2011 އޮކްޓޯބަރ 2 ވަނަ ދުވަހުގެ ސުންގަނޑި ސުންމިނެޓުން ފެށިގެން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމަށްވަނީ ހަމަޖެހިފައެވެ. ވިކުރާގެ ގޮތުގައި އެއްމިލިއަނަށްވުރެ މަތީ އަދަދުތައް ލިބޭ ފަރާތްތަކުން ނަގާ މިޓެކުހާމެދު ތަފާތު ވާހަކަތައް ދެކެވެމުންދާ މިދަނޑިވަޅުގައި މީގެން ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކަކީ ކޮބައިކަން ބުނެދިނުމަށް ކަމާބެހޭ މުއައްސަސާތަކުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިފިޔަވަޅުގެ ސަބަބުން ޤައުމުގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް އެފަރާތްތަކުން ބުނެއެވެ.
ނަމަވެސް ޤައުމުގެ އިޤްތިސާދު ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެން އިސްލާމްދީން ގެނެސްދީފައިވާ މަތިވެރި ޢުސޫލުތަކާ ހިލާފަށް މިޤައުމުގައި ހިންގަމުންދާ މުޢާމަލާތްތައް އިސްލާހު ނުކުރެވި ޤައުމުވެއްޓިފައިމިވާ އިޤްތިސާދީ އަޑިގަނޑުން ސަލާމަތްކުރެވިދާނެތޯއެވެ؟
މިގޮތުން އެންމެ ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެތެރޭގައި އާންމުވެފައިވާ ރިބާގެ މުޢާމަލާތްތަކަކީ އިންތިހާ ދަރަޖައަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ރިބާއަކީ މާތްﷲ ޙަރާމްކުރައްވައިފާ އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެންގެތެރޭގައި ރިބާގެ އެކައުންޓުތައް ހުޅުވުމައި ރިބާގެ އެކިއެކި މުޢާމަލާތްތައް ކުރަމުންދަނީ ފަސްޖެހުމެއްނެތިއެވެ. މިފަދަ ހިދުމަތްތައް މުސްލިމު ޤައުމެއްގެ ދައުލަތުގެ ބޭންކުން ދިނުމަކީ ހިތާމަހުރިކަމެކެވެ. އަދި މިނޫނަސް ރިބާގެ މުޢާމަލާތްކުރުމުގެ ހުއްދަ އެއްވެސްތަނަކަށް ދެވިގެންނުވާނެއެވެ. ސަބަބަކީ އަޅުގަނޑުމެން ހަލްޤުކުރައްވައި ފޮނުއްވި އެއްކައުވަންތަ ﷲ ޙަރާމް ކުރައްވާފައިވާކަމެއް ހުއްދަކުރެވޭނެ އެހެންފަރާތެއް ނުވުމެވެ.
ޒަކާތަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. މިކަމަކީ މާތްﷲ އަޅުގަނޑުމެންގެ މުޖުތަމަގައި ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައިވާ ފަރަޤް ކުޑަކުރުމަށްޓަކައި މުދަލުގެ ނިޞާބު ހަމަވެއްޖެ ކޮންމެ މުކަށްލަފެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާއިވާ އަޅުކަމެކެވެ. ނަމަވެސް ގިނަބަޔަކު މިކަންވެސް ދޫކޮށްލައި އެއީ ބޮޑުކަމަކަށް ނަހަދައެވެ. ޖީއެސްޓީ ނެގުމަށްޓަކައި އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާއި، އެނުދައްކައިފިނަމަ ޤާނޫނީ ފިޔަވަޅުއެޅުމުގެ އިންޒާރުތައް ދައުލަތުން ދެމުންދާއިރު ޒަކާތާމެދު އަޅައިނުލެވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ފުރަތަމަ ޙަލީފާ އަބޫބަކުރު ރަޟިޔަށްﷲ އަންހު ޒަކާތް ދިނުމަށް ދެކޮޅުހެދި ފަރާތްތަކާ ހަނގުރާމަކުރެއްވިއެވެ. މީ އަޅުގަނޑުމެން ނަމޫނާ ނަގަންޖެހޭ ނަމޫނާއެކެވެ. ނަމަވެސް އަބަދުވެސް ނަމޫނާ މިނެގެނީ އެމެރިކާފަދަ ދީނުގެ އަދާވަތްތެރިންގެ ކިބައިންނެވެ.
ކޮންމެއަކަސް ޖީއެސްޓީ، ޓީއެސްޓީ އަދި އެނޫންވެސް ޓެކުސްތައްނަގަމުންދާ މިދަނޑިވަޅުގައި ހަނދާންކުރަންވީ ދީނުގައި މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ މުދާ ބޭނުންކުރުމުގައި އިސްލާމްދީން ހަލާލްކަމުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛްކޮށް އެދީނުގައި ހަރާމްކުރެއްވި އެންމެހައި ކަންކަމުން ދުރުވެގެންނޫނީ ޤައުމުގެ އިޤްތިސާދު ކޮޅަކަށްނުޖެހޭނެކަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...