ޢެމެރިކާގެ އިޤްތިޞާދީ ޙާލަތު ވަޅުޖެހެމުން ދާއިރު، އެގައުމުގައި ކުޑަކުދިންނަށް ގޯނާ ކުރާ މައްސަލަތައް ގިނަވެ، ސިކުނޑިއަށް ގެއްލުން ލިބެގެން ހޮސްޕިޓަލަށް ގެންދާ ކުދިންގެ ޢަދަދު އިތުރުވެފައިވާ ކަމަށް އަލަށް ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.
އަލަށް ހޯދުނު ހޯދުންތައް ވަނީ އެމެރިކަން އެކަޑަމީ އޮފް ޕީޑީއަޓްރިކްސް ގެ ރަސްމީ ނޫސް "ޕީޑީއަޓްރިކްސް" ގައި މިދިޔަ ހޯމަ ދުވަހު ޝާއިޢުކޮށްފައެވެ. މި ހޯދުންތައް ބިނާވެފައި ވަނީ އެމެރިކާގެ އަވަށްތައް ކަމުގައިވާ ކެންޓަކީ، އޯހިއޯ، ޕެނެސިލްވަނިޔާ އަދި ވޮޝިންޓަނުން ހޮސްޕިޓަލަށް ގެނެވޭ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންގެ ރިކޯޑްތަކުގެ މައްޗަށެއެވެ.
މީގެ ކުރިން ވެސް އެގައުމުގެ އިޤްތިޞާދީ ޙާލަތު ދަށަށް ދިއުމާ ގުޅިގެން ކުޑަ ކުދިންނަށް ގޯނާ ކުރާ މައްސަލަތަކުގެ ވާހަކަތައް ފެންމަތިވެފައި ވެއެވެ. ނަމަވެސް މިއަދާއި ހަމައަށް އެކަމާގުޅޭ ގޮތުން އެއްވެސް ދިރާސާ އެއް ކުރެވި ހެކިތައް ރެކޯޑް ކުރެވިފައި ނުވެއެވެ.
"ފަގީރުކަމުގެ ތެރޭގައި އުޅުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ހާސްވުމާއި ކަންބޮޑުވުމަށް މެދުވެރިވެދާނެ ކަމެއް. ނަތީޖާ އަކަށް ވަނީ ގޮތުން ކުދިން ގެންގުޅުމުގައި ހަރުކަށިވެ އިހާނާތްތެރިވުން" އޮސްޓިންގައި ހުންނަ ޔުނިވަރސިޓީ އޮފް ޓެކްސަސްގައި މަސައްކަތްކުރާ ގާޝޯފް ބުންޏެވެ.
މިދިރާސާގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އަދި "ޗިލްޑްރަންސް ހޮސްޕިޓަލް އޮފް ޕިޓްސްބާގް" ގައި ކުޑަކުދިންނަށް ގޯނާ ކުރާ މައްސަލަތަކާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޑޮކްޓަރ ރަޝޭލް ޕީ ބާގާ ބުނިގޮތުގައި ބޮލަށް އަނިޔާ ލިބިގެން އެތަނަށް އަންނަ ކުދިންގެ ޢަދަދު 2008 ގައި އިތުރެވެފައިވެއެވެ.
އަހަރަކު 17 މައްސަލަ ކުރިން ރެކޯޑްކުރެވެމުން ވަނިކޮށް 2008 ގައި އެ ޢަދަދު ވަނީ ކުއްލިއަކަށް 37 ށް ބަދަލުވެފައެވެ. އަދި އަދި އެގެތެރެއިން 11 ކުދިން ވަނީ އެއަނިޔާތަކުގެ ސަބަބަބުން ދުނިޔެ ދޫކޮށް ގޮސްފައެވެ.
2004-2009 އަށް 422 މައްސަލަ ރިކޯޑްކުރެވިފައި ވެއެވެ. އަދި މީގެ ތެރެއިން ގިނަ ކުދިންނަށް ހާލު ބޮޑުވެގެން ފަރުވާދެވިފައި ވާއިރު %16 ކުދިން ވަނީ މަރުވެފައެވެ. ކުދިންނަށް އަނިޔާ ކުރުމުގެ މިފަދަ މައްސަލަތައް އެމެރިކާއިން ވަނީ މާބޮޑު ކަމަކަށް ނުހަދާފައެވެ. މުޅި އެމެރިކާއިން ވެސް އަހަރަކު 3 މިލިއަން ކުދިންނަށް އަނިޔާ ލިބިފައި ވާކަމަށް ރިކޯޑްތަކުން ދައްކައެވެ. ދުވާލަކު 4 ކުދިން މިކަމުގެ ސަބަބުން މަރުވެއެވެ. މި ހަތަރުކުދިންގެ ތެރޭގައި ހިމެނޭ 3 ކުދިން ގިނަފަހަރު ވަނީ އުމުރުން ހަތަރު އަހަރަށް ވުރެއް ދަށުގެ ކުދިން ކަމުގައެވެ.
އެމެރިކާގައި ކުރެވުނު ދިރާސަތަކުން ބެލިބެލުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އަނިޔާ ނުލިބޭ ކުދިންގެ މައިންބަފައިންނަށް ވުރެ އަނިޔާ ލިބިގެން ގެންނަ ކުދިންގެ މައިންބަފައިން ގިނަ ފަހަރު އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތް ނުކުރެއެވެ. އަދި ފަޤީރު ހާލަތުގައި ދިރި އުޅޭ މައިންބަފައިން އެމީހުންގެ ދަރިންނަށް އަނިޔާ ކުރުމުގެ އިތުރަށް އެހެން ދަރީންނާ ވެސް މާ ބޮޑަށް އަޅާލުމެއް ނުވާކަމަށް ފާހަގަ ކުރެވޭ ކަމުގައި މި ކުރެވުނު ދިރާސާއިން ދައްކައެވެ. އަދި މިއީ އެޤައުމުގެ ކުރިމަގު ހަލާކު ވުމުގެ އެންމެ ބޮޑު އެއް ސަބަބުކަމުގައި ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...