އަރަބިދުނިޔެދިއިސްލާމްދުނިޔެ

"ބިގް މެކް" އިންޑެކްސްގެ ބަދަލުގައި ކަދުރު އިންޑެކްސް


"ބިގް މެކް" އިންޑެކްސްއަކީ ދޭދޭ ޤައުމުތަކުގެ ފައިސާގެ އަގު ދެނެގަތުމަށްޓަކައި 1986 ވަނަ އަހަރުއްސުރެ ބޭނުންކުރެވެމުން އަންނަ ނުރަސްމީ އިންޑެކްސްއެކެވެ. ޤައުމުތަކުގެ ފައިސާގެ ޙަޤީޤީ އަގު ދެނެގަތުމާއި، މުވައްޒަފުންނަށް ލިބޭ މުސާރައިގެވެސް ޙަޤީޤީ އަގު ދެނެގަތުމަށްޓަކައި ބޭނުންކުރެވޭ މި އިންޑެކްސްއަކީ މަޝްހޫރު މެކްޑޮނަލްޑްގެ ބާގަރގެ ވައްތަރެއްކަމަށްވާ "ބިގް މެކް" ވިއްކާ އަގަށް ނިސްބަތްކޮށް ތައްޔާރުކުރެވޭ އިންޑެކްސްއެކެވެ.

މިހިސާބުން މި ލިޔުން ކިޔާ ބޭފުޅުންގެ ވިސްނުމަށްޓަކައި މި އިންޑެކްސް ތައްޔާރުކުރެވޭ ގޮތުގެ މިސާލަކަށް ބަލާލާނަމެވެ.

2008 ވަނަ އަހަރުގެ ޖުލައި މަހުގެ ޢަދަދުތަކުން ބަލާނަމަ:

1 އެމެރިކާގައި ބިގް މެކްގެ އަގަކީ 3.57 އެމެރިކާ ޑޮލަރެވެ.

2 އިނގިރޭސިވިލާތުގައި ބިގް މެކްގެ އަގަކީ 2.29 ސްޓާރލިންގ ޕައުންޑެވެ.

3 އެހެންކަމުން، "ބިގް މެކް"ގެ އަގުން ބަލާނަމަ، ސްޓާލިންގ ޕައުންޑްގެ 1 ޕައުންޑަށް ޖެހެނީ 1.56 އެމެރިކާ ޑޮލަރެވެ.

4 އެހެނަސް 2008 ވަނަ އަހަރުގެ ޖުލައި މަހު އެކްސްޗޭންޖް ރޭޓަށް ބަލާއިރު ސްޓާލިންގ ޕައުންޑްގެ 1 ޕައުންޑަށް ޖެހެނީ އެމެރިކާ ޑޮލަރުގެ 2 ޑޮލަރެވެ.

5 އެހެންކަމުން، ޕައުންޑްގެ އަގު އެވަނީ "އާރޓިފިޝަލް" ގޮތެއްގައި 28 އިންސައްތައަށް ބޮޑުކުރެވިފައެވެ.

މުސްލިމުންނަކީ ދުނިޔޭގެ އާބާދީގެ 25 އިންސައްތަ ޙިއްޞާކުރާ ބަޔަކެވެ. މުސްލިމް ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އެބައޮތެވެ. އެހެންކަމުން، މުސްލިމް ޤައުމުތަކުގެ ދިރިއުޅުމުގެ އަގުތައް ވަޒަންކުރެވޭނޭ މިންގަނޑަކަށް އެންމެ ރަނގަޅުވާނީ ކޯއްޗެއްތޯ، މިއީ މިހިސާބުން އުފެދޭ ސުވާލެވެ. މައްކާ ކޯލާތޯ؟ ނުވަތަ ޙަލާލް ބިގް މެކް އިންޑެކްސް ބޭނުންކުރާނީތޯ؟ ނޫންނަމަ، ބިގް މެކް ފަދަ އެހެން ކާއެއްޗަކުން މިފަދަ އިންޑެކްސްއެއް ތައްޔާރުކުރެވިދާނެތޯއެވެ؟

މުސްލިމް ފަރުދުންގެ ކެއުމުގެ ވައްޓަފާޅިއަށް ބަލާއިރު، "ބިގް މެކް" އާއި އެންމެ ކައިރިކުރާ އެއްޗަކީ ކަދުރެވެ. ކަދުރަކީ ކީރިތި ޤުރުއާނުގައިވެސް އޭގެ ވާހަކަ، އެއް ފަހަރަށްވުރެ ގިނަ ފަހަރު ނަންގަނެވިފައިވާ މޭވާއެކެވެ. އެގޮތުން:

"ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ حال ގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެ ހެއްޔެވެ؟ އެފަދައިން، ތިޔަބައިމީހުންނަށް، اللَّه، آية ތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008 – 2:266)

"ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. އަދި ގަސްތައްގިނަ ބަގީޗާތަކެވެ. މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. )އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008 – 80:25-32)

ދަރިމައިވުމާއި ވިހެއުމުގައިވެސް ކަދުރަކީ ވަރަށް ފައިދާބޮޑު އެއްޗެކެވެ. އެކަމަށް އިޝާރާތްކޮށް:

"ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ! ދެން އެކަމަނާ (އޮންނެވިތާނ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ. އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ. ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008 – 19:23-26)

ބަރަކާތްތެރިވެގެންވާ ރަމަޟާން މަހަކީ ކަދުރުގެ ވިޔަފާރި އެންމެ ރަނގަޅު މަހެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކަދުރުން ރޯދަ ވީއްލުމަށް ވަރަށްގިނަ މުސްލިމުން ފަރުވާތެރިވެއެވެ.

ކަދުރު އިންޑެކްސް ތަޢާރަފްކުރާނަމަ، 5 ކިލޯގެ މަދީނާ ކަދުރު ގަތުމަށް ހޭދަކުރަންޖެހޭ ވަރަކީ ކިހާވަރެއްތޯ ބެލިދާނެއެވެ. އެހެންނަމަވެސް، މިއީ އިތުރަށް ބަހުސްކުރެވިދާނެ ކަމަކަށްވާތީ، މިފަދަ އިންޑެކްސްއެއް ތަޢާރަފްކުރުމާމެދު ކިޔުންތެރީން ދެކޭގޮތެއްގެ ޚިޔާލަށް ދޫކޮށްލަމެވެ.

ލިޔުމުގެ މައިގަނޑު ޚިޔާލު: http://alifarabia.com/2011/08/18/special-comment-ramadan-inspired-dates-index-kebabonomics/

އިތުރު މަޢުލޫމާތު: http://en.wikipedia.org/wiki/Big_Mac_Index

ގުޅުންހުރި

1 ޚިޔާލު

  1. ބިގް މެކް ބަރގަރ އަކަށް ވުރެ، ރަން، ރިހި، ކަދުރު، ގޮދަން، ބާލޭ، ލޮނު މާ ރަނގަޅު ވާނެ ކަމަށް ފެނޭ…ބިގް މެކް ބަރގަަރ އެކި ތަންތާ އެކި ގޮތަށް ހުންނާނީ..ވިކި ޕީޑިޔާ އިން ފެންނަން އެހެރަ ފޮޓޯ ތަކުން އެކަން އެގޭ….ރާއްޖޭގައި އެކި ސަރަހައްދު ތަކުގައި ޕަރޗޭޒިން ޕަވަރ ބެލުމަށް މަސް ބޭނުން ކުރެވިދާނެ ކަމަށް ފެނޭ… ރައްޔިތު މީހާއަށް ލިބޭ ފައިސާއިން ގަނެވެނީ ކިތައް ހަންދަރު މަސް؟ މީތި އަދި އިތުރަށް ތަފްސީލު ކުރަންޔާ މަހުގެ ބައިތަކަށް ބަހާ ލެވިދާނެ. މިސާލަކަށް ހިބަރު ކިލޯ، ރަތް މަސް ކިލޯ، ކަންނެލި ކިލޯ…. އެނީ ވޭޒް. މާޝާ ﷲ ސަޅި އާޓިކަލެއް…. ތިޔަ ކަމައިގެން ކުރިއަށް ދާންވީ ހަމަ…

Your email address will not be published. Required fields are marked *