އިސްލާމީ ވެބްސައިޓެއް ކަމަށް ދަޢުވާ ކުރާ ވެބްސައިޓަކުން ފެނުނު ލިޔުމެކެވެ. ލިޔުމުގެ މައުޟޫޢަކީ " ލޯބިވެރިޔާގެ ހިތް ފަތަޙަކޮށްދޭ ދިހަ ނަސޭހަތް" މިއެވެ.
މި ނަސޭހަތްތަކުގައި ވަނީ އަންހެން ކުދިންގެ މެދުގައި މަޤްބޫލު މީހަކަށް ވުމަށްޓަކައި ބޭނުންވާ އުކުޅުތަކުގެ ވާހަކައެވެ. "ތިބާގެ ލޯބިވެރިޔާ ތިބާއަށް ބޭނުންވާ ހިނދު، އޭނާ އިހުމާލުކޮށްނުލާށެވެ!" މިވެސް އޭގައި ދީފައިވާ ނަޞޭޙަތެކެވެ. އަދިވެސް ވެއެވެ. "ތިބާގެ ލޯބިވެރިޔާ ދެކެ ތިބާ ލޯބިވަނީ ކިހާވަރަކަށް ކަން ބުނެދޭއިރުގައި ނޫނީ، ތިބާގެ ލޯބިވެރިޔާ ތިބާދެކެ ލޯބިވަނީ ކިހާވަރަކަށްތޯ ނާހާށެވެ!" މިވެސް "ނަޞޭޙަތެކެވެ". "ތިބާގެ ލޯބިވެރިޔާ ތިބާއާ ބައްދަލުވެއުޅޭއިރު، ބާރަށް ހީނހަދާނަމަ އެއީ އޭނާ ތިބާއާ ފިކުރާވާކަމުގެ ނިޝާނެކެވެ. ނޫންނަމަ އޭނާ ހިތުގެ އަޑިން ތިބާއާ ފިކުރާނުވަނީ އެވެ." އަދިވެސް މިފަދަ އެތައް "ނަޞޭޙަތެއް" ބަޔާންކޮށްފައިވެއެވެ.
އުކުޅުތައް ގޯހޭކޭ ނުދަންނަވާނަމެވެ. އުކުޅުތައް މޮޅެވެ. އަންހެން ކުއްޖާގެ ހިތް ފަތަޙަވެސް ކޮށްލެވިދާނެއެވެ. ނަމަވެސް، ސުވާލަކީ، މި އުކުޅުތައް ބޭނުން ކުރެވޭނީ އިސްލާމީ މިންގަނޑުންތޯއެވެ؟ ނުވަތަ ދީނީ މިންގަނޑުން ބޯ ދަމައިގެންތޯއެވެ؟ އަޅުގަނޑަށް ދެންނެވެން އޮތީ މި އުކުޅުތައް ތަންފީޒު ކުރެވޭނީ ކުޑަކޮށް ދީނީ މިންގަނޑަށް މަކަރު ހަދައިގެން ކަމެވެ.
މި މަޒުމޫނު ކިޔައިފައި އަޅުގަނޑުގެ އެކުވެރިއެއް ފޭސްބުކުގައި ލިޔެފައިވެއެވެ. ތިޔަ އޮތީ ލޯބީގެ ދަރުބާރު އެއްކޮށް ކުޅެފައި ނޫން ހެއްޔެވެ؟ އަޅުގަނޑަށް ބުނެވޭނީ، އާނ! ތިޔަ އޮތީ ލޯބީގެ ދަރުބާރާއި ކަސޯޓީއާއި ލަވްލަވް ވެސް ކުޅެފައެވެ.
އިސްލާމްދީނުގައި ހަމައެކަނި ޒިނޭ ޙަރާމް ކުރެއްވީކީއެއް ނޫނެވެ. ޒިނޭ ޙަރާމްކުރެއްވުމާ ގުޅިގެން އެކަމަށް ވާޞިލުކޮށްދޭނެ ހުރިހައި މަގެއް ވެސް ބަންދު ކުރެއްވިއެވެ. އެގޮތުން، އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ ބެލުން ތިރިކުރުމަށްވެސް ވަނީ ޤުރުއާނުގައި އަމުރު ކުރައްވާފައެވެ. އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ފުރަތަމަ ނަޒަރަކީ މާފު ވެގެންވާ ނަޒަރެކެވެ. ދެވަނަ ނަޒަރަކީ ޙަރާމްވެގެންވާ ނަޒަރެކެވެ. ސަބަބަކީ ފުރަތަމަ ނަޒަރަކީ ބޭއިޚްތިޔާރުގައި ދެވޭ ނަޒަރެކެވެ. ނަމަވެސް، ހިލޭ އަންހެނަކަށް އެއްވެސް އެހެން ސަބަބަކާ ނުލައި ދެވޭ ދެވަނަ ނަޒަރަކީ ޝަހުވާނީ ނަޒަރެކެވެ. މިއީ އިންސާނީ ތަޖުރިބާވެސް މެއެވެ.
އިސްލާމްދީނުގައި އަންހެނާއަކީ ލަދުރަކި މީހެކެވެ. ޢިއްފަތްތެރި މީހެކެވެ. ހިލޭ ފިރިހެނުން ކުރިމަތީގައި އެކަނބުލޭގެ ހީ ސަމާސާކޮށް ސަކަރާތް ޖެހުމަކީ މި ދީނުގައި ލަދުހުތުރު ގޮތެކެވެ. އެއީ އިންސާނީ ޠަބީޢަތްވެސް މެއެވެ. އެއްވެސް މީހަކު، އޭނަގެ ދައްތަ ނުވަތަ އަންހެން ކޮއްކޮ، ހިލޭ ފިރިހެނެއްގެ ކުރިމަތީގައި ހީ ސަމާސާކޮށް ސަކަރާތް ޖަހައި، އެކަކު އަނެކަކުގެ "ހިތް ފަތަޙަ" ކުރަން އުޅޭ ތަން ބަލާކަށް ބޭނުމެއް ނުވާއެވެ. އެފަދަ ކަމެއް ބޭނުންވާ މީހަކީ، އެމީހެއްގެ ހިތުގައި ދީނީ ޣީރަތްތެރިކަމުގެ ކުލަވެސް ޖެހިފައި ނުވާ މީހަކެވެ.
ލޯބިވެރިންނޭ ކިޔާފައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން އުޅޭ ގޮތް އަޅުގަނޑުމެންނަށް ފެނެއެވެ. މިއަދު ލޯބިވެގެން އުޅޭ މީހާ، މާދަމާ ކަމަކު ނުދެއެވެ. މައްސަލަ ޖެހެނީއެވެ. މައްސަލަ ޖެހުނީމައި ރުޅިވަނީއެވެ. ދެން އެހެން މީހަކާ ލޯބީގެ ގޮތުން ގުޅެނީއެވެ. މި ގޮތަށް ކިތައް ލޯބިވެރިންނާ "ލޯބި" ކުރެވޭތޯއެވެ؟ ކިތައް ހިލޭ ފިރިހެނުންނާ ހީ ސަމާސާ ކުރެވޭތޯއެވެ؟ ނަމަވެސް، މިހުރިހައި ޤުރުބާނީއެއް މިވަނީ މިޒާޖާ ގުޅޭ، ހެޔޮ ލަފާ މީހެއް ހޯދުމުގެ ނަމުގައެވެ.
ފުރަތަމަ ކޮޅު، މިޒާޖާވެސް ގުޅެއެވެ. ލޯބިވެސް ވެއެވެ. ހިތް ފަތަޙަވެސް ވެއެވެ. ނަމަވެސް، ދުވަސްކޮޅަކުން، ފޫހީވެއެވެ. ނުވަތަ އަސްލު ބުރު ސޫރަ ފެނެއެވެ. އަސްލު އުޅުމާ ގުޅުން އެނގެއެވެ. މިހިސާބަށް ދާއިރު އޮންނަނީ ނުވާންވީ ކަންތައް ވެފައެވެ. ދެން ދުރުވާންވެސް އުދަނގޫވެއެވެ. އިންތިހާއަށް ލޯބިވާތީއެވެ. ނަމަވެސް، ރުޅިވެ، ރައްޓެހިވެ، އަނެއްކާވެސް ރުޅިވެ، އަނެއްކާވެސް ރައްޓެހި ވުމުގެ ސިލްސިލާއަކަށްފަހު، މުޅިން ދެމީހުން ވަކިވެއެވެ. ދެން އެހެން މީހަކު ހޯދައެވެ. ހޯދިއަސް ފުރަތަމަ މީހާއަށް ދެވުނު ލޯތްބެއް ނުދެވެއެވެ. ފުރަތަމަ މީހާ ކުރި ފަތަޙަ ހިތު ތެރެއިން ނަފީވެގެނެއް ނުދެއެވެ.
މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޒުވާން ކުދިން އުޅޭ ހާލެވެ. މިއީ ދީނާ ދުރުވެވުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންކަމެވެ. ޒަވާޖީ ޙަޔާތެއް ފަށާ އިރު ޢިއްޒަތާއި ޢިއްފަތަކީ އޮންނަ އެއްޗެއް ނޫނެވެ. ލަދުވެތިކަމާއި ލަދުރަކި ކަމަކީ ހުންނަ ސިފަތަކެއް ނޫނެވެ.
އިސްލާމްދީނުގައި ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާ ޒުވާނުންނަށް ހިނގަން ޖެހޭ މަގުތަކެއް ދަސްކޮށްދީފައިވެއެވެ. އެގޮތުން، ފުރަތަމަ ކަމަކީ، އޭނަގެ ހިތް ނިޔަތް އިޞްލާޙު ކުރުމެވެ. މިކަމަކީ މާތް ﷲ އަށްޓަކައި ކުރާ ކަމަކަށް ހެދުމެވެ. އިސްލާމީ މަތިވެރި ޖީލެއް ބިނާކުރުމަށް ކުރެވޭ ކަމަކަށް ހެދުމެވެ. ތިމާގެ ޢިއްފަތާއި ޤަދަރު ހިފެހެއްޓުމަށް ކުރާ ކަމަކަށް ހެދުމެވެ. ފާފަތަކުން ދުރުވެ ހުރުމަށް ކުރާ ކަމަށް ހެދުމެވެ.
އެއަށްފަހު، ރަނގަޅު ކުއްޖަކު ހުރީ ކޮން ދިމާލަކުތޯ ބަލަންވީއެވެ. ދީންވެރި ކުއްޖެއްތޯ ބެލުން އެއީ ފުރަތަމަ ފިޔަވަޅެވެ. ދެވަނައަށް ރީތި ކަމަށްވެސް ބެލެވިދާނެއެވެ. ތިމާ އެކަމަށް ބޭނުންނަމައެވެ. އެއަށްފަހު، އެކުއްޖާގެ މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މިޒާޖަކީ ކޮބައިކަން އޭނަގެ ޢާއިލީ މީހުންނާއި ރައްޓެހިން ކައިރިން އޮޅުން ފިލުވި ދާނެއެވެ. ތިމާ ބޭނުންވާ ފީތާއިން ބެލުމަށްފަހު އަދި ކިރާ މީޒާނުން ކިރުމަށްފަހު، ކުއްޖާ ކަމުދާނަމަ، އެކުއްޖާގެ މައިންބަފައިންނަށް ހުށަހަޅަންވީއެވެ. އަދި މައިންބަފައިން ޤަބޫލުނަމަ، ކުއްޖާ ރުހޭތޯ ބަލަންވީއެވެ. މިކަމުގައި ތިބާގެ ވަނަވަރު އޭނައަށް ސާފުވާން ޖެހޭނެއެވެ. ތިބާއާ ބެހޭ މަޢުލޫމާތު އެހެން މީހުން ކައިރިން އެހުމަށް ފުރުޞަތު ދޭންވާނެއެވެ. ދެމީހުން އެކަކު އަނެކަކަށް ރުހުން ދިނަސް، ދެ ލޯބިވެރިންނަށް ވީކީއެއް ނޫނެވެ. އަދި ބޯއިފުރެންޑް ނުވަތަ ގާރލް ފުރެންޑަށް ވީކީއެއްވެސް ނޫނެވެ. ތިއީ ހިލޭ ދެމީހުންނެވެ. ކައިވެނީގެ ގޮށުން ގޮށް ޖެހެންދެން، ދީނީ މިންގަނޑުގައި ހިފަހައްޓަން ޖެހޭނެއެވެ.
ދީނީ މިންގަނޑަކީ، ހީ ސަމާސާ ކުރުމާއި ބޭކާރު ވާހަކަތައް ދެއްކުމުން ދުރުވުމެވެ. ދެމީހުން އެކަހެރިވެ ބައްދަލު ނުކުރުމެވެ. މަހުރަމަކު ހުރެގެން މެނުވީ ފޯނުންވެސް ވާހަކަ ނުދެއްކުމެވެ. ދެމެދުގައި ކޮންމެހެން ދައްކަން ޖެހޭ ވާހަކަތަކާއި ހެޔޮ ނަޞޭޙަތާއި ކައިވެނީގެ ޕޮރުގްރާމްގެ ވާހަކަތައް ދެއްކިދާނެއެވެ. ނަމަވެސް، މަހުރަމެއްގެ ޙާޟިރުގައެވެ. މިގޮތަށް ފެށޭ ޒަވާޖީ ޙަޔާތެއްގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމާމެދު ޝައްކެއްނެތެވެ. ޒަވާޖީ ޙަޔާތެއްގެ މަޤްސަދަކީ މިއީ ނޫންތޯއެވެ؟
ނިންމާލަމުން ދަންނަވާލަން އޮތީ، ދީނީ ވެބްސައިޓްތަކުގެ ނަމުގައި ހިންގާ ވެބްސައިޓްތަކުން މިކަހަލަ ނޭދެވޭ މަޒުމޫނުތައް ނުޖެހުމެވެ. އިޞްލާޙުގެ ނަމުގެ ފިތުނަވެރިކަމަށް މަގު ކޮށައި ނުދޭށޭއެވެ. މަގު ފުރެދި އަދި މަގު ފުރައްދާ ބަޔަކު ކަމުގައިވެސް ނުވާށޭއެވެ. މާތް ﷲ އަށް ބިރުވެތިވާށޭއެވެ.
*************
ނޯޓް: އަޅުގަނޑު މި މަޒުމޫނު ލިޔުނުތަނާ ގާތްގަޑަކަށް އެއް ދުވަސް ފަހުން، އެ ސައިޓުން ވަނީ އަޅުގަނޑު ޢިޝާރާތްކުރި މަޒުމޫނު ނަގާފައެވެ. ވުމާއެކު، އެބޭފުޅުންނަށް މަރުޙަބާ ކިޔަމެވެ. އެބޭފުޅުން އެ ދެއްކެވީ ރީތި ނަމޫނާއެއް ކަމުގައިވެސް ބަލައިގަންނަ ވާހަކަ އުފަލާއެކު ދަންނަވަމެވެ. މާތް ﷲ އަޅުގަނޑުމެންނަށާއި އެބޭފުޅުންނަށް ދީނުގައި ސާބިތުވުމުގެ ތައުފީޤު ދެއްވާދޭއެވެ. އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...