ޢަބްދު ﷲ ބިންޢަމްރު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ﷲގެ ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "މިދުނިޔޭގައިވާ ހުރިހާ ތަކެއްޗަކީ އިންސާނާގެ ބޭނުމަށްޓަކާ ﷲ ލައްވަވާފައިވާ ތަކެއްޗެވެ.އަދި އެހުރިހާ ތަކެތީގެ ތެރެއިން އެންމެ ހެޔޮ އެއްޗަކީ ޞާލިޙު އަންބެކެވެ."
ސަޢުދު ބިން އަބީވައްޤާޞް ރަޟިޔަ ﷲޢަންހު ވިދާޅުވިއެވެ. ﷲގެ ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ."ހަތަރު ކަމެއް ބާއްޖަވެރި ކަމުގެ ތެރެއިން ވެއެވެ.ޞާލިޙު އަންބެކެވެ.ތަނަވަސް ވެގެންވާ ގެދޮރެވެ.ހެޔޮލަފާ އަވައްޓެރިއެކެވެ.އަދި ހިތް ހަމަ ޖެހޭ ސަވާރީއެކެވެ.އަދި ހަތަރު އެއްޗެއް އަބާއްޖަވެރިކަމުގެ ތެރެއިން ވެއެވެ.ނުބައި އަވަށްޓެރިއެކެވެ.ނުބައި އަތްބެކެވެ.އުނދަގޫ ސަވާރީއެކެވެ.އަދި ތަންދަތި، އުނދަގޫ ގެދޮރެވެ."
ޘައުބާން ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ."ރަނާއި ރިއްސާއި ބެހޭގޮތުން ވަޙީބާވާލެއްވުނު ހިނދު (ތައުބާސޫރަތުގެ 34 ވަނަ އާޔަތް) އެބައިމީހުން ބުންޏެވެ.'އަހަރުމެން ހޯދަންވީ ދެން ކޮންކަހަލަ މުދަލެއް ހެއްޔެވެ؟' އެހިނދު ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ.'އަހަރެން ތިކަން ކަލޭމެންނަށް ބަލައިދޭނަމެވެ. މިހެން ވިދާޅުވެފައި އެކަލޭގެފާނުގެ ޖަމަލުމައްޗަށް ސަވާރުވެ ވަޑައިގެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އަދި ތިމަން ކަލޭގެފާނުވެސް ޢުމަރުގެފާނުގެ ފަހަތްޕުޅުން ވަޑައިގަތީމެވެ.ދެން ޢުމަރުގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم އަށް ވިދާޅުވިއެވެ.'އޭﷲގެ ރަސޫލާ صلى الله عليه وسلم އެވެ.އަޅުގަނޑުމެން ހޯދަންވީ ކޮންކަހަލަ މުދަލެއްތޯއެވެ.'ދެން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.'ތިޔަބައިމީހުން ޝުކުރުވެރި ހިތެއް ހޯދާށެވެ. ﷲގެ އިސްމުފުޅު ޛިކުރުކުރާދުލެއް ހޯދާށެވެ. އަދި މުއުމިނު އަތްބެއް ހޯދާށެވެ.އެއަތްބަކީ ތިޔަބައިމީހުންނަށް އާޚިރަތް ކާމިޔާބު ކުރުމުގައި އެހީތެރި ވެދެވޭފަދަ މީހެކެވެ'"
ޞާލިޙު އަންބަކީ ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ފަދައިން ފެށުނީއްސުރެ ޞާލިޙު މީހަކަށް ވާން ޖެހެއެވެ.އަބޫހުރައިރާ ރަޟިޔަﷲޢަންހު ރިވާކުރެއްވި ފަދައިންނެވެ.ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ."އަންހެނާއާއި ކައިވެނި ކުރެވެނީ ހަތަރު ސަބަބަކަށް ޓަކައެވެ.އޭނާގެ ޙަސަބާއި ނަސަބަށްޓަކައެވެ.އަދި އޭނާގެ ރީތިކަމަށްޓަކައެވެ.އަދި އޭނާގެ ދީންވެރި ކަމަށްޓަކައެވެ.ފަހެ ދީންވެރި އަންހެނާއާއި ކައިވެނި ކުރުމުންކާމިޔާބު ލިބިގަންނާށެވެ."
އަލްޙާފިޘް އިބުނު ޙަޖަރު އިސްވެ ދެންނެވުނު ޙަދީޘާއިމެދު ވިދާޅުވިއެވެ."އޭގެ މާނައަކީ މީހަކަށް ކަމުދާ ސިފައަކަށް ދީނީ ހަމައަކުން ބަލާނަމަ އެއީ ރިވެތި ސުލޫކެވެ.ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ޚާޞަކޮށް ތިމާގެ ޙަޔާތާއިގުޅިގެންދާ ކަންކަމުގައި ބެލުމުގެ މުހިންމުކަން އަންގައިދީފައި ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ދިރިއުޅުމަށް ދީންވެރި އަންހެނަކު އިޚުތިޔާރު ކުރުމަށް އަމުރު ކުރައްވާފައިވަނީ އެސަބަބަށްޓަކައެވެ.އެހެނީ ތިމާގެ މުޅި ޙަޔާތުގެ މަޤުޞަދަކީ ދީންވެރި އަދި ހެޔޮލަފާ ދިރިއުޅުމެއް މިދުނިޔޭގައި ހޭދަ ކުރުންކަމުގައި ވާތީއެވެ."
މަޢުލޫމާތު ނަގާފައިވާ ފޮތް: ޞާލިޙް އަނބިމީހާ
ކޮމެންޓް (0)
ލޯޑް ކުރަމުން...