މިހިނގާ ރަމަޟާންމަހުގެ 22 ވީ ހޯމަދުވަހު "ސޯމާލިޔާގެ ރަޢިއްޔަތުންނަށް ސަޢުދީ ޤައުމީ އެހީ"ގެ ނަމުގައި ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު އަލްމަލިކު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާލު ސުޢޫދު –ޙަފިޡަހުﷲ- ފައްޓަވައިދެއްވި މަޝްރޫޢުގެ ދަށުން މިއަދުގެ ހެނދުނާހަމަޔަށް 202 މިލިޔަން ސަޢުދީރިޔާލަ، ނަގުދުފައިސާގެ ގޮތުގައި ސަޢުދީގެ ރަޢިއްޔަތުން ޖަމާކޮށްފައިވާކަމަށް އެޤައުމުގެ ރަސްމީޚަބަރުފަތުރާ އެޖެންސީ (ވާސް) އިން ހާމަކޮށްފިއެވެ. އެއީ އެމެރިކާ ޑޮލަރުންނަމަ ގާތްގަނޑަކަށް 54 މިލިޔަން ޑޮލަރެވެ. ދިވެހިފައިސާން ނަމަ 8.4 ބިލިޔަން ރުފިޔާއެވެ. މިފައިސާގެ އެހީގެ އިތުރުން އެތައްސަތޭކަ ޓަނެއްގެ ކަދުރާއި ކާބޯތަކެއްޗާއި އަންނައުނާއި ޓެންޓްފަދަތަކެތި ވަރަށް ގިނަޢަދަދަކަށް ލިބިފައިވާކަމަށް ހާމަކޮށްފައިވެއެވެ. ދިޔާތަކެތީގެ ތެރެއިން ދިގުމުއްދަތަކަށް ރައްކާކުރެވޭގޮތަށް ބަންދުކުރެވިފައިވާ ކިރުގެބާވަތްތަކާއި ޖޫހުގެ ވައްތަރުތައްވެސް ހިމެނެއެވެ.
ހޯމަދުވަހު، މަޝްރޫޢު ފައްޓަވައިދެއްވުމުގެ ގޮތުން ޢަބްދުﷲ ރަސްގެފާނު އަމިއްލަފުޅަށް 20 މިލިޔަން ސަޢޫދީރިޔާލަ ހަދިޔާ ކުރެއްވި މިމަޝްރޫޢަށް، އަލްއަމީރު ސުލްޠާން ބިން ޢަބްދުލްޢަޒީޒް 10 މިލިޔަން ސަޢޫދީރިޔާލަ ހަދިޔާކުރެއްވިއެވެ. އަދި ހަމައެހެންމެ އަލްއަމީރު ނާޔިފު ބިން ޢަބްދުލްޢަޒީޒް 5 މިލިޔަން ސަޢޫދީރިޔާލަ ވަނީ ހަދިޔާކުރައްވާފައެވެ. މީގެ އިތުރުންވެސް ސަޢޫދީޢަރަބިއްޔާގެ ބޮޑެތި މަހުޖަނުންނާއި ޢާއްމު ރަޢިއްޔަތުންގެ ވަރައްބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
ސަޢޫދީ ސަރުކާރުން ފައްޓަވައިދެއްވި މިމަޝްރޫޢަށް ހިއްވަރުދެއްވަމުން އެޤައުމުގެއިސް މުފްތީ އައްޝައިޚު ޢަބްދުލްޢަޒީޒް އާލުއްޝައިޚު އިއްޔެ މުޅިޤައުމާއި މުޚާޠަބު ކުރެއްވިއެވެ. މުފްތީގެ ވާހަކަފުޅުގައި ސަޢުދީގެ ރަޢިއްޔަތުންނާއި އެޤައުމުގައި ތިއްބެވި އެހެންޤަޥްމުތަކުގެ ރަޢިއްތުންގެ ކިބައިން މިކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސޯމާލިޔާގެމުސްލިމު އަޚުންނަކީ ޒަކާތްޙައްޤުވާފަދަ ނިކަމެތި ޙާލުގައި ތިބިބައެއްކަމުން ޒަކާތުގެ ގޮތުގައިވެސް އެހީވުމަށް އެދިވަޑައިގެންނެވިއެވެ. ސޯމާލިޔާގެ ރަޢިއްޔަތުން މިއަދު ހޭދަކުރަމުންއެދާ އިންސާނީ މުޞީބާތާއި ނިކަމެތިކަމަށްޓަކައި އެފަދައެހީއަކަށް އެންމެބޮޑަށް ބޭނުންޖެހިފައިވާނެ ބަޔަކީ އެއަޚުންކަމުގައި މުފްތީ ވިދާޅުވިއެވެ.
ސަޢުދީ ސަރުކާރާއި ރަޢިއްޔަތުން އިސްލާމްދީނަށާއި މުސްލިމުންނަށް ތަފާތު ސިފަސިފާގައި ވެދެމުންގެންދާ އެހީތަކާއި ތަބައްރުޢާތުތަކަކީ މުސްލިމުންގެ ޝުކުރުވެރިކަމާއި އެޔޮދުޢާ އެއުރެންނަށް ޙައްޤުވާނޭ ކަމެއްކަންކަށަވަރެވެ. މާތްﷲ މަމްލަކާއާއި އެހެންވެސް އިސްލާމީ ޤައުމުތަކާއި މުސްލިމުން ޙިމާޔަތްކުރައްވާ އަމާންކަން ދަމަހައްޓަވައި ފުދުންތެރިކަން އިތުރުކުރައްވައި ބާރުވެރި ކުރައްވާށި! އާމީން

ކޮމެންޓް (0)
ލޯޑް ކުރަމުން...