އެހީ!ދިއިސްލާމް

މިދީބުގެ މަންމައަކަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ.

ދަރިންނަށްޓަކައި މައިން އުފުލާ ބުރަ އާއި، ތަހައްމަލް ކުރާ ވޭނާއި ތަދަކީ ގުނާ ޢަދަދުކުރެވޭނެ އެއްޗަށް ނުވާއިރު، އޭގެ އަގު އިންސާނެއްގެ ހަޔާތުން ދުވަހަކުވެސް ޙަލާޞްނުކުރެވޭ ހަމައެކަނި އެއްޗަކީވެސް މަންމައިން ދަރިންނަށްޓަކައި ޢަދާކުރާ ޚިދުމަތުގެ އަގެވެ. މި ދަރިންނަށްޓަކައި މަންމަ ތަދު އިހްސާސްކުރިއެވެ. ވޭނާއި ކެކުޅުން ތަޙައްމަލުކުރިއެވެ. އަރާމުނިދިން މަޙްރޫމްވެ އިނދެ، ދަރިންނަށްޓަކައި ހަޔާތުގެ އެތައް ދުވަހެއް ޤުރުބާންކޮށްލިއެވެ. އެފަދަ މަންމައަކަށްޓަކައި މިއަދު އަޅުގަނޑުމެނަށް މިވަނީ އެހީތެރިކަމުގެ ދީލަތި އަތެއް ދިއްކޮށްލަން ޖެހިފައެވެ. އެމަންމަގެ ދިރިހުރުމަށްޓަކައި އަޅުގަނޑުމެންގެ ހެޔޮ ދުޢާއާއި، އެހީތެރިކަން މެނުވީ އެހެން އެއްވެސްކަމެއް މިއަދު ބޭނުމެއް ނުވެއެވެ.

ހއ.ހޯރަފުށި، ގަސްހިޔާ، އުމުރުން 54 އަހަރުގެ ފާޠިމަތު އިދުރީސް އަކީ ދެ ކިޑްނީ ފޭލްވެ، ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ މަންމައެކެވެ. ދެ ކިޑްނީއާއި ނުލާ، ދުނިޔޭގެ ހަޔާތާއި ހަނގުރާމަކުރުމަށް ގޮސް، މިއަދު މިވަނީ ކިޑްނީއާއި ނުލާ ދުނިޔޭގައި ހުރެވޭނެކަމުގެ އުއްމީދު ގެއްލިފައެވެ. އެދެވޭ ފަރުވާއެއް ނުލިބި ދުވަސްތައް ފާއިތުވަމުން ގޮސް، ފުއްޕާމެއަށް އަސަރުކޮށް، ސިނކުޑި ދުޅަވުމުގެ ސަބަބުން އެމަންމަގެ އިހްސާސް މިއަދު މިވަނީ ކެނޑިފައެވެ. ހަމައެކަނި ބަލި އެނދެއްގައި، ފަރުވާގެ ފެނަށް ކަރުހިއްކައިގެންފައި އޮތުން ފިޔަވާ އެހެން އެއްވެސް އިހްސާސެއް އެ މަންމަގެ ހިތުގައި ނުހިނގާ ކަހަލައެވެ. މި މަންޒަރު ބަލަން އަޅުގަނޑުމެންގެ ހިތަށް ކެތްކުރެވޭނެތޯއެވެ. ނޫނެކެވެ. އެއީ ހަމަ ތިބާގެވެސް މަންމައެވެ. މަންމައަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ.

ފަޠިމަތު އިދުރީސްގެ ދަރިފުޅު މުޙައްމަދު ޒުނޭރު ބުނީ މަންމަ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ މިމަހުގެ 29 ވަނަ ދުވަހަށް އެއްމަސްވާއިރު، މަދަނައިގެ ކްރެޑިޓް ހުސްވުމާއި ގުޅިގެން ހަމައެކަނި މިހާރުން މިހާރަށް ކުރަން ޖެހޭ ޚަރަދުތައްވެސް ކުރަން ދަތިވެފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ދުވާލަކު ތޭރަސަތޭކައެއްހާ އެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭކަމަށާއި، ނަމަވެސް ދެން އިތުރަށް އެންމެ ޚަރަދެއް ވެސް މަންމަ އަށްޓަކައި ކުރެވޭނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކުގައި ކަމަށް ޒުނޭރު ބުންޏެވެ. ޚާއްޞަކޮށް މަންމަގެ ކިޑްނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އައު ކިޑްނީއެއް ލެއްވުމަށް ކުރަންޖެހޭ ހަރަދުވެސް ވަކިން ބޮޑެވެ. އަދި މި ބޮޑު އޮޕަރޭޝަން ކުރަން ޖެހޭނީ ރާއްޖެއިން ބޭރުން ކަމުން، އެކަމަށްޓަކައި ހަމަ އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅެން އޮތީ އަޅުގަނޑުމެން ވެދޭ އެހީތެރިކަމާއި އެކުގައެވެ. ޢާއިލާގައި 6 ކުދިން ތިބިއިރު، ޒުނޭރަކީ އަނތްބަކާއި ދަރިއަކު ބަލަމުން މަންމަގެ ފަރުވާއަށް ހަރަދުކުރަމުން އަންނަ ޒުވާނެކެވެ.

"އަހަރެންގެ އެކައުންޓްވެސް ހުސްވެއްޖެ، އަންހެނުންނާއި، ކޮއްކޮގެ އެކައުންޓްގައިވެސް މިހާރު ހަމަ އެއްވެސް އެއްޗެއް ނެތް، ވަރަށް ގިނަ މީހުންގެ ކިބައިން އެހީތެރިކަމަށް އެދެމުން މިދަނީ" އަސަރާއެކު ޒުނޭރުގެ ޙާލަތު ބަޔާންކޮށްދެމުން ބުންޏެވެ.

މީގެ ދެއަހަރު ކުރިން މަންމަގެ ފަރުވާއަށްޓަކައި މާލެއަށް ހިޖުރަކޮށް ޒުނޭރުގެ ޢާއިލާ މާލޭގައި ބޮޑު އަގުދީގެން ދިރިއުޅެމުންދާއިރު، އެ އާއިލާގައި ސްކޫލްގައި ކިޔަވާ ތިން ކުދިން އެބަތިއްބެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަނީ ހަމައެކަނި ޒުނޭރުއާއި އޭނާގެ ކޮއްކޮއެކެވެ. ބައްޕަގެ ޞިއްޙީ ހާލަތު ހުރިގޮތުން މިއަދު ބައްޕަ އަށް މަސައްކަތްކޮށް އުޅެވޭވަރު ނުވާތީ، އެ ދެކުދިން ކުރާ މަސައްކަތުން ނޫނީ ޢާއިލާ ބެލެހެއްޓުމަށާއި، މަންމަގެ ބޭސްފަރުވާ އަށް ޚަރަދުކުރާނެ އެހެން ގޮތެއް ނެތެވެ. މިއަދު މިވަނީ ސިދާ މަންމަގެ ފަރުވާއަށް ބޮޑު އޮޕަރޭޝަނެއް ކުރަން މަޖުބޫރުވެފައެވެ. ނަމަވެސް މިހާތަނަށް ކުރަންޖެހުނު ބޮޑު ޚަރަދުގެ ސަބަބުން އަތްމަތި ހުސްވެ، މިއަދު މިވަނީ އަޅުގަނޑުމެން އެހީތެރިކަމަށް ނިހާޔަތަށް ބޭނުން ޖެހިފައެވެ.

މި ފުރުޞަތުގެ ބޭނުން ހިފަމާ ހިނގާށެވެ. އެހީގެ އަތް ހުޅުވާލައި، އެ ޢާއިލާ އާއި އެ މަންމަގެ ފަރުވާއަށްޓަކައި ޤުރުބާނީ އެއް ވެލައްވާށެވެ. އިންސާނިއްޔަތަށްޓަކައި، މިއަދު ތިބާގެ އަތުން ދޫކޮށްލެވޭ އެހީތެރިކަމުގެ ފައިސާކޮޅަކީ، ހަމަ ޔަޤީނުންވެސް ގެއްލިގެން ދާނެ އެއްޗެއް ނޫނެވެ. އެހީތެރިކަމާއި، އޯގާތެރިކަމަށް އެދި މިއަދު އެރޮނީ މި ދީބުގެ މަންމައެކެވެ. މާދަމާ އެފަދަ ރިހުމުގެ އަޑަކުން ރޯލާނީ ތިބާގެ މަންމަ ނުވަތަ ޢާއިލާގެ މެމްބަރަކު ނޫންކަމެއްވެސް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެދުވަހުން ހަމަ މިގޮތަށް ތިބާވެސް އެހީތެރިކަމަށް އެދޭނެއެވެ. އާދޭސްކުރާނެއެވެ. އެހެންކަމުން މިފުރުޞަތުގެ ބޭނުންހިފާ، ތިބާގެ އެހީތެރިކަން އެމަންމައަށް  ފޯރުކޮށްދެމާ ހިނގާށެވެ.

ފާޠިމަތު އިދުރީސް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ އޭނާގެ ދަރިފުޅު މުޙައްމަދު ޒުނޭރު (7951719) އަށެވެ. އަދި ޒުނޭރުގެ މަންމައަށް އެހީވުމަށްޓަކައި 7701175344101 މި އެކައުންޓަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ. މިއީ މުޙައްމަދު ޒުނޭރުގެ އެކައުންޓް ނަންބަރެވެ.

"އިންސާނިއްޔަތަށްޓަކައި އަހަރެން އެހީވާނަން، މާދަމާ އަހަރެންވެސް އެހެން މީހުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ."

ޒުނޭރުގެ ޢާއިލާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އެދަނީ ތިބާގެ އެހީތެރިކަމަށެވެ. ވެވުނު މިންވަރަކުން މިޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ފާޠިމަތު އިދުރީސް އަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން.

ގުޅުންހުރި

3 ޚިޔާލު

  1. މަންމަ އަަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ، އާމީން

  2. ﷲ ތިބާގެ މަންމަޔަށް ހެޔޮރުމަތްލައްވާށި އިރާދަކުރެއްވިއްޔާ ރަނގަޅުވަނެ އުންމީދު ކަޑާނުލާތި ﷲ ވޮޑިގެންވަނީކެއްތެރިންނާއެކު.

  3. ﷲ އެމަންމަ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިނަވަރު ކޮށްދެއްވާށި!

Your email address will not be published. Required fields are marked *

More in އެހީ!