އިނގިރޭސި ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޑޮމިނިކް ވިލިއަމްސް ޢަދާލަތު ޕާޓީގެ އޮފިޝަލުންނާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ޢަދާލަތު ޕާޓީގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި އެޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބް ރައީސް ޑރ. މަޢުރޫފް ޙުސައިން އަދި އަމީން ޢާންމު ޑރ. މުޢިއްޒު އެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދާދިފަހުން ޢަދާލަތު ޕާޓީއާ އެމްޑީޕީއާ ދެމެދު އޮތް ކޯލިޝަން ރޫޅާލި ސަބަބުތަކާއި ޢަދާލަތު ޕާޓީގެ ކުރިމަގާ މެދުގައެވެ. މީގެއިތުރުން އަދުގެ ސަރުކާރާމެދު ޢަދާލަތު ޕާޓީ ހިތްހަމަނުޖެހޭ ކަންތައްތަކާ ބެހޭގޮތުން އިނގިރޭސި ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީއާ ވާހަކަދެކެވުނު ކަމަށްވެސް ޢަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ. މިގޮތުން ސަރުކާރުގައި ކޮރަޕްށަނުގެ ކަންތައް ހައްދުފަހަނައަޅާފައިވާ އޮތް އޮތުމާއި، ޤާނޫނުގެ ވެރިކަމެއް ހިންގުމަށް އަހައްމިއްޔަތުކަމެއް ނުދިނުމާއި، ސުޕްރީމް ކޯޓާއި ޖުޑީޝިއަރީއަށް ނިސްބަތްކޮށް އިހާނަތި ބަސްތައް ރައްދުކުރުމާއި، އެފަރާތްތަކަށް ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ބައެއްފަރާތްތަކުން ބިރުދެއްކުމާއި، ސިއްޙީ ދާއިރާ ވަރަށް ބޮޑަށް ފޭލްވެފައިވުމާއި، ދައުލަތުގެ މީޑިއާ އަށް ނުފޫޒުފޯރުވުމާ ބެހޭގޮތުން ވާހަކަދައްކަވާފައި ވެއެވެ.
މީގެއިތުރުން މިބައްދަލުވުމުގައި އިނގެރޭސި ސަރުކާރުގެފަރާތުން މިކަންކަން އިސްލާހުކުރުމަށް ބާރުއަޅައި އެމްޑީޕީ ސަރުކާރު ހަމަމަގަށް އަޅުވައިދިނުމުގައި މަސައްކަތްކޮށްދެއްވުމަށް ޢަދާލަތު ޕާޓީއިން ހައިކޮމިޝަނުގެ ސެކެޓްރީގެ އަރިހުގައި އެދުނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...