ލިޔުނީ: އިބްރާހީމް ނާޒިމް
2001ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އެރުމުގެ ކުރިން އެ ޤައުމުގައި 17 އަހަރަށް ދެމިގެންދިޔަ، ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރެވުނެވެ. 2003ވަނަ އަހަރު އެމެރިކާ ޢިރާޤަށް އެރުމުގެ ކުރިން އެ ޤައުމުގައި 8 އަހަރަށް ދެމިގެންދިޔަ އީރާން ޢިރާޤް ހަނގުރާމަ އާއި މަޝްހޫރު ގަލްފު ހަނގުރާމަ ކުރެވުނެވެ. ޢިރާޤުގައި ހިނގާދިޔަ މި ދެ ހަނގުރާމައިގައި ވެސް އެތަކެއް މިލިޔަން މީހުން މަރުވެގޮސްފައި ވެއެވެ. މިއިން އެއްވެސް ކަމަކުން ދިވެހިރާއްޖެއަށް މިސައިލް ނުވަތަ ބޮމުގެ ހަމަލާތަކެއް އައިސްފައެއް ނެތެވެ. އެދުވަސްތަކުގައި ދިވެހި ޤައުމުގެ އިޤްތިޞާދު ދިޔައީ ކުރިއަރަމުންނެވެ. ދެން އޮތީ ސޯމާލިޔާގެ ވާހަކަ އެވެ. 1991ކުން ފެށިގެން އެ ޤައުމުގައި އަންނަނީ ދާޚިލީ ހަނގުރާމަ ހިނގަމުންނެވެ. އެކަމަކު ދިވެހިންނަށް އަމާޒުކޮށްގެން ކަނޑުފޭރުމުގެ ޙަރަކާތެއް ނަމަވެސް އަދި ނުހިނގަ އެވެ. މިހާތަނަށް ސޯމާލިޔާގައި ހަތަރުލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ގޮސްފައި ވެއެވެ. ސްރީލަންކާ މިއޮތީ ދިވެހިރާއްޖެއާ މާ ގާތުގަ އެވެ. އަދި ގިނަ އަދަދެއްގެ ދިވެހީން ސްރީލަންކާއަށް ޒިޔާރަތްކޮށް އުޅުމުގެ އިތުރުން އެތަކެއް ހާސް ދިވެހިންނެއް އެ ޤައުމުގައި ދިރިއުޅެމުން ދެއެވެ. ނަމަވެސް ސްރީލަންކާގައި 25 އަހަރު ވަންދެން ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަ ދިވެހިރާއްޖޭގެ ތެރެއަށް ފުޅާވެގެންނެއް ނުދިޔަ އެވެ. 1988ގައި ހިނގާދިޔަ ނޮވެމްބަރު 3ގެ ޢުދުވާނަކީ ވެރިކަމުގެ ބޭނުމުގައި ދިވެހިންގެ ބަޔަކު ގެނައި ތަމަޅަ ކުލީސިފައިންގެ ބަޔަކު ދިވެހިންގެ އިރުޝާދުގެ ދަށުން ހިންގި ޙަމަލާއެކެވެ. އެ ދުވަހުގެ އެ ނުރައްކާރތެރިކަމުގެ ވަގުތުގައި ދިވެހިންތައް މަރުވަމުން ދިޔައިރު އެހީއަށް އެދުމުން ދިފާޢުކޮށްދޭކަށް އެމެރިކާ ނައެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސިން ގުޅިގެން އިންޑިޔާ ކަނޑުގައި ހަދާފައި އޮތް އެންމެ ބޮޑު ޢަސްކަރީ މަރުކަޒު އޮތީ ދިވެހިރާއްޖެއާ ނުހަނު ކައިރީގަ އެވެ. މިހިރީވެސް ޢިބުރަތް ލިބިގަންނަންވީ ކަންކަމެވެ. ދިވެހިރާއްޖެއާއި ދިވެހިންނާ ބެހޭ ކަންކަމަކީ 1990ގެ އަހަރުތަކުގެ ފަހުކޮޅާ ހަމަޔަށް އައިއިރު ވެސް އެމެރިކާ ސަރުކާރުން ސަމާލުކަންދޭ ކަންކަމެއް ނޫނެވެ. ދާދި ފަހަކާޖެހެންދެން ވެސް އެމެރިކާ ސަރުކާރުގެ އިސްވެރިޔަކު ރާއްޖެމަތިން ކުރާ ދަތުރެއްގައި މަތިންދާބޯޓަށް ތެޔޮއަޅަންޖެހިގެން މެނުވީ މި ޤައުމަށް ތިރިކޮށްލާފައެއް ނެތެވެ. ރަނގަޅަށްވިއްޔާ އެ ދުވަސްވަރު ދިވެހިރާއްޖޭގެ އިސްވެރިޔަކު އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ނަމަވެސް ބައްދަލުކުރެވިފައި އޮންނާނީ އާދޭސް ދަންނަވައިގެންނެވެ. މިހާވެސް ބޮޑާ، ކިބުރުވެރި ބަޔަކު ކުއްލިޔަކަށް މި އުޅެގަތް ގޮތަކުން ޙައިރާންވާވަރު ވެއެވެ. އެހެނީ މިއަދު އެމެރިކާ ވަނީ ހަތަރުފަރާތުން ފިތިފަ އެވެ. ޢަސްކަރީގޮތުން ބަލިކަށިވަމުން ދިޔުމުގެ އިތުރުން އެ ޤައުމުގެ އިޤްތިޞާދު ވީރާނާވަމުން ދަނީ އެވެ. އެހެންކަމުން މިއީ މިފަދަ ހާލަތުގައި އެބައެއްގެ އާބާދީގައި ކިރިޔާ ތިންލައްކަ ހަމަވާ، ދުނިޔޭގެ ނިސްބަތުން ބައިމަދު ދިވެހިންގެ އެއްބާރުލުން ނަމަވެސް ލިބޭތޯ އުޅުން ބުއްދިވެރިކަމުގައި ބަލައިގެން އެމެރިކާ ކުރާ ކަންކަމެވެ.
ދެން އޮތީ މަސްތުވާތަކެތީގެ ވާހަކަ އެވެ. މަސްތުވާތަކެއްޗަކީ ބޮޑު ނުރައްކަލެކޭ މިކަމުން ޤައުމު ސަލާމަތްކުރަންވިއްޔޭ ކިޔާ ގޮވެލިފަތި ގޮވާ ނަޞޭޙަތްދޭކަށް އެމެރިކާ މާ ރީއްޗެއް ނޫނެވެ. މިއަދުގެ ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ޕެންޓަގަން އިން ރޭވިގެން ހިންގަމުން އަންނަ ވިޔަފާރިއެކެވެ. އަފްޣާނިސްތާން މަސްތުވާތަކެތީގެ ހާއްޔެއް ކަމުގައި ހެދުމުގެ އަޑީގައި ޤާއިމްވެ އޮތީ އެމެރިކާގެ ސީ.އައި.އޭ އެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަނެ ޠާލިބާނުންގެ ވެރިކަން ވައްޓާލަން ނިންމި އެތަކެއް ސަބަބުތަކުގެ ތެރޭގައި އެ ތަނުގައި ހައްދަމުންދިޔަ މަސްތުވާތަކެތީގެ ދަނޑުތައް ހިމާޔަތްކުރުން ހިމެނެ އެވެ. މިހެންކަމުން އަފްޣާނިސްތާނުގައި އުފެއްދޭ މަސްތުވާތަކެތީގެ މިންވަރު މިއަދު ވަނީ ކުރިން ހުރިވަރަށްވުރެ ހަތަރު ގުނަ އިތުރުކުރެވިފަ އެވެ. މިތަކެތި ގިނައިން ވިއްކަނީ މުސްލިމް ޤައުމުތަކަށެވެ. އެހެނީ މަސްތުވާތަކެތީގެ ވިޔަފާރިއަކީ މުސްލިމް ޒުވާނުން އެބައިމީހުންގެ ޤައުމަށް ބޭނުމެއް ނުހިފޭ ބޭކާރު ބަޔަކަށް ހަދާލުމަށްޓަކައި ހިންގޭ ހަނގުރާމައިގެ އެޖެންޑާއެކެވެ. މީގެ އިތުރުން މަސްތުވާތަކެތި ވިއްކައިގެން މުސްލިމް ޤައުމުތަކުގެ އިޤްތިޞާދު ބަނގުރޫޓުކުރުމަކީ އެމެރިކާގެ އެންމެ ބޮޑު އެއް އަމާޒެވެ. މިވަރުގެ ކަމެއް އެމެރިކާއިން ކުރެޔޭ ބުނުމަކުން ޙައިރާންވާކަށް ނުޖެހެ އެވެ. އެހެނީ އެމެރިކާގެ އެފް.ބީ.އައި އިން ވަނީ އެމެރިކާގެ އެތެރޭގައި މަސްތުވާތަކެތި ވިއްކާފަ އެވެ. މިކަން ކޮށްފައި ވަނީ އެ ޤައުމުގެ ކަޅު މީހުން ގިނައިން ދިރިއުޅޭ ރަށްތަކުގެ ވަކި ސަރަޙައްދުތަކެއް ފާހަގަކޮށްގެންނެވެ. ބޭނުމަކީ ކަޅު މީހުންގެ ޒުވާނުންތައް މުޅިން ހަލާކުކޮށްލުމެވެ. ކަޅު މީހުން ބަލިކަށިކޮށްލުމަށް ނުވަތަ ނެތިކޮށްލުމަށް އެމެރިކާއަށް ތަޢާރަފްކުރެވުނު މަސްތުވާތަކެތީގެ ނުރައްކަލުން އެ ޤައުމުގެ ދޮން މީހުން ވެސް މިއަދު ވަނީ ސަލާމަތް ނުކުރެވިފަ އެވެ.
ޤައުމުތައް ކުރިއަރާނެ އެންމެ މޮޅަތި ގޮތްތައް ބުނެދޭން އެނގޭ ފަރާތަކީ އެމެރިކާ ކަމުގައި ހީކޮށްގެން ތަފާތު ވަހުމްތަކުގައި އޮޔާ ދެމެމުންދާ ދިވެހިންނަށް ބުނަންއޮތީ ކުރިއެރުމަށްޓަކައި އެމެރިކާ ބުނިހާގޮތްތަކެއް ހަދައިގެން އުޅުނު ޤައުމުތަކެއް ކަމުގައި ލެޓިން އެމެރިކާގެ ޤައުމުތައް ވިއެވެ. އެމެރިކާ ބުނަމުން ދިޔަ ކަންތައްތައް ކުރަމުންދާތާ ޤަރުނެއް ފާއިތުވީއިރު ލެޓިން އެމެރިކާގެ ޤައުމުތަކުގެ ދަރަނިތައް އިންތިހާއަށް ބޮޑުވެ އިޤްތިޞާދު ވަނީ އިނދަޖެހި ވީރާނާވެފަ އެވެ. މީގެ އިތުރުން އެ ޤައުމުތަކުގެ އިޖްތިމާޢީ ދިރިއުޅުމާއި، އަޚުލާޤިއްޔަތު ވަނީ ފުނޑުފުނޑުވެފަ އެވެ. އެތަނުން ކިތަންމެ ޤައުމެއްގެ އަމަނު ބަލަހައްޓާ ސިފައިންނާ ފުލުހުންގެ ބާރަށްވުރެ މަސްތުވާތަކެތި ވިއްކާ ހަތިޔާރުއެޅި ގޭންގުތަކުގެ ބާރު ގަދަ އެވެ. ކެރީބިއަންގެ ޤައުމެއް ކަމަށްވާ ޖެމެއިކާގައި މިހާރު ފެށިގެންއުޅޭ ދާޚިލީ ހަމަނުޖެހުން ނުވަތަ ހަނގުރާމައަކީ ވެސް މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުންކުރުމުގެ ސަބަބުން ފެށިގެންއުޅޭ ލޭއޮހޮރުވުންތަކެކެވެ. އެމެރިކާ އަކީ އެ ޤައުމާ ގުޅިގެން އުޅޭ ފަރާތްތަކަށް ފެންކައްކާ ބޮލީގެ ޢިއްޒަތްދޭން ވަރަށް މޮޅަށް ދަންނަ ބައެކެވެ. ފެން ކައްކާ ބޮއްޔަށް ވެސް ވާގޮތަކީ ބޭނުން ފުދުމުން ނަގާ އެއްލާލެވެނީ އެވެ. މީގެ މިސާލަކަށް ޢިރާޤުގެ ވެރިކަމުގައި ހުރި ޞައްދާމް ޙުސެއިނާއި ޕެނަމާގެ ރައީސްކަމުގައި ހުރި މެނުއަލް އެންޓޯނިއޯ ނޮރިއޭގާއަށް އެމެރިކާ ހެދިގޮތް ޢިބުރަތެއް ކަމުގައި ފުދޭހައި ވެއެވެ. މި ދެމީހުންނަކީ ވެސް ކުރީގައި ސީ.އައި.އޭގެ އޭޖެންޓުންނެވެ.
އެމެރިކާގެ އެމްބެސެޑަރު ދައްކާ ދަޅަތަކާ އެއްގޮތަށް ހެއްލިގެން ކަންކަން ކުރާނަމަ އެކަމުގެ އެންމެ ފަހުގެ ނަތީޖާއަކަށް ވާނީ ދިވެހިން އަމިއްލައަށް އެބައިމީހުންގެ ކަރަށް އެމެރިކާއިން ފޯރުކޮށްދޭ ދަންމަޅި މަހާލުމެވެ. މިހެންވުމުން އެމެރިކާ އޮންނާނީ އެތެރެއިން ބަޑަށް ހީލަހީލަ އެވެ. އެހެނީ އެމީހުން ބޭނުންވެއްޖެ ވަގުތެއްގައި ދިވެހި ޤައުމު ދަންޖެއްސުމަކީ ދާދި ފަސޭހަކަމަކަށް ވާތީ އެވެ. މިކަމާމެދު އެންމެހާ ދިވެހިން ވިސްނާ ހޭވެރިވެ ތިބުން ބުއްދިވެރި އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
ނިމުނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...