ކޮލަމިސްޓްދިއިސްލާމް

އިޒްރޭލު މައްސަލަޔަކީ ދީނާ ގުޅުންހުރި ބޮޑު މައްސަލައެކެވެ!

އައްޝައިޚް ޙުސައިން ރަޝީދު އަހުމަދު ޢަދދާލަތު ޕާޤީ 2ވަނަ ކޮންގްރެސްގައި ވާހަކަ ލުޅުދައްކަވަނީ. ފޮޓޯ: އިސްމާޢިލް އަފްރާހު / ދިއިސްލާމް

އައްޝައިޚް ޙުސައިން ރަޝީދު އަހުމަދު ޢަދާލަތު ޕާޓީގެ 2ވަނަ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އިސްމާޢިލް އަފްރާހު / ދިއިސްލާމް

އިޒްރޭލު ފުލައިޓް ރާއްޖޭގައި ޖެއްސުމާދެކޮޅަށް ބަޔަކު ވާހަކަ ދައްކަނީ ސިޔާސީ މަޤްޞަދެއްގައި ކަމަށް އިސްލާމިކް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވި ވިދާޅުވުމާމެދު އަޅުގަނޑު ހައިރާނެއް ނުވަމެވެ. ލިބިލައްވާ ބޮޑު މުސާރަޔާ އެލަވަންސްގެ ރާހަތަށްޓަކައި މިފަދަ ވާހަކަ ދައްކަވާ ވެރިން އަޅުގަނޑުމެންގެ މިރާއްޖެ މީގެކުރިންވެސް ވަނީ ދެކެފައެވެ. އެބޭބޭފުޅުންގެ ނަންތައް އަޅުގަނޑު ނުދެންނެވިޔަސް، ޙުސައިން ރަޝީދުގެ ތަޤްރީރުތައް ބައްލަވައިފިނަމަ އެބޭފުޅުންނަކީ ކޮބައިކަމާ އެބޭފުޅުންގެ ސިފަތަށް ސާފުވެލައްވާނެއެވެ. އަދި އެބޭފުޅުންނާއި، ޙުސައިން އާއި އެއްގޮތް ކަންތަކަކީ ކޮބައިކަންވެސް ސާފުވެލައްވާނެއެވެ.

ކޮންމެއަކަސް އިޒްރޭލުގެ އެއާލައިން ރާއްޖެ އައުމާމެދު އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ދީނީ ތާކިހާ ތުރުކުރައްވައިގެން ހުންނެވި ބޭފުޅަކު އެއީ މައްސަލައެއް ނޫންކަމަށް ވިދާޅުވުމަކީ ގިނަބަޔަކަށް ކަމުގެ އަސްލާމެދު އޮޅުން އަރާނޭ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިހެންކަމާއެކު މިމައްސަލާގައި ޙައްޤު ބަހެއް ބުނެނުލާ ހުރުމަކީ މުސްލިމް ދިވެހި ދަރިޔެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ޒަމީރު ތަންދޭ ކަމެއް ނޫނެވެ.

ސިޔާސީ ފަރާތްތަކުން ސިޔާސީ މަޤްޞަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ނަމަވެސް އެދައްކަވާ ވާހަކަޔަކީ ހަމަ ތެދެކެވެ. އިޒްރޭލުގެ އެއާލައިން ރާއްޖެ އައުމަކީ މައްސަލައެކެވެ. އިޒްރޭލާއި ގުޅުން ބަދަހި ކުރުމަކީވެސް މައްސަލައެކެވެ. ސިޔާސީ ގޮތުންނެވެ. އިޖުތިމާޢީ ގޮތުންނެވެ. ދީނީ ގޮތުންނެވެ.

އިޒްރޭލުގެ ޔަހޫދީ ދައުލަތަކީ އެމީހުންގެ ހަންފެތުރުމުގައި ނަން މަޝްހޫރު ބައެކެވެ. އެމީހުން ފައި ޖައްސާލި ކޮންމެ ބިމެއްގެ މައްޗަށް، އެމީހުންނާ ގުޅުން ބަދަހިކޮށްފި ކޮންމެ ބައެއްގެ މައްޗަށް، ފާވެގަތުމީ އެމީހުންގެ ތާރީޚުން އަޅުގަނޑުމެންނަށް ފިލާސާފުވާން އޮތް ޙަޤީޤަތެކެވެ. މިޙަޤީޤަތުގެ މައްޗަށް ވިސްނުންތެރި، އިންސާފުވެރި ޣައިރު މުސްލިމުންވެސް އެއްބަސްވެލައްވާފައިވެއެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީވެސް ހިމެނިވަޑައިގަންނަވައެވެ.  "ހުޅަނގުން އުފަންކުރި ނުބައި ދަރި" ކަމުގައިވާ އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމުގައި އެންމެ ފުރަތަމަ 1948 ވަނަ އަހަރު ކަނޑައެޅުމާއެކު ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 700،000 މީހަކަށް މަޖުބޫރުވީ އަމިއްލަ ގެދޮރު ދޫކޮށް ދާށެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް 63 އަހަރު ވެފައިވާއިރު އިޒްރޭލުން ދަނީ ފަލަސްޠީނުގެ ބިންތައް ޣަސްބުން ފޭރިގަންނަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ހަދައި، އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރަމުންނެވެ. ޙައްޤުން ކަމަކާނުލައެވެ. މިފަދަ ގޮތެއް ފޮތެއް ނެތް ބަޔަކު ރަސްމީ ޙައިސިއްޔަތެއް ލިބިގެން ދަތުރުފަތުރުގެ ގޮތުން ގުޅާލެވިގެން، ދަނޑުވެރިންގެ ގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެ އައިސްފިނަމަ، އެމީހުން އަޅުގަނޑުމެންގެ މައްޗަށް ފާ ނުވާނެކަމުގެ އޮތީ ކޮން ޔަޤީން ކަމެއްތޯއެވެ؟ އެއްވެސް ބަޔަކު އަނެއް ބައެއްގެ މައްޗަށް ފާވެގަތުމީ އަޅުގަނޑުގެ އިތުރުން ޝައިޚް ޙުސައިންވެސް ޤަބޫލުފުޅު ކުރައްވާނޭ ކަމެއް ނޫނެވެ. މިކަން ދާދިފަހުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އާއި ބެހޭގޮތުން ނެރުއްވި ނޫސްބަޔާނުން ކަށަވަރުވެއެވެ.

ޝައްކެއްވެސް ނެތެވެ! އިޒްރޭލުގެ އެއާލައިން ރާއްޖެ އައުމާއި، އިޒްރޭލުގެ ދަނޑުވެރިން ރާއްޖެ އައުމަކީ، ރާއްޖެއާއި އިޒްރޭލާ ގުޅުން ބަދަހިވާ ކަމުގެ ސާބިތު ހެއްކެކެވެ. މިފަދައިން ގުޅުން ބަދަހި ކުރުމަކީ މުސްލިމުންނަށް ހުއްދަވެގެން ވާކަމެއް ނޫންކަން ޤުރުއާނުގެ ނައްސުން އަޅުގަނޑުމެންނަށް ދަލީލު ލިބެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (سورة الممتحنة 9) މިއާޔަތުގައި ސަރީޙަ ޢިބާރާތުން މާތް ﷲ އަޅުގަނޑުމެންނަށް މަނާ ކުރައްވާފައިވަނީ އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދީނާހުރެ ހަނގުރާމަ ކުރާ، އަދި ގޮވަތި ގެދޮރުން ބޭރު ކުރާ މީހުންނާ ގުޅުން ބޭއްވުމެވެ. ސުވާލަކީ އަޅުގަނޑުމެންނާ އިޒްރޭލު މީހުން ހަނގުރާމަ ކުރޭތޯއެވެ؟ ގޮވަތި ގެދޮރުން ބޭރު ކުރޭތޯއެވެ؟ ޖަވާބަކީ އާދޭހެވެ! ރެއާއި ދުވާލު ފަލަސްޠީނުގެ މާތް ބިމުގައި އިޒްރޭލުން ހިނގަމުންދަނީ އެޖަރީމާއެވެ. 63 އަހަރު ވީއެވެ. ފަލަސްޠީނު މީހުންނާ އަޅުގަނޑުމެންނާ ކީކީތޯއެވެ؟ ފަލަސްޠީނުގައި ވޭނާއި އާހުގަ ދިރިއުޅެމުން އެތިބަދަނީ މުސްލިމުންނެވެ. އަޅުގަނޑުމެންނަކީވެސް މުސްލިމުންނެވެ. މުސްލިމުންގެ މިޘާލަކީ އެއް ހަށިގަނޑުގެ މިޘާލެވެ. މުސްލިމުންނަކީ އަޚުންތަކެއްފަދަ ބައެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. "مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ." (سورة الحجرات 10) .

ބަޔާންވެދިޔަ ޙަޤީޤަތްތައް މިފަދައިން ހުރުމާއެކު، އިޒްރޭލު މައްސަލަޔަކީ ދީނާ ގުޅުން ނެތް މައްސަލައެކޭ ބުނެވޭނޭ އެއްވެސް ހަމައެއް ނެތެވެ. އަދި އެއީ މައްސަލައެއް ނޫންކަމަށް ބަލައިގަނެވޭނޭ އެއްވެސް ޖާގައެއްވެސް ނެތެވެ. ކަންމިހެން ހުރުމާއެކު ޝައިޚް ޙުސައިންގެ ފަންނުވެރިކަމާއެކުވެސް، މިފަހަރު އެމަނިކުފާނު އެޖެއްސެވީ ބައިކޮޅަށް ހާސް ގޯލެވެ.

ގުޅުންހުރި

8 ޚިޔާލު

  1. އަޅުގަނޑު ފަހަރެއްގަވެސް ހިއެއްނުކުރަން ޝެއިޚް ހުސޭނު ޔަހޫދީންނަށް ތާއީދުކޮށް ވާހަކަ ދައްކަވާނެކަމަކަށް. ވަރަށް ދެރަ

  2. ހުސޭނުބޭ މިކަމާ ބެހޭ ގޮތުން ހުސޭނުބޭގެ ސައިޓުގައި ރައްދު ދޭނެކަމަށް ފެނޭ. ހުސޭނުބޭ ދެއްކި ވާހަކަޔާ އަމަލަކާ މިހާރު ދިމާ ނުވޭ . ހުސޭނުބޭ މޮޔަފުޅެވެލެއްވީތޯ، ހުސޭނުބޭއަށް ހެޔޮ ވިސްނުން ދެއްވާށި. ހުސޭނުބޭ ހަނދުމަ ނެތުނީތޯ ހުސޭނުބޭ ތިޔަވާހަކަ ދިޔަދައްކަނީ ސިޔާސީ ބޭނުމެއްގައި ނޫންކަމެއ. ވަރަށް އަވަހަށް އިސްލާމިކް މިނިސްޓަރުކަން މި ހުސޭނުބޭއަށް އަރުވާތަން އަހަރުން ދެކޭނޫނއެވެ. ހުސޭނުބޭއަށް ވަރަށް ސަލާމް

  3. ހުސޭނުބޭ ބުނީ ރޯދަ މަހު ޔަހޫދީންގެ ވާހަކަ ނުދައްކާށޭވެސް. ހުސޭނުބޭއަށް އަހަރެން ކުރަމުން އައި އިތުބާރު ގެއްޖެ އެސޮރު އެމްޑީޕީއަށް މަރުދޭން ފެށިފަހުން. އެމީހުންގެ ފުށުން އެސޮރަށް ރީތި ލަނޑެއް ލިބޭނެ އިރާދަ ކުރެއްވިއްޔާ

  4. ހުސޭނަށް ރައްދު ދޭނަން ދޭގޮތެއްނުބުނާނަން

  5. ހުސެން ރަޝީދަކީ ކޮންކަހަލަ އިލްމުވެރިއެއްބާއޭ އަޅުގަޑުގެ ހިތައް މިހާރު އަރައެވެ. އަޅުގަޑު އޭނާއަށްކުރި އިތުބާރު މިހާރު ގެއްލިއްޖެއެވެ.

  6. މިހާރު ހުސޭނު ކައިރި އަހާބަލަ މައުމޫނާ ގުޅުން ގާއިމުކުރުން ކިހިނެއްވާނެހޭ ! އަމަށަކު ރުޅިއެއް ނޫން އަންނަނީ ! އެކަމަކު ޔަހޫދީން އޯކޭ

  7. ޕިސް ޕިސް ޕިސް ކިކޭބުނާނީ

  8. ހުސޭނަކީ ވަރަށް ޔަހޫދީކަން ގަދަ ސޮރެއް. އަހަރެން އޭނާ ދެކެ ކުރިއްސުރެވެސް ފޫހިވޭ. ހީ އިޒް ސޭމް ލައިކް މައުމޫން އެނޑް އަފްރާސީ ( އެޔަށްވުރެވެސް އަރާ )

Your email address will not be published. Required fields are marked *