އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފަލަސްތީނުގެ ރައްޔިތުންނަށް ވި ވައުދާއި އެއްގޮތައް އަމަލުކުރާނެކަމަށް އުއްމީ ކުރައްވާ ކަމުގައި ރައީސް އައްބާސް ވިދާޅުވެއްޖެއެވެ. އައްބާސް މިހެން ވިދާޅުވެފައި ވަނީ ފޮކްސް ނިއުސް އައް ދެއްވި ބަސްދީގަތުމެއްގައެވެ.
"އަންނަ އަހަރު އަހަރުމެން މިތަނަށް އަންނައިރު (އދ ގެ މަޖިލީހަށް) އދ. އަށް އާ މެންބަރެއް އިތުރުކުރުމުގެ އެއްބަސްވުމެއް ގާއިމްކުރެވިދާނެ. އެއީ މިނިވަންކަމާ އެކު އިޒްރޭލާއެކު ސުލްހަވެރިކަމުގައި އުޅެމުން އަންނަ ފަލަސްތީނުގެ މިނިވަން ދައުލަތް،" އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިދިޔަ އަހަރު އދ ގެ އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ.
އަދި 2009 ވަނަ އަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިސްރަށް ވަޑައިގެން ވިދާޅުވެފައިވެއެވެ. "ފަލަސްތީނު ރައްޔިތުންނަށް ހައްޤުވެގެންވާ އެ މީހުންގެ ކަރާމާތާއި ފުރުސަތުތަކާއި އެމީހުންގެ އަމިއްލަ ދައުލަތަށް އެމެރިކާ އިން ފުރަގަހެއް ނުދޭނަން"
ނަމަވެސް މިހާރު އެމެރިކާއިން ބުނަމުން ދަނީ ފަލަސްތީނުން މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ސެކުރިޓީ ކައުންސިލަށް ހުށަހަޅައިފި ނަމަ ވީޓޯ ކުރާނެ ކަމަށެވެ. އަދި މިނިވަން ދައުލަތެއްގެ ދަރަޖަ ލިބޭނީ ހަމައެކަނި އިޒްރާއީލާއި މަސްވަރާކޮށްގެން ކަމަށްވެސް އެމެރިކާއިން މިހާރު ބުނެއެވެ.
އެމެރިކާއިން މިހެން ބުނެފައިވާ އިރު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ފޮކްސް ނިއުސް އަށް ދެއްވި ބަސްތީގަތުމުގައި ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ އިޒްރާއީލުގެ އޮފިސަލުންނާއި ބައްދަލުކުރައްވަން ތައްޔާރަށް ކަމަށެވެ. ނަމަވެސް ހަޤީގީ މައްސަލަ ހައްލު ކުރަން ބޭނުން ނުވާކަމުގައި ވާނަމަ ބައްދަލުކޮށް މަސްވަރާ ކުރުމަކީ ބޭކާރު ކަމެއްކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އދ. އަށް އަންނަން ޖެހުނީ މަސްވަރާކޮށްގެން އެއްވެސް ނަތީޖާއެއް އިޒްރާއިލުގެ ފަރާތުން ނުލިބުމުން ކަމުގައި އައްބާސް ވިދާޅުވިއެވެ.
އެމެރިކައާއި އިޒްރާއިލުން ދަނީ ފަލަސްތީނުގެ ވިސްނުން ބަދަލު ކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެމެރިކާއިން މިކަމާއި ދެކޮޅަށް ވީޓޯ ކޮއްފި ނަމަ ދުނިޔޭގެ މުސްލިމުންގެ ކުރިމަތީގައި އޮބާމާއަށް އޮތް ތާއީދު މުޅިންހެން ނެތިދާނެކަމަށް މުރާސިލް ދެކެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...