ލީބިޔާގެ ރައްޔިތުން ޤައްޒާފީގެ ޢުދުވާނީ އަދި ޠުޣުޔާނީ ވެރިކަމާ ދެކޮޅަށް ޢަދުލުވެރި މިނިވަން ލީބިޔާ އަކަށްޓަކައި ހިންގަމުންދިޔަ ޘަވްރާގެ ޙަރަކާތުގެ އެންމެ ފަހު މަންޒިލް ސަރްތު ފަތަޙަވުމާއެކު ޘަވްރާގެ ސިފައިންގެ އެންމެ އިސްވެރިޔާ ޤައުމާ މުޚާޠަބުކޮށް ދެއްކިވާހަކައިގައިވާ ވިދާޅުވިއެވެ. މިނިމުނީ ކުޑަޖިހާދެވެ. އަދި މިކުރިމަތިލަނީ ބޮޑުޖިހާދާއެވެ. މިހެންވިދާޅުވީ ޤައުމު ބިނާކުރުމުގެ މަރުޙަލާފެށުނީ ކަމާއި އަދި ލީބިޔާގެ ޢުދުވާނީ ވެރިކަމާދެކޮޅަށް ލީބިޔާގައި ހިންގި ޙަރަކާތްނިމުނީކަން އިޢުލާންކުރައްވަމުންނެވެ. ކުޑަޖިހާދުނިމުނީއެވެ. އިތުރަށް ވިދާޅުވިއެވެ. ޘަވްރާގެ މަޤުޞަދަކީ ޤައްޛާފީމަރާލުމެއްނޫނެވެ. ލީބިޔާގައި ދަސްތޫރީ ދަވްލަތެއްބިނާކުރުމެވެ. ޢަދްލުވެރިކަމުގެ ހިޔަލުގައި މިނިވަންކަމުގެ ފޮނިކަން ލީބިޔާގެ ހުރިޔާ ރައްޔިތުން ލިބިދިނުމެވެ. ލީބިޔާގައި އިޖްތިމާޢީ ފަހި ދިރިއުޅުމަކަށް މަގުއަލިކޮށްދޭނޭ މުއްސިސާތައް ޤާއިމުކޮށް ޒިންމާދާރުގޮތެއްގައި ޤައުމު ކުރިޔަށްދާނެގޮތް ހެދުމެވެ. ވޭތުވި ވެރިކަމަކީ މުއައްސިސާއަކާ ނުލައި ހިންގިވެރިކަމެކެވެ. ނަތީޖާއަކީ ލީބިޔާގެ ރައްޔިތުން އަޅުވެތިކަމެއްގައި ނިކަމެތިކުރެވިފައިވުމެވެ. މިއަދު މިއޮތީ އައުލީބިޔާ ބިނާކުރުމެވެ. ކުރިން ބަޔާންކުރި މަޤްޞަދް ޙާޞިލްކުރެވޭފަދަ ދަސްތޫރީ މިނިވަން ދައުލަތަކާއި ދައުލަތް ހިންގާ ޒިންމާދާރުކުރުވާނެ މުސްތަޤިއްލު މުއައްސިސާތައް ބިނާކުރުމުގެ މަރުޙަލާއެވެ. ބޮޑު ޖިހާދަކީ މިއީއެވެ.
ލީބިޔާ ބިނާކުރުމަށް ބަލާއިރު ލީބިޔާގެ ރައްޔިތުންގެ ކުރިމަތީގައި ގޮންޖެހުންތަކެއް ހުރިކަން ކަށަވަރެވެ. ލީބިޔާއަކީ ތެލުގެ މުއްސަދިކަން ހުރި ޤައުމަކަށްވާއިރު ތެލުގެ ކާރުޚާނާތައް ރަނގަޅަށް ހިނގާގޮތްވުމުން ފައިސާގެތަނަވަސްކަންލިބިގެންހިނގައިދާނެވެ. އެކަމަކު ކޮންމެ މުޖްތަމަޢެއްވެސް ބިނާކުރުމަށް ކުރިމަތިވާ ދެގޮންޖެހުމެއްވެއެވެ. ޤައުމުގެ ދަރިންގެ މެދުގައި އުފެދިދާނެ ދާޚިލީ ފިތުނައާއި ބޭރުގެ ބާޜުތަކުން ކުރިމަތިކުރާނެ ފިތުނަތަކެވެ. ތާޚިލީފިތުނައަކީ ދައުލަތުގެ ތެރެއަށް ވަދެގަތުމަށް ބޭނުންވެގެންއުޅޭ ބޭރުގެ ބާޜުތަކުން ޤައުމުގެ ދަރިންހައްލުވައިގެން ކުރާނެކަންތައްތަކަކުން އުފެދޭނެ ފިތުނައެކެވެ.
އެތެރޭގެ ގޮންޖެހުމާބެހޭގޮތުން އިންތިޤާލީ މަޖިލީހުގެ އިސްވެރިން ހާމަކުރަނީ އެއްވެސް ބައިބައިވުމެއް ނެއްކަމަށެވެ. އެހެންވެއްޖެ ނަމަ ހާދަހާރަނގަޅެވެ. ދިރިއުޅުމާއި ޤައުމުގައި އޮންނަންވީ ދައުލަތާއި މެދުގައި ތަފާތު ވިސްނުން މީސްތަކުންގެ ތެރޭގައިވެއެވެ. މިހެންކަމުން މިކަންކަމުގައި އެއްވިސްނުމެއްގެ މައްޗަށް ހުރިހާމީހުން ބިނާކުރުން އުދަގޫވާނެއެވެ. އެއްބަޔަކު މަދަނީ ދައުލަތެއް ބޭނުންވާއިރު އަނެއް ބަޔަކު އެދޭނީ ދީނީ ވެރިކަމެވެ. މިއިންއެއްވެސް ވެރިކަމެއްގެ ހަޤީޤަތެއް ގިނަ މީހުންނަކަށް ނޭގޭނެއެވެ. ކޮންމެ ބަޔަކުމެ އެބައެއްގެ ވިސްނުމަށްބާރު އަޅާބުއްދީގެ އަދި އެނޫން ހެކިތައް ދައްކަމުންދާނެވެ. އެދަލީލުތަކުގެ ކުރިމަތީގައި ރައްޔިތުންނަށް އެންމެ ރަނގަޅީ މިގޮތޭ ބުނެވޭވަރަކަށް މައްސްލަ ތިލަކުރެވިފައެއްނުވާނެވެ. ދީނީ ވިސްނުމުގައިވެސް މިދުވަސްވަރަކީ ތަފާތުކުލަޖެހިފައިވާ ދުވަސްވަރެކެވެ. ސަލަފީންނެވެ. އިޚްވާނުންނެވެ. ތަބްލީޣީންނެވެ. އަދި ސޫފީންނާއި ޝިޢީ އިސްލާމުންނެވެ. ޤައުމެއްބިނާކުރުމުގައި އެތަނެއްގެ ރައްޔިތުގެ ތެރޭގައިވާ ހުރިހާ ފިކްރީ އޮއިވަރުތަކެއްގެ ތެރެއިން ޤައުމީ އެއްބައިވަންތަކަން އޮއިލައި ބެހިގެން ނުގޮސް ސާބިތުވެ ހިފެހެއްޓޭނީ ވަރަށްވިސްނުންތެރިކަމާއެކު ޤައުމު ބިނާކުރުމުގެ މަސައްކަތްކުރެވިގެންނެވެ. ލީބިޔާއަށް ނިސްބަތްވާ ލީބިޔާގެ މުއާތިނަކަށް ވުމުން ފުއްދާލީމައެވެ. ޢަޤީދާގެ ތަފާތުކަމާއި ދީނުގެ ތަފާތުކަމަށް ނުބަލައި އިޖްތިމާޢީ ބޮޑުމަޞްލަޙަތުގެ އެއްބައިވަންތަކަށް ޤާއިމުކުރެވިގެންނޫނީ އިސްލާމްދީނަކަށްވެސް ނަޞްރެއް ނުދެނޭނެކަން ކޮންމެ މުއާވިޠަނަކު ވިސްނަންވާނެވެ.
ބޭރުގެ ބާޜުތަކުގެ އެހީއާއެކު ޤައްޛާފީގެ ބާޜު ދުއްވާލެވި އޭނާގެ ޠާޣޫޠީވެރިކަން ނައްތާލެވިއްޖެއެވެ. މިހާރު ލީބިޔާއަކީ ނޭޓޯގެ ގައުމުތަކާއި އެމެރިކާގެ ކުރިމަތީގައި އޮތް "މީރުކޭކެ"ކެވެ. އެކޭކުން ހުޅަނގުގެ ކޮންމެ ޤައުމެއްވެސް އެޤައުމެއްގެ ހިއްސާލިބިގަތުމުގެ އެދުމުގައި ބަލަބަލައި އެބައޮތެވެ. ސީދާގޮތުންނާ ނުސީދާގޮތުން ބައިއަޅަން ދުއްވައިގަންނާނެ ޤައުމުތައް ފަހަރުގައި މަދުނުވެހިނގައިދާނެވެ.
18 އޮކްޓޫބަރު ވީ އަންގާރަދުވަހު ކުއްލިގޮތަކަށް އެމެރިކާގެ ޚާރިޖީވަޒީރު ލީބިޔާއަށް ޒިޔާރަތްކުރިއެވެ. އަދި ޤައްޒާފީއަށްފަހު ލީބިޔާ ޢިމާރާތްކުރުމާބެހޭގޮތުން ލީބިޔާގެ އިސްވެރިންނާ މަޝްވަރާކުރިއެވެ. އެކަމަނާގެ ވާހަކަބިނާވެފައިވަނީ ބިނާކުރެވެރޭ އައުލީބިޔާއާގެ ސަރުކާރާއެކު އެމެރިކާގުޅުން ބަދަހިކުރުމާއި، އެސަރުކާރަށް އެހީދިނުމާގުޅޭގޮތުންނެވެ. އަދި އިންތިޤާލީ މަޖިލީހުގެ ވަޢުދުތަކާ އެއްގޮތަށް އަވަހަށް އިންތިޚާބު ބާއްވައި ލީބިޔާ ހިންގުން އައުސަރުކާރާ އަވާލުކުރުމަށްވަނީ ހިތްވަރުދެއްވާފައެވެ. އަދި އޭގެފަހުގައި ލީބިޔާއަށް ބޮޑުއެހީ އެއްދޭން އެމެރިކާއިން ލީބިޔާއަށް ދިނުމަށް ނިންމާފައިވެއެވެ. އެހީގެތެރެއިން 40 ހާސް ހޭދަކުރަން ކަޑައަޅާފައިވަނީ، އުވިދިޔަ ޤައްޛާފީގެ ވެރިކަމުގެ ދުވަސްވަރު ހޯދާފައިހުރި ބަރުހަތިޔާރުތަކާއި ގެންލުންދެނިވި ހަތިޔާރުކަމަށް އެމެރިކާ ސިފަކުރާ ހަތިޔާރުތައް ނައްތާލުމަށެވެ. އެއީ އެހަތިޔާރުތަ އެމެރިކާ ސިފަކުރާ ނިބުރަވެރިންގެ އަތުޖެހިދާނެކަމުގެ ބިރަށްޓަކައެވެ. އެމެރިކާ ގެއްލުންދޭ ހަތިޔާރުކަމުގައި ސިފަކޮށްފައިވަނީ ހަނގުރާމައަށް ބޭނުންކުރާ މަތިންދާބޯޓަށް ހަމަލާދޭ މިސައިލިތަކެވެ. އެމެރިކާގެ މި ފިޔަވަޅު އޮބްޒާވަރުން ސިފަކުރަނި އެއީ ލީބިޔާގެ މިނިވަންކަމާއި ސިޔާދަތުގެ ތެރެއަށް ވަދެގަތުންކަމުގައެވެ. އަދި އިންތިޤާލީ މަޖިލީހުގެ މައްޗަށް އަނިޔާވެރިވުންކަމުގައެވެ.
އަނެއްކޮޅުން ސަވްރާގެ ޙަރަކާތްތެރިންގެ ތެރޭގައި އިސްލާމްދީނަށް ލޯބިކުރާ ގިނަބަޔަކު ތިބުމާއެކު އެމީހުންނަކީ އަލްޤާއިދާއޭ ކިޔައިގެން މަޝްހޫރުކޮށްފައިވާ ޖަމާޢަތާ ގުޅުން ހުރި ބައެއް ބަޔެއްކަމަށް ސިފަކުރަން ފެށީވެސް އެމެރިކާއިންނެވެ. އެކަން ވަނީ ވައިގައި ނުހިފާފައެވެ. ލީބިޔާގެ އެތެރެ ގަނޑުބަޑުކޮށް ލީބިޔާގެ ތެލުގެ މުއްސަދިކަން ހުޅަނގަށް އަދި އެމެރިކާއަށް ހޯދުމަށްޓަކައި މިދަނޑިވަޅުގައި މަސައްކަތް ނުކުރާނެކަމަކަށް ،އެމީހުންގެ ސިޔާސީ އަމަލުތަކާއި ވިސްނުންހުންނަގޮތުން، ބުނެވޭކަށް ނޯންނާނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރްތުގައި ޤައްޒާފީވަނީ މަރާލާފައެވެ. އެއާއެކު އޭނާގެ 42 އަހަރުވީ ވެރިކަން ނިމިދިޔައީ ކަމުގައި ގިނަބަޔަކު ދެކެއެވެ. ނަމަވެސް 42 އަހަރުގެ ދިގުމުއްދަތުގައި އޭނާގެ ފެހިފޮތުން ދިންތަރުބިޔަތު އެހާ އަވަހަށް ފޮހެވިގެން ހިނގައިދާނެބާވައެވެ؟ ލީބިއާގައި އިސްލާމީ ހެޔޮވެރިކަމަކަށް މަސައްކަތްކުރަމުންދިޔަ އެތައް އެތައް ބަޔަކުން އަމިއްލައަށް އަރުވާލެވިގެން އެހެން ޤައުމުތަކުގައި އުޅެއްޖެއްސި ޤައްޒާފީގެ ނުފޫޒު ލީބިޔާއިން ފޮހެވިގޮސް ހެޔޮވެރިކަމެއް (ރާއްޖޭގައި އޮތްކަހަލައެއްނޫން) ޤާއިމުވުމަކީ އަހަރެން އަދި ހުރިހާ މުސްލިމުންގެ ވެސް އެދުމެކެވެ.
ލީބިޔާއަށް އެދެނީ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތައި ދަސްތޫޜީ ސަރުކާރެއް ޤާއިމުވެގެން ދިޔުމެވެ. އަދަށްވުރެ ފެހި މާދަމާއެކެވެ.
އާއުއްމީދު ތަކެއް ދުއަކީﷲސުބުހާ ނަހޫވަތާއާލާ ލީބިޔާގެ ރަށްޔަތުން ނަށް ހެޔޮވިސްނުން ދެއްވައި މުސްލިމު އުއްމަތުގެ އަދުއްވުންކިބައިން ލީބިޔާސަލާމަތް ކުރެއްވުން