ބެލްޖިއަމްގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ އެންޓްވާރޕްގައި އިސްލާމީ ޝަރީޢާ ކޯޓެއް ހުޅުވައިފި އެވެ.
މިކޯޓް ހުޅުވާފައި ވަނީ މުސްލިމް ޖަމާޢަތެއް ކަމުގައިވާ "ޝަރީޢާ 4 ބެލްޖިއަމް" ގެ ފަރާތުންކަމަށް ބެލްޖިޔަމްގެ ނޫސްތަކުން މަޢުލޫމާތު ދެއެވެ. މިކޯޓުގެ ފަރާތުން ޢާއިލީ މައްސަލަތަކާއި، ވާރުތައާ ބޭހޭ ކަންކަމާއި، ދަރިން ބެލެހެއްޓުމާ ބެހޭ މައްސަލަތައް ބެލުމުގައި ބޭނުންކުރަމުން ދާނީ ބެލްޖިއަމްގެ ސެކިއުލާރ (ޢަލްމާނީ) ޤާނޫނުތަކުގެ ބަދަލުގައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކެވެ.
"ޝަރީޢާ 4 ބެލްޖިއަމް" ގެ ފަރާތުން ހާމަކުރާ ގޮތުގައި އެބޭފުޅުން ބައްލަވާ މައްސަލަތަކުގެ ތެރޭގައި ޖިނާއީ މައްސަލަތައް ވެސް ވަރަށް އަވަހަށް ހިމަނާނެއެވެ.
މިފަދައިން ޝަރީޢަތުގެ ޙުކުމްތައް ތަންފީޛްކުރާ ކޯޓެއް ބެލްޖިއަމްގައި ހުޅުވުމާ ގުޅިގެން ބެލްޖިއަމްގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ވިލާމްސް ބިލަންގް އިން ގޮވާލަމުންދަނީ ޙުކުމްތައް ނެރޭ ބަޔަކަށް ހަމައެކަނި ވާން ޖެހޭނީ ޢަލްމާނީ (ދީން ޤަބޫލުނުކުރާ) ކޯޓްތައް ކަމަށެވެ.
ބެލްޖިއަމްގައި މިފަދަ ކޯޓެއް ހުޅުވިފައިމިވަނީ، މީގެ ކުރިން އިނގިރޭސިވިލާތުގައި ވެސް މީގެ އެތައް ކޯޓްތަކެއް ހުޅުވިފައި ވަނިކޮށެވެ. ލަންޑަނުގެ ރިސާރޗް ހަދާ މުއައްސަސާއެއް ކަމަށްވާ ސިވިޓަސް އިން ހާމަކޮށްފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތަށް ޢަމަލުކުރަމުންދާ މަދުވެގެން 85 ކޯޓު އިނގިރޭސި ވިލާތުގައި އެކަނިވެސް ހުރެއެވެ. މިއީ ކުރިން އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ 20 ގުނަ އިތުރު ޢަދަދެކެވެ.
"ޝަރީޢާ 4 ބެލްޖިއަމް" އިން ބެލްޖިއަމްގެ ރައްޔިތުންނަށް ގޮވާލާފައިވަނީ ސްޕެއިން އާއި ފްރާންސާއި ސްވިޒަރލޭންޑް އިސްލާމީ ޚިލާފަތުގެ ދަށުގައި އިސްލާމީ ޝަރީޢާ ތަންފީޛްކޮށްގެން ތިބި 1300 އަހަރުގެ އަމާން ދުވަސްވަރަށް އަނބުރާ ދިއުމަށެވެ. އަދި އެބޭފުޅުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެ 1300 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ރިކޯޑްކުރެވިފައި ވަނީ ވައްކަމުގެ އެންމެ 60 މައްސަލައާއި ރޭޕްކުރުމުގެ 120 މައްސަލައެވެ. ނަމަވެސް މިހާރު ބެލްޖިއަމް އަށް ކުރިމަތި ވަމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ މުސީބާތްތަކުން ސަލާމަތްވުމަށް އިސްލާމީ ޝަރީޢަތަށް ރުޖޫޢަވުމަށް ބެލްޖިއަމްގެ ހުރިހާ ރައްޔިތުންނަށް އެ ޖަމާޢާތުގެ ފަރާތުންވަނީ ގޮވާލާފަ އެވެ.
ބެލްޖިއަމްގައި މުސްލިމުންނަކީ ދެވަނައަށް އެންމެ ގިނަ ދީނީ ޖަމާޢަތެވެ. އެއީ އާބާދީގެ އެންމެ 3.5 އިންސައްތަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...