ރިޕޯޓް

އަންނަން އޮތް ބިރުވެރި ކަމެއްގެ ކޮޅުމަތި: ފުވައްމުލަކުގައި ދެ ފަޅު ރަށް އޮންނަ ކަމަށް ރައީސް ނަޝީދު ނިންމަވައި ޤަރާރު ކުރެއްވުން!

އިއްޔެ ހަވީރު ފުވައްމުލަކުގައި "ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ" މި ނަމުގައި ބޭއްވުނު ޖަލްސާގައި ރައީސް ނަޝީދު ވަނީ ފުވައްމުލަކު "ބިޅިފޭށި" ސަރަޙައްދާއި، "ތޫނޑު" ސަރަޙައްދަކީ، ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ޤަރާރު ކުރައްވާފައެވެ.

އަދި  ފަޅު ރަށުގައި ޓޫރިސްޓް ރިސޯޓް ބިނާ ކުރެވޭނެ ކަމަށާއި އެމަސައްކަތް މިއަންނަ ހަފުތާ ތެރޭގައި ސަރުކާރުން ފައްޓަވާނެ ކަމަށްވެސް ރައީސްވަނީ ޖަލްސާގައި ވިދާޅުވެފައެވެ. އަދި އެ ރިސޯޓުގެ މަސައްކަތް މިއަހަރު ނޮވެމްބަރު 11 އަށް ނިމޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާއަށްފަހު ފުވައްމުލަކު ރައްޔިތުންގެ ހިތު ތެރޭގައި ވަނީ ތަފާތު ޝުޢޫރުތަކެއް އުފެދިފައެވެ. ސަބަބަކީ ޒަމާނުއްސުރެ އެއް ރަށެއްގެ ގޮތުގައި އޮތް ފުވައްމުލައް އެކި އެކި ކަންކަމުގައި އެކި އެކި ރަށްތަކަކަށް ބަހާ ފޮތި ފޮތިކޮށްލެވުމުން ދާތީއެވެ. އެގޮތުން، ބޭއްވުނު ކައުންސިލް އިންޠިޚާބުތަކާ ގުޅިގެން އެރަށުގެ 8 އަވަށް ވަނީ 8 ރަށުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައެވެ. އަދި އިއްޔެ އެވަނީ އިތުރު ދެ ފަޅު ރަށް ވެސް އުފައްދާފައެވެ.

މިއާ ގުޅިގެން އޮންލައިން ނޫސްތަކުގައްޔާއި މަޝްހޫރު ފޭސްބުކުގައި ފުވައްމުލަކު ރައްޔިތުންނާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު އަޅުގަނޑު ކޮންމެވެސް ވަރަކަށް ދިރާސާކޮށްލީމެވެ. އެގޮތުން އަޅުގަނޑަށް ފާހަގަ ކުރެވިގެން ދިޔައީ މައިގަނޑު ތިން ކަމެކެވެ. ރައްޔިތުންގެ ޚިޔާލު ބެހިގެންވަނީ މައިގަނޑު ތިން ކަމަކަށެވެ.

އެއްބަޔަކު ބުނަމުން ދަނީ އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ އެއްފަސްގަނޑެއްގެ ގޮތުގައި އޮވެ، އެއްބައެއްވަންތަކަން ދަމަހައްޓަމުން އަންނަ ބައެއް ކަމުގައެވެ. އެހެންކަމުން، ބައިބައިވެ އެކިއެކި ރަށްތަކުގެ ގޮތުގައި ފުވައްމުލަކު ސިފަވެ، އެގޮތަށް މުޢާމަލާތް ކުރެވިގެން ދިޔުމަކީ މިބައިމީހުން އެދޭ ގޮތެއް ނޫނެވެ. އަދި މިކަމުގައި ރައްޔިތުންގެ ޚިޔާލަކަށް ނުވަތަ ވޯޓަކަށް ސަރުކާރުން އަހަން ޖެހޭނެ ކަމަށްވެސް މިބައިމީހުން ބުނަމުން ދެއެވެ. ސަބަބަކީ ތިނަދޫގައި ރަށުގެ ނަން ބަދަލުކުރުމާ ބެހޭގޮތުން ސަރުކާރުން ވޯޓު ނަގަން ނިންމުމާ ގުޅިގެނެވެ. އެހެންކަމުން، ފުވައްމުލަކަށްވެސް ސަރުކާރުން އެފަދަ ބޮޮޑު ނިންމުމެއް ނިންމާއިރު ރައްޔިތުންގެ ޚިޔާލައި ފިކުރާއި ވިންދު ސަރުކާރުން ބެލުމަކީ ޑިމޮކްރަޓިކް އުސޫލެއް ކަމުގައި ވާތީއެވެ. ކޮންމެއަކަސް މިބައިމީހުންގެ ވާހަކަތަކަށް މިއަށްވުރެ ގިނައެވެ.

ދެވަނަ ޚިޔާލަކީ ހަމަ ޙަޤީޤަތުގައިވެސް ބިރުވެރި ޚިޔާލެކެވެ. އެއްބަޔަކު ތުހުމަތު ކުރަނީ ފަޅު ރަށެއްގެ ގޮތުގައި ފުވައްމުލަކުގެ ދެ ސަރަހައްދު ކަނޑައަޅުއްވާ އެގޮތަށް ހަމަޖެއްސުމަކީ އަންނާން އޮތް މަކަރުވެރި ބިރުވެރި ކަމެއްގެ ޢަލާމަތްކަމުގައެވެ. އެއީ ފަޅު ރަށްރަށުގައި ތަރައްޤީ ކުރެވޭ ރިސޯޓުތަކުގައި ރަލާއި އޫރު މަސް ގެންގުޅުމުގެ ހުއްދަ އޮންނާނެތީއެވެ. އެހެންކަމުން، ރައީސް ނަޝީދުގެ މި ޤަރާރަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އެފަދަ ގޮތަކަށް ފަޅު ރަށް ކަމަށް ސަރަހައްދުތައް ކަނޑައެޅުއްވުމަށްފަހު ރަލާއި އޫރުމަހުގެ މުޢާމަލާތް އެތަންތަނުގައި ކުރުމުގެ ފުރުޞަތު ހުޅުވައިލުމަށް ސަރުކާރުން ފެއްޓެވި ކަމެއްގެ ގޮތުގައެވެ. އެހެނީ، ކުރީގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުން ވަނީ ޤާނޫނީ ގޮތުން މަނާކުރެވި، ރައްޔިތުންގެ މަޖިލީހުން އެކަމަށް ޤަރާރެއް ވެސް ފާސްކޮށްފައެވެ. ވުމާއެކު، ސަރުކާރުން އޭރު ވިސްނަމުން ދިޔަ ގޮތް ވަނީ މުޅިން ފޭލުވެފައެވެ. އެގޮތުން މިހާރު ލާމަރުކަޒީ އުޞޫލުން ސަރުކާރަށް ލިބޭ ބާރެއްގެ ދަށުން ކަމަށް ވިދާޅުވެ އެގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދު ފަޅު ރަށް ކަމުގައި ހިމަނުއްވައި އެތަންތަނުގައި ރިސޯޓު އެޅުއްވުމުން، ސަރުކާރުގެ ކުރީގެ ޕްލޭނަށް ކުރިއެރުން ލިބުނީއެވެ. މިއީ ފުވައްމުލަކުގައި ޤަރާރު ކުރެއްވި ޤަރާރުގެ ބޮޑު މަންޒަރުކަމަށް ގިނަ ރައްޔިތުންތަކެއް ދަނީ ފާޅުގައި ބުނަމުންނެވެ.

ކޮންމެއަކަސް ފުވައްމުލަކަށް ލިބިގެންވާ އެއް އަތޮޅެއްގެ އެއް ރަށެއްގެ ސިފަ ދެމި އޮތުމަށްވެސް ބޭނުންވާ ގިނަ ރައްޔިތުންތަކެއްގެ އެ ރަށުގައި މިކަމާ ދެކޮޅު ހަދަމުން އެބަ ދެއެވެ. އެބައިމީހުން ބުނަނީ މިއީ ރާއްޖޭގެ އެއްވެސް އަތޮޅަކަށް ލިބިގެންވާ ސިފައެއް ނޫން ކަމުގައެވެ. އެހެންކަމުން އެބައިމީހުން މިކަމަށް ފަޚުރުވެރިވާ ކަމަށެވެ. އަދި މި ސިފަ އެރަށުން ފުހެވިގެން ދިއުމަކީ އެބައިމީހުން ދުވަހަކުވެސް ތާޢީދު ކުރާނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން ރައީސްގެ މިޤަރާރާ ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންގެ ހާސްކަން ވަނީ އިތުރުވެގެން ގޮސްފައެވެ. ނަމަވެސް، އެއާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ސީދާ މިރަށަށް އައުމުގެ ކޮޅު މައްޗާ މެދުގައެވެ. މިއީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވެ ހާސްވާނެ ކަމެއްކަން ހަމަ ޔަގީނެވެ. އޮންލައިން ނޫސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މިކަމާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ. ބައެއްމީހުން ސިފަ ކުރަނީ މިއީ ވަރަށްވެސް މަކަރުވެރި ޤަރާރެއް ކަމުގައެވެ.

އެހެންކަމުން، މި ގޮތަށް، މީހުން އުޅޭ ބޮޑެތި ރަށްތަކުން ފަޅު ރަށުގެ ގޮތުގައި ސަރަހައްދު ކަނޑައެޅި، ރިސޯޓު ތަރައްޤީ ކުރެވި، އޫރާއި ރަލުގެ މުޢާމަލާތު ކުރެވިގެން ދިއުމަކީ ޙަޤީޤަތުގައިވެސް ދީނީ އަދި އިޖްތިމާޢީ މައްސަލައެކެވެ. މިކަމަކީ އެންމެ ހަރުކަށި ގޮތުގައި މަނާ ކުރެވެން ޖެހޭ ކަމެކެވެ. އެގޮތުން އަޅުގަނޑު ގޮވާލަނީ ހުރިހައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކަށް މިކަމުގައި ރައްޔިތުންގެ އަޑު ސަރުކާރަށް ފޮނުއްވާ ދެއްވާށޭއެވެ. އަދި މިކަމުގައި ތިޔަބައިމީހުންނަށް އިޙްތިޖާޖް ކުރެވުނު އެންމެ ހަރުކަށި އިޙްތިޖާޖެއް ކުރައްވާ ދެއްވާށޭއެވެ.

ގުޅުންހުރި

10 ޚިޔާލު

  1. މިހާރު ރާއްޖޭގައި ތިޔަބާވަތުގެ ޝުޢޫރުތައްދަނީ މަޑުމަޑުންދަށަށެވެ. އެހެންވީމާ އެބައިމީހުން ހަދާނެއެއްޗެއް ހަދާފައިދާފަހުން ބަޔަކުތެދުވުމަކުން އެކަމަކަށް އަންނާނެ ހައްލެއްއޮންނާނެ ކަމެއްކަމުގައި އަޅުގަނޑެއް ނުދެކެމެވެ. ތެދުވާނަމަ ލަސްނުކޮށް އަވަހަށް ތިޔަކަމުގެ ޝުޢޫރުހުރިގޮތް ހާމަކުރަން ޖެހޭނެއެވެ. ހަލުގެ ބާވަތްތަކާއި އޫރުގެ ބާވަތްތައް ހިމެނޭތަކެތި މިރާއްޖެއިން ފެންފަދައިން ލިބެންފަށާނެކަމުގެ ކޮޅުމަތި ފެންނަން ފެށީއެވެ. ތިމާމެންނަށް ބޮއިލައިގެން ފުއްދާލެވޭނަމަވެސް ރަނގަޅުތާ އެވެ. އެހެނެއް ނުވިއެވެ. ތިމާއާއިއެކު އެހެންބަޔަކުވެސް ބޯންބޭނުންވަނީތާއެވެ. ގިނައިން ބޯންދޭށެވެ. މިއަދު ބޯންދެވުނު އެއްޗެއް ބޯންދޭށެވެ. މާދަމާގެ މަތިންހަނދާން ނައްތާލާށެވެ. މާދަމައަކީ އަންނާނެދުވަހެއް ނޫނެވެ. އެގޮތަށް ހީކޮށްކޮށް ތިބޭށެވެ. ނަމަވެސް ތިމާގެ ލޮލުގެކުރިމަތީގައި ކޮންމެދުވަހަކު ނިމިގެންދާ ނިމުންތަކަށް ފުންކޮށްވިސްނާލައިގެން އުޅޭށެވެ.

  2. ކަލޭމެންގެ މަގުސަދުވެސް އޮޅިއްޖެ…..

  3. ވަރަށް ހިތްދަތި އަސަރުތަކެއް ކޮށްފި. ތިޔަ ތުނޑިއަކީ ފުވައްމުލަކުގައި ގުދުރަތީ ރީތިކަން އެންމެބޮޑަށް ތައްކައިދޭ ތަން. ބޭނުން ކޮންމެ އިރަކު އެތަނަށް ޖައްސާލާ އުފާވެރިކަމާ ހިތްހަމަޖެހުން އަޅުގަނޑުމެން ލިބިގަންނަމު. އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބަލަން ހިތްގައިމު ދޮންވެލިގަނޑުމަތީގައި އިށީދެގެންނާއި އޮށޯވެގެން ތިބެމު. ކުދި ރާޅުތަކާއި ބޮޑެތި ރާޅުތަކުގެ ޙަރަކާތްތައް ފޫހިކަމެއް ނެތި ބަލަން ތިބެމު. ހިޔާދޭ ގަސްތަކުގެ ދަށުގައި ދޮންވެލިގަނޑުމަތީ ނިދާފައި ތިބެމު. ޢާއިލާއާއި އެކު ހަފުތާ ބަންދުގައާއި ޢީދު ދުވަސްތަކުގައި ފިކުނިކު ދަތުރުދަމު. އެހެން ނަމަވެސް … އެމަންޒަރުތަކާއި ވަގުތުތައް އަޅުގަނޑުމެންނާއި ވަކިވާން ކައިރިވެއްޖެ. އަޅުގަނޑުމެންގެ ޙަޔާތުގައި ދެން ލިބެން ނެތްހެން ހީވާގޮތަކަށް. މުޙައްމަދު ނަޝީދެވެ. ފުވައްމުލަކުގެ ރައްޔިތުން ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. ފައިސާ ހޯދަނީވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަތުމަށެވެ. އެ ހިތްހަމަޖެހުން މިހާރު އަޅުގަނޑުމެން މި ލިބިގަންނަނީ އެއްވެސް ފައިސާއެއް ޚަރަދު ނުކޮށެވެ. އަޅުގަނޑުމެންނަކީ ޕިކުނިކް ދަތުރުތަކުގައި ފުރައިގެން ދާން ކައިރީގައި ފަޅުރަށްތަކެއް އޮތްބައެއް ނޫނެވެ. އަދި އަޅުގަނޑުމެން އަތުން އެތަން ތިޔަ އަތުލެއްވީ ހަމައަގު ދައްކަވާފައެއް ނޫނެވެ. އަދި ނުވެސް ދެއްކޭނެއެވެ. ބޭރު ފަރަންޖީންނާއި އެކުވެ، އެމީހުން ބިކިނީގައި އަޅުގަނޑުމެން ބުރުގާއަޅައިގެން ތިބޭތަން ދެކޭކަން ބޭނުމެއް ނޫނެވެ. އަޅުގަނޑުމެން ކުރުބާ ބޯއިރު އެމީހުން ބަނގުރާ ބޯންތިބޭތަން ދެކޭކަށްވެސް ބޭނުމެއް ނޫނެވެ. އަޅުގަނޑުމެންނަށް އެތަން ދެއްވާށެވެ. އެއީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ނިޢްމަތެކެވެ.

  4. ޝަފީޢުގެ ތިލިޔުމުގެ 1 ބަޔަށް ތާއީދުކުރެވެން އެބައޮތެވެ. އެއީ 2 ފަޅުރަށް އުފެއްދެވުމުގެ އެއްވެސް ބޭނުމެއްް ނުފެނެއެވެ. އެއީ ޒަމާނުއްސުރެ ފުވައްމުލަކަށް ލިބިފައިވާ ތާރީޚީ ރީތި ނަމާއި ފަޚުރު ގެއްލި ދިޔައީއެވެ. އެހެނަސް ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުން ފުވައްމުލަކަށް ގިނަ ގުނަ ފައިދާއާއި މަންފާ ލިބިގެން ދާނެއެވެ. މިކަމުގައި ޝާފިއުއާއި އަޅުގަނޑާއި ޚިޔާލު ތަފާތެވެ. ސަބަބަކީ ސިޓީ ހޮޓަލެކޭ ބުނާއިރަށް ހިތަށް މިވަދެގެންދަނީ އެތަނުން ބަނގުރާ އާއި އޫރުމަސް ލިބެން ހުންނާނެ ވާހަކައެވެ. ދަންނަވަންތޯއެވެ؟ ބަނގުރަލާއި އޫރުމަސް ނުލައިވެސް ހޮޓާ ހިންގޭނެއެވެ. މިރާއްޖޭގައިވެސް އޫރުމަސް ބޭނުން ނުކޮށް ރިސޯޓުތައް އެބަ ހިންގައެވެ. ހަމަ އެހެންމެ ބައެއްް

  5. ބައެއް ގައުމުތަކުގައިވެސް ބަނގުރަލާއި ނުލާ ބޮޑެތި ހޮޓާތައް އެބަ ހިންގައެވެ. ވީ އިރު އެތަންވެސް ބަނގުރަލާއި އޫރުމަސް ނުލައި ގެސްޓުން ގެނެސްގެން ނުހިންގެނވީ ސަބަބެއް ނެތެވެ. މިދެންނެވި ގޮތަށް ހިންގައިފިނަމަ ފުވައްމުލަކަށް ކިތަންމެހައިވެސް ފައިދާއެއް ވާނެކަން ކަށަވަރެވެ. ވީމާ އަޅުގަނޑަށްވެސް ތުނޑީގައި ސިޓީ ހޮޓަލެއް އެޅުމަށް ތާއީދުކުރެވެއެވެ. އަދި މިހިރީ އެކަމަށް ކެތް މަދު ވެފައެވެ.

  6. އަޙުމަދު، އަޅުގަނޑަށްވެސް ރިސޯޓްތައް ރަލާއި އޫރު މަހާ ނުލައި ދުނިޔޭގައި ހިންގާކަން އަދި ހިންގޭނެކަންވެސް އެނގެއެވެ. ނަމަވެސް، އަޙުމަދަށް ހަމަ ޔަޤީންތޯ، ފުވައްމުލަކުގައި އަޅަން އުޅެނީ އަލްކަހޯލް އަދި ޕޯކް ފްރީ ހޮޓަލެއްކަން؟… އެހެން ޔަޤީންވަންޏާ، އަޅުގަނޑުވެސް އެކަހަލަ ރިސޯޓެއް އެޅުމަކަށް ދެކޮޅެއް ނަހަދާނަމެވެ….

    ނަމަވެސް، މިތަނުގައި ސުވާލު އުފެދިގެން މި އުޅެނީ، އެހެން ސުވާލެކެވެ. ސުވާލަކީ، ފަޅު ރަށެއްގެ ގޮތުގައި އެތަން ހަމަޖެއްސުމުގެ މަޤްޞަދާ މެދުގައެވެ… ދެން، އެއާ ގުޅިގެން އަޅުގަނޑު ގެނެސްފައި އޮތީ، ރައްޔިތުންގެ ޚިޔާލެވެ… ބައެއް މީހުން ދެކޭ ގޮތުން އެކަމުގައި ފޮރުވިފައިވާ މަޤްޞަދެއް އެބައޮތެވެ… އެއީ އެތަން ފަޅުނުކުރާހާ ހިނދަކު އެތަނުގައި ރަލާއި އޫރުމަހުގެ މުޢާމަލާތު ކުރުން ޤާނޫނީ ގޮތުން ހުއްދަ ނުވާނެކަމެވެ… އެހެންކަމުން، ފަޅު ކޮށްލުމުން، އެފަދަ މުޢާމަލާތްތައް ހުއްދަ ވެގެން ދާނެއެވެ… އަޅުގަނޑު ކަންބޮޑުވާ ކަމަކީ މިއީއެވެ… އެއްވެސް ޙާލެއްގައި ހޮޓެލް އެޅުމާ މެދު އެއްޗެކޭ ނުވަތަ އަލްކަހޯލް ފްރީ ހޮޓަލަށް އެޅުމާމެދު ދެކޮޅު ހަދާފައި ނުވާނެއެވެ… އެހެންކަމުން، އަޙުމަދު އަޅުގަނޑާ އެއްބަސް ނުވާ އެއްވެސް ނުކުތާއެއް ނެތް ކަމަށް އުފަލާއެކު ދެކެމެވެ…

  7. ތިޔަ ފަޅުރަށް ތައް ހަދަން ނިންމީ ފުވައްމުލަކު އްތޯޅު ކައުންސީލް ގެ ގަރާރަކުން ނެވެ،އެ ގަރާރުގައި ރައީސް ނަޝީގު ސޮއި ކުރެއްވީ 6 މެމްބަރުން އިއްތިފާގު ވެފަ އޮތީ މަ ރައްޔިތުންގެ ބަހަކީ އެއީ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ވެދާނެ އެވެ،އެއީ ޑީ،އާރު،ޕީ ގެ ވޯޓިންގ މެޖޯރިޓީ އޮންނަ އަޓޮޅު ކައުންސިލެކެވެ. ވ، ސަލާމޭވެ

  8. ރަލާއި އޫރުމަސް ނުވިއްކާނަމަ ދެން ނެތްތޯ މައްސަލައެއް؟ ކިތަންމެ ވަރަކަށް ފަޅުރަށެކޭ ބުންޏަސް އެއީ ހަމަ އެއްރަށެއް. އެމީހުން ބީޗުމަތީގައި އޮރިޔާމާ ތިބޭތަން އަޅުގަނޑުމެންނަށް ފެންނާނެ. ނުވަތަ ދައްކާނެ. އެއީ އަޅުގަނޑުމެންގެ ސަގާފަތާއި ދީން ގަބޫލުކުރާ ކަންތައްތަކެއް ނޫން. މިހާރުވެސް ރާއްޖޭގައި ޖިންސީކަންތައްތައް މިވަނީ ހައްދު ފަހަނައަޅާފަ.
    މީގެއިތުރުން ކޮންމެ ދުވަހަކުވެސް އެމީހުންނަށް ރަށުތެރެއަށް އައިސްގޮސްވެ އުޅެވޭނެ. އޭގެތެރޭގައި ޔަހޫދީ އޭޖެންޓުންނާއި މިޝަނަރީ ގުރޫޕްތައްވެސް އަންނާނެ. ހިފެހެއްޓިފައި ހުރިކަންތައްތައް އެގޮތުގައި ހިފެހެއްޓުމަކީ ރަގަޅު ކަމެއް.
    ތުނޑި ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސެވުމުގެ ބަދަލުގައި ފުވައްމުލަކަށް މަންފާލިބޭގޮތަށް ހުވަދުއަތޮޅުން ނަމަވެސް ފަޅުރަށެއް ހަމަޖައްސަވައިފިނަމަ މާރަގަޅުކަމަށް ފެނޭ. ގާނޫނީ ހުރަހެއް އޮތްނަމަ އެގާނޫނަކީ އަޅުގަނޑުމެން އަމިއްލައަށް ހެދިއެއްޗެއް. އެބަދަލުވެސް ކުރެވިދާނެ. އޭރުން ފުވައްމުލަކުގެ ރައްޔިތުންނަށް އަނބުރާ ތުނޑިވެސް ލިބުނީ.

  9. އަންނީ.. ތިޔައުޅެނީ ފުޅިވިއްކަން ތޯ؟؟؟؟؟…………………….

  10. ރައީސް ނަޝީދެވެ! މަނިކުފާނު ކޮންމެ ޤަރާރެއް ފާސްކުރެއްވިނަމަވެސް މަނިކުފާނަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނޫރު ނިއްވައެއް ނުލެވޭނެއެވެ. އަދި މިދިވެހި ޤައުމުގައި އިސްލާމްދީނަށްޓަކައި މަސައްކަތްކުރާ މުސްލިމުންގެ ދޫތަކާއި އަތްތައް ބަންދެއްވެސް ނުކުރެވޭނެއެވެ.

Your email address will not be published. Required fields are marked *

More in ރިޕޯޓް