ރިޕޯޓް އަހަރެން އޮރިޔާމުން ނެރުނީކާކު؟

އަހަރެން އޮރިޔާމުން ނެރުނީކާކު؟

އަހަރެން އޮރިޔާމުން ނެރުނީކާކު؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

އަހަރެން އުޅޭނީ އަހަރެން ހިތަށް އެރިގޮތަކަށް، އެކަކަށް ވެސް ނުބެހެވޭނެއެވެ. މިއީ މިނިވަންކަމެވެ. އަހަރެން ހެދުންލާން ބޭނުންނަމަ ލާނަމެވެ. އަދި އެއްވެސް ހެދުމެއް ނުލާވެސް އަހަންނަށް އުޅުމުގެ މިނިވަންކަން އެބައޮތެވެ. ކަލޭމެން އަހަންނަށް ކޮންމެހެން ރަގަނޅުގޮތް ކިޔައިދޭނެ ކަމެއްނެތެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފެނުނުގޮތަކަށް އުޅެންވީއެވެ. ބައެއްފަހަރު ޖަންގިޔާކޮޅު ލައިގެން އަނެއްބައިފަހަރު ކުރިމަތިފަރާތް އެކަނި އަދި އަނެއްބައިފަހަރު ކަރާއި ފޫޅާއި ދެމެދު އަދި އަނެއްބައިފަހަރު އިސްތަށިގަނޑު އެކަންޏެވެ. ސޮސައިޓީއެއްގައި ހުސް މިވިސްނުމުގެ މީހުން އުޅޭނަމަ އެސޮސައިޓީއެއްގެ ޙާލު ހުންނާނީ ކިހިނެއްތޯއެވެ؟

އަހަރެމެން މިހާރު މިތިބި ސޮސައިޓީގައި ތިބެ އެފަދަ ސޮސައިޓީއަކަށް ބަލާލައިފިނަމަ ވަރަށް ހެއްވާ މަންޒަރުތައް ފެންނާނެއެވެ. އެއީ ހުރިހާގޮތަކުންވެސް މިނިވަން ސޮސައިޓީއެވެ. އެފަދަ ތަނެއްގައި އުޅޭނީ ކަލަކުވާކަން ޤަބޫލުނުކުރާ ނުވަތަ ޤަބޫލުކުރަން ނުޖެހޭކަމަށް ދެކޭމީހުންނެވެ. އެ ސޮސައިޓީގެ މޯރަލިޓީ ކަނޑައަޅާނީ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށެވެ. އިލާހީ ޤާނޫނެއް އެފަދަ ސޮސައިޓީއަކަށް ބޭނުމެއް ނޫންކަމަށް އެތާނގެ މީހުން ބުނާނެއެވެ. މިއީ މިހާރުގެ ދިވެހި ސޮސައިޓީ ދަތުރުކުރަމުންދާ ދިމާލެވެ. މިފަދަ ތަނެއްގެ ހާލާމެދު ވަރަށް ދިގުކޮށް ވާހަކަ ދެއްކިދާނެވެ. އެކަމަކު ތިބާގެ ވަގުތާ އަހަރެންގެ ވަގުތު ތަންނުދޭތީވެ މިވަރުން ދެން ފުއްދާލާނަމެވެ.

އެންމެން ވެސް އުޅެންޖެހޭނީ އޮރިޔާމުން

މިޤަވާއިދުގެ ދަށުން ދުނިޔޭގެ ބައެއް ކުލަބުތައް ހިންގައެވެ. އެފަދަ ތަނެއްގާ އެއްވެސް މީހަކު އެއްވެސް ބާވަތެއްގެ ހެދުމެއްލުން މަނަލެވެ. މިފަދަ ޤަވާއިދެއް ސޮސައިޓީއެއްގައި އޮވެއްޖެނަމަ އެތާނގެ ހާލު އޮންނާނީ ކިހިނެއްހެއްޔެވެ؟ އެއީ މުޅިން މިނިވަން ސޮސައިޓީއެކޭ ނުބުނެވޭނެއެވެ. ސަބަބަކީ އެތާނގައި އުޅެވޭނީ އެތާގެ ޤާނޫނަށް ތަބާވާ މީހުންނަށެވެ. އެމީހަކު ބޭނުން ވިއަސް ހެދުމެއް ނުލެވޭނެއެވެ. ތެދެކެވެ. އެތާނގައި އުޅެން އިޚްތިޔާރުކުރަނީ ތިމާއަށް ލިބިފައިވާ އިޚްތިޔާރުކުރުމުގެ މިނިވަންކަމުގެ ތެރޭންނެވެ. ކުރުގޮތަކަށް ބުނަނީނަމަ މިނިވަންކަމާއެކު ބޯލަނބާ އަޅުވެތިވުމެވެ. އެ ސޮސައިޓީއަށް ވަނުމަށްފަހު ދެން ތިމާބޭނުން ގޮތަކަށް ނުއުޅެވޭނެއެވެ. ދެންޖެހޭނީ މުޅިން ބަރަހަނާކޮށް އުޅޭށެވެ. ހެދުން ލާން ބޭނުންނަމަ ޖެހޭނީ އެތަން ދޫކޮށް ހިޖުރަކުރާށެވެ. މިފަދަ ސޮސައިޓީއަކަށް ވަރަށްގިނަ ފައިދާއާއި ގެއްލުން އެބަހުއްޓެވެ. ފައިދާތަކުގެ ތެރޭގައި، ހެދުން ގަތުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ނެތިދިޔުން، ބޭރުން ހެދުމާ ފޮތި އެތެރެކުރަން ނުޖެހުމުގެ ސަބަބުން ޤައުމުގެ އިޤްތިސާދު ރަނގަޅުވުން، ލާނީ ކޮންހެދުމެއްތޯ ވިސްނަންޖެހޭ ވަގުތުތައް ފައިދާހުރި އެހެންކަމެއްގައި ހޭދަކުރަން ފުރުޞަތުލިބުން، އޮފީހަށް ގަޑިނުޖެހި ދެވުން، ސިފައިން ނުވަތަ ސަރުކާރުން ޔުނީފޯމު ދޭންޖެހޭ މީހުންނަށް ކުރަންޖެހޭ ޚަރަދުތަކުން ސަލާމަތްވުން، އެކަކު މާރީތި ހެދުމެއް ލުމުގެ ސަބަބުން ހިތަށްވަންނަ ޙަސަދަތައް ނެތިދިޔުން، ކާބަން ނިއުޓްރަލް ސޮސައިޓީއަކަށް ވުން، ބޭނުން އިރަކު ބޭނުން މީހެއްގެ އައުރަ ބަލާލުމުގެ މިނިވަންކަން ލިބުން، ގިފިލި ނުވަތަ ފާޚާނަ ބަލާމީހުން ސޮސައިޓީން ހުސްވުން، ޕޯން ނުވަތަ ބަރަހަނާ ފިލްމުތަކާއި ޕޯން ސައިޓުތަކަށް ވަންނަ މީހުންނޫޅުން، އާބާދީ މަދުކުރުމުގައި އެހީއަކަށްވުން، ކިޔަވާކުދިން ވެސް މިފަދަ ފިލްމުތަކާއި ސައިޓުތަކަށް ވަނުމުން ޖެހޭ ނަފްސާނީ ބަލިތަކުން ކުދިން ސަލާމަތްވުމުގެ ސަބަބުން ކިޔެވުމަށް ފަހަރުގަ ފަސޭހަވެސް ވެދާނެއެވެ. އަހަރެން މިހާހިސާބުން ކުރުކޮށްލާނީ ތިބާގެ ހިތުގައި ތިޔަހުރި ފައިދާތަކަށް ޖާގަދެމުންނެވެ.

މިފަދަ ސޮސައިޓީއަކަށް ލިބިދާނެ ގެއްލުން ނުވަތަ ޑިސްއެޑުވާންޓޭޖުތަކުގެ ތެރޭގައި އިންޓަނެޓު ކެފޭތައް ބަންދުކުރަންޖެހުމާއި ޕޯން ސައިޓުތަކުގެ ޑިމާންޑު ދިއުމުގެ ސަބަބުން އެފަދަސައިޓުތައް ހުއްޓާލުން، ހެދުމާ ފޮތިވިއްކާ ވިޔަފާރިވެރިން އިނދަޖެހުން، ފަހާތަންތަން ބަންދުކުރަންޖެހުން، ފެޝަން ޑިޒައިނަރުންގެ ބޭނުން ކެނޑުމާއި މޮޑެލް ކުރާކުދީންގެ ބޭނުން ކެނޑުމާއި ފެޝަން ޝޯތަކުން ލިބޭފައިދާ ނުލިބުން، ތަފާތު އިޝްތިހާރުތަކާއި ބިލްބޯޑުތަކުގައި ބޭނުންކުރާ އަންހެންކުދިންނަށް ލިބޭފައިދާތައް ނެތިގެންދިޔުން، މިފަދަ އިޝްތިހާރު ހަދާމީހުންނަށް އިތުރަށް ވިސްނަން ޖެހުން، ޕޯން މެގަޒިންތަކާއި ސޮފްޓްޕޯން މެގަޒިންތަކާއި މޮޑެލް މެގަޒިންތަކުން ފައިދާނުވުން، ހަންގަޑުގައި ލައްތައް ގިނަމީހުން ނުވަތަ އުނިމީހުން ލަދުގަންނަން ޖެހުން، ދެމަފިރި ކަމުގެ ގުޅުން ހިންގުމުގައި ދަތިތަކާ ކުރިމަތިވުން ނުވަތަ އެކަމަކީ ތިން އަހަރުން އެއްފަހަރު ކުރާކަމަކަށް ވުން، ޝަހުވަތް ތެރިކަން ގެންނަން ކާންޖެހޭ ބާރުގަދަ ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް އެކިކަހަލަ ގެއްލުންތަކާ ކުރިމަތިވުން، މިހެން ގޮސްވަރަށް ގިނަކަންކަމެވެ.

ހެދުންލައިގެން އޮރިޔާމުން

މިއީ އެންމެ ފުރަތަމަ ބަޔާންކުރި ސޮސައިޓީގެ ގޮތްޕެކެވެ. ނުވަތަ އެފިކުރުގެ އަވަށްޓެރިއެކެވެ. މިއީ މިހާރުގެ ދިވެހި ސޮސައިޓީއޭ ބުނުމުން އެކަމާ ހަމައެކަނި އިންކާރުކުރާނީ އައުރައަކީ ތިމާބޭނުންގޮތަކަށް ކަނޑައެޅޭ އެއްޗެއްކަމަށް ޤަބޫލުކުރާ މީހުންނެވެ. މިފަދަ ސޮސައިޓީއެއްގައި އުޅޭ މީހުންނަށްވަނީ އައުރައާއި އައުރަ ހާމަވެގެންދާ ގޮތްތައް އޮޅިފައެވެ. އެކަމުގެ ސަބަބުން އައުރަކަމަށް ތިމާދެކޭ ތަންތަންވެސް އޮންނަނީ ހާމަވެގެން ދާއިރުވެސް ނޭނގިފައެވެ. މިސާލަކަށް ފިރިހެނާގެ އައުރަ ފޫޅާ ކަކުލާ ދެމެދުކަން ޤަބޫލުކޮށް ހަމައެކަނި ޓައިޓު ލައިގެން ނުކުތުމުން އެހެރީ އައުރަނިވާވެފައެވެ. އެކަމަކު ފޮރުވެނީ ހަމައެކަނި އައުރައިގެ ކުލައެވެ. ނުވަތަ ހަންގަޑެވެ. ހަމަ މިގޮތަށް އަންހެނުންގެ ވެސް އައުރައިން ފޮރުވެނީ ހަމައެކަނި ހަންގަނޑުގެ ކުލައެވެ. އެކަމަކު އެފަދަ މީހުންނަށް އެމީހުން ދެކޭގޮތުގައި އެހެރީ އައުރަ ނިވާކުރެވިފައެވެ. އެއާ ދެކޮޅަށް އެއްޗެއް ބުނުމުން ވަރަށް ފޫހިވާނެއެވެ. ފުރިހަމަ އިސްލާމީ ސޮސައިޓީއެއްގެ ލޮލުން މިފަދަ ސޮސައިޓީއަކަށް ބަލާލުމުން ކުޑަކޮށް ހިނިއަޔަސް އެފަދަލޮލަކުން ހިތާމައިގެ ކަރުނަވެސް ފައިބާނެއެވެ.

ކޮންމެއަކަސް އަޅުގަނޑު ގޮތެއްނުނިންމާނަމެވެ. މިފަދަ ސޮސައިޓީއެއްގައި ފައިދާލިބިގަންނަ ބަޔަކާއި ގެއްލުން ލިބޭނެ ބަޔަކުވެސް އުޅޭނެއެވެ. ފައިދާތަކުގެ ތެރޭގައި ތަފާތުފެޝަން ޑިޒައިނަރުން، ހެދުމުގެ ވިޔަފާރި ކުރާމީހުންނާއި ފެޝަން ޝޯތަކުން ފައިދާތައް ލިބިގަންނަމީހުން، ފެޝަން މެގަޒިން ތަކުން ލިގިގެންދާ ފައިދާ، ކުރު ނުވަތަ ތުނި ނުވަތަ ބާރު ހެދުންތައް ލާންކެރޭ މޮޑެލްކުރާ ކުދިންނަށް ލިބިގެންދާ ފައިދާ ނުވަތަ ލިބިގެންދާ މަޝްހޫރުކަން، ސެކްސްޝުއަލް ފެންޓަސީ ތަކަށް މީހުން އިޚްތިޔާރުކުރަން ފަސޭހަވުން، ސޮސައިޓީގެ އަހުލުވެރީންގެ ސިއްރުތަކަކީ އެންމެންނަށް އިނގޭ ސިއްރުތަކަކަށް ވުން، މީހުންގެ ހެދުމުގެ އެތެރޭގައިވާ އައުރަތައް ބަލާހިތުން މަރުދަންޖެހޭ މީހުންނަށް ކޮންމެހެން ގިފިލި ނުވަތަ ފާޚާނާ ބަލަން ނުޖެހުން، ތަފާތުު އަންޑަވެޔާ ވިއްކާމީހުންގެ ޑިމާންޑުހައިވުން، ނުސީދާކޮން ހަށިގަޑުގެ ވަނާތައް ދައްކައިގެން މީހުން ހެއްލުންތެރި ކުރުމާއި ކަސްބީ މީހުންނަށް މާކެޓިންގައި ފަސޭހަވުން، ތަފާތު ވިޔަފާރިކުރާ ފަރާތްތަކުގެ މާކެޓިންތަކުގައި ނުވަތަ އިޝްތިހާރުތަކުގައި މިފަދަ އަންހެންކުދީން ބޭނުންކޮށްގެން ފައިދާ ލިބިގަންނަށް ފަސޭހަވުން (ބޮޑަށް ބަރަހަނާ ކަންބޮޑު ފޮޓޯ ނުވަތަ ހެދުންލީ ކުދިން ބޭނުން ކުރުމުން މާކެޓިންގައި ފަސޭހަ ވެއެވެ. އެއީ އެކީ ހާމަވުމާ ކުޑަކޮށް ހާމަ ވުމުގެ ހުރިތަފާތެވެ، މުޅިން ހާމަކޮށް އުޅޭ ސޮސައިޓީއެއް ވެއްޖެނަމަ އައުރައިގެ ވެލިއު ގެއްލެނީއެވެ.) ވަނާތައް ނުސީދާކޮށް ދައްކައިގެން ވަޒީފާތަކުގައި ކުރިއަރައިގެންވެސް ދެވިދާނެއެވެ. މިފަދަ ވަރަށްގިނަ ފައިދާތައް، ލިބިގަންނަ ފަރާތްތަކަށް ލިބިގެންދެއެވެ. ކުރުކޮށްލުމަށްފަހު ގެއްލުމާދިމާލަށް އެނބުރިލާނަމެވެ.

ހެދުން އިޚްތިޔާރުކުރުމުގައި ގިނަވަގުތު ހޭދަވުން، ތަފާތު ފެޝަންތަކުގެ ހެދުންތައް އަވަސް އަވަހަށް ނުވަތަ ކޮންމެ ދުވަހަކު އޮފީހަށްދާން އާހެދުމެއް ލާންޖެހުގެ ސަބަބުން ގިނަ ފައިސާތަކެއް އަތުން ދިޔުން ނުވަތަ މުސާރައިގެ ދެބައިކުޅައެއްބައި ހެދުންގަތުމުގައި ޚަރަދުވުން، ބަލިކަށި ހިތްތަކުގެ މީހުން ވާވަދެގެން ދިޔުން ނުވަތަ ސޮސައިޓީގެ ޢަދުއްވުން އެސޮސައިޓީއަށް ނަފްސާނީގޮތުން ނުވަތަ ފިކުރީ ގޮތުން ހަމަލަދިނުމަށް ފަސޭހަވުން، ޝަހުވަތްތެރިކަން ހިނގާ ކިޔަވާކުދިންނަށް ލިބިގެންދާ ގެއްލުމުގެ ސަބަބުން އެކުދިންގެ ކިޔެވުން ދަށްވުން، އެކަމުގެ ސަބަބުން އެކުދީން ޕޯނޯގްރަފީއަށް ގޮސް ކިޔެވުން ހަލާކު ވުން، ވިސްނުން ކޮށިވުމާއި އެކުދީންގެ ފިކުރުތައް އެކަމަށް މުޅިން ހޭދަވުން، ދެމަފިރީންގެ ކައިވެންޏަށް ބުރޫއެރުން، ވަރިގިނަވުން، ޕޯންއާއި ބަރަހަނާ ފޮޓޯތައް ގިނަވުން، އަދި މިނޫނަސް އައުރަ ފުރިހަމަޔަށް ނިވާނުކުރުމުން ސޮސައިޓީއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އިޤްތިސާދީ ގޮތުން ވެސް ވަރަށް ގިނަ މަސްއަލަތަކާ ދިމާވެގެން ދެއެވެ. ކުރުކޮށްލާނަމެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.