ރާއްޖޭގެ ޚަބަރު ކޮންމެ 13 ސިކުންތަކު 2 މީހުން މަރުވާ ނުރައްކާތެރި ބައްޔެއް ފެތުރެނީ!

ކޮންމެ 13 ސިކުންތަކު 2 މީހުން މަރުވާ ނުރައްކާތެރި ބައްޔެއް ފެތުރެނީ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުހައްމަދު އަހުމަދު (މޯޑް)

ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމްޢިއްޔާޢިން ހާމަކުރާގޮތުގައި ކޮންމެ 6.5 ސިކުންތަކު މީހަކު މިބަލީގައި ނުވަތަ މިބަލިޖެހިފައިވާ މީހުންގެ ސަބަބުން ދަނީ ދުނިޔެ ދޫކުރަމުންނެވެ. މިބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން 15 އަހަރާއި 65 އަހަރުގެ މީހުންނަށެވެ. ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ކެންސަރުޖެހިގެން މަރުވާ ކޮންމެ 5 މީހަކުން 1 މީހަކީ މިބަލިޖެހިފައިވާ މީހެކެވެ. ބައިނަލް އަޤްވާމީ ތަފާސްހިސާބުތަކުން ޖުމްލަކުރާއިރު މިބަލީގެ ސަބަބުން ކޮންމެ އަހަރަކު 5 މިލިއަން މީހުން މަރުވާނެކަމަށް ލަފާކުރެއެވެ. އަދި ކޮންމެ އަހަރަކު ގާތްގަނޑަކަށް 30 މިލިއަން މީހުންނަށް މިބަލި އަލަށް ޖެހެއެވެ.
މިބަލި ފެތުރެމުން ދާ ހަލުވިކަމާއި މެދު އަދި މިބަލީގެ ސަބަބުން ޖެހޭ ނުރައްކާތެރި އެހެނިހެން ބަލިތަކުން ދިފާޢުވުމަށްއެޅެންހުރި ހުރި އެންމެހާ ރައްކާތެރި ފިޔަވަޅުތަކާއި މެދު ބަހުސްކޮށް ގޮތެއްނިންމުމަށް ޑަބްލިޔު އެޗްއޯ (ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމްޢިއްޔާ) އިން ދުނިޔޭގެ ހުރިހާ ޤައުމަކާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ގައިންގަޔަށްނުފެތުރޭ ބަލިތަކާއި ބެހޭގޮތުން އ.ދ ގެ ޖެނެރަލް އެސެމްބުލީގައި އަންނަމަހު 19 އިން 20 ބައްދަލުވުމެއްވެސް ބޭއްވުމަށްވަނީ ތާވަލުކޮށްފައެވެ.
މި ބަލިޖެހިގެން ނުވަތަ މިބަލިޖެހިފައިވާ މީހުންގެ ސަބަބުން މާބަނޑު އަންހެނާ ދުވަސްނުފުރާ ވިހެއުމާއި، އުފަންވާކުއްޖާގެ ބަރުދަން ލުއިވުމާއި އަދި ކުއްއަކަށް ކުއްޖާ މަރުވުން ނުވަތަ (ސަޑަން އިންފަންޓް ޑެތް ސިންޑްރޮމް) ދިމާވެއެވެ. މީގެ އިތުރުން ބަނޑުތެރެއަށް ކުއްޖާ މަރުވުމާއި ދަރިން އަށަގަތުން ނުވަތަ މާބަނޑު ނުވުންވެސް ދިމާވެއެވެ. ޖިންސީ އެތަކެއް ގޮންޖެހުންތަކަކާއި ވެސް ކުރިމަތިކުރުވައެވެ.
ގުރުދާ (ކިޑްނީ)، ބަނޑު، މަސާނާ (ބްލެޑާރ)، ކާއެއްޗެހި ދަތުރުކުރާ ހޮޅި (އީސޮފެގަސް)، ކަރާއި، އަނގަތެރެއާއި،ހިރުގަނޑާއި، ފުއްޕާމެއާއި، ރަހިމުގެ ދޮރާއި، ރަހިމުގެ ކެންސަރުވެސް މިބަލީގެ ސަބަބުން ޖެހޭކަމަށް އެމެރިކާގެ ބަލިތައް ފެތުރުން ހުއްޓުވުމާއި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ މަރުކަޒު (ސީޑީސީޕީ) އިން ހާމަކުރެއެވެ.
މިބަލީގެ ސަބަބުން ހިތުގެ ނާރުތަކުގައި ސަރުބީޖެހުމާއި، އަތާއި ފައިގެ ނާރުތައް ބެދުމާއި، ބައެއް ލޭނާރުތައް ދުޅަވުމާއި، މަހުގެ ސެލޯޝި (ޓިޝޫ) ތައް މަރުވުމާއި ހިތް ހުއްޓުންވެސް ކުރިމަތިކުރުވައެވެ. މީގެ އިތުރުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 2 ނުވަތަ 4 ގުނައަށް އިތުރުވެއެވެ.
ފުއްޕާމޭގައި ފެންހެދުމާއި، އެންމެ އެތެރޭގެ ނާޒުކު ދުލިތައް ހަލާކުވުމާއި ހިމަ ހޮޅިތައް ބެދުމާއި، ނޭވާ ހިނގާ މައި ހޮޅިތައް ކުރަކިވުމާއި ދުޅަވުން ފަދަ ފުރާނައަށް ނުރައްކާވާ އެތަކެއް ބައްޔަކަށްވެސް ހުށަހެޅެއެވެ. އަދި ފިރިހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުން 23 ގުނައަށް، އަންހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުން 13 ގުނައަށް އިތުރުވެސް ކޮށްދެއެވެ. އަދި ފުއްޕާމޭގެ ކޮންމެވެސް ބައްޔެއްގައި އެމީހަކު މަރުވުމުގެ ނިސްބަތް 12 ނުވަތަ 13 ގުނައަށް އުފުލެއެވެ.
ދަރިމައިވުން ހުއްޓިފައިވާ (އިއްދައިންކެޑިފައިވާ) އަންހެނުންނަށް މިބަލިޖެހިއްޖެނަމަ ކަށީގެ ބަރުދަން ނުރައްކާވާ މިންވަރަށް ލުއިވުމާއި، އުނަގަނޑާއި އެހެނިހެން ކަށިތައް ރެނދުލައި ބިނދުންވެސް ކުރިމަތިވެއެވެ.
ހިތާމައަކީ އަޅުގަނޑުމެން މިބަލި އަމިއްލައަށް ޖައްސާތީވެއެވެ. މިބަލިޖައްސާ އާލާތްތަކަކީ ދުންފަތާއި ސިނގިރޭޓާއި، ސުއްޓާއާއި، ބިޑިފަދަ ތަކެއްޗެވެ. އާދެ މި ބައްޔަކީ ދުންފަތުގެ އިސްތިޢުމާލުކުރުމެވެ.
ބަލި ޖެހުމުގެ ކުރިން ރައްކާތެރި ވާށެވެ.

މައުލޫމާތުނެގީ:

1 - ސީޑީސީ

2-   ޑަބްލިއުއެޗްއޯ

3-    www.kaheel7.com

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.