ގުއަޓަނާމޯބޭގެ ޤައިދީން ރާއްޖެ ގެންނަން ދިވެހިސަރުކާރަކީ އެންމެ އެކަށީގެންވާ ބަޔެއް ނޫންކަމާއި، ދިވެހިސަރުކާރުގެ ރޭވުންތެރިކަމާއި ސިޔާސަތު އެފަދަ ކަމަކަށް ކުރިމަތިލުމުގައި ތަސައްރުފް ނުފުދޭނެކަމާއި އަދި އެކަށީގެންވާ ޤާބިލްކަން ދިވެހިސަރުކާރުގައި އަދި ނެތްކަމަށް ޖަމްޢިއްޔަތު ސަލަފްގެ ރައީސް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތު ސަލަފްގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ދީނީ ވެބްސައިޓް ރާއްޖެއިސްލާމަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައެވެ. ރާއްޖެއިސްލާމް ވެބްސައިޓްގައި ޖަމްޢިއްޔަތު ސަލަފްގެ ރައީސް އިތުރަށް ހާމަކޮށްފައިވާގޮތުގައި 'ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުން އަދި ދީނީ ގޮތުން ދިވެހިރާއްޖެ މިހާ ނާޒުކު ފައްތަރެއްގެ މަތީގައިއޮއްވާ މިފަދަ ކަމަކަށް ފައިނެގުމަކީ ބުއްދިވެރިކަމެއްކަމުގައި ނުފެންނަ.'ކަމަށެވެ.
މީގެ އިތުރުން ޖަމްޢިއްޔަތު ސަލަފްގެ ރައީސް ވިދާޅުވެފައިވާގޮތުގައި 'މުސްލިމުންނަށް އެހީވުމަކީ ވެވެންއޮތްވަރަކުން ވާޖިބު ކަމެއް ކަމަށް ވެފައި ވީހިނދު، އެ މަޤްޞަދު މެދުވެރިކޮށް އޭގެ ފަހަތުގައި އަޑިނޭނގޭ އެހެން ކަންކަން ކޮށްފާނެ ކަމުގެ ބިރު- ޙާލަތު ނިޔާކުރާ ގޮތުން އަޅުގަނޑުމެންނަށް ލަފާކުރަން ޖެހެއެވެ. ސަބަބަކީ އިސްލާމްދީނުގައި މުސްލިމުންނަށް އެހީވުމުގައިވެސް ތަރުތީބަކާއި ނިޒާމެއް އޮވޭ، އިސްކަން ދޭންޖެހޭ ގޮތްތަކެއް ހުރީތީކަމަށާއި ކައިރި މުސްލިމަކަށް އެހީވުން މާ އަވްލާވެގެންވާ ކަމަށެވެ. އަދި 'މިގޮތުންބަލާއިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކައިރި އަވަށްޓެރި ޤައުމުތަކުން މުސްލިމު ދިވެހި ދަރީންނަށް ތަފާތު ޒާތްޒާތުގެ އެކި ގޯނާތައް ޙައްޤަކާއި ނުލާ ދިވެހިސަރުކާރު ޝާމިލުވާނޭހެން- ކުރެވޭތަނާއި، އަޅާލުންކުޑަކޮށް އިހާނެތިކޮށް ހިތޭތަން'ކަމުގައިވެސް ޖަމިއްޔަތުއް ސަލަފްއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއިސްލާމް.ކޮމް ގައި ދެއްވި ބަސްދީގަތުމުގައި ޖަމްޢިއްޔަތު ސަލަފްގެ ރައީސްއާއި ހަވާލާދީ އިތުރަށް ވާގޮތުގައި 'އެންމެފަހުން އަޅުގަނޑުމެންނަށް ފެނި އަޑުއިވިގެން ދިޔައީ ދީނީގޮތުންނާއި އަވަށްޓެރިގޮތުން ދިވެހިރާއްޖެއާއި ތިމާގެ ޤައުމެއްކަމަށްވާ ޕާކިސްތާނަށްގޮސް އުޅުނު ބަޔެއްގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި އެމީހުންނަށް އެތައް އަނިޔާއެއް ލިބުނުމަށްފަހު އެމީހުން ކުށެއްނެތްކަމަށް ދޫކޮށްލިތާ 6 މަސްވީއިރުވެސް ދިވެހިސަރުކާރުން ޙަވާލު ނުވުމުގެ ސަބަބުން އެމީހުން ޙާލުގައިޖެހި ޢާއިލާތަކުން ގެނައިވާހަކައެވެ. މީގެ އިތުރުން ގުއަޓަނާމޯބޭއިން ގެންނަން އެބުނާ މީހުންނަކީ ހަމަ ޙަޤީޤަތުގައިވެސް އެތަނުގައި ބަންދުވި މީހުންކަން ދިވެހިންނަށް ޔަޤީންވާނެ އެއްވެސްގޮތެއް ނެތްކަމަށާއި، މިއެންމެހާކަމެއް މިހެން ހުރުމުން އަޅުގަނޑު ދަންނަވަން ޖެހެނީ ގުއަޓަނާމޯބޭގެ ޤައިދީންކަމަށްބުނެ އެމީހުން ގެންނަނަމުގައި ސަރުކާރުގައި ޤާބިލްކަމެއް ނެތްއިރު އިޚްލާސްތެރިކަމާއިމެދު ސުވާލު އުފެދޭނެ ހެކި އަޅުގަނޑުމެން އަތުގައި ހުރިޔަތީ އެކަން އެގޮތަށް ނުކުރުމަށެވެ.'
ގުއަންޓަނާމޯބޭއިން ބަޔަކު ގެނައުމުގެ މައްސަލާގައި ޖަމިއްޔަތުއް ސަލަފްއިން ބަހެއް ބުނި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...