ދިއިސްލާމް އޮސްޓްރޭލިއާގެ ކިޔަވާ ކުއްޖަކު މުސްލިމް ކުއްޖަކަށް ވުމުން އަނިޔާ ކޮށްފި

އޮސްޓްރޭލިއާގެ ކިޔަވާ ކުއްޖަކު މުސްލިމް ކުއްޖަކަށް ވުމުން އަނިޔާ ކޮށްފި

އޮސްޓްރޭލިއާގެ ކިޔަވާ ކުއްޖަކު މުސްލިމް ކުއްޖަކަށް ވުމުން އަނިޔާ ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޮސްޓްރޭލިއާގެ ސިޑްނީގެ އިރުމަތީ އަވަށެއްގައި ދިރިއުޅޭ ސްކޫލް ކުއްޖަކު މުސްލިމަކަށް ވުމުން، އެ ސްކޫލްގައި އުޅޭ 20 ށް ވުރެ ގިނަ ކުދިން ވެގެން މިދިޔަ ބުދަ ދުވަހު ތަޅައި ހުތުރު އެއްޗެހި ގޮވާ ގޯނާ ކޮށްފިއެވެ.

އެސްކުއިތް ބޯއީސް ސްކޫލްގައި ކިޔަވަމުންދާ ހާމިދު މަމޯޒައި (15 އ.) ގައިގަ 2 ކުއްޖަކު ތަޅަމުން ދިޔައިރު ދެން ތިބި ކުދިން އެކަމަށް ހިތްވަރުދީ ގޯނާ ކޮށްފައިވާ ކަމަށް އޭނަ ކިޔައިދިނެވެ. މިކަން ހިނގީ އެ ސްކޫލް ތެރޭގައެވެ.

އެމީހުން ދިޔައީ ހާމިދު ގައިގަ އިތުރަށް ތެޅުމަށާއި، އެކަންކުރުން ޙައްޤު އަދަބުދިނުމަށް ގޮވަމުންނެވެ.

"ތީ ޓެރެރިސްޓުން. ކަލޭ އައި ތަނަކަށް އެނބުރި ދޭ. އެހެން ކަމަކެއް ކުރަން ކަލޭ ދޭ." އެމީހުން ކިޔާފައިވާ އެއްޗެހި ހާމިދު މީޑިއާ އަށް ކިޔައިދިނެވެ.

ހާމިދު ބުނީ އޭނަ އަށް 4 ފަހަރަ ގަދަކަމުން ކުޑަކަކޫ ޖައްސުވާފައިވާ ކަމަށާއި، 15 ފަހަރަށް އޭނަގެ މޫނުމަތީގައި ޖަހާފައިވާ ކަމަށެވެ. ހާމިދު ހޮސްޕިޓަލަށް ގެންދެވުނު އިރު ނޭފަތުން ލޭއައިސް، އޭނަގެ ހޭވެސް ނެތް ކަމަށާއި ބައެތް ޒަޚަމް ހުރިކަމުގައި ވިޔަސް ސީރިއަސް ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ހާމިދުގެ ދައްތަ ނާޖިއާ ބުނި ގޮތުގައި ދީނީ ތަފާތު ކުރުމުގެ ސަބަބުން އޭނާގެ ކޮއްކޮ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ލިބެމުން އަންނަތާ މިހާރު 2 އަހަރު ވެދާނެ ކަމަށެވެ.

"ހާމިދު ހުންނަނީ ބިރުގަންފައި. ގެއިން ބޭރަށް ވެސް ނުނިކުމޭ." ނާޖިއާ ބުންޏެވެ.

އަފްޣާނިސްތާނަށް ނިސްބަތްވާ ހާމިދުގެ ޢާއިލާ އެއްކޮށް އޮސްޓްރޭލިޔާ ހިޖުރަ ކުރިތާ މިހާރު 20 ވެއްޖެއެވެ. ހާމިދުގެ މަންމަ ބުނީ މިމައްސަލަ ބަލައިދިނުމަށް ތަކުރާރުކޮށް ސްކޫލަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާ ކަމަށެވެ.

"އަހަންނަކަށް ނޭގޭ މިކަން ހިގަނީ ކީއްވެގެން ކަމެއް. ކުދިންނަށް ގޯނާ ކުރެވެމުންދާ އިރު ޕްރިންސިޕަލް އެކަމަކާ އަޅާނުލައްވާ. އެބޭފުޅުން އެކަން ނުހުއްޓުވަނީ ކީއްވެ؟ އަހަރެން ބޭނުން އެހެން ބެލެނިވެރިންނަށް މިކަން ހިނގަނީ ކީއްވެގެން ކަން އަންގަން" ހާމިދުގެ މަންމަ ބުންޏެވެ.

އެސްކުއިތް ބޯއީޒް ސްކޫލްގެ ވެރިން މިކަމާ މެދު އެއްޗެއް ވިދާޅުވާން ވަނީ ދެކޮޅު ހަދާފައެވެ.

އެގައުމުގެ ނޫހަކުން ސުވާލުކުރުމުން، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި އެކަމުގައި ބައިވެރިވި އެއްކުއްޖަކު 20 ދުވަހަށް ސަސްޕެންޑް ކޮށްފައި ވާ ކަމަށާއި މިހާރު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ހާމިދު ހޮސްޕިޓަލް އަށް ގެންދިއުމާއި އަދި ޢާއިލާއަށް ޚަބަރު ދިނުމުގައި އެސްކޫލްގެ ޓީޗަރުން ހަރަކާތްތެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާމިދު އާއި އޭނާގެ ޢާއިލާއަށް މިހާރު ކައުންސިލިން ވެސް ވަނީ ދީފައެވެ.

"އެސްކުއިތް ބޯއީސް ސްކޫލުން ނަސްލީ ތަފާތު ކުރުން ޤަބޫލެއް ނުކުރާނެ. އެކަހަލަ ނުބައި ކަންތަކުގައި ބައިވެރިވާ ކުދިން ރަނގަޅު ކުރުމަށް ސްކޫލުން ދަނީ މަސައްކަތް ކުރަމުން. އަނިޔާވި ކުއްޖާ އަށް (ހާމިދަށް) މީގެ ކުރިން އެގޮތަށް ނަސްލީ ތަފާތުކުރުމުގެ އެއްޗެހި ގޮވާފައިވާ ކުދިންނާމެދު ފިޔަވަޅު އަޅާފައި ވާނެ. ފުލުހުން މި މައްސަލަ ތަޙްޤީޤް ކުރަމުން ދާތީ މި މަރުހަލާގައި އަދި އިތުރު މަޢުލޫމާތު ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫން." އޮފިޝަލް ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.