ދިއިސްލާމް އޮންލައިން ނޫހާއި ރޭޑިއޯ އެޓޯލް ގުޅިގެން ވޭތުވެދިޔަ ރަމަޟާން މަހު ބޭއްވި "ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432" ގެ ނަތީޖާ ފާޅުކޮށްފިއެވެ.
މި މުބާރާތުގައި ނަތީޖާ އިޢުލާން ކުރީ އިއްޔެ ހަވީރު ރޭޑިއޯ އެޓޯލް އިން ފޮނުވި "ރައްޔިތުންގެ މެސެޖް" ޕްރޮގްރާމްގައެވެ. ސުވާލު މުބާރާތުގެ ހުރިހާ ސުވާލެއް އެއްވެސް ބޭފުޅަކަށް ރަނގަޅު ކުރެވިފައި ނުވާތީ އެއްވަނަ ހޮވާފައިވަނީ އެންމެ ގިނަ ސުވާލު ރަނގަޅު ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. އެގޮތުން 26 ސުވާލުގެ ޖަވާބު ދިމާކޮށްފައިވަނީ 4 ފަރާތަކުންނެވެ. މިމުބާރާތުގެ އެއްވަނައަށް ގޮސްފައިވަނީ ގ.ވިޝަންޒާ، މާލެ، މީނާ ޢަބްދުއްޞައްތާރު އެވެ. ދެވަނަ އަށް ދިޔައީ ޝާހުޒާދާ، ހ.ހާޖީއެދުރުގެ، މާލެ އެވެ. ތިން ވަނަ އަށް ދެފަރާތެއް ހޮވިފައިވެއެވެ. އެއީ ނަސްރުﷲ ޙުސެއިން، މ.މާވިނަ، މާލެ އާއި މަރްޔަމް ޝަބީނާ، ގ.ސައްލިގެ، މާލެ އެވެ. ދިއިސްލާމް ގެ ފަރާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއްކިޔަމެވެ.
މި މުބާރާތުގައި ރޭޑިއޯ އެޓޯލް މެދުވެރިކޮށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އެއް ސުވާލު އެހުންތެރިންނަށް ހުށަހެޅުނެވެ. މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޖިލްބާބް އާއި ރާދަ ބުކް ޝޮޕުންނެވެ. މުބާރާތުގެ އެއް ވަނަ އަށް ދިޔަ ފަރާތުގެ އިނާމަކީ ގޮތުގައި ޖިލްބާބުން ހުށަހަޅާ ޕެން ޤުރުއާނަކާއި ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދެވެ. ދެވަނަ އަށް ދިޔަ ފަރާތުގެ އިނާމަކީ ރާދަ ބުކްޝޮޕުން ހުށަހަޅާ 750 ރުފިޔާގެ ވައުޗަރ އަކާއި ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދެވެ. އަދި ތިން ވަނަ އަށް ދިޔަ ދެފަރާތުގެ އިނާމަކީ ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދެވެ.
ދިއިސްލާމްގެ މެނޭޖްމަންޓްއިން ހާމަކުރިގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ރޭޑިއޯ އެޓޯލް އާއި ދިއިސްލާމް ޓީމް ގުޅިގެން މިފަދަ ޕްރޮގްރާމްތަކެއް އިންޝާﷲ ކުރިއަށް ގެންދަން ގަސްދުކުރާ ކަމަށެވެ.
“ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432″ ގެ ޖަވާބުތައް ވިދާޅުވޭ!

ކޮމެންޓް (0)
ލޯޑް ކުރަމުން...