ ދައުރެވެ. ވަރަށް ގިނަ ނަޒަރިއްޔާތަކާއި ތިއަރީތައް އިންސާނިއްޔަތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހޯދައިދިނުމުން މިއަދު ވަނީ ނާކާމިޔާބުވެފައެވެ. މިއީ އިސްލާމީ ނިޒާމް ތަޖުރިބާކުރުމުގެ ފުރުޞަތެވެ. މިފުރުޞަތު ހެޔޮ ފުރުޞަތެއް ކަމުގައި ﷲ ލައްވާށިއެވެ.
ވަރަށް ފުރިހަމަ އަދި މަޢުލޫމާތު މުއްސަނދި މޮޅު ލިޔުމެއް. މާޝާﷲ
ވަރަށް ފުރިހަމަ ލިޔުމެއް… މާޝާﷲ