ދިއިސްލާމް ބުރުގާ މަނާކުރުމަށް ފަހު، މަގުމަތީގައި ނަމާދު ކުރުން ވެސް ފްރާންސްގައި މަނާކޮށްފި

ބުރުގާ މަނާކުރުމަށް ފަހު، މަގުމަތީގައި ނަމާދު ކުރުން ވެސް ފްރާންސްގައި މަނާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕެރިހުގެ މުސްލިމުން ފަޔަރ ސްޓޭޝަނެއްގައި 16 ސެޕްޓެމްބަރު 2011 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދު ކުރަނީ

ޔޫރަޕްގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމަށްވާ ފަރަންސޭސި ވިލާތުގައި މުސްލިމުން މަގުމަތީގައި ނަމާދު ކުރުން މަނާކުރާ ޤާނޫނު 16 ސެޕްޓެމްބަރު 2011 ވީ ހުކުރު ދުވަހުން ފަށައިގެން ހިންގަން ފަށައިފި އެވެ.

މިޤާނޫނު ހިނގަން ފެށުމާއެކު ނިމިދިޔަ ހުކުރު ދުވަހު ފްރާންސްގެ މުސްލިމުން ހުކުރު ނަމާދު ކޮށްފައި ވަނީ ބޭނުން ނުކޮށް ގިނަ ދުވަސްވެ ވިރާނާވެފައިވާ ބާ ޢިމާރާތްތަކާއި ފަޔަރ ސްޓޭޝަންތަކާއި ގުދަންތަކުގައި ކަމަށް ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުން މަޢުލޫމާތު ދެއެވެ.

މިޙުކުމަށް ޢަމަލުކުރަމުން ދަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކަމަށްވިޔަސް، އެހެނިހެން ބޮޑެތި ރަށްރަށަށް މިޙުކުމް ހިންގަން ފަށާނެކަމަށްވެސް ފްރާންސްގެ އިންޓީރިއާ މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އޭގެތެރޭގައި އެތައް ހާސް މުސްލިމުން ދިރިއުޅެމުންދާ ރަށްރަށް ކަމަށްވާ މާރސެލީސް އާއި ލިއޯން އަދި ނައީސް ފަދަ ރަށްރަށް ހިމެނެއެވެ. ފްރާންސްގެ އިތުރުވަމުން އަންނަ މުސްލިމް އާބާދީއަށް އެކަށޭނެ މިންވަރަށް މިސްކިތްތައް ނެތުމުގެ ސަބަބުން ހުކުރު ނަމާދު ފަދަ ޚާއްޞަ ނަމާދުތައް ކުރާއިރު މަގުމަތީގައި ޖަމާޢަތް ހަދަން ޖެހެއެވެ.

"މަގުމަތީގައި ނަމާދުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން. (މަގުމަތީގައި ނަމާދުކުރުމަކީ) ޢަލްމާނިއްޔަތުގެ އަސާސްތަކަށް އަންނަ ސީދާ ނުރައްކަލެއް."  ޢަލްމާނީ (ސެކިއުލާރ) އުޞޫލްތައް ދިފާޢުކުރައްވާ ފްރާންސްގެ އިންޓީރިއާރ މިނިސްޓަރ ކްލައިޑް ޖޮއެއަން އެފިކުރުތަކުގެ ޙިމާޔަތުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ފްރާންސްގައި މިކަން މަނާވެގެން ދިއުމުގެ އެއް ސަބަބަކަށް ވެފައިވަނީ ފްރާންސްގައި އިސްލާމްދީން ފެތުރެމުންދާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުން ނޭޝަނަލް ފްރޮންޓްގެ ފަރާތުން މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. ނޭޝަނަލް ފްރޮންޓްގެ ލީޑަރ މަރީން ލި ޕެން މަގުމަތީގައި ނަމާދުކުރުން ސިފަކުރަމުންދަނީ "އަރައިގަންނަމުންދާ ހަނގުރާމަވެރި ފައުޖުތަކެއް" ގެ ގޮތުގައެވެ.

މީގެ ކުރިން ޔޫރަޕްގައި މޫނު ބުރުގާ އެޅުން މަނާކުރި ފުރަތަމަ ޤައުމަކަށް ވެފައިވަނީވެސް ފްރާންސެވެ.

މިފަދައިން ޔޫރަޕްގެ ޤައުމުތަކުގައި ޢަލްމާނިއްޔަތާއި ޑިމޮކްރަސީގެ ޙިމާޔަތުގައި އެހެން ދީންތަކުގެ އަޅުކަންކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާއިރު ހަމައެކަނި މުސްލިމުން އުޅޭ އިސްލާމީ މުޖްތަމަޢުތަކުގައި އެހެން ދީންތަކަށް ޖާގަ ނުދޭތީ އެކަމާމެދުވެސް އެޤައުމުތަކުން އަޑު އުފުލަމުންދެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.