ދިއިސްލާމް މިއީ ސިޔާސީ މަޤްޞަދެއްގައި ލިޔެފައިވާ ލިޔުމެކެވެ!

މިއީ ސިޔާސީ މަޤްޞަދެއްގައި ލިޔެފައިވާ ލިޔުމެކެވެ!

މިއީ ސިޔާސީ މަޤްޞަދެއްގައި ލިޔެފައިވާ ލިޔުމެކެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިފަހަކަށް އައިސް ދިވެހި ނޫސްތަކުގެ ފަލަ ސުރުޚީތަކުން އާންމުކޮށް ފެންނަމުންދާ އަދި ސިޔާސީ ބައެއް އިސްމީހުންގެ ދުލުކުރީގައިވާ އެއް އިބާރާތަކީ " އެއީ ސިޔާސީ މަގުސަދެއްގައި ދައްކާ ވާހަކަތަކެއް" މި އިބާރާތެވެ. ވަރަށް އާދަޔާ ޚިލާފު އިބާރާތެކެވެ. މި އިބާރާތުގެ މާނައަކީ ކޮބައިކަމާ މެދު އެންމެ ފަހަރަކުވެސް ފިކުރު ކޮށްލެއްވީމު ތޯ އެވެ؟

މިއިބާރާތް އެންމެ ފަހުން ވައިގައި ހިފާލާފައިވަނީ އިޒްރޭލުގެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހުއްދަދޭން ނިންމުމާ ގުޅިގެން ހިނގާދިޔަ އަދި ހިނގަމުންދާ ކަންތައްތަކުގެ ތެރޭގައެވެ. މި ކަންތައްގަނޑުގެ ތެރޭގައި މި އިބާރާތް ބޭނުންކުރެއްވި އެއް ބޭފުޅެއްކަމުގައިވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދު،  އިޒްރޭލްގެ ފުލައިޓްތައް ރާއްޖޭގައި ޖެއްސުމާ ދެކޮޅަށް ބަޔަކު ވާހަކަ ދައްކަނީ ސިޔާސީ މަގުސަދެއްގައި ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މި މައްސަލަގަނޑުގެ ތެރޭގައި އަދާލަތު ޕާޓީއިން އެމްޑީޕީއާއި އެކު ވެފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލަން ނިންމުމުން ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު، އަދާލަތުން އެ އެއްބަސްވުން އުވާލަމުން ފާހަގަކޮށްފައިވަނީ ސިޔާސީ ވާހަކަތަކެއް ކަމުގައި ވިދާޅުވެފައި ވާއިރު އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ، ވިދާޅުވެފައިވަނީ އަދާލަތުން އެފިޔަވަޅު އަޅާފައިވަނީ ސިޔާސީ ވަކި ފިކުރެއްގެ ތެރެއިން ކަމުގައެވެ. ހައްތާވެސް މި އިބާރާތް ބޭނުންކޮށްފައި މިވަނީ ބަޔަކު ކޮށްފައިވާ ކަންތައްތަކެއް ކުށްވެރި ކުރުމަށެވެ. ރައްދު ދިނުމަށެވެ. މިވާހަކަތަކުގެ ޚަބަރުތައް މީޑިޔާއިން ގެނެސްދީފައިވަނީވެސް މިދެންނެވި ދެކަންތައް ދޭހަވާފަދަ ކުލަ އަކާއި ބައްޓަމެއްގަ އެވެ.

މިހާތަނުން އުފެދޭ ސުވާލަކީ އެވިދާޅުވާ ސިޔާސީ މަގްސަދަކީ ކޮބައިތޯ އެވެ؟ އަދި ސިޔާސީ މީހަކު ނުވަތަ ސިޔާސީ ޕާޓީއަކުން ސިޔާސީ މަގުސަދެއްގައި ކަމެއް ކުރުމަކީ މައްސަލައެއް ތޯއެވެ؟ ދިރިއުޅުމުގައި ވަކި މަގްސަދެއް ނެތިއްޖެ ނަމަ މުޅި ހަޔާތް ބޭކާރު ވެގެން ހިނގައިދާނެއޭ ބުނާ ވާހަކައަކީ އެންމެން އިއްތިފާގުވާ އާންމު ވާހަކަ އެކެވެ. ވީއިރު ސިޔާސީ މަގުސަދެއްގައި ކަމެއްކުރީމައި އެވާހަކަ ދައްކަންޖެހޭ ސަބަބަކީ ކޮބައިތޯ އެވެ؟ ހަގީގަތަކީ ވަކި މަގްސަދެއްގައި ކުރާކަމެއް ގޯސް ކަމަކަށް ވަނީ ގޯސް މަގުސަދެއްގައި އެކަމެއް ކުރީމައި ކަމެވެ. އެވިދާޅުވާ ސިޔާސީ މަގުސަދުގައި ހުރި ގޯހަކީ ނުވަތަ ނުބަޔަކީ ކޮބައިކަމެއް އެންމެ ފަހަރަކުވެސް ބަޔާންކޮށްފައި ނެތެވެ. ހަމަ އެކަނި ބަޔަކު ކުށްވެރިކުރާ ފަދަ ހަރުކަށި ރާގެއްގައި އެއިބާރާތް ބޭނުންކޮށްލަނީ އެވެ.

މި އަންތަރީސް ވާހަކައިގެ މިސާލު ޖަހާ ހިތްވަނީ ވަރަށް އާދައިގެ މިސާލަކުންނެވެ. މިއީ މިސާލަކަށް މުސްލިމަކު ޤުރުއާން ކިޔެވުމުން އޭނާ ޤުރުއާން އެކިޔެވީ ސަވާބު ހޯދުމުގެ މަގްސަދުގައޭ ބުނުން ފަދަ ކަމެކެވެ. ދީނީ މީހަކު ދީނީ އަޅުކަމެއް ކުރާނީ ސަވާބުގެ މަގްސަދުގައި ނޫންތޯ އެވެ؟ ހަމަ މި ބީދައިން ސިޔާސީ މީހުން ސިޔާސީ ނިންމުމެއް ނިންމާނީވެސް ސިޔާސީ މަގުސަދެއްގައެވެ. މިއީ މަހަށް ދިޔައީ މަސް ބާނާށޭ ބުނުން ފަދަ ކަމެކެވެ.

 

އެހެންކަމުން ސިޔާސީ މީހުން ކުރާ ކަންތަކަށާއި ދައްކާ ވާހަކަތަކަށް މިފަދަ ހަމަނުޖެހޭ "ހުސް" އަދި ޒިންމާދާރުކަން ކުޑަ އިބާރާތްތަކުން ރައްދުދޭ ފަރާތްތަކުގެ "ހުސް" ރައްދުތައް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރާކަމާމެދު އަޅުގަނޑު ހަމަ ހައިރާންވަމެވެ. އެފަދަ ތާކުންތާކު ނުޖެހޭ ރައްދުތައް ގެނެސްފައި ހުންނަ ޚަބަރުތަކުގެ ކޮމެންޓު ބައިގައި ފާޅުކޮށްފައި ހުންނަ ޚިޔާލުތަކުގައިވެސް އެފަދަ ރައްދުތަކުގެ ހަމަނުޖެހޭކަން ތަކުރާރުކޮށް އެތައް ބަޔަކު ބަޔާންކުރަމުންދާ ހިނދު އެފަދަ ލިޔުންތައް ތަކުރާރުވަމުން ދާތީ އަންތަރީސް ވަމެވެ. އެފަދަ "ހުސް" ވާހަކައެއް ސިޔާސީ ބޭފުޅަކު ވިދާޅުވުމުން އެބޭފުޅާއާ ސުވާލުކޮށް އޮއްޓަރު ހުރި ވާހަކައެއް ނެރުމަށް ނޫސްވެރިން މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. އަދި މީޑިޔާ އަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރޭކިޔަމުންދާއިރު މިބާރުގެ ޒިންމާ ފުރިހަމައަށް އަދާކުރެވޭ ކަމާމެދު ސުވާލު އެބަ އުފެދެއެވެ. އެފަދަ ލިޔުންތައް ތަކުރާރު ކުރަމުންދާ ލިޔުންތެރިންގެ މަގްސަދަކީ ކޮބައިތޯ ވެސް ބަލަން އެބަޖެހެ އެވެ.

 

ޝައްކެއްނެތް ގޮތުގައި މިލިޔުމަކީވެސް ވަކި މަގުސަދެއްގައި ލިޔެފައިވާ ލިޔުމެކެވެ. އާދެ، މިލިޔުން ލިޔެފައި މިވަނީ ސިޔާސީ މަގުސަދެއްގައެވެ. ރަނގަޅު ސިޔާސީ މަގުސަދެއްގައެވެ. އެމަގްސަދަކީ ސިޔާސީ ބައެއް ފަރާތްތަކާއި މީޑިޔާއިންކުރަމުންދާ ޒިންމާދާރުކަން ކުޑަ ނާޖާއިޒް ކަންތައްތަކެއްގެ ސަބަބުން އެހެން ބަޔަކަށް ނުހައްގުން ސިޔާސީ ގެއްލުންތަކެއް ލިބެމުންދާކަން ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.