ދިއިސްލާމް ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ފަހި ދުވަސް" ފާހަގަ ކުރަނީ

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ފަހި ދުވަސް" ފާހަގަ ކުރަނީ

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ފަހި ދުވަސް" ފާހަގަ ކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީ އިން އަންނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ފަހި ދުވަސް" ގެ ނަމުގައި 3 ދުވަހެއް ފާހަގަކުރަން ހަމަޖައްސައިފި އެވެ.

އެ ޔުނިވަރސިޓީ އިން ހާމަކުރާ ގޮތުގައި "ފަހި ދުވަސް" ފާހަގަކުރަނީ އޮކްޓޯބަރު 21 ން 23 ށް ނިކަގަސް މަގުގައި ހުންނަ ޔުނިވަރސިޓީގެ ޖީ ބުލޮކު (ބާ ޖަމާލުއްދީން) ގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމް ހުކުރު ދުވަހު އޮންނާނީ 16:00 ން 18:00 ށް، އަދި ރޭގަނޑު 20:00 ން 23:00 ށެވެ. ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އާއްމުކޮށް ޚިދުމަތް ދޭން ރޭވިފައިވާ ގަޑިތަކަކީ ހެނދުނު 9:00 ން 12:00 ށް، މެންދުރު ފަހު 14:00 ން 18:00 ށް އަދި ރޭގަނޑު 20:00 ން 23:00 ށެވެ.

ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ކޯހަށް ވަނުމަށް އެދޭ ފޯރމް ފުރުމުގައި އެހީތެރިވެދިނުމާއި، ކޯހަށް ވަނުމަށް އެދޭ ދަރިވަރުންނަށް ސެޓްފިކެޓްތައް ފޮޓޯކޮޕީ ނަގާދިނުމާއި އެޓެސްޓް ކޮށްދިނުމުގެ ޚިދުމަތް މި 3 ދުވަހު ހިލޭ ލިބޭނެ ކަމަށް އެ ޔުނިވަރސިޓީ އިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ކުރިއަށް ދެވިދާނެ ދާއިރާއެއް އިޚްތިޔާރު ކުރުމުގައި އެހީތެރިވެދިނުންވެސް އޮންނާނެ ކަމަށް ޔުނިވަރސިޓީ އިން ހާމަކުރެއެވެ.

ޤައުމީ ޔުނިވަރސިޓީ އިން މިހާރު ހިންގާ ކޯސްތައް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިސްލާމިކް ސްޓަޑީޒް، ޝަރީޢަތާއި ޤާނޫނު، މުދައްރިސްކަން، ދިވެހި ބަހާއި ޘަޤާފަތް، އިންފޮމޭޝަން ޓެކްނޮލޮޖީ، ވިޔަފާރި، އެކައުންޓިންގ، އިންޖިނޭރުކަން، ތިމާވެށި، ފަތުރުވެރިކަން، ނަރުސްކަން ފަދަ ދާއިރާތައް ހިމެނެއެވެ. ސެޓްފިކެޓް ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ހިންގާ ގާތްގަނޑަކަށް 136 ކޯސް އަންނަ އަހަރު ޖެނުއަރީ ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ފުލްޓައިމް އަދި ޕާޓް ޓައިމް ކޯސްތައް ހިމެނެއެވެ.

ޔުނިވަރސިޓީ އިން ގާތްގަނޑަކަށް 4,600 މީހުންގެ ޖާގަ ލިއްބައިދޭނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ނަމުގައި މީގެ ކުރިން ހިންގަމުން އައިސް، 15 ފެބްރުއަރީ 2011 ގައި ޤާއިމްކުރި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މަޤްޞަދަކީ ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓާނޭ، އަދި ޤައުމުގެ ޘަޤާފީ، އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމަށްޓަކައި ތަޢުލީމުދީ، ތަމްރީނު ހިންގައި ދިރާސާކޮށް އަދި ޤައުމަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި އިސްނަގައި ބައިވެރިވާނޭ ޒިންމާދާރު ދިވެހި ދަރިން އުފެއްދުމެވެ.

ޤައުމީ ޔުނިވާސިޓީގެ ދަށުން މިހާރު މާލޭގެ ހަތް ފެކަލްޓީއަކާއި ދެ ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ތިން ކެމްޕަހެއްގައި ކޯސްތައް ހިންގަ އެވެ. އެންމެފަހުން ޔުނިވާސިޓީގެ ބައެއްގެ ގޮތުގައި ހިމެނިފައިވަނީ ދިވެހި ބަހާއި ތާރީޚާއި ބެހޭ މަރުކަޒާއި، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީގެ ވެބްސައިޓް

ޓެގް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.