ތުރުކީވިލާތަކީ އިޒްރޭލްގެ ވަރަށް ޒަމާންވީ އެކުވެރިއެކެވެ. ނަމަވެސް މިއަދު އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކާއި މުސްލިމުންނާމެދު ގެންގުޅޭ ނޭއްގާނީ ސިޔާސަތަށް އިންކާރުކޮށް މިދިޔަ ހުކުރުދުވަހު އާދެ 2 ސެޕްޓެމްބަރ 2011 ވީ ހުކުރުދުވަހު އިސްތަންބޯލްގައި ހުންނަ އިޒްރޭލްއެމްސެޑަރު އެރަށުން ފޮނުވާލައިފިއެވެ. އަދި ތުރުކީވިލާތާއި އިޒްރޭލާ ދެމެދުގައި ކުރެވޭ ޑިޕޮލަމެޓިކް މަސައްކަތްއޮންނާނީ ދެވަނަ ދަރަޖައިގެ ސެކެއްޓެރީން ފެންވަރުގައި ކަމަށް ވަނީ ނިންމާފައެވެ. ސަބަބަކީ 2007 ސުރެ އިޒްލުން ޙިޞާރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ގެންލުންތަކެވެ. އިޒްރޭލްގެ ޙިސާބުރުގެ ސަބަބުން އުފެއްދުންތެރިކަމުގެ ކުޅަދާނަކަން ލިބިފައިވާ އެތައްބަޔަކު ނިހާޔަތަށް ދަތިކަމާއި ފަޤީރުކަމުގައި ދިރިއުޅެއްޖެހިފައިވާއިރު 2010 ގެ ފަހުކޮޅުންސުރެ ޣައްޒާގެ ރައްޔިތުންގެ 45.2% މީހުން ވަނީ މަސައްކަތްނެތިފައިކަމަށް ފަލަސްތީނުގެ ރެފިއުޖީންގެ މަސައްކަތާއި ރިލީފްގެ ކަންތަކާ ބެހޭ އެޖެންސީންވަނީ ހާމަކޮށްފައެވެ. ނަމަވެސް މިއަދަދަކީ ފާއިތުވެ ދިޔައ ދެއަރާ އަޅާބަލާއިރު ދަށްއަދަދެއްކަމަށްވެސް އެ އެޖެއްސީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އިޙުސާންތެރިންގެ އެހީއަށް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެންދިޔަ ބޯޓަށް ހުރަސްއަޅައި ތުރުކީ ވިލާތުގެ މަދަނީ 9 މީހުން މަރާލުމެވެ. އެ ހަރުދަނާ ފިޔަވަޅަށްޓަކައި ތުރުކީގެވެރިންނަށް އިސްލާމީ ދައުލަތްތަކުން މަރުޙަބާކިޔާލެއް މަދުކަމުގައިވިޔަސް އިސްލާމީޙަރަކާތްތަކުން އަދި ޣައްޒާއިން އަންނަނީ މަރުޙަބާކިޔަމުންނެވެ. ޖޯޑަންގެ އިޚްވާނުލް މުސްލިމޫންގެފަރާތުން މިޞުރަށާއި ޖޯޑަންނަށް ގޮވާލައިފައިވަނީ އެދެ ޤައުމުންވެސް ތުރުކީވިލާތުގެ ނަމޫނާގައި ހިފައި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުމަށެވެ. އެހެންނަމަވެސް މިދެ ޤައުމުގެ ފިޑި ޚާރިޖީ ޢަމަލުތަކަށް ބަލާއިރު އެއީ ވަރަށްދުރުކަމެކެވެ. މިޞުރުގެ ސީނާ ބޯޑަރުގައި އިޒްރޭލުން ބޭނުންވާ ކޮންމެ ވަގުތެއްގައި މިސްރުގެ ސިފައިން އަދި މަދަނީ މީހުން މަރައެވެ. އަދި މެރުމަށްފަހު އެކަމާދެރަވެއްޖެކަން ފޯނުން ނުވަތަ ނޫވެރިންނާ ބައްދަލުކޮށްފައި ބުނެއެވެ. ތުކި ކިޔައެވެ. ސޮރީއެވެ. ނަމަވެސް އެއީ ކުށެއްކަމަށް ނުދެކެއެވެ. ބަޔަކު މަރުވީތީ ހިތާމަކުރާކަން ހާމަކޮށްލައެވެ.
މިހާރު ތުރުކީވިލާތުން ނިންމާފައިވަނީ މެދުއިރުމަތީގައި އިޒްރޭލްގެ ނޭއްގާނީ ޢަމަލުތައް މައިތިރިކުރުމަށްޓަކައި އެ ވިލާތުގެ ކަޑުގެ ސިފައިންގެ ޕެޓްރޯލްކުރުން އިތުރުކުރުމަށެވެ. ހަމައެހެންމެ އިންސާނީ އެހީ ހިފައިގެންދާ ބޯޑުފަހަރާއެކުގައި ތުރުކީގެ ކަޑުގެ ސިފައިންވެސް ދަތުރުކޮށްދިޔުމަށެވެ. މީގެ އިތުރުން މި ޙިޞާރުގެ މައްސަލައިގެކަންތައް ތަޙްޤީޤުކުރުމަށްޓަކައި ބައިނަލްއަޤުވާމީ އިންސާފުގެ ކޯޓަށް މިހަފްތާގައި ހުށަހެޅުމަށްވެސް ނިންމާފައިވެއެވެ. މިކަމާގުޅިގެން އިޒްރޭލްގެ ނޫސްތަކުގައި ހާމަކޮށްފައިވަނީ ތުރުކީވިލާތުގެ އެފިޔަވަޅަކީ އިޒްރޭލަށް އެއްވެސް އަސަރެއް ފޯރާނެ ކަމެއްނޫންކަމުގައެވެ. މިއީ ޙަޤީޤަތުގައިވެސް ތެދަކަށްވެދާނެވެ. އެއީ އެކުވެރިދައުލަތްތަކުގެ ޖަމުޢިއްޔާކަމުގައި ނަންސިފަކުރާ އދ އިން އިޒްރޭލްގެ ނޭވީންގެ ނޭއްގާނީ ޢަމަލުތަކާމެދު ބުނެފައިވަނީ އެޙިޞާރަކީ އިޒްރޭލްގެ އަމަންއަމާންކަމަށްޓަކައި ޖާއިޒު އަދި ބައިނަލްއަޤުވާމީ ޤާނޫނު ތަންދޭކަމެއްކަމުގައެވެ. މާނައަކީ ފަލަޞްޠީނުގެ ޣައްޒާގައި ތިބިހާބަޔަކު އިންސާނީ އެހީއަށް ޖެހިގެން ހަލާކުވެދިޔުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަންދޭގޮތުން އެންމެރަނގަޅުކަމެކެވެ. އެހެންނަމަވެސް ޢަރަބިންގެ ޙައްޤުފޭރިގަނެގެން ދައުލަތެއް ހަދައި އިޒްރޭލޭ ކިޔައިގެން އުޅޭ ދައުލަތް ރައްކާކުރުމަކީ ބައިނަލްއަޤުވާ ޤާނޫނުގައި ޟަރޫރީ ބޭނުމެއްކަމެވެ. އަަޅެފަހެ، ކޮން ކަހަލަ އިންސާފުވެރި ޤާނޫނެއް ބާވައެވެ. މިކަހަލަ އިންސާފުވެރިކަމެއް ހައިވާނުބަގީޖާއެއްގައި ހައިވެފައިއޮތް ސިންގާއަކު އިންސާނަކާ މެދުގައި މީގެ ދުވަސްކޮޅެއް ކުރިން ދައްކާފައިވެއެވެ. އެއީ އެ އިންސާނާ ރޮލުންކާލުމެވެ. ބަލަންތިބި މީހުންނަށް ކުރެވުނު މާބޮޑުކަމެއްނެތެވެ. ސަލާމަތް ކުރެވުނީ ހަށިގަނޑުން އެއްބައިމަދު ފުރާނަނަނެއް ހަށިގަނޑެކެވެ.
ކޮންމެ ގޮތަކަށް ކަންތައް އޮތްކަމުގައިވިޔަސް ތުރުކޫވިލާތުން އެބައިމީހުން ސީރަތު އަބުރާގެންނަން ފަށައިފިކަމުގައި ބުނެވިދާނެވެ. އިސްލާމީ ޚިލާފަތުގެ ބަލިކަށިދުވަސްވަރުވެސް ތުރުކީވިލާތުގެ ޢުޘްމާނީ ޚިލާފަތުންވަނީ ފަލަސްތީނާމެދު ފަޚްރުވުން ޙައްޤު މަވްޤިފެއް އިޚްތިޔާރުކޮށްފައެވެ. މިއަދު އުރުދުޣާން އެ ސީރަތު އަބުރާގެންނަނީއެވެ. މިދާކަށްދުވަހު ޕޯލަންޑްގައި ޔޫރަޕިއަން ޔޫނިޔަންގެ ފޮރިންމިނިސްޓަރުންގެ ބައްދަލުވުން ހިނގަމުން ދިޔައިރު ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ އަޙްމަދު ދާވޫދު އޯޣްލޫ ތުރުކީ ޓީވީއަށް ހާމަކޮށްދިނީ ތުރުކީވިލާތުން ފަލަސްތީނުގައިވާ ޒާތީވެރިކަން މިނިވަން ދައުލަތެއްގެ ގޮތުގައި އދ ން ޤަބޫލުކުރުވުމަށް ފަލަސްތީނުގެ ސިޔާސީ ފަރާތްތަކުން ކުރާމަސައްކަތް ކާމިޔާބުކުރުމަށްޓަކައި ހުރިހާއެހީއެއްވެދޭނެކަމުގައެވެ. މިކަމާދެކޮޅަށް ވަރަށްގިނަދައުލަތްތައް ނެގެހެއްޓުމަށްޓަކައި އިޒްރޭލުން މަސައްކަތް ކުރަމުންގެންދެއެވެ. އެކިކަހަލަ އެހީތަކާއި ވެދުންތައް ދިނުމަމަށް ނިންމަމުން ގެންދާއިރު އިސްލާމީ ދައުލަތްތަކުން ތުރުކީފިޔަވައި އެހެންދައުލަތެއް މިކަމާ ޙަރަކާތްތެރިވާތީއެއް ނުފެނެއެވެ. މިދަނޑިވަޅުގައި އުފެދޭ ސުވާލަކީ މިކަމާމެދު އދ ގައި ވޯޓްނަގާއިރު ދިވެހިޖުމްހޫރިއްޔާޖެހޭ ނީކޮށްކޮޅަކަށްބާވައެވެ؟ އިޒްރޭލްއެދޭގޮތަށް ފަލަޞްތީނު މިނިވަންދައުލަތަކަށް ވުމަށް ތާއީދުނުކުރާނީ ބާވައެވެ. ނޫންނަމަ ދެކޮޅުން ކެއުމުގެ ދެފުއްކެހެރި ސިޔާސަތުގައި ހިފާ ވަކިފަރާތަކަށް ނުޖެހެންވެގެން ވޯޓްނަގާދުވަހު ޖަލްސާއަށް ޙާޒިރުނުވާނީ ބާވައެވެ؟
ޖުމުލަގޮތެއްގައި މިހާރުގެ ޚާރިޖީ ސިޔާސަތަކީ އިސްލާމީ އުންމަތުގެ ދުޝްމަނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެކެވެ. ޑރ ޝަހީދުގެ ވަޒީރުކަމުގައި ހިނގާދިޔަކަންތައް ތިޔަބޭފުޅުން މިހާރު ކިޔައިފީމުއެވެ.
އިޒްރޭލް އުފެދުނީ ދިވެހިރާއްޖޭވޯޓަކުންނެވެ. އެކަންކުރި ފަރާތް މިހާރުބުނެވޭގޮތުގައި ވަނީ ދިވެހިރާއްޖޭގެ ޚާރިޖިއްޔާގައެވެ. ވީއިއިރު އެފަރާތުގެ ކުށް ފުއްސެވުމަށް ކައްފާރައެއްގެ މިފުރުޞަތުގެ ބޭނުންހިފިއްޔާވާނީ ކީއްބާވައެވެ. ތެދެކެވެ. ޕާރޓީގެ އެދުމާއިދިކޮޅުވީއެވެ. ނަމަވެސް އުންމަތުގެ އެހެންފަރާތްތަކުގެ ރުހުން ލިބުންގާތެވެ. މިހެންކަމުން އެފަރާތުން މިރަނުގެފުރުޞަތުގެ ބޭނުންހިފައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް ފެންނަކަމަށް ވޯޓްދޭން ދިވެހި ސަރުކާރަށް ބާރުއަޅާ އެކަންކާމިޔާބުކޮށްދީފިނަމަ ތާރީޚް އޭނާއަށް މާފުކުރާނެވެ. އެހެންނޫންނަމަ ހަމަކަށަވަރުންވެސް ތާރީޚްދެކޭނީ އެފަރާތަކީ އުންމަތުގެ ކުށްވެރިޔާކަމުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...