އެއީ 2008 ވަނަ އަހަރުގެ ޖޫން 2 ވަނަ ދުވަހެވެ. ގދ. މަޑަވެލި / ގްރާސް، މުޙައްމަދު ވާފިރު ޙަސަން އާއި ގދ. ގައްދޫ އާމިނަތު އިސްމާޢިލްގެ ހަތަރުވަނަ ދަރިފުޅު މިދުނިޔެ އަށް ނޭވާލީ އެދުވަހު އެވެ. އެއީ ޒައުރާ މުޙައްމަދު ވާފިރު (ޒައުއްކޮ) އެވެ. ޒައުއްކޮ ލިބުމުން އެ ޢާއިލާ އަށް ވަރަށް ބޮޑު އުފާވެރިކަމަކާއި އާދިރުމެއް ލިބިގެން ދިޔައެވެ. ނަމަވެސް ޒައުއްކޮ ހޮސްޕިޓަލުން ދޫކުރުމުގެ ދެގަޑިއެއްހާއިރު ކުރިން ކުޑަކުދިންގެ ޑޮކްޓަރ ޒައުއްކޮގެ ހަށިގަނޑުގައި އެއްވެސް ޞިއްޙީ މައްސަލައެއް ހުރިތޯބެލުމަށް ޗެކްކުރި ކުރުމުގައި، ޒައުއްކޮގެ ހިތުގެ އަޑާއިއެކު އިތުރު އަޑެއް ހުރިކަން ފާހަނގަކުރެވިފައިވާ ކަމަށާއި ގެއަށް ދިއުމުގެ ކުރިން އެކޯޓެސްޓެއް ހެދުމަށް ޒައުއްކޮގެ ޢާއިލާއަށް އެންގިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އިމަރޖެންސީގައި އެކޯޓެސްޓެއް ހެދުމަށް ޒައުއްކޮ ގެންދެވުނެވެ. އޭގެ ދެގަޑިއެއްހާއިރު ފަހުން ތިން ޑޮކްޓަރުންނާއި ދެނަރުހުން އައިސް ދިން ޚަބަރަކީ ޒައުއްކޮގެ ހިތުގައި ލޯވަޅެއް ހުރިކަމަށާއި، ޒައުއްކޮގެ ހިތުން ފުއްޕާމެއަށް ލޭފޮނުވައިދޭ ވޭލްއެއް ޒައުއްކޮ ބޮޑުވާވަރަށް ބޮޑުނުވާކަމަށާއި، ވީހާވެސް އަވަހަކަށް ޒައުއްކޮގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހިފައިވާކަމުގެ ޚަބަރެވެ. މި ޚަބަރުން ޢާއިލާއަށް ލިބިފައިވާ އުފާވެރިކަން މުޅިން ބަދަލުވެ ހިތާމަ އާއި މާޔޫސްކަމަކަށް ބަދަލުވެގެން ދިޔައެވެ. އަދި މިޚަބަރު ވެގެން ދިޔައީ މުޅި ޢާއިލާގެ ދިރިއުޅުމުގެ ޙާލަތަށް ބޮޑު ބަދަލެއް ގެނުވި ހިތްދަތިކަމާއި ވޭން އޭގައި އެކުލެވިގެންވާ ޚަބަރަކަށެވެ. ޑޮކްޓަރުން ވިދާޅުވީ ޒައުއްކޮގެ ހިތުގައި އުފެދިފައިވާ ލޯވަޅަކީ އަމިއްލަ ޒާތުގައި ބެދޭ ލޯވަޅެއް ނޫން ކަމަށާއި ހިތުން ފުއްޕާމެއަށް ލޭފޮނުވައިދޭ ވޭލް ތަފާތު އެކި ސްޓޭޖްތަކަށް ބަހާލައިގެން ބަދަލުކުރަންޖެހޭކަމަށާއި މިބަލީގެ ސަބަބުން ޒައުއްކޮގެ ހިތުގެ އެއްފަޅި މަސައްކަތްނުކުރާ ކަމަށެވެ. ޒައުއްކޮ އަކީ ހިތުގެ ބަލީގެ ކުއްޖެއް ކަމަށެވެ. އިނގިރޭސި ބަހުންނަމަ "ކޮންޖެނިޓަލް ހާރޓް ޑިޒީޒް" އެވެ.
ޒައުއްކޮ ހޮސްޕިޓަލުގެ ނާސަރީގައި އެޑްމިޓް ކުރެވުނެވެ. އަދި ޑޮކްޓަރުގެ އިރުޝާދާއެކު ޒައުއްކޮގެ ބަލީގެ ކުރީކޮޅުގައި ފަރުވާ ހޯދުމަށްޓަކައި ޢާއިލާއިން މަސައްކަތް ފެށިއެވެ. އެ ޢާއިލާ އަށް އެކި ފަރާތްތަކުން ލިބުނު ދީލަތި އެހީތެރިކަމާއެކު ޒައުއްކޮގެ އުމުރުން އެންމެ 9 ދުވަހުގައި އެ ޢާއިލާ އިން ޒައުއްކޮ ގޮވައިގެން އިންޑިޔާ އަށް ދަތުރުކުރިއެވެ. ނަމަވެސް އެ ޢާއިލާ އިން އެފަހަރު ކުރި ދަތުރު ނިންމާލަން ޖެހުނީ ހިތްދަތިކަމާއެކުއެވެ. އެފަހަރު އުމުރުން ހަގުވުމުން ޒައުއްކޮ އަށް އިތުރު އެއްވެސް ފަރުވާއެއް ލިބޭ ގޮތް ނުވިއެވެ. ޑޮކްޓަރުން ބުނީ ޒައުއްކޮ ދިރިހުރުމުގެ ޢުއްމީދެއް ނެތް ކަމަށެވެ. ނަމަވެސް މަރާއި ބަލިވުމަކީ ތަފާތު ދެކަމަކަށްވެފައި މިއިންކަމަކީ އެއްވެސް މީހަކަށް ކުރިން އެނގޭ ކަމަކަށް ނުވާތީ ޒައުއްކޮގެ ޢާއިލާއިން އެ މައުސޫމް ދަރިފުޅުގެ ޙައްޤުގައި އެފުރާނަ ސަލާމަތްކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހިތްވަރާއެކު ކުރަމުން ދިޔައެވެ.
އޭގެ 6 މަސްދުވަސް ފަހެވެ. އެކި ފަރާތްތަކުން ދިން ދީލަތި އެހީގެ ފައިސާ އިން ޒައުއްކޮގެ ޢާއިލާއިން ޒައުއްކޮ ގޮވައިގެން އަނެއްކާވެސް އިންޑިޔާ އަށް ދަތުރުކުރިއެވެ. ޒައުއްކޮ ބެއްލެވި ޑޮކްޓަރު ވިދާޅުވީ ޒައުއްކޮގެ ފަރުވާ އަށް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި އެކަމަކު އޮޕަރޭޝަން ކުރެވެން އަންނަނީ ޒައުއްކޮގެ ބަރުދަނުގައި 10 ކިލޯ ހަމަވެގެން ކަމަށެވެ. އަދި ޑޮކްޓަރު 3 މަހުގެ ބޭސް ދެއްވިއެވެ. ޒައުއްކޮގެ ޢާއިލާ މިފަހަރު އެނބުރި ރާއްޖެ އައީ ހިތްހަމަޖެހުމާއެކުއެވެ.
ޑޮކްޓަރުގެ އިރުޝާދުގެ ޢަލީގައި އެ ޢާއިލާއިން ޒައުއްކޮގެ އޮޕަރޭޝަނަށްޓަކައި ހިތްވަރާއެކު މަސައްކަތްކުރިއެވެ. ޒައުއްކޮގެ ބަލީގެ ސަބަބުން ކައިއުޅެނީ މަދުންނެވެ. ނަމަވެސް ޢާއިލާގެ މަސައްކަތުން ޒައުއްކޮގެ ޙާލަތު ކުރިއަށް ވުރެ ރަނގަޅުވިއެވެ.
ޒައުއްކޮގެ އޮޕަރޭޝަން ކުރުމަށްޓަކައި ޢާއިލާގެ ފަރާތުން ރާއްޖެއިން ބޭރުގެ ކާޑިއޮލޮޖިސްޓުންނާއި އީމެއިލް މެދުވެރިކޮށް މުޢާޞަލާތު ކުރަން ފެށިއެވެ. ހަފްތާއެއްގެ ތެރޭގައި އިންޑިޔާގެ ހޮސްޕިޓަލަކުން މެއިލް އަށް ޖަވާބު ދިނެވެ. އެއީ ބެންގަލޫރުގައި ހުންނަ "ނަރަޔާނާ ހަރުދަޔާލަޔާ" ނަމަކަށް ކިޔާ ހޮސްޕިޓަލެކެވެ. ޢާއިލާއިން ޒައުއްކޮގެ ހުރިހާ މެޑިކަލް ރިޕޯޓްތަކެއް އެ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓްގެ ހެޑް އަދި ކާޑިއޮލޮޖިސްޓް ޑރ. ކޮލިން ޖޯން އަށް ފޮނުވިއެވެ. ޑޮކްޓަރު ހިސާބު ހައްދަވާފައި އޮޕަރޭޝަނަށް ދާ ޖުމްލަ ޚަރަދުގެ އެސްޓިމޭޓެއް ޒައުއްކޮގެ ޢާއިލާ އަށް ފޮނުވިއެވެ. ޒައުއްކޮގެ އޮޕަރޭޝަނަށް
7,000.00 USD (ހަތްހާސްޔޫއެސް ޑޮލަރު) ޚަރަދުވާ ކަމަށް އެސްޓިމޭޓްގައި ވެއެވެ. ޢާއިލާ އަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ފައިސާ އެވެ. ނަމަވެސް އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އޮޕަރޭޝަނަށްޓަކައި 2009 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދަތުރުކުރިއެވެ. އޭރު ޒައުއްކޮ އަށް އެއް އަހަރު ވެއްޖެއެވެ.
ޑޮކްޓަރުން ފުރަތަމަ ދެއްވީ އޮޕަރޭޝަން ކުރެވެން އޮތީ 50 އިންސައްތަ ފުރުޞަތެއް ކަމަށެވެ. ޒައުއްކޮގެ މާހައުލު ބަދަލުވުމުން ރޯގާ ޖެހިފައިވާތީއެވެ. އަދި ޒައުއްކޮގެ ހިތުގެ އޮކްސިޖަންގެ ލެވެލް ދަށްވުމާއި ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުންނެވެ. ވުމާއެކު ޒައުއްކޮގެ އޮޕަރޭޝަން ފަސްކުރެވުނެވެ.
އޭގެ ފަސް ދުވަސް ފަހެވެ. ޒައުއްކޮ ގޭތެރޭގައި އުޅެނިކޮށް ވެއްޓިފައި ހިތުގެ ހިނގުން ހުއްޓުނެވެ. ނަމަވެސް 5 ވަރަކަށް މިނެޓަށްފަހު ﷲ ގެ މިންވަރުފުޅުން ޒައުއްކޮގެ އަލުން ނޭވާލާން ފެއްޓިއެވެ. ކަންތައް މިހެން ދިމާވުމުން މިއީ ޒައުއްކޮގެ މިބަލީގައި ޒައުއްކޮގެ ހަށިގަނޑުން ފެންނާނެ އެންމެ ބޮޑު އަލާމާތް ކަމަށް ވުމުން ޒައުއްކޮ ގޮވައިގެން އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރުން ޓެސްޓް ކުރުމަށްފަހު ވިދާޅުވީ 20 އިންސައްތަ ނުރައްކާ އެބައޮތް ކަމަށެވެ. ނަމަވެސް ޢާއިލާގެ އިޒްނައާއެކު އޭގެ އަނެއް ދުވަހު ޒައުއްކޮ އޮޕަރޭޝަން ކުރުމަށް ތައްޔާރުވިއެވެ. އަދި 2009 އޯގަސްޓް 23 ވަނަ ދުވަހު ޒައުއްކޮ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ.
އެ މުއްދަތުގައި ޒައުއްކޮ އަށް މަންމަގެ ގާތުން ކިރު ދިނުން ޑޮކްޓަރުން މަނާކުރިއެވެ. ލޮބުވެތި ކިޔުންތެރިންނޭވެ. މިޙާލަތުގައި އެ ޢާއިލާ އަށް މެދުވެރިވެގެން ދާނެ ގޮތް ތިބާ އަށް ޚިޔާލަށް ގެނެވޭ ހެއްޔެވެ؟ ޒައުއްކޮ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުން ގެންދަން އުޅުމުން ޒައުއްކޮ ނުދާންވެގެން ވަރަށް ރޮއެ ހެދިއެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިބާގެ ދަރިފުޅު ތިބާ އާއި ވަކިކޮށްލެވޭ އިރު ތިބާ އަށް ކުރާނެ އަސަރު ހިތަށް ގެންނަވާށެވެ. ތުއްތު ދަރިފުޅު ބާރަށް ގިސްލައި ރޮއެހަދާ އަޑު އިވުމުން މައެއްގެ ހިތަށް ކުރާނެ އަސަރާއި ވާނެ ތަދު އިޙްސާސް ކޮށްލައްވާށެވެ.
2009 އޯގަސްޓް 25 ވަނަ ދުވަހުގެ ހެނދުނުގެ ވަޤުތެއްގައި ޒައުއްކޮގެ ހިތުގެ ފުރަތަމަ އޮޕަރޭޝަން ކުރެވުނެވެ. ގާތްގަނޑަކަށް 2 ގަޑިއިރުގެ އެ އޮޕަރޭޝަނަށްފަހު ޒައުއްކޮގެ ޢާއިލާ އަށް ލިބިގެންދިޔައީ އުފާވެރި ޚަބަރެކެވެ. ޒައުއްކޮގެ އެ އޮޕަރޭޝަން 100% (ސައްތައިން ސައްތަ) ކާމިޔާބު ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ޒައުއްކޮ ހޮސްޕިޓަލުން ދޫކުރީ 2009 ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ. ހުރިހާވެސް ޙަމްދެއް ހުރީ ބަލިތަކަށް ޝިފާދެއްވާ ﷲ ޞުބްހާނަހޫ ވަތައާލާއަށެވެ. ޒައުއްކޮގެ ޢާއިލާ އެނބުރި މާލެ އައީ ހިތްހަމަޖެހުމާއެކު އެވެ.
ޒައުއްކޮގެ އޮޕަރޭޝަނަށް ފަހު 6 މަސްދުވަސް ފަހުން ހިތުގެ ޓެސްޓެއް ކަމަށްވާ "ޕެޑިއަޓްރިކް ޑޮޕްލަރ އެކޯކާޑިއޮގްރަފީ" ހެއްދުމަށާއި އެޓެސްޓްގެ ރިޕޯޓް ފޮނުވުމަށް އޮޕަރޭޝަން ކުރި ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ އައުމަށްފަހު ރާއްޖޭގައި މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން މިޓެސްޓް ހެއްދުނީ ޒައުއްކޮގެ އޮޕަރޭޝަނަށް އެއް އަހަރު ދުވަސް ފާހިތުވެ ދިޔަ ފަހުން މި ޚިދުމަތް ލިބޭ ގޮތްވުމުން ކަމަށް ޒައުއްކޮގެ ޢާއިލާއިން ބުނެއެވެ. މި ޓެސްޓް ހެއްދުމަށް ފަހު ޓެސްޓްގެ ރިޕޯޓް ޢާއިލާއިން ޒައުއްކޮ އޮޕަރޭޝަން ކުރި އިންޑިޔާގެ ހޮސްޕިޓަލަށް ފޮނުވިއެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ޒައުއްކޮގެ ބަލީގައި ފެންނަ އަލާމަތްތަކުގެ ތެރެއިން ލޯކަރި ކަޅުވުން، ހަށިގަނޑުގެ އޮކްސިޖަން ލެވެލް ދަށްވުން ފަދަ އަލާމާތެއް ނުފެންނަނަމަ ޒައުއްކޮގެ ދެވަނަ އޮޕަރާޝަން ކުރެވޭނީ 3 އަހަރާއި 4 އަހަރާއި ދެމެދުގައެވެ.
މިހާރު ޒައުއްކޮގެ އުމުރަކީ 3 އަހަރެވެ. ޒައުއްކޮ ކިޔަވަމުން ދަނީ މާފަންނު މަދަރުސާގެ ބޭބީ ނާސަރީގައެވެ. "ދިއިސްލާމް"ގެ ފަރާތުން ޒައުއްކޮގެ ޢާއިލާ އާއި ބައްދަލުކޮށްލީމެވެ. ތުއްތު ޒައުއްކޮގެ މޫނު މަތިން ފެންނަނީ މައުސޫމް ކަމެވެ. "ދިއިސްލާމަށް" ވަނީ ޒައުއްކޮގެ މެޑިކަލް ރިޕޯޓްތައް ލިބިފައެވެ.
ޒައުއްކޮގެ އެއްބަނޑު އެއްބަފާ ބޭބެ ޝިމްހާޒް ވާފިރު ކިޔައިދިން ގޮތުގައި މި ބަލީގެ ސަބަބުން ޒައުއްކޮ އަވަސް އަވަހަށް ރޯނގާ ޖެހި ބަލިވެއެވެ. އަދި ރޯނގާ ރަނގަޅުނުވެ ގިނަ ދުވަސް ނަގައެވެ. ހަމައެއާއެކު ޒައުއްކޮއަކީ ހިތުގެ ބަލީގެ ކުއްޖެއް ކަމުން ބައެއް ފަހަރަށް ހުން، ރޯނގާ އަށް ފަރުވާ ދިނުމުގައި އާދައިގެ ޑޮކްޓަރުންނަށް އުނދަގޫތަކެއް ކުރިމަތިވާކަންވެސް ޒައުއްކޮގެ ޢާއިލާ އަށް ފާހަނގަކުރެވިފައި ވެއެވެ. ޒައުއްކޮ ކުޅިވަރު ކުޅުމާއި އެކަހަލަ ޙަރަކާތްތަކުގައި އުޅުމުން ވަރަށް އަވަހަށް ވަރުބަލިވެއެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން ޒައުއްކޮގެ ލޯ ކައިރި ކަޅުވެއެވެ. ޑޮކްޓަރުންނާއި ޙަވާލާދީ ޒައުއްކޮގެ ޢާއިލާއިން ބުނިގޮތުގައި މިގޮތަށް ލޯކައިރި ކަޅުވަނީ ބަލީގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ލެވެލް ދަށްވީމައެވެ.
ޒައުއްކޮ ބެއްލެވުމަށްފަހު އައިޖީއެމް ހޮސްޕިޓަލްގެ ކާޑިއޮލޮޖިސްޓް ޑރ. ޢަލީ ޝަފީޤް 6 އޭޕްރީލް 2011 ގައި ދެއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި ޒައުއްކޮގެ މިހާރުގެ ހިތުގެ ބައްޔަށް މެޑިކަލް ގޮތުން ކިޔާ ނަމަކީ "ޑީއޯއާރުވީ ވީއެސްޑީ ޕީއެސް ޕޯސްޓް ބީޑީޖީ" އެވެ. އަދި ޑޮކްޓަރު ވިދާޅުވެފައި ވަނީ ޒައުއްކޮގެ ފަރުވާގެ ގޮތުގައި "ފޮންޓަން ރިޕެއަރ" ބޭނުންވާ ކަމަށެވެ. މި ފަރުވާ އަކީ ރާއްޖޭގައި ކުރެވެން ނެތް ފަރުވާއެއް ކަމުން ޑޮކްޓަރު އިރުޝާދު ދެއްވާފައި ވަނީ ރާއްޖޭއިން ބޭރުގެ ކޮންޖީނިޝަލް ކާރޑިއަކް ސެންޓަރ އަކުން ފަރުވާ ހޯދުމަށެވެ.
ޒައުއްކޮގެ ޢާއިލާއިން މަޢުލޫމާތު ދިން ގޮތުގައި ޒައުއްކޮގެ ދެވަނަ އޮޕަރޭޝަނަށްދާ ޚަރަދުގެ އެސްޓިމޭޓް ބެލިއިރު 6,500.00 USD (ހަހާސް ފަސްސަތޭކަ ޔޫއެސްޑޮލަރު) ޚަރަދުވެއެވެ. އެއީ ދިވެހި ފައިސާ އިން ބަލާ ނަމަ ގާތްގަނޑަކަށް 100،000.00 MRF (އެއްލައްކަ ރުފިޔާ) އެވެ.
ޒައުއްކޮގެ ޢާއިލާގެ މާލީ ޙާލަތު ވަރަށް ދަށެވެ. އެއީ އެއް އަހަރުގެ ތެރޭގައި ތިންފަހަރަށް އިންޑިއާ އަށް ދާންޖެހުމާއި، އޭގެ ފަހުންވެސް މިހާރުވެސް ޒައުއްކޮގެ ފަރުވާ އަށް އެ ޢާއިލާ އިން ވަރަށް ބޮޑު ޚަރަދެއް އެކި ގޮތްގޮތުން ކުރަމުންދާން ޖެހުމާއެކުއެވެ. ޒައުއްކޮގެ ފަރުވާ އަށް ކުރިން އެކި ފަރާތްތަކުން ދަރަންޏަށް ވެސް ފައިސާ ނެގިފައިވެއެވެ. ޒައުއްކޮގެ ޢާއިލާ އަށް ޚަރަދު ކުރަމުން ދަނީ ޒައުއްކޮގެ ބައްޕަ މުޙައްމަދު ވާފިރަށް އަށް ލިބޭ ޢާމްދަނީންނެވެ. ވާފިރު މަސައްކަތް ކުރަނީ ޕްރައިވެޓް ކުންފުންޏެއްގެ ވަޒީފާއެއްގައެވެ.
ޢާއިލާގައި އެންމެ ދޮއްޓަށް ހުރި ޒައުއްކޮގެ ދައްތަ ސަމާ ވާފިރު ފިޔަވައި، އެ ޢާއިލާގައި ދެން ތިބި 2 ކުދިން ދަނީ ސްކޫލްގައި ކިޔަވަމުންނެވެ. އެއީ ގްރޭޑް 12 ގައި ކިޔަވަމުންދާ ޒައުއްކޮގެ ބޭބެ ޝިމްހާޒް އާއި ގްރޭޑް 10 ގައި ކިޔަވަމުންދާ ޒައުއްކޮގެ އަންހެން ދައްތަ ޒިހުނީ މުޙައްމަދު ވާފިރު އެވެ.
ޒައުއްކޮ މިހާރުވަނީ ހިތުގެ ބަލީގެ ކުދިންނަށް އެހީވާ ޖަމްޢިއްޔާ އެއް ކަމަށްވާ "ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް" ގައި ރަޖިސްޓަރ ކުރެވިފައެވެ. ޒައުއްކޮ ފަދަ ރާއްޖޭގައި ތިބި ހިތުގެ ބަލީގެ އެތައް ކުދިންނެއް ރެޖިސްޓްރީކުރެވިފައިވާ އެ ޖަމްޢިއްޔާ އިން ޒައުއްކޮ އަށް ވެސް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ވެދޭނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޮޕަރޭޝަނަށް ދާ ޚަރަދު ބޮޑުވުމާއެކު އެ ޖަމްޢިއްޔާ އިން ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވޭ އެހީގެ ފައިސާ އަކީ ނިޞްބަތުން ކުޑަ ޢަދަދެކެވެ.
ޒައުއްކޮ ފަދައިން މިފަދަ ނިކަމެތި ޙާލަތްތަކުގައިވާ ހުރިހާ ކުދިންނާއި މީސްތަކުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ގޮތެވެ. މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑު ހޭލާ ހުރުމާ ހުން އައުމުން އެކަމުގައި ބައިވެރިވެއެވެ. ޒައުއްކޮގެ ޢާއިލާގެ އެދުމަކީވެސް ޒައުއްކޮ ފަދައިން ބަލިތަކަށް ފަރުވާ ހޯދަމުންދާ ހުރިހާ ކުދިންނަށާއި މީސްތަކުންނަށް ވެވުނު މިންވަރަކުން އެންމެންވެސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މިފަދަ ބަލިތަކާއި ބެހޭ ގޮތުން ޢާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަށް އެ ޢާއިލާ އިން ދެކެއެވެ.
ޒައުއްކޮ އަށް ވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ. ޒައުއްކޮ އަށް އެހީތެރިވެ ދެއްވުމަށް ބޭނުންވާ ފަރާތްތަކުން ޒައުއްކޮގެ ބައްޕަ މުޙައްމަދު ވާފިރުގެ ނަމްބަރ 7952427 ނުވަތަ ޒައުއްކޮގެ އެއްބަނޑު އެއްބަފާ ބޭބެ ޝިމްހާޒް ވާފިރުގެ ނަމްބަރ 7652427 ފޯނަށް ގުޅުއްވާށެވެ. ނޫނީ ޒައުއްކޮ އަށް އެހީވުމަށްޓަކައި ޒައުރާ މުޙައްމަދު ވާފިރުގެ ނަންމަތީގައި ހުޅުވާފައިވާ ނަމްބަރ 101-475230-7715 އެކައުންޓަށް އެހީގެ ގޮތުގައި ފައިސާ ޖަމާކޮށް ދެއްވާށެވެ.
ﷲ ގެ މަގުގައި ކިތަންމެ ކުޑަ މިންވަރެއް ހޭދަ ކުރިކަމުގައިވިޔަސް އޭގެ ބަދަލު އެއަށްވުރެ ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. ފަސްނުޖެހި މި ތުއްތު ތުއްތު މައުސޫމް ކުއްޖާ އަށް އެހީތެރިވެ ދެއްވާށެވެ. އެހެން މީހުންގެ އެހީތެރިކަމަށް ތިބޭފުޅާއަށް އެދެން ޖެހިދާނެ ކަމާމެދު ވިސްނަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...