މައްކާގެ މާތް ބިމުގައި ހިނގި ޙާދިޘާ އެކެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން މައްކާ އަށް ޖަމާވެފައިވާ ދުވަސްވަރެކެވެ. ރާއްޖޭގެ ޝައިޚަކު ދަންނަ ދިވެހި ދައްތަ އަކާ އެ ބިމުން ބައްދަލުވި އެވެ.
ޝައިޚް އެ ދައްތަ އާ ވާހަކަ ދެއްކެވި އެވެ. ދައްތަ އައިސް އުޅެނީ އެކަނިތޯ އަދި އައީ ކޮން ގްރޫޕަކުން ތޯ އެއްސެވި އެވެ. ދައްތަ ބުނީ ދަރިފުޅު ވެސް އައިސް އުޅޭ ކަމަށާއި ނަމަވެސް ދަރިފުޅު އައީ އެހެން ގްރޫޕަކުން ކަމަށެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގައި ދަރިއަކު އޭނަގެ މަންމަ އަށް ޚިދުމަތް ކުރުމުގެ ރަނުގެ ފުރުޞަތު ލިބިފައިވާ ދަނޑިވަޅެކެވެ. އެ މަންމަ އަށް އެހީތެރިކަން ބޭނުންވާނެ މައިދާނެކެވެ. އެހެން ކަމުން ޝައިޚަށް ލިބުނު ހައިރާން ކަމާއެކު އެ ދެމައިން އެއް ގްރޫޕަކުން ނައީ ކީއްވެގެންތޯ ޝައިޚް ސުވާލުކުރެއްވި އެވެ.
އެ ދައްތަ ބުނީ އެ ދަރިފުޅުގެ ވާހަކަ ނުދެއްކުމަށެވެ. އަދި ދައްތައާ އެ ދަރިފުޅު އަނގައިން ނުބުނާތާ 3 އަހަރު ވެއްޖެ ކަމަށެވެ.
ޝައިޚް އެއީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ. އެ ދަރިފުޅާ ބައްދަލުކުރުމަށާއި، އެ ދަރިފުޅަށް ހިތް ނުބައި ނުކުރުމަށް ޝައިޚް ވިދާޅުވިއެވެ. އަދި އޭނަ އަށްޓަކައި ހިތް ޙަލާޞް ކުރުމަށާއި، އެހެން ނޫންނަމަ އެ ދަރިފުޅަށް އޮތީ ނުރައްކާތެރި އަނދަވަޅެއް ކަމުގައި ވެސް ޝައިޚް ވިދާޅުވި އެވެ.
އެ ދައްތަ ބުނީ ދަރިފުޅު ވާހަކަ ނުދައްކަނީ މާބޮޑު މައްސަލައެއް ދިމާވެގެން ނޫން ކަމަށެވެ. އެ ދަރިފުޅު ބޭނުންވި ޕާޓީ އަށް ސޮއި ނުކުރުމުގެ ސަބަބުން މަންމަ އާ އަނގައިން ނުބުނާތާ 3 އަހަރު ވެފައިވާ ކަމަށެވެ.
މިއީ ޑިމޮކްރަސީ އައުމުގެ ނަތީޖާ އެވެ. މައިން ބަފައިންނާ ދަރިންގެ ގުޅުން ކަނޑުވާލައިފި އެވެ. ގާތްތިމާގެ މީހުންނާ ރައްޓެހި ރަޙްމަތްތެރިން ބައިބައިވެ ދެކޮޅުވެރި ވެއްޖެ އެވެ. މުސްލިމުންގެ އެއްބައިވަންތަކަމާއި ވަޙުދަތު ނަގާލައިފި އެވެ.
___
* ނޯޓް : މިއީ 30 ސެޕްޓެމްބަރ 2011 ގައި "ދެކޮޅުވެރިކަމާއި ފިތުނައިން ސަލާމަތްވުން" މި މައުޟޫއަށް ޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސެއްގައި ކިޔާދެއްވި ޙަޤީޤީ ޙާދިޘާ އެއްގެ މައްޗަށް ލިޔެވިފައިވާ ވާހަކަ އެކެވެ. މި ދަރުސް ދެއްވާފައި ވަނީ މާލޭގެ ފުރުޤާން މިސްކިތުގަ އެވެ.
ޝައިޚް ވިދާޅުވި ގޮތުގައި މިޙާދިޘާ އަކީ މީގެ ގާތްގަނޑަކަށް އެކެއް ނުވަތަ ދެއަހަރު ކުރިން ޝައިޚަށް ތަޖުރިބާ ކުރެވުނު ޙާދިޘާ އެކެވެ. ޝައިޚް ވިދާޅުވީ އެދުވަހު ވަރަށް ހިތާމަކުރެއްވި ކަމަށެވެ.
އެ ދައްތަގެ ދަރިފުޅާ ވެސް ޙަރަމް ތެރެއިން ބައްދަލުވި ކަމަށާއި، ނަމަވެސް އޭރު އޭނަގެ މަންމަ ޙައްޖަށް އައިސް އުޅޭ ވާހަކަ އޭނަ ނުބުނާ ކަމަށް ޝައިޚް ވިދާޅުވި އެވެ. އަދި އެ ދަރިފުޅަކީ ތަންދޮރު އޮޅުން ފިލާފައި ހުރި، އިއްޒަތްތެރި ބޭފުޅެކޭ ވިދާޅުވާ ބޭފުޅަކަށް ވެދާނެ ކަމަށް ވެސް ޝައިޚް ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...