
އަލްހާން ފަހުމީ އެމްޑީޕީގެ ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަނީ – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް
އެމްޑީޕީ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމަކީ ޙަރާމް ކަމެއް ކަމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ފަޠުވާ ނެރުމަކީ އެބޭފުޅާ ޤާނޫނީ ގޮތުން ކުރެއްވި ބޮޑު ކުށެއް ކަމަށާއި، އެކަމަކީ އަލްހާންގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމެއް ކަމުގައި ޢަދާލަތުން ބުނެފި އެވެ.
ޢަދާލަތުގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިއަދު "ސަން" އޮންލައިނަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށް ނިންމި ނިންމުމަކީ ދީނީ ގޮތުން ޙަރާމް ހަލާލު ބަޔާން ކުރަންޖެހޭ ނިންމުމެއް ކަމަށް ޢަދާލަތުން ނުދެކޭ ކަމަށާއި ހުއްދަ ނެތި އާއްމު ތަނެއްގައި އެފަދަ ބޮޑު ފަތުވާއެއް އަލްހާނަށް ދެއްވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހަރާމް ހަލާލު ބަޔާން ކުރުމަކީ ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިން ދެއްވާ އެންމެ ބޮޑެތި ފަޠުވާ ކަމުގައިވާއިރު ހުއްދަ ނެތި އެފަދަ ފަތުވާއެއް އާއްމުތަނެއްގައި ނެރެ ވާހަކަފުޅު ދެއްކެވުމަކީ އެއްގޮތަކަށް ވެސް ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރެއްވުމުގެ ސަބަބުން އާއްމުންގެ ތެރޭގައި އަލްހާންގެ އަގު ވެއްޓިގެންދާނެ ކަމަށް ވެސް ޢަދާލަތުން ދެކޭ ކަމަށެވެ.
"ދީނީ އެއްބައިވަންތަ ކަމާ ބެހޭ ޤާނޫނުގެ ދަށުން އެކަމަކީ ޤާނޫނީ ގޮތުން ބޮޑު ކުށެއް. އެކަމަކީ އަލްހާނުގެ މައްޗަށް ދަޢުވާ ކުރެވިދާނެ ކަމެއް، ނަމަވެސް އެކަމާ ގޮތެއް ނިންމާނީ ޕަބްލިކުން" ޝައިޚް އިމްރާން އެނޫހަށް ވިދާޅުވެފައި ވެއެވެ.
ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމާ ބެހޭ ގަވާއިދުގެ ދެވަނަ މާއްދާގައި ވާގޮތުގައި ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރަންވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަމުގެ ހުއްދަ ދީފައިވާ މީހުންނެވެ.
ޝައިޚް އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވާން ނިންމި ނިންމުން އެއީ އެއްގޮތަކަށް ވެސް ދީނީ މައްސަލައެއްގެ ގޮތުގައި ޙުކުމް ބަޔާން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމަކީ އެމްޑީޕީއާއެކު ޢަދާލަތުން ސިޔާސީ ގޮތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ނުދާތީ ދުސްތޫރީ ހަމަތަކުގެ މަތިން ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އަލްހާން ފަހުމީ މިފަދައިން ފަޠުވާ ނެރެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އެ ޕާޓީގެ ހަރުގޭގައި ބޭއްވި އާއްމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މައްސަލަ އަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާޢިދުގެ ދަށުން އަލްހާންގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވާނެ ސާފު މައްސަލައެއް ކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...