ފިހާރައެއްގެ ހަރުގައި ފޮތް އަތުރާލާފައި ހުރި ތަން ފެނިފައި ތިބާ ހިތަށް އަރާނީ ފަހެ ކީކޭބާއެވެ. ތިބާގެ ހިތަށް އެއްޗެއް ނޭރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެހެން މޮނީޓަރު ފޮތެއް ނުވަތަ ލިޔާފޮތެއް ފެނިގެން އެއްޗެއް ހިތަށް އަރާކަށްވެސް ނުޖެހެއެވެ. އެހެނަސް ވިޔަފާރިވެރިއަކަށް ފެނުމުން ހިތުތެރޭ އުފެދޭނީ އެފޮތް ވިއްކާލައިގެން ނަފާއެއް ހޯދާނެ ގޮތަކަށެވެ. ވަގަކަށް ފެނިއްޖެއްޔާ އެފޮތް ވަގަށް ނަގާނެ ކޮންމެވެސް މޮޅު ގޮތަކާ ދޭތެރޭ ވިސްނާނެއެވެ. ކުރެހުންތެރިޔަކަށް ފެނިއްޖެނަމަ އެފޮތުގައިވާ ސާފު ގަނޑުތަކުގައި ކޮންމެވެސް މަންޒަރެއް ކުރަހާލުމާމެދު ވިސްނާނެއެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެވެ. ކޮންމެ ފަންނުގެ މީހަކު ވިސްނާނީ ވަކި ގޮތަކަށެވެ. އެފޮތް ބުއްދިވެރިއަކަށް ފެނިއްޖެނަމަ އެފޮތާއިމެދު ބުއްދީގެ ނަޒަރަކުން ވިސްނާނެކަން ޔަގީނެވެ.
ފޮތަކާމެދު ވިސްނަންވީކީ އެއީ ފޮތަކަށް ވީތީއެއްނޫނެވެ. ވިސްނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އިންސާނާ އަށް ސިކުނޑި ދެއްވާފައި ވަނީ ބޭނުންތެރި ގޮތުގައި ތިމާގެ ސާފު ސީދާ ރާސްތާ އަށް ދަތުރު ކުރުމަށް މަގު ކޮށުމަށް ވިސްނާށެވެ. އެކި ޒަމާނުގައި އެކި އުމުރު ފުރާތަކަށް އެކި މީހުންނަށް ވިސްނޭނީ އެކި ވަރަށެވެ.
މިފޮތާއި މެދު އަޅުގަނޑުގެ މިހަނި ސިކުނޑިން ވިސްނޭ އެއްޗެއް ބަލާލަމާ ހިންގާށެވެ. އަހަރެމެންގެ މި ފަނާވަނިވި ދިރިއުޅުމާއި ކުޑަކުޑަ ފޮތަކާއި ގުޅުވާލަމާ ހިންގާށެވެ. ފުރަތަމަ ފޮތް ހުޅުވާނީ ތިމާ ލިޔަން ބޭނުންވާ ބަހުރުވަ އެނގުމުންނެވެ. އިނގިރޭސިން ލިޔަން ބޭނުންވާނަމަ ވާތުން ކަނާތަށެވެ. ދިވެހިން ލިޔަން ބޭނުންވާނަމަ ފުރަތަމަ ކަނާތުންނެވެ. ގޮސްނިމޭނީ ވާތަށެވެ. ފުރަތަމަ ފޮތް ހުޅުވާލާއިރު ބަނޑޭރި ގަނޑުގެ އެއީ ތިބާގެ އުފަންވުން ކަމުގައި ބަލާށެވެ. ފުރަތަމަ ގަނޑު އެއްލުމުން އެއީ މީން ޒަމާނަކު މީހަކު ބީހިފައިނުވާހާ ސާފު ހުދު ގަނޑެކެވެ. ތިބާ ދުނިޔެ އަށް އުފަންވާއިރު އޮންނަނީ އެފަދަ ހާލެއްގައި ކަމާމެދު ވިސްނާލަމާ ހިނގާށެވެ. އެއްވެސް ކުށެއްނުކުރާ މައުސޫމު ތުއްތު ކުއްޖެއްގެ ހާލުގައެވެ. ލަކެއްޖެހިފައިނުވާ ސާފު ހުދު ގަނޑެކެވެ.
ތިބާގެ ފޮތް އުފުލާ ގެންގުޅުމާއި އެފޮތަށް ރައްކާތެރިވެވޭ ވަރަށް ވުރެ ތިބާ އަދި މާކުޑައެވެ. އެހެންކަމުން ތިބާގެ ފޮތް ފުރަތަމަ ހަވާލުކުރެވެނީ ތިބާގެ މައިންބަފައިންނަށެވެ. ތިބާގެ ފޮތުގެ ފިހުރިސްތު ލިޔާނީ ތިބާގެ މައިންބަފައިންނެވެ. ތިބާގެ އުޅުން ބިނާވެގެންދާނީ ތިބާގެ ފިހުރިސްތުގެ މައްޗަށެވެ. އެއީ ފޮތެއްގެ ބިންގަލެވެ ނުވަތަ ފެށުމެވެ. އެބިންގާ ކައްޗަށް އަޅައިފިނަމަ ކެއްޗާހަމައަށް ދިޔައަސް އޮންނާނީ ކެއްޗަށެވެ.
ތިބާ ތަސައްރަފު ފުދި ބާލިޣުވުމުން އެފޮތް ތިބާއާއި ހަވާލުވެއެވެ. ކޮންމެ ގަނޑަކީ ދުވަހެއްކަމުގައި ބަލަމާ ހިންގާށެވެ. ކޮންމެ ފޮޅުވަތަކީ ގަޑިއިރެކެވެ. ކޮންމެ ފޮޅުވަތެއްވެސް ލިޔާނީ ތިބާގެ ގަލަމުންނެވެ. އެފޮތުގައި އިތުރު މީހަކު ނުލިޔާނެއެވެ. އެފޮތުގައި ލިޔާ ކޮންމެ އެއްޗަކަށް ޒިންމާވާނީ ހަމަ ތިބާއެވެ. އެފޮތުގައި ޖެހޭ ކޮންމެ ލައްގަނޑެއް ފޮޅާ ސާފު ކުރަންޖެހޭނީ ތިބާއެވެ. ފޮތުގައި ލިޔާ އިރު ފޮޅުވަތް ކައްޗަށް ހުރުމާއި އިބާރާތުގެ މައްސަލަތަކާއި އިމްލާ ކުށްތައް އިޞްލާޙްކުރަން ޖެހޭނީ ހަމަ ތިބާއަށެވެ.
ފޮތް ނިންމާލާފައި ތިބާ އަށް އެހުރިހާ ކަމަކާ އުޅެން ވަގުތު ލިބޭނެ ހެއްޔެވެ؟ ފަހުން ކުރަން މިކަން ދޫކޮށްލައިފިނަމަ ފޮތް ލިޔަން ހޭދަވި ވަގުތު އަލުން ހޭދަ ވެގެން ދާނެކަން ޔަޤީނެވެ. އެހެންކަމުން ދުވަހުން ދުވަހަށް ފޮތުގައި ޖެހޭ ލައްގަނޑު ތަކާއި ކުށްތައް އިޞްލާޙްކުރުމަކީ ބުއްދިވެރިންގެ ގޮތެވެ. ފޮތް ލިޔެ ނިންމާލާ އިރު ތިބާ ހުންނާނީ ވަރުބަލިވެ ގައިން ވަރުދޫވެފައެވެ. ލޯބޯ ކޮށިވެ އެހެން މީހުންގެ ބެލުމުގެ ދަށުގައި ދުވަސްތައް ގުނަންޖެހިފައެވެ. އެހެންކަމުން ތިބާ އަތުގައި ހުންގާނު ހުއްޓައި އިޞްލާޙް ކުރާށެވެ. ނޫނީ ނުބައި ދިމާލަކަށް ގޮސް އޮޑި ބެހިދާނެއެވެ.
ކޮންމެ ބާބަކީ އަހަރެއް ކަމުގައި ބަލަމާ ހިނގާށެވެ. ފޮތުގެ ގަނޑުތައް އުކެމުންދާ ވަރަކަށް ފޮތުގެ ނިމުމާއި ގާތްވަމުން އާދެއެވެ. އަހަރެމެންގެ ހަޔާތުގައި އެއްލައިފި ގަނޑެއް އަނބުރާ އެޑިޓެއް ނުކުރެވޭނެއެވެ. ދުވަސް ވޭތުވެ ވަގުތު ފާއިތުވުމުގެ ކުރިން އެ ގަނޑުތަކުގައި ފޮހޭ ރަބަރުން ނުވަތަ ޓިޕެކްސް އިން ރަނގަޅު ކުރަން ޖެހޭ ތަންތަން ރަނގަޅު ނުކޮށްފިނަމަ، އެދުވަސްތަކާ މެދު ވިސްނާ ހިތާމަކުރުން ނޫންގޮތެއް ނެތެވެ. ފުރަތަމަ ބާބުން ތަޖުރިބާ ޙާޞިލްކޮށް ކުރިއަށް ހުރި ބާބު ތަކުގައި ބީވެގެން ގޮސްފައިވާ ކަންކަން އިޞްލާޙް ކުރަން ޖެހެއެވެ. ކުރިއަށް ލިޔަން ހުރި ފޮޅުވަތްތައް ލިޔަން ވާނީ ވަރަށް ވިސްނައިގެންނެވެ. ކޮންމެ ފިއްޔެއް އެއާ ގުޅޭ އަކުރާއި ދިމާލުގައެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ފުރަތަމަ ކުރަންޖެހޭ ކަންކަން ފުރަތަމަ އެވެ. މިސާލަކަށް ނަމާދެވެ. ވަގުތުން ވަގުތަށް އަދާކުރުމެވެ.
ހަޔާތުގެ ކޮންމެ ދުވަހަކު އިންސާނާއާ މުހާތަބުކޮށް ބުނެއެވެ. "އޭ އާދަމުގެ ދަރިޔާ އެވެ. އަހަންނަކީ އާ ދުވަހެކެވެ." ތިބާއަށް ލިބިފައިވަނީ ތިން ދުވަހެވެ. އިއްޔެ، މިއަދު، މާދަމާއެވެ. އިއްޔެ ހިނގައްޖެއެވެ. ތިބާއަށް ވަނީ މިއަދެވެ. މިއަދު ތިބާ ހެޔޮ ޢަމަލު ކުރާށެވެ. މާދަމާ އަންނާނެ ކަމެއް ނޭނގެއެވެ.
ފޮތުގެ ސާފު ގަނޑުތަކުގައި ލިޔަން ގަލަން އޮޓޯ އަށް ލައިފިނަމަ ނޭނގި ހުއްޓާ ފޮތް ފުރިގެން ގޮސްދާނެއެވެ. އިސާހިތަކު ފޮތުގެ ބަނޑޭރި ގަނޑާއި އަރާހަމަ ވެދާނެއެވެ. ތިމާގެ ގަލަން ހަވާނަފްސާއި ޙަވާލުކޮށް އާޚިރަތް މަތިން ހަނދާން ނައްތާލުމުން ލޮލުން ކަރުނަ ހިލިގެންދާނެ ވަގުތެއް އަންނާނެއެވެ. އެވަގުތު ތިމާގެ މާޒީ އާމެދު ވިސްނާލާއިރު ފެނިގެންދާނީ އެންމެ ދެކެން ބޭނުންވާނެ މަންޒަރެއ ްނޫނެވެ. އަލުން އެކަންކަން އިޞްލާޙްކުރާނެ ވަގުތެއް ތިބާގެ ފޮތުގައި ބާކީ ނޯންނާނެއެވެ.
ތިބާގެ ފޮތް ތިބާއަށް އެރުވޭނޭ ދުވަހާއި މެދު ސަމާލުވާށެވެ. ތިބާ ފޮތުގައި ލިޔަމުންދާ ވަރަކަށް ތިބާގެ ފޮތުގައި ލިޔާ މަލާއިކަތުން ވެސް ވެއެވެ. މި ފަނާވަނިވި ދުނިޔޭގައި ޑައިރީ ވެސް ލިޔަމުއެވެ. އެ ޑައިރީގައި ލިޔަނީ ތިމާ ހިތްއެދޭ ގޮތަކަށެވެ. ހިތްނޭދޭ އެއްޗެއް ދޫކޮށްލަމުއެވެ. އެހެނަސް ދެކޮނޑުގައިވާ ދެމަލާއިކަތުން ތިބާގެ ޢަމަލުތަކުން ޒައްރެއްގެ މިންވަރު ވެސް ލިޔުއްވައެވެ.
ތިބާއަށް ލިބިފައިވާ ފޮތުގައި މާދަމާ ލިޔާނެ ބާބެއް ތިބާއަކަށް ނޭނގެއެވެ. އަބަދުވެސް އެނގެނީ އިއްޔެ ނުވަތަ މިއަދު ލިޔެވެމުންދާ އެއްޗެކެވެ. ޖެހެމުންދާ ލައްގަނޑުތަކެވެ. މިއަދުގެ އަޒުމަކަށް ވާންވާނީ މިއަދުގެ ފޮޅުވަތުގައި ލައްގަނޑެއް ނުޖައްސާ ވޭތޯއެވެ. ތިމާގެ ޒިންމާތަކާއި ވާޖިބުތައް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް އަދާކުރެވޭތޯއެވެ. ހަމަ ކޮންމެ ވަގުތަކުވެސް ފޮތުގައި ލިޔަން ގެނގުޅޭ ގަލަމުގެ ދެލި ހުސްވެދާނެއެވެ. ދެލި ހުސްވެ ލިޔާނެ ގޮތް ނެތުމުން ލިޔަމުން އައި ފޮތް ހުއްޓާލަން ޖެހެއެވެ. ފޮތުގެ ބާކީ ހުރީ ހުސްގަނޑު ކަމުން އަނެއްކާވެސް ފޮތުގެ ބަނޑޭރިގަނޑާއި ކުރިމަތިވެއެވެ. އެއީ ތިބާގެ މަރެވެ. މަރުވުމުން ހުރިހާ ބާބުތަކެއް ލިޔެ ނިމުނީއެވެ. ފޮތުގެ ތިރިއަށް "ދަ އެންޑް" އެރީއެވެ. ދެން އޮންނާނީ ތިބާ ފޮތުގައި ލިޔެފައިވާ އެއްޗަކަށް މާކްސްދިނުމާއި ޓެސްޓްގެ ނަތީޖާއެވެ.
ތިބާގެ ތަޢުލީމީ ހަޔާތުގައި ނުކިޔަވާ ކުލާހުގެ އަގުހުރި ވަގުތު ބޭކާރު ކުރެވުމުން މިއަދު ދެރަވާނެއެވެ. ހަމަ އެފަދައިން ދުނިޔޭގެ މި ކުޑަކުޑަ ވަގުތުކޮޅުގައި ލިބޭ އެންމެ ސިކުންތަކީ ވެސް ފަހުން ތިބާއަށް ފައިދާ ކުރާނެ ސިކުންތަކަށް ހަދަމާ ހިނގާށެވެ. އެންމެ ސިކުންތަކީ ވެސް ކަށްވަޅުގެ އެކަނިވެރިކަމުން ސަލާމަތްކޮށްދޭ އާޚިރުގެ ވޭންދެނިވި އަޒާބުން ރައްކާކޮށްދޭނެ ވަގުތަކަށް ހަދަމާ ހިނގާށެވެ. ކޮންމެ ގަޑިއިރަކީ ނަރަކައިގެ އަލިފާނުން ތިބާގެ ލޯބިވާ ހަށިގަނޑު އަންދާނުލާފަދަ ޢަމަލުތަކުން ފުރާލެވިގެންވާ ގަޑިއިރަކަށް ހަދަމާ ހިނގާށެވެ. މިއަދު ތިބާގެ މާޒީ އާއި މެދު ދެރަވާ ބީދައިން އެދުވަހުން ތިބާ ދެރަވެ ކަރުނަ އަޅާނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އަލުން މިދުނިޔޭގެ ހަޔާތަށް ތިބާއަކަށް ރުޖޫޢަ އެއް ނުވެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...