މިދިޔަ ބުރާސްފަތި ދުވަހު ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ލީބިޔާގެ ރައީސް ކާރނަލް ގައްޒާފީ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ މަގުތައްމަތީ ގިނަ ބަޔަކު އުފާފާޅު ކުރަމުން އެބަދެއެވެ.
ބައެއް ރައްޔިތުން ހާމަކުރާގޮތުގައި މިފަދަ ގޮތަކަށް ގައްޒާފީގެ ނިމުން އަންނާނެކަމާމެދު އެމީހުން އެއްވެސް ވަރަކަށް ހިޔެއްނުކުރެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި ކުރިންވެސް އެމީހުންނަށް ގައްޒާފީގެ ނިމުންއަންނާނީ މިފަދަ ގޮތަކަށްކަން ޔަގީންވެއެވެ.
އިންތިގާލީ ކައުންސިލްގެ ވައިސް ޗެއަރމަން އަބްދުލް ހާފިޒް ބުނެފައިވަނީ މިހާރު މިއޮތީ ލީބިޔާގައި ވެރިކަން ކުރަމުން އައި ހުދުމުޚްތާރުވެރިޔާގެ ނިމުންއައިސްފައިކަމަށާއި އަދި ދެން ގަދަ ބާރުންނާއި ޚުދުމުޚްތާރުކޮށް ވެރިކަން ހިންގާފަރާތަކަށް ލީބިޔާގައި ޖާގަ ނޯންނާނެކަމަށެވެ.
މީގެއިތުރުން ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް ޤައްޒާފީގެ ކިބައިން ލީބިޔާ ރައްޔިތުން ސަލާމަތްވެ އޭނާގެ އަނިޔާވެރި ވެރިކަމުން ލީބިޔާ މިނިވަންވެއްޖެކަން ރަސްމީ ސިފައެއްގައި ހޮނިހިރު ދުވަހު އިޢްލާން ކުރާނެ ކަމަށް އެޤައުމުގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
1969 ވަނަ އަހަރު ސެޕްޓެމްބަރ 1 ގައި ވެރިކަމާ ހަވާލުވި ގައްޒާފީގެ ވެރިކަން ނިމުމުން ދެން ލީބިޔާގެ ސިޔާސީ މަޝްރަޙު ބަދަލުވެގެންދާނެ ގޮތަކާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...