ދިއިސްލާމް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ އަނިޔާކޮށްފި

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ އަނިޔާކޮށްފި

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ އަނިޔާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ސިފައިންގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ދަނޑަކުން ޒައިތޫނި ގަސްތަކެއް އުފުރާލަނީ

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަނެއްކާވެސް ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ އަނިޔާކޮށް 3 މީހަކު ޒަޚަމްކޮށްލައިފި އެވެ.

މި ޖަރީމާ ހިންގާފައި ވަނީ ވެސްޓްބޭންކް އިރުއުތުރުގައިވާ ނާބްލުސް ސިޓީގައި އިއްޔެ އެވެ. ޔަހޫދީ ޓެރަރިސްޓުން ވަނީ ދަނޑުތަކުގައި ޒައިތޫނި ގަސް ހެއްދުމުގެ މަސައްކަތްކުރަމުން ދިޔަ 50 މީހަކަށް ހަމަލާ ދީފައެވެ.  އަދި ޒައިތޫނި ދަނޑުތަކަށް ވެސް ވަނީ ގެއްލުންދީ ހަލާކުކޮށްލާފައެވެ.

ފަލަސްތީނުގެ ދަނޑުވެރިން މިހަމަލާ އާއި ދެކޮޅަށް ތެދުވި ނަމަވެސް ފަހުން ޔަހޫދީން ވަރުގަދަކުރުމަށް އެ އަނިޔާވެރިންގެ ޢަދަދު ވަނީ އިތުރުކޮށް ހަމަލާދޭމީހުން ވަރުގަދަކޮށްފަ އެވެ.

ފަލަސްތީނުގެ މީހަކު ޒަޚަމްވިކަން، އިޒްރޭލުގެ ޓެރަރިސްޓް ސިފައިންގެ އަންހެނަކު ވަނީ މީޑިއާ އަށް ޔަޤީންކޮށްދީފަ އެވެ. އޭނާ ބުނީ ޒައިތޫނި މޭވާ ބިނުމުގެ މޫސުމް ކަމަށްވުމުން ކުރިމަތިލުން ހިނގީ ކަމަށެވެ.

ފަލަސްތީނުގެ ކަމާބެހޭ އިދާރާ އިން ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، މި ހިނގާ ސެޕްޓެމްބަރ މަސް ފެށުނު ފަހުން އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަނީ ފަލަސްތީނުގެ މަދުވެގެން 3,000 ޒައިތޫނި ގަހާއި، މޭބިސްގަދުރު ގަސް ކަނޑާލާ ނުވަތަ އަންދާލާފައެވެ.

ޒައިތޫނި ތެލަކީ ފަލަސްތީނުގެ އިޤްތިޞާދުގެ މައިބަދަ ކަމުގައި ބެލެވޭ އުފެއްދުމެވެ. އެއީ ފަލަސްތީނުން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރާ ބާވަތްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައިން ބޭރުކުރާ ބާވަތެވެ.

"އަހަރެންގެ ބައްޕަ ވެސް ބުނި ފަދައިން، ޒައިތޫނި ގަސް ހެއްދުމަކީ ދަރިން ބަލައި ބޮޑުކުރުން ފަދަ ކަމެއް" ނާބްލުސްގައި ހުންނަ ކުޑަ އަވަށެއްގެ ދަނޑުވެރިއެއް ކަމަށްވާ ސުހައިލް ޚަލަފް ބުންޏެވެ.

އިންސާނީ ޙައްޤުތަކާއި ބެހޭ ފަރާތްތަކާއި ފަލަސްތީނުގެ އާއްމު ރައްޔިތުން ބުނާ ގޮތުގައި، ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ މީހުން ފަލަސްތީނުގެ މީހުން ހައްދާފައިވާ ގަސްތަކަށް ގެއްލުން ދިނުމުގެ 69 މައްސަލައެއް ވަނީ ފައިލް ކުރެވިފައެވެ.

ގަދަކަމުން ފަލަސްތީނުގެ ބިމަށް ވެރިވެގެން އުޅޭ އިޒްރޭލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ވެސްޓްބޭންކުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހިންގުމާއި، ތަންތަނަށާއި އެއްޗެއްސަށް ގެއްލުންދީ ހަލާކުކުރުމުގެ ހަރުކަށި ޢަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމަށް އިޒްރޭލުގެ އިންޓެލިޖެންސްގެ އިސް ރޭންކެއްގެ އޮފިސަރަކު ވެސް ވަނީ ދާދި ފަހުން އެއްބަސްވެފައެވެ.

ފަލަސްތީނުގެ ބިންތައް ކަމަށްވާ ތެލް އަވީވް، ވެސްޓް ބޭންކް އަދި އަލްޤުދުސްގެ އިރުމަތި ނުވަތަ އޫރުޝަލީމް އަށް އިޒްރޭލުގެ ޔަހޫދީން ވަނީ 1967 ގައި ގަދަކަމުން ވަޒަން ވެރިވެގަނެފައެވެ. އޫރުޝަލީމް އަކީ ކުރިމަގުގައި ފަލަސްތީނުގެ ދައުލަތުގެ ވެރިރަށް ކަމުގައި ކަނަޑައެޅިފައިވާ ރަށެވެ. ޔަހޫދީންގެ މި ވަޒަންވެރިވުމާއި ދެކޮޅަށް ބައިނަލްއަގްވާމީ ކޮމިއުނިޓީ އިން މިހާތަނަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

_________

މަސްދަރު : ޕްރެސްޓީވީ

ފަލަސްތީނުގެ ޒައިތޫނި ގަސްތަކެއް އިޒްރޭލުގެ މީހުން އުފުރާލާ ދަނޑަށް ގެއްލުން ދީފައި

ޓެގް

ޒައިތޫނި ދަނޑުވެރން އަނިޔާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.