ދީނީ ލިޔުންދީން

ތަފްސީރު ޢިލްމަށް މަގެއް 1

ތަފްސީރުގެ މާނަ

ލުޢަވީ ގޮތުން ތަފްސީރަކީ ބަޔާންކޮށްދިނުން ނުވަތަ ފާޅުވުމެވެ. ‘ فَسَّرَ الشيء’ ގެ މާނައަކި އެއްޗެއް ބަޔާންކޮށްދީފިއެވެ.

އިޞްޠިލާޙީގޮތުން ތަފްސީރަކީ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަގެ މައްޗަށް ބާވައިލެއްވުނު ﷲތަޢާލާގެ ފޮތް ވިސްނައިދީ އޭގެ މާނަ ބަޔާންކޮށް، އެއިން ޙިކްމަތްތަކާއި ޙުކުމްތައް ނެރެދޭ ޢިލްމަށް ކިޔާނަމެކެވެ.

ތަފްސީރު ޢިލްމު އުނގެނުމުގެ ޙުކުމް

ޤުރުޢާނުގެ ތަފްސީރު އުގެނުމަކީ ފަރުޟުކިފާޔަތެއްކަމަށާއި އެއީ ޝަރުޢީ ޢިލްމުތަކުގެ ތެރެއިން އެންމެ މުހިންމު 1 ޢިލްމު ކަމަށް ޢިލްމުވެރިންވަނީ އިޖްމާޢުވެފައެވެ.

ތަފްސީރު ޢިލްމު ފެށިގެން އައިގޮތް

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޤުރުއާނުގެ މާނަ އުނގެނި އެއަށް ޢަމަލުކުރުމަށް ޞަޙާބީން ވަރަށްބޮޑަށް ސަމާލުކަން ދެއްވިއެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كان الرجلُ منا إذا تَعَلَّمَ عَشْرَ آياتٍ لم يُجَاوِزْهُنَّ حتَّى يَعْرِفَ معانِيَهُنَّ والعَمَلَ بهِنَّ  ތިމަންބޭކަލުންގެ ތެރެއިން ކޮންމެ މީހަކުވެސް، ދިހަ އާޔަތް ދަސްކުރައްވައިފިނަމަ، އޭގެ މާނަ ދަސްކޮށް އެއަށް ޢަމަލުކޮށްފުމަށް ދާންދެން އިތުރު އާޔަތްތަކެއް ދަސްނުކުރައްވައެވެ.” އެހެންކަމުން އެބޭކަލުންގެ ތެރެއިން ވަރަށްގިނަ ބޭކަލުންވަނީ ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްބޭކަލަކީ އަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާއެވެ. އެކަލޭގެފާނަކީ ‘ތަރުޖަމާނުލް ޤުރުއާން (ގުރުއާން ތަރުޖަމާކުރާމީހާ)’ގެ ލަޤަބުން މަޝްހޫރުވެފައިވާ ޞަޙާބީއެވެ. މި ލަޤަބު އެކަލޭގެފާނަށް ދެވުނީ، ޤުރުޢާނުގެ މާނައާއި އޭގެ ޞައްޙަ ޢިލްމު އެކަލޭގެފާނަށް އެނގިލައްވާ މިންވަރުންނެވެ. އެހެންނުވާންވީ ކީއްވެތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ އެކަލޭގެފާނު ފިޤުހުވެރިކޮށްދެއްވައި ތަފްސީރު ޢިލްމު އުނގަންނަވައި ދެއްވުން އެދި ﷲތަޢާލާގެ ޙަޟްރަތުގައި ދުޢާކުރައްވާފައެވެ.

އަދި ހަމައެފަދައިނ ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހަކީވެސް ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައިވާ ޞަޙާބީއެކެވެ. އެކަލޭގެފާނު ވިދާޅުވާކަމުގައި ވާރިދުވެފައިވެއެވެ. ” ކޮންތަނެއްގައި ބާވައިލެއްވުނު އާޔަތެއްކަމާއި ކޮންބަޔަކާއި ބެހޭގޮތުން ބާވައިލެއްވުނު އާޔަތެއްކަން ތިމަންކަލޭގެފާނަށް އެނގިނުލައްވާ އެއްވެސް އާޔަތެއް ޤުރުއާނުގައި ބާވައިލެއްވިފައިނުވެއެވެ. އަދި ތިމަންކަލޭގެފާނަށްވުރެ ބޮޑަށް، ﷲގެ ފޮތް އެނގިލައްވާ ބޭކަލަކު ސަވާރީއެއްގައި ދެވޭހިސާބެއްގައި ވާކަން އެނގިލައްވާނަމަ، އެބޭކަލެއްގެ އަރިހަށް ތިމަންކަލޭގެފާނު ވަޑައިގެންނެވީމުހެވެ.”

ޢަބްދުﷲ ބިން ޢައްބާސާއި، ޢަބްދުﷲ ބިން މަސްޢޫދު (ރަޟިޔަﷲ ޢަންހުމް އަޖްމަޢީން) ފަދަ ޞަޙާބިންގެ ފަރާތުން ތަބިޢީންގެ އެތައް ބޭކަލުންނެއްވަނީ ތަފްސީރު ޢިލްމު އުނގެނިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޙަސަނުލް ބަޞަރީ، ސަޢީދު ބިން ޖުބައިރު، ޢިކްރިމާ (އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާގެ އަޅު) ފަދަ ބޭކަލުން ހިމެނެއެވެ. އަދި އެބޭކަލުން ވަނީ ޖެހިގެންއައި ޖީލުގެ މީހުންނަށް އެ ޢިލްމު ނަޤުލުކޮށްދެއްވާފައެވެ. ދެން އެބޭކަލުންގެ ފަރާތުން އުގެނިވަޑައިގެންނެވި ޢިލްމުވެރީންތައް ތަފްސީރުފޮތްތައް ލިޔުއްވެވިއެވެ. އަޅުގަނޑުމެންނަށް ތަފްސީރު ޢިލްމު އެނގިފައިވަނީ މިފޮތްތަކުންނެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް މަންފާހުރި ލިޔުމެއް. ޝުކުރިއްޔާ!
    އަޅުގަނޑުވާނެ “ތަފްސީރު ޢިލްމު” އާގުޅޭގޮތުން 171 ޞަފްޙާގެ ފޮތެއް ތަރުޖަމާކޮށްފައި. އަދި މިހާރު އެފޮތްވަނީ ޗާޕުކޮށްނިމި، ރާއްޖެ ގެނައުމުގެ މަގުމަތީގައި. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި އެފޮތް ރައުންޑްވަން ބުކްޝޮޕުން ލިބޭނެ، އިންޝާ ﷲ. އުއްމީދުކުރަނީ ތަފްސީރު ޢިލްމާގުޅޭ މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފޮތެއްކަމުގައި އެފޮތްވާނެކަމަށް.

  2. އިއްސެ، ތިޔަ ވިދާޅުވާފޮތް މިހާރު ރައުންޑު ވަން ބުކްޝޮޕުން ލިބެން ހުންނާނެތޯ؟

Your email address will not be published. Required fields are marked *