ރިޕޯޓްކޮލަމިސްޓްދިއިސްލާމްދީނީ ލިޔުން

ޞާލިޙް އަނތްބެއްގައި ހުންނާނެ ސިފަތައް (ފުރަތަމަބައި)

1-ފުރިހަމަ ގޮތުގައި މާތް ﷲ އަށް ބޯލަނބާ ކިޔަމަން ގަތުން:އެގޮތުން،ﷲގެ އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ.އެއީ ނަމާދުކުރުން،ރޯދަހިފުން،ޢިއްފަތްތެރިވުން،ފުރިހަމައަށް ޢައުރަ ނިވާކުރުން،ޙަރާމް ތަކެއްޗަށް ނުބެލުންފަދަ ކަންތައްތަކެވެ.

2-ފިރިމީހާއަށް ކިޔަމަންތެރިވުން: އެކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށްއުރެދުމެއްނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރި ވުމެވެ.

3-ފިރިމީހާ ގާތުގައި ނެތް ވަގުތުގައިވެސް އޭނާ އަމިއްލަ ނަފްސަށާއި،އަބުރާއި ޢިއްޒަތަށް ރައްކާތެރިވެ، މި ހުރިހާ ކަމެއް އޭނާގެ ފިރިމީހާ އަށްޓަކާ ރައްކާތެރި ކުރުން: އެކަންތަށް ތަކުގެ ތެރޭގައި، އޭނާގެ ގައިގާ ބީހުމަށް ނުވަތަ އަތްލުމަށް އެދިއްޖެ ކޮންމެ މީހެއްގެ އަތުންނާއި،އޭނާއަށް ބެލުމަށް އެދިއްޖެ ކޮންމެމީހެއްގެ ލޮލުންނާއި، އަދި އޭނާގެ އަޑު އެހުމަށް އެދިއްޖެ ކޮންމެ މީހެއްގެ ކަންފަތުން ރައްކާތެރިވުމެވެ

އަދި ހަމައެފަދައިން އޭނާގެ ފިރިމީހާގެ ދަރިންނާއި ގެދޮރާއި މުދާ ރައްކާތެރި ކަންމަތީ ދެމެހެއްޓުމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. *فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّـهُ * (ސޫތަރުއް ނިސާ 34) މާނައީ: "ފަހެ ހެޔޮލަފާ އަންހެނުންނަކީ (މާތްﷲއަށާއި އެބައިމީހުންގެ ފިރިންނަށް) ކިޔަމަންތެރި އަންހެނުންނެވެ.ރައްކާތެރި ކުރުމަށް ﷲ އެންގެވި ކަންތައްތައް ސިއްރުގައިވެސް ރައްކާތެރިކުރާމީހުންނެވެ." (އެއީ ފިރިންގެ ޣައިރުޙާޟިރުގައި އެކަނބަލުންގެ ޢިއްފަތްތެރިކަމާއި ފިރިންގެ މުދަލަށް ރައްކާތެރިވުމެވެ.)

އައްސަޢުދީ ވިދާޅުވެފައި ވެއެވެ. "فَالصَّالِحَاتُ قَانِتَاتٌ" ގެ މާނައަކީ އެބައިމީހުންނީ އެބައިމީހުންގެ ވެރި މަތިވެރިވަންތަ ﷲ އަށް ކިޔަމަންތެރި ބައެކެވެ. "حَافِظَاتٌ لِّلْغَيْبِ" ގެ މާނައަކީ އެބައިމީހުންނަކީ އެބައިމީހުންގެ ފިރިން ރަށުގައި ނުވަތަ ކައިރީގައިނެތް ޙާލަތުގައިވެސް އެމީހުންނަށް ކިޔަމަންތެރި އަމާނާތްތެރި ބައެކެވެ. އެފަދަ ޙާލަތުގައި އޭނާގެ ޢިއްފަތާއި އަމިއްލަ ނަފުސު އަދި ފިރިމީހާގެ މުދަލާއި ގެދޮރު ރައްކާތެރި ކުރާނެއެވެ.

ﷲގެ ރަސޫލޫ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އަންހެނަކު ފަރުޟު ފަސް ނަމާދު އަދާކޮށް، ރަމަޟާން މަހުގެރޯދަ ފުރިހަމަކޮށް، ޢިއްފަތްރެތި ކަމާއިއެކު އޭނާގެ ޢައުރައަށް ރައްކާތެރިވެ، އަދިއޭނާގެ ފިރިމީހާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެއްޖެ މީހާއަށް (ޤިޔާމަތްދުވަހުގައި ) ބުނެވޭނެއެވެ:'ކަނބުލޭގެ ބޭނުން ދޮރަކުން ސުވަރުގެ ވަންނާށެޥެ.' "

4-ފިރިމީހާއަށް ޚިދުމަތް ކުރުން: އެންމެ ފުރަތަމަ ކަމަކަށް ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ. އެގޮތުން ހެޔޮގޮތުގައި ދަރިން ބަލައި ތަރުބިއްޔަތުކޮށް ބޮޑެތިކުރުމާއި އެނދުތަންމަތިއެޅުމާއި،ކައްކާ ކާންދިނުންފަދަ ކަންތައްތައް ހިމެނެއެވެ.

ޙުސެއިންބުނު މިހްޞާންގެ ފަރާތުން އޭނާގެ ބޮޑުދައިތަ ރިވާކުރެއްވިކަމަށް އައިސްފައިވެއެވެ. “އެއްދުވަހަކު އަހުރެން ކޮންމެވެސް ބޭނުމަކު ﷲ ގެ ރަސޫލު صلىالله عليه وسلمގެ އަރިހަށް ދިޔައީމެވެ.އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަނބުލޭގެތޯއެވެ. ކަނބުލޭގެ ކައިވެނި ކުރައްވައިފިންތޯއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އާދޭހެވެ.އެކަލޭގެފާނު ސުވާލުކުރެއްވިއެވެ.ކަނބުލޭގެ ފިރިމީހާއާ ދޭތެރޭ ކަންތައްތައް ކުރައްވަނީ ކިހިނެއް ތޯއެވެ؟ އަހަރެން ޖަވާބުގައި ދެންނެވީމެވެ. އަޅުގަނޑު އޭނާއަށް ޚިދުމަތްކުރުމުގައި އެއްވެސް ކަމެއް ދޫކޮށެއް ނުލަމެވެ. އަޅުގަނޑަށް ކުޅަދާނަވެގެންނުވާ ކަމެއް މެނުވީއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.އެހެންވެއްޖިއްޔާ އޭނާއާއެކު ތިޔަގޮތުގައި ދެމިހުންނާށެވެ. ހަމަކަށަވަރުން އޭނާއަކީ ކަނބުލޭގެ ސުވަރުގެއެވެ. އަދިކަނބުލޭގެ ނަރަކައެވެ.”

މިތާނގައި މިބަޔާންކޮށްލަނީ އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހުމާ އެކަމަނާގެ ފިރިކަލުންނަށް ޚިދުމަތް ކުރެއްވި ގޮތުގެ މިސާލަވަ. އެކަމަނާ ވިދާޅުވިއެވެ. “އައްޒުބައިރު ރަޟިޔަﷲ ޢަންހު ތިމަންކަމަނާއާއި ކައިވެނި ބައްލަވައިގަތްއިރު އެކަލޭގެފާނަށް އެއްވެސް މުދަލެއް އަދި އަޅެއްވެސް ލިބިގެން ނުވެއެވެ. އެކަލޭގެފާނަށް މިބިންމަތީގައި ލިބިގެންވާ ހަމައެކަނި އެއްޗަކީ ވަޅުން ފެންނަގައިގެން އުފުލުމަށް ގެންގުޅުއްވާ ޖަމަލަކާއި އަހެކެވެ. އެހެންކަމުން ތިމަން ކަމަނާ އޭނާގެ އަހަށް ކާންދެއްވާ ވަޅުން ފެންނަގަން ގެންގުޅުއްވާ ހަމުން ފޫގޮއްސައި ހުންންތަންތަން ފަހާ، ރޮށި ފިހުމަށް ފުށްމޮޑެ ތއްޔާރުކޮށް ހަދަމެވެ. އެހެންނަމަވެސް ތިމަންކަމަނާއަކީ ރޮށިފިހަން އެހާ ރަނގަޅަށް ދަންނަ މީހެއް ނޫނެވެ. އެހެންކަމުން ތިމަންކަމަނާގެ އަވައްޓެރިންނަށް އުޅުނު އަންޞާރުންގެ އަންހެނުން ވަރަށް ރަނގަޅަށް އެކަންތަށް ކޮށްދެއްވައެވެ. އަދި ހަމައެފަދައިން ތިމަންކަމަނާގެ ބޯމަތީގައި ކަދުރު އުފުލަމެވެ. އެއީ ﷲގެ ރަސޫލާ صلىالله عليه وسلم އައްޒުބައިރަށް ދެއްވި ބިމަކުންނެވެ. އެތަނަކީ ގާތް ގަނޑަކަށް ދެމޭލު ދުރުގައިވާ ތަނެކެވެ.

އެއްދުވަހަކު ތިމަންކަމަނާ ކަދުރު އެއްޗަކަށް އަޅައިގެން ބޯމައްޗަށް ލައިގެން ވަޑައިގަންނަވަނިކޮށް ރަސޫލާ صلى الله عليه وسلم އަންޞާރުންގެ ބަޔަކާއިއެކު ވަޑައިގެންވަނިކޮށް ތިމަންކަމަނާއާ ބައްދަލުވިއެވެ.އެހިނދު އެކަލޭގެފާނު ތިމަންކަމަނާއަށް ގޮވާލައްވައި “އިޚް ، އިޚް” އޭ ވިދާޅުވިއެވެ.( ‘އިޚް އިޚް’ އެއީ ޖަމަލު ކަކޫޖައްސާ ތިރިކުރުމަށް ޢަރަބިން ބުނެއުޅޭ ބަހެކެވެ.)  އެކަލޭގެފާނުގެ ޖަމަލުކޮޅުގައި އެކަލޭގެފާނު ފަހަތްޕުޅުގައި ތިމަންކަމަނާ ގެންދެވުމުގެ ބޭނުންފުޅުގައެވެ.( ދަންނައެވެ. މި ޙަދީޘްފުޅަކީ އެއްވެސް ޙާލެއްގައި މިޒަމާނުގައި، ހިލޭއަންހެނުން ފިރިހެނުންގެ ފަހަތުގައި ސައިކަލުތަކުގައި ދެމީހުން އެކަކު އަނެކަކުގެ ގައިގާ ތަތްކޮށްލައިގެންތިބެ ޚާއްޞަކޮށް މިއަދު މާލޭ މަގުތަކުން މިފެންނަ ޒާތަށް ދަތުރުކޮށް ހެދުމަށް ލިބޭ ބާރެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ކަނޑައެޅިގެންހުރި ޙަރާމް ކަމެކެވެ. މިޙަދީޘްފުޅުގައި ހިނގާފައި މިވާޙާދިޘާގައި ﷲގެ ރަސޫލާ صلى الله عليه وسلم އެކަމަނާއާއިމެދުގައި ހަމްދަރުދީ އުފެދުނީ ކީއްވެކަމާއި އަދިއެކަމަނާ އެކަމަށް އިންކާރު ކުރެއްވި ކުރެއްވުމުން މައްސަލައިގެ ޙަޤީޤަތްސާފުވެ،ޙަދީޘްގައި އަންނަނިވި ބައިން އަމިއްލަ ނަފަސަށް ޙުކުމް ކުރާންއެނގޭނެއެވެ.) އެހެންނަމަވެސް ތިމަންކަމަނާ ފިރިހެނުން ތަކަކާއިއެކު ދިއުމަސް ލަދުފުޅުގެން ވަޑައިގަތެވެ. އަދި އައްޒުބައިރު އެކަމާއި ނުރުހުންވެ ވަޑައިގެންވާނޭ މިންވަރު ހިތްޕުޅަށް އެރިއެވެ. އެހެނީ އެކަލޭގެފާނީ އެފަދަ ކަންކަމާއި ވަރަށްބޮޑަށް ނުރުއްސަވާ ބޭފުޅެކެވެ. ދެން ތިމަންކަމަނާ ލަދުފުޅުގެންފައިވާތަން ފެނިވަޑައިގަތުމުން ﷲގެ ރަސޫލާ صلى الله عليه وسلم ވަޑައިގެންފިއެވެ.

ދެން ތިމަންކަމަނާ އައްޒުބައިރުގެ އަރިހަށް އައިސް ދެންނެވީމެވެ. ތިމަންކަމަނާ ބޯމަތީގައި ކަދުރުއޮށް އުފުއްލަވަނިކޮށް ﷲގެ ރަސޫލު صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ބަޔަކާއި އެކުވަނިކޮށް ތިމަންކަމަނާއާ ބައްދަލުވިއެވެ. އެހިނދު އެކަލޭގެފާނުގެ ޖަމަލު ތިރިކުރައްވާ މޮއްގަނޑު ބިންމަތީ ޖެއްސެވިއެވެ. ދެން ތިމަންކަމަނާ ލަދުފުޅުގެން އަދި ކަލޭގެފާނު އެފަދަ ކަންކަމާ ނުރުހުންވެ ވަޑައިގަންނަވާވަރު ހިތްޕުޅަށްއަރާ އެކަލޭގެފާނުގެ ފަހަތްޕުޅަކަށް ނާރަމެވެ. ދެން އައްޒުބައިރު ވިދާޅުވިއެވެ. ﷲ ގަންދެއްވާ ވިދާޅުވަމެވެ. ކަމަނާ އެކަދުރުއޮށްތައް އުފުއްލެވުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ވަޑައިގެންނެވުމަށްވުރެ ތިމަންކަލޭގެފާނަށް މާ ބުރަބޮޑެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. އޭގެފަހުން (ތިމަންކަމަނާގެ ބައްޕާފުޅު) އަބޫބަކުރުގެފާނު އައްޒުބައިރުގެ އަސް ބެލެހެއްޓެވުމަށްޓަކާ ޚާދިމަކު ފޮނުއްވިއެވެ.އެކަމުން ތިމަންކަމަނާއަށް ލުޔެއް ލިބުނީ އެއަށްފަހިގައެވެ.”

އަނބިމީހާ ފިރިމީހާއަށް ޚިދުމަތް ކުރުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތެއް ހުރެއެވެ.ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “އަނބިމީހާ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތް ތަކާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތެވެ. އެއީ ގޭތެރެ ސާފުކުރުމާއި ، އެނދުތަންމަތި އެޅުމާއި، ކައްކާ ކާންތައްޔާރު ކޮށްދިނުމާއި، ރޮށިފިހުމާއި، ޒުވާރި މުގުރައިގެން ފުށްހެދުންފަދަ ކަންތައްތަކުގައެވެ. މީގެ އިތުރަށް ޖަނަވާރުތަށް ބަލަހައްޓާ މީހާއަށް އެތަކެތީގެ ކާބޯތަކެއްޗާއި ޙަވާލުވެފައިވާ ފަދައިން، ގޭގައި ގެންގުޅޭ މީހުންނާއި، އަޅުންނާއި ޖަނަވާރުތަކަށް އަނބިމީހާ ކާންދިނުންފަދަ ކަންތައްތަކުގައެވެ. ބައެއްމީހުން ބުނެއެވެ. “ފިރިމީހާއަށް ޚިދުމަތް ކޮށްދިނުމަކީ އަނބިމީހާގެ ވާޖިބެއް ނޫނެވެ.” މިހެން ބުނާ ބުނުމަކީ އެއްވަސް ބުރަދަނެއް ނެތް ބާތިލް ބުނުމެކެވެ. އެހެނީ ދެމީހުން ކައިވެނި ނުކޮށް އެއްދާންކުރުން ހުއްދައޭ ބުނާ ބުނުމަކީ ބާތިލް ބުނުމަކަށް ވާ ފަދައިންނެވެ! ކޮންމެއަކަސް ބުރަދަން ހުރެފައި ރަނގަޅުގޮތަކީ؛ފިރިމީހާއަށް ޚިދުމަތް ކުރުމަކީ އަނބިމީހާގެ މަށްޗަށް ވާޖިބުކަމެކެވެ. އެހެނީ ﷲގެ ފޮތުގައިވާ ގޮތުން ފިރިމީހާއަކީ އަނބިމީހާގެ ސާހިބުމީހާއެވެ. އަދި ރަސޫލު  صلى الله عليه وسلمގެ ސުންނަތުން އެނގޭ ގޮތުގައި ” އަނބި މީހާއަކީ ފިރިމީހާގެ ބެލުމުގެ ދަށުގައި ހައްޔަރުވެފައިވާ މީހެކެވެ.” އަދި އަޅުންނާއި ހައްޔަރު ކުރެވިފައި ބައިތިއްބާ މީހުންނަކީ އެމީހުންގެ ސާހިބުނަނަށް ޚިދުމަތް ކުރަންޖެހޭ މީހުންނެވެ. މިއީ ގައިމުވެސް އެންމެން ދަންނަ ކަމެކެވެ.”

ﷲތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. *فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَاللَّـهُ * (ސޫތަރުއް ނިސާ 34) މާނައީ: “ފަހެ ހެޔޮލަފާ އަންހެނުންނަކީ (މާތްﷲއަށާއި އެބައިމީހުންގެ ފިރިންނަށް) ކިޔަމަންތެރި އަންހެނުންނެވެ.ރައްކާތެރި ކުރުމަށް ﷲ އެންގެވި ކަންތައްތައް ސިއްރުގައިވެސް ރައްކާތެރިކުރާމީހުންނެވެ.” (އެއީ ފިރިންގެ ޣައިރުޙާޟިރުގައި އެކަނބަލުންގެ ޢިއްފަތްތެރިކަމާއި ފިރިންގެ މުދަލަށް ރައްކާތެރިވުމެވެ.) “މި އާޔަތުން އެނގޭ ގޮތުގައި ފިރިމީހާއަށް ޚިދުމަތް ކޮށްދިނުމަކީ އަނބިމީހާއަށް ވާޖިބުވެގެންވާކަމެކެވެ. އެގޮތުން ފިރިމީހާއަށް ޚިދުމަތްކުރުމާއި، އޭނާއާއެކު ދަތުރުކުރުމާއި، ކޮންމެ ހިނދެއްގައިވެސް ފިރިމީހާއަށްޓަކާ ތައްޔާރަށް އޭނާގެ ޚިދުމަތުގައި ހުރުމާއި މިފަދަ ކަންކަމެވެ. އެއީ ކުރީގައި އޭނާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ކިޔަމަންތެރިވުން ވާޖިބުވީ ފަދައިންނެވެ. އަދި އޭރު އެމީހުންނަށް އޮތް ކިޔަމަންތެރިކަން މިހާރު މިވަނީ ފިރިމީހާއަށް ނަގުލު ވެފައެވެ”

ނުނިމޭ!

މަޢުލޫމާތުނަގާފައިވާ ފޮތް “ޞާލިޙް އަނބިމީހާ”

ގުޅުންހުރި

2 ޚިޔާލު

  1. ނުނިމޭޭތީ ވަރަށް ދެރަވޭ. ލިޔުން ވަރަށް ފުރިހަމަ

  2. ލިޔުން ކިޔާހިތުން ޟަަަައުޤުވެރިކަމާއެކު ކިޔަނިކޮށް ނިމުނީ. ކޮންއިރަކުން އަނެއްބައި؟

Your email address will not be published. Required fields are marked *

More in ރިޕޯޓް