ލިޔުނީ: އިބްރާހީމް ނާޒިމް
ބްރެޒިލްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 54 އަހަރުގެ އެގޮސްޓިންހޯ ބިސްޕޯ ފެރޭރާ ނަމަކަށް ކިޔުނު ފިރިހެނަކު އޭނާގެ ދެ އަންހެން ދަރިންނާ ޒިނޭކޮށްގެން 8 ކުދިން ލިބިއްޖެ އެވެ. މިކަން ބޭޒާރުވެފައި ވަނީ އޭނާގެ އަވައްޓެރިއަކު ކަމާބެހޭ ފަރާތަށް އެކަން އެންގުމުންނެވެ. ޕިންހެރޮސް ނަމަކަށް ކިޔުނު ޓައުނު އެކުލެވޭ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޕޮލިސް ޗީފް ލޯރާ އެމީލިޔާ ބާބޮސާ ސީ.އެން.އެން އަށް ޚަބަރުދިންގޮތުގައި ބިސްޕޯ ޕެރޭރާ (Bispo Pereira) ހައްޔަރުކުރެވުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ބްރެޒިލްގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން މިނާ ހާއްޔަރުކުރުމަށްޓަކައި ކެނޯއެއްގައި ފަލިޖަހާފައި 2 ގަޑިއިރު ދަތުރުކުރަންޖެހުނެވެ. އެހެނީ އެނޫން ދުއްވާއެއްޗެއްގައި އެ ހިސާބުން ދަތުރުކުރެވެން ނޯންނާތީ އެވެ. ތަފާތު ގަސްތަކާއި ބޮޑަތި ހިލަތައް އޮއެދެމޭ ކޯރުތެރޭގައިވާކަމުން ލޯންޗެއް ފަދަ އުޅަނދަކަށް ވެސް ދަތުރުކުރެވޭނެ ގޮތެއް ނޯވެ އެވެ. އަދި މިގޮތަށް ދާންޖެހުނީ އޭނާ ދިރިއުޅެމުންދިޔަ އެކްސްޕެރިމެންޓޯ ނަމަކަށް ކިޔުނު އަވަށަކީ ވަރަށް މީހުންމަދުވެފައި އެހާމެ އެކަހެރި ހިކިފަސް ބިމެއްގައި އޮންނަ ތަނެއްކަމުންނެވެ. ޕިންހެރޮސް ކިޔުނު ރަށާއި ޕެރޭރާގެ އަވަށާއި ދޭތެރެއަށް ކޯރުގެ އެންމެ ފުޅާ ހިސާބުން ފެންގަނޑު ހުރަސްވެފައި ވެއެވެ.
މައްސަލަ ބަލާފަރާތުން ހާމަކުރިގޮތުގައި ޕެރޭރާ އޭނާގެ އެންމެ ދޮށްޓަށް ތިބި ދެ އަންހެން ދަރިންނާ ޒިނޭކޮށްގެން 8 ކުދިން ލިބިފައި ވެއެވެ. އޭނާގެ އުމުރުން 31 އަހަރަށްދާ އަންހެން ދަރިފުޅާ ޒިނޭކޮށްގެން އެއްކުއްޖަކު ލިބިފައިވާއިރު، 29 އަހަރަށްދާ އަންހެން ދަރިފުޅާ ޒިނޭކޮށްގެން 7 ކުދިން ލިބިފައި ވެއެވެ. މި ދެ އަންހެން ކުދިންނާ ވެސް އޭނާ ޖިންސީގުޅުން ހިންގަން ފަށާފައި ވަނީ އެކުދީންގެ އުމުރުން ބާރަވަރަކަށް އަހަރުން ފެށިގެންނެވެ. ޕެރޭރާގެ ދޮށީ އަންހެން ދަރިފުޅަށް ލިބިފައި ހުރި ކުއްޖާގެ އުމުރަކީ 14 އަހަރެވެ. 29 އަހަރަށްދާ އަންހެން ދަރިފުޅަށް ލިބިފައި ތިބި 8 ކުދިންގެ ތެރެއިން އެންމެ ދޮށީކުއްޖާގެ އުމުރަކީ 12 އަހަރު ކަމުގައި ވީއިރު، އެންމެ ހަގު ކުއްޖާގެ އުމުރަކީ ދެ މަހެވެ. މިހެންކަމުން އެ ލިބުނު ކުދިންގެ ބައްޕައަކީ އަދި ކާފައަކީ ވެސް ޕެރޭރާ އެވެ. މިހާރު އެނގިފައިވާ ގޮތުގައި ޕެރޭރާ ޒިނޭކޮށްގެން ދަރިންލިބުނު ދެ އަންހެން ދަރީންގެ އިތުރުން، އެ ކުދިންނަށްވުރެ ހަގު ދެ އަންހެން ދަރިން އޭނާގެ ތިބެ އެވެ. މިހެންކަމުން އެ ކުދިންނަށް ވެސް އޭނާ ޖިންސީގޯނާކޮށްފައި ވާކަން މިހާރު ވަނީ އެނގިފަ އެވެ. މީގެ އިތުރުން ޒިނޭގެ ދަރިންގެ ގޮތުގައި ލިބިފައި ތިބި ޕެރޭރާގެ ދަރިން ނުވަތަ ކާފަދަރިންނާ ވެސް އޭނާ ވަނީ ބެހިފަ އެވެ.
ލޯރާ އެމީލިޔާ ބަބޮސާ ބުނާގޮތުގައި ޕެރޭރާގެ އަންހެން ދަރިންގެ ތެރެއިން 29 އަހަރުގެ އަންހެން ދަރިފުޅު އޭނާ އާއި އެކުގައި އުޅެމުން ދަނީ ވަރަށް ލޯބިންނެވެ. ނަމަވެސް 31 އަހަރުގެ އަންހެން ދަރިފުޅު ވަނީ ކޮންމެވެސް ތަނަކަށް ފިލައިގެން ގޮސްފަ އެވެ. ސީ.އެން.އެން އާއި ގުޅިފައި ހުންނަ ރެކޯޑް ޓީވީ އަށް ޕެރޭރާ ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައި ވަނީ، އަންހެން ދަރިންނާ އެކު ޖިންސީގުޅުން ހިންގުމަކީ ޖަރީމާއެއްކަމަށް އޭނާ ޤަބޫލުކުރާކަމަށެވެ. ހަމަ އެފަދައިން އޭނާގެ އަންހެން ދަރިންވެސް އޭނާ އާއި އެކު ޖިންސީގުޅުން ހިންގާއުޅެފައި ވާތީ އެ ކުދިންވެސް އެ ހިންގީ ޖަރީމާއެއް ނުވަތަ ކުރީ ކުށެއްކަމަށެވެ. ޕެރޭރާގެ ވާހަކައިން އެނގޭގޮތުގައި އޭނާ އެކަން ކޮށްފައި ވަނީ އެ ކުދިންވެސް އެކަމަށް ބޭނުންވެގެންނެވެ. ޕެރޭރާ ބުނާގޮތުން 'ދަނޑުވެރިޔަކު' އެފަދަކަމެއް ކުރާނީ އަނެއް ބައިވެރިޔާގެ ރުހުން އޮވެގެންނެވެ. ނޫންނަމަ އެފަދަކަމެއް ނުކުރާނެ އެވެ.
ޕެރޭރާގެ އަވަށުގައި ދިރިއުޅެމުން ދިޔަ މީހަކު ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުމާގުޅިގެން އޭނާ ހައްޔަރުކުރުމަށްޓަކައި އެކްސްޕެރިމެންޓޯ ނަމަކަށް ކިޔުނު އަވަށަށް އެމީހުން ދާންޖެހުނީ އެތަކެއް އުނދަގުލަކުން ކެނޯ އެއްގައި އޮއެދެމޭ ކޯރެއް ހުރަސްކޮށްފަ އެވެ. އެމީހުން ގޮސް ބެލިއިރު ޕެރޭރާ އޭނާގެ ދަރިންނާއެކު ދިރިއުޅެމުން ގެންދެ އެވެ. އެ ކުދިން ތިބީ ކިރިޔާ އުނުއޮރިޔާން ނިވާވާވަރުގެ ފޮތިކޮޅެއް އަންދަވާފަ އެވެ. މީގެ އިތުރުން ކާބޯތަކެއްޗަށްޖެހި ބަލިކަށިވެފަ އެވެ.
ލޯރާ އެމީލިޔާ ބާބޮސާ ބުނާގޮތުން އެ ކުދިން ދިރިއުޅެމުން ދިޔައީ ވަރަށް ފަޤީރު ހާލުގަ އެވެ. އެތަނުން ކުޑަކުދިންނަށް ދުނިޔޭގައި އެހެނިހެން މީސްތަކުން ދިރިއުޅެނީ ކޮންގޮތަކަށްކަން އެނގޭނެ ގޮތެއް ނެތެވެ. ކާރެއް ވެސް އެ ކުދިންނަށް ފެނިފައި ނުވެ އެވެ. މިހެންކަމުން އެކުދިން ތިބީ ހާސްވުމާއި ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. މިހާރު އެ ކުދިން ވަނީ ކުޑަ ކުދިން ބަލަހައްޓާދޭ ފަރާތްތަކާ ހަވާލުކުރެވިފަ އެވެ. ބާބޮސާ ބުނާގޮތުން ޕެރޭރާގެ މައްސަލަ މިހާރު ވަނީ ޝަރީޢަތަށް ފޮނުވުމުގެ މަގުމަތީގަ އެވެ.
މަތީގައި ބަޔާންވެދިޔަ ފަދަ ވިޔާނުދާ ކަމެއް މުސްލިމަކު ކޮށްފިނަމަ އެކަމެއް އިސްލާމް ދީނާ ގުޅުވައިގެން ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްކުން އެތަކެއް ގުނަ ބޮޑުކޮށްގެން އިރުއިރުކޮޅުން ކިޔާނެ އެވެ. މިކަމުގެ ބޭނުމަކީ އިސްލާމް ދީނުގެ ނަން ހުތުރުކުރުމެވެ. ނަމަވެސް ޔަހޫދީއަކު ނުވަތަ ނަޞާރާއަކު ކޮންމެފަދަ ނުބައިކަމެއް ކުރިޔަސް އެމީހާގެ ދީނާ މަތިކޮށްގެން މިފަދަ ޚަބަރުތަކެއް ނުކިޔަ އެވެ. ފާއިތުވެ ދިޔަ ތަނުގައި ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވެސް މިފައިން ކަންތައްކުރަމުން ގޮސްފައި ވެއެވެ.
ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...