ދުނިޔެ ގިނަ ބަޔަކަށް ސިހުން ދިނުމަށްފަހު ބްރެޒިލްގައި އިސްލާމްދީން ފެތުރެނީ

ގިނަ ބަޔަކަށް ސިހުން ދިނުމަށްފަހު ބްރެޒިލްގައި އިސްލާމްދީން ފެތުރެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ހާތިމް ޔޫސުފް

ދުނިޔޭގެ ކެތޮލިކް ކްރިސްޓިއަނުންގެ އާބާދީ އެންމެ ބޮޑު ޤައުމުކަމަށްވާ ބްރެޒިލްގައި ވަރަށް ބާރު މިނެއްގައި އިސްލާމްދީން ފެތުރިގެންދާކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ. އޭއެފްޕީ ފަދަ ބައެއް ނޫސްއިދާރާތަކުން މައުލޫމާތުދޭ ގޮތުގައި ބައެއް ނަޞާރާ ފާދިރީންވެސް ދަނީ އިސްލާމްވަމުންނެވެ.

ނިވާކަންކުޑަ ހެދުންލާއުޅޭ އަންހެނުން ގިނަ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރެޒިލްގައި އިސްލާމްދީން ފެތުރޭތީ ގިނަ ބަޔަކަށްވަނީ ޙައިރާންކަމެއް ލިބިފާކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދެއެވެ.

ވަރަށް ފަހުން އިސްލާމްވެލައްވާފައިވާ ކުރީގެ ފާދިރީއެއް ކަމަށްވާ ޢުމަރު އިސްރާފިލް ދާވޫދު ބިން އިބްރާހީމް އޭއެފްޕީ ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ "އަހަރެން ކުރިން ހޯދި ހުރިހާކަމެއް އިސްލާމްދީނުން ފެނިފައިވާ" ކަމަށެވެ. ޢުމަރުގެ އަނބިކަނބަލުން ފާޠިމާއަކީ ވެސް އަލަށް އިސްލާމްވެލައްވާފައިވާ އަދި މިހާރު އިސްލާމީ ޙިޖާބު ތުރުކުރައްވާފައިވާ ބޭކަނބަލެކެވެ.

ނިވާކަންކުޑަ ހެދުންތައް ޢާއްމުވެފައިވާ ބްރެޒިލްގައި ބުރުގާ އަޅައިގެން އުޅުމުން ދަތިތަކާ ކުރިމަތިވާނެކަމަށާއި ނަމަވެސް ގިނަ ޘަޤާފަތްތަކެއް އެކުލެވޭ ބްރެޒިލްގައި އިސްލާމްދީނަށްވެސް ޖާގަ ލިބޭނެކަމަށް ފާޠިމާ ވިދާޅުވެއެވެ.

މީގެ އަހަރުތަކެއް ކުރިއާ ހަމައަށް ބްރެޒިލްގެ މުސްލިމް އާބާދީގެ ބޮޑު ބަޔަކީ ލީބިޔާ، ފަލަސްޠީން އަދި ސީރިޔާއިން ހިޖުރަކޮށްފައިވާ ދަރިކޮޅުތަކުގެ މީހުންނެވެ. ނަމަވެސް، މިހާރު ބްރެޒިލްގެ މުސްލިމް އާބާދީގެ ބޮޑު ބަޔަކީ އަލަށް އިސްލާމްވާ މީހުންކަމަށް "ބެނެފިޝެންޓް މުސްލިމް ސޮސައިޓީ"ގެ ސްޕޯކްސްޕާރޒަން ސާމީ އިސަބެލް ވިދާޅުވެއެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ "ރިއޯ (ބްރެޒިލްގެ ވެރިރަށް)ގައި 500 ވަރަކަށް މުސްލިމް އާއިލާ އުޅޭނެ. އޭގެ ތެރެއިން 85 އިންސައްތަ އަކީ އަލަށް އިސްލާމްވި ބްރެޒިލްމީހުން. މިމީހުންނަކީ ޢަރަބި ނަސްލާ ގުޅުން ހުރި ބައެއް ނޫން."

ނަމަވެސް ބްރެޒިލްގެ ރަސްމީ ބޯހިމެނުމުގައި މުސްލިމުންގެ އާބާދީއެއް ނުގުނައެވެ. ދީންތަކެއްގެ ގޮތުގައި ބޯހިމެނުމުގައި ޚާއްސަކޮށް ހިމަނަނީ ކެތޮލިކުންނާއި، އެވަންޖެލިކުންނާއި، ޔަހޫދީންނާއި، ސްޕިރިޗުއަލިސްޓުންނާއި އެފްރިކާ-ބްރެޒިލްގެ ދީންތަކެވެ.

މުސްލިމުންގެ އާބާދީ ހިމަނަނީ ބްޑިސްޓުންނާއި އެހެނިހެން ދީންތަކާއެކު "އެހެނިހެން ދީންތައް"ގެ ދަށުގައި ކަމަށް،  "ފްމިނެންސް ފެޑަރަލް ޔުނިވާރސިޓީ"ގެ ޕައުލޯ ޕިންޓޯ ވިދާޅުވެފައިވެއެވެ. ބްރެޒިލްގައި އެއްމިލިއަން މުސްލިމުން އުޅޭނެކަމަށް ޕައުލޯ ޕިންޓޯ ޤަބޫލުކުރައްވައެވެ.

މިކަން އެންމެ ބޮޑަށް ދޭހަވާނެ އެއް ޢިޝާރާތަކީ ބްރެޒިލްގައި އިތުރުވަމުން އަންނަ މިސްކިތްތަކުގެ އަދަދުކަމަށް ޕައުލޯ ވިދާޅުވެއެވެ. މިހާރު ބްރެޒިލްގައި 127 އަށްވުރެ ގިނަ މިސްކިތް ހުރެއެވެ. މިއީ 2000 ވަނަ އަހަރުގެ ޢަދަދުތަކާއި އަޅާ ބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ.

ބްރެޒިލްގައިވެސް އިސްލާމްދީން ކުރިއަރަން ފަށާފައިވަނީ 11 ސެޕްޓެމްބަރ 2001ގެ ޙާދިޡާއަށް ފަހު އިސްލާމްދީނާމެދު މީހުން ޝައުޤުވެރިވެ އިސްލާމްވާން ބޭނުންވެގެންކަމަށް ޕައުލޯ ވިދާޅުވެއެވެ.

އިސްލާމްދީނާމެދު ބްރެޒިލްގެ ގިނަ ބައެއްގެ ލޯބި އުފެދިފައިވަނީ ސެޕްޓެމްބަރ 11 ގެ ތިން ހަފްތާ ފަހުން ފެށިގެން މޮރޮކޯއިން ދައްކަމުން ގެންދާ ޓީވީ ސީރީސްއެއްކަމަށްވާ "ދަ ކްލޯން"ގެ ސަބަބުންކަމަށްވެސް ބައެއް ފަޜާތްތަކުން ޤަބޫލުކުރައްވައެވެ.

ޓެގް

ބްރެޒިލް މުސްލިމް އިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.