ދިވެހިރާއްޖެ އަޑިއަށް ހިނގައިދާނެ، އަހަރެމެން ވާނީމަރު، ކަނޑުގެ ލޮނުގަނޑު އުސްވަނީ، ސުނާމީ އަތުވެދާނެ، އެއްވެސް ޔަޤީންކަމެއްނެތް، އަހަރެމެންގެ ދަރިންގެ ދަރިންނަށް ދާންދެންވެސް މިތަން އޮންނާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް...! މިއީ މިއަދު ވަރަށް މަޝްހޫރު ބަސްތަކެކެވެ. އަޖައިބުވެ އަންތަރީސް ވާވަރުގެ ބަސްތަކެކެވެ. އެއްވެސް މުސްލިމަކުގެ ދުލުން, އެއީ އަދި ކޮންމެމީހަކުކަމުގައިވިޔަސް، ބޭރުކުރަންވާވަރުގެ ބަސްތަކެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ސަބަބަކީތޯއެވެ.
އަޅުގަނޑުމެން އެފޮތަކަށް އީމާންވެގެންތިބެ ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލަމާތޯއެވެ. އެފޮތުގައި ކުރީގެ އުއްމަތްތަކުގެ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެބައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވިސަބަބުވެސް ޢިބުރަތަކަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ބަޔާންކުރައްވާފައެވެ. ސޫރަތު އަލްއަޢުރާފްގެ 74 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި عاد ބާގައިމީހުންގެ ފަހުން، خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، ﷲ ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!"
މިއާޔަތުގައި ބަޔާންކުރައްވާފައިވަނީ ޘަމޫދުބާގައިގެ މީހުންގެ ވާހަކައެވެ. އެކަން މިއާޔަތުގެ ކުރީއާޔަތް (73 ވަނަ އާޔަތް) ވިދާޅުވެލެއްވުމުން އެނގިލައްވާނެއެވެ. މިބައިމީހުން އުޅުނީ ބޮޑެތި ފަރުބަދަތައް ކަނޑައިގެން ރީތި، ވަރުގަދަ ގެތައްހަދައިގެންނެވެ. އެހެންނަމަވެސް އެމީހުންގެނިމުން އައިސްފައިވަނީ ކިހިނަކުންތޯއެވެ؟ އާދެ! އެމީހުން ﷲ ގެ އަމުރުފުޅު ދޮގުކޮށް ބިމުގައިފަސާދަކުރުމުން އެމީހުންގެމައްޗަށް ބިރުވެރި ބިންހެލުމެއްއައިސް، އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިވާ ބަޔަކު ކަމުގައި ވެގެންދިޔައެވެ. މިއީ އެފަދަ ބޮޑެތި ފަރުބަދަތައް ކަނޑައިގެން އުޅުނު، އެހެންނަމަވެސް ﷲ އަށް އުރެދުނުބައެއްގެ ނިމުންހުރިގޮތުގެ މިޘާލެކެވެ.
އެއަށްފަހު ދެން ލޫޠުގެފާނުގެ ޤައުމުގެމީހުންގެނިމުން ހުރިގޮތާމެދު ނަޒަރުހިންގާލަމާތޯއެވެ؟ އެބައިމީހުންވީ އޭގެކުރިން އެއްވެސްބަޔަކު ނުކުރާކަމެއްކަމުގައިވާ، އެއްޖިންސުންގުޅުންހިންގައި އުޅުނު ބަޔަކުކަމުގައެވެ. އެމީހުންގެ ނިމުން ހުރިގޮތް ބަޔާންކުރައްވަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ އަލްޙިޖުރު ސޫރަތުގެ 73 އިން 76 ވަނަ އާޔަތުގެނިޔަލަށް ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ:
"ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ. ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ."
އާދެ! މިއަދު ވެސް އަޅުގަނޑުމެން ދިރިތިބީންނަށް މިތަން ފެންނަންއެއޮތީ އެއްވެސް ދިރުމެއްނެތްތަނެއްގެ ގޮތުގައެވެ. މިއަދުގެ ދުނިޔޭގެ ޗާޓުގައި އެތަނަކަށް ޑެޑްސީ ގެނަމުން ނަންދެވިފައިވަނީ އެމީހުންގެ ރަށަށެވެ. އެމީހުންނަށް ޢަޒާބު ދެއްވިގޮތް ނިކަންބައްލަވާށެވެ. ވިސްނާބަޔަކަށް އެއިންވެސް ޢިބުރަތެއް ލިބޭނެކަމީއެއްވެސް ޝައްކެތްހުރިކަމެއްނޫނެވެ.
މަތީގައި އަޅުގަނޑު މިބަޔާންކުރީ އަޅުގަނޑު އަމިއްލަ ވާހަކަތަކެއްނޫނެވެ. އަދި އެހެންމީހަކު ހަދަހަދައިގެން ދައްކާފައިވާ ފުލޯކު ވާހަކައެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ ޢާލަމްތައް ހައްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުތަކެވެ. މިއަދުގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންވެސް މިހުރިހާކަމެއް ތެދުކުރެއެވެ.
އަދި އެއްވާހަކައެވެ. ލޮނުގަނޑުގެ ވާހަކަ ދައްކަވާތީވެ، އަޅުގަނޑުމެންނާ އެންމެ ގުޅޭނީ މޫސާގެފާނު ވާހަކަކަމުގައި ދެކެމެވެ. މޫސާގެފާނާއި އެކަލޭގެފާނާ އެކުގައިވީމީހުން ކަނޑުން ހުރަސްކުރުމަށްފަހު، ހަމަ އެމަގުން ފިރުޢައުނާއި އޭނާގެ ލަޝްކަރު ދަތުރުކުރަން އުޅުމުން ކަންތައްވީގޮތް އެއީ މަޝްހޫރު ވާހަކައެކެވެ. އަދި މިއަދާ ހަމައަށްވެސް އެފިރުޢައުނުގެ ހަށިގަނޑު އެއޮތީ ހަމަ އަހަރެމެން ދިރިތިބީންނަށް ދެއްކެވުމަށްޓަކައި ރައްކާކުރެވިފައެވެ. މާތް ﷲ ގެ ބަސްފުޅުތަކުގެ ތެދުކަމާއެވެ.
އެހެންވީމާ، އެންމެހައި ބޭފުޅުން ވިސްނައިލައްވާށެވެ. ﷲ އަށް އީމާންވެގެންވާ އެއްވެސްމީހަކު ކަނޑުގެ ލޮނުގަނޑު އުސްވަނީޔޭ، އަހަރެމެން ނެތިދަނީޔޭ، އަހަރެމެންގެ ދަރީންނަކަށްވެސް މިތަނުގައި އެއްވެސް އުފަލެއްނެތޭ، ކިޔައިގެން ވާހަކަދެއްކުމުގެ ބޭނުމެއްނެތެވެ. ﷲ ގެ ޢަޒާބު އަންނަނީ، މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ ޤުދުރަތީ ކާރިޘާ ނުވަތަ ސުނާމީއައުމުގެ ފަހަތުގައިވާ ޙަޤީޤީ ސިއްރުތައް އިސްވެބަޔާންކުރެވުނު އާޔަތްތަކާއިމެދު ވިސްނައިލުމުން އެނގިގެންދާނެއެވެ.
އާދެ! ﷲ ގެ ޢަޒާބުން ސަލާމަތްވެވެން އޮތީ ﷲ އަށް ކިޔަމަންތެރިވެގެންނެވެ. އެއްވެސް އިންސާނަކަށް ތިމާގެ އަމިއްލަ ނަފުސާއި އަދި އެހެންމީހުން ﷲ ގެ ޢަޒާބުން ސަލާމަތްކުރުމުގެ ބާރެއް ލިބިގެނެއްނުވެއެވެ. އަޅުގަނޑުމެންނަށް ސަލާމަތްކަން އޮތީ ﷲ އަށް އީމާންވެ، ޞާލިޙު ހެޔޮޢަމަލުކޮށް އަދި އެހެންމީހުންނަށް އެފަދައިން ނަޞޭޙަތްތެރިވެގެންނެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤު ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ." (ސޫރަތުޠަލާޤު: 2،3) އެހެނީ އެއިލާހު އަޅުގަނޑުމެންގެ މައްޗަށް ޢަޒާބު ފޮނުއްވަން އިރާދަކުރައްވައިފިނަމަ އެ ޢަޒާބުން އަޅުގަނޑުމެން ސަލާމަތް ކުރެއްވޭނޭ އެހެން އެއްވެސް ފަރާތެއްނުވެއެވެ. ﷲ އަށް އަޅުގަނޑުމެން އިންސާނުން ކިޔަމަންތެރިވާންވީ ގޮތުގައި ކިޔަމަންތެރިވުމުން މެނުވީ އެކަލާނގެ ފޮނުއްވާފައިފަނިވިކަމަކުން ސަލާމަތްވާނޭ ހަމައެއްވެސްމަގެއް ނެތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...