އިންސާނާ ދުނިޔެއަށް އުފަންވުމާއިއެކު، ހަޔާތުގެ ނެވާ ފުރަތަމަ ފަހަރަށް ދުނިޔެއަށް ދޫކޮށްލަމުން ބަލިއަޑަކުން ރޮއިލާ ރޮއިލުމަކީ ޤުދުރަތުގެ ޤާނޫނާއިއެކުވެފައިވާ ރޮއިލުމެއްކަމުގައި ވިޔަސް، މި މަޢުސޫމް ތުއްތު ކުއްޖާގެ ފުރަތަމަ ރޯއިލުމުގެ އަޑުވެގެން ދިޔައީ އެހީތެރިކަމާއި، އޯގާތެރިކަމަށް އެދި ރޮއެލި ހިތްދަތި އަސަރުގަދަ ރޮއިލުމުކަކަށެވެ. ދުނިޔޭގެ ބޮޑު އިމްތިހާނާއި މި ތުއްތު ދަރިފުޅު ބައްދަލުކުރަން ޖެހުނީ އެއްގޮތަށްވުރެން ގިނަ ގޮތްގޮތުން ނުކުޅެދުންތެރި ހާލަތެއްގައެވެ. ހިތުގެ ބައްޔާއި، ދެފައި ފުރޮޅިފައި ވުމާއި، ކުރިމަތިފަރާތުން މުހިންމު ބައެއް އުފެދިފައި ނެތުމަކީ މި ދަރިފުޅުގެ އެންމެ ޅަޢުމުގައި ކުރިމަތިލާން ޖެހިފައިވާ ކަންކަމެވެ. އެހެންކަމުން މި ތުއްތު ދަރިފުޅު ވަރަށް އާދޭހާއި، އަސަރާއެކު މިއަދު ތިބާގެ އެހީތެރިކަމަށް އެދި އެބަގޮވައެވެ. ހަމްދަރުދީއާއިއެކު މި މަޢުޝޫމް ހިތުގެ އަޑު އައްސަވާށެވެ.
ށ ކޮމަންޑޫ ވާދީ އަހްމަދު ފާރޫޤާއި، ހއ ދިއްދޫ ޗަނބޭލީގޭ މަރިޔަމް ސިފާނާގެ އަލަތު ދަރިފުޅު ކަމުގައިވާ އާލް ބިން އަހްމަދު ފާރޫޤު މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހު އުފަންވިއިރު އެ ދަރިފުޅަށް ކުރިމަތިލާން ޖެހިފައިވަނީ ވަރަށްވެސް ބޮޑު ނުކުޅެދުންތެރިކަމަކާއެވެ. އެގޮތުން އެދަރިފުޅު އުފަންވިއިރު ހަށިގަނޑުގެ ތިން ތަނެއްގައި މައްސަލަ އެބަހުއްޓެވެ. އެއީ ހިތުގައި ތިން ލޯވަޅު އެޅިފައިވުމާއި، ދެ ފައިތިލަ ފުރޮޅިފައިވުމުގެ އިތުރުން، ކުރިމަތި ފަރާތުގައި އިންނަންވާ ދެ ޓެސްޓިސް އަދި އުފެދިފައި ނެތްކަމަށް ޑޮކްޓަރގެ ރިޕޯޓްތަކުން ދައްކައެވެ.
އާލް ބިން އަހްމަދު ފާރޫޤު އުފަންވިތާ މިއަދަށް އެއްމަހާއި ނުވަ ދުވަސްވެފައިވާއިރު، ހިތުގައި އުފެދިފައިވާ ތިން ލޯވަޅުގެ ތެރެއިން ދެ ލޯވަޅު މިހާރު ބެދެމުން އަންނަކަމަށާއި، ނަމަވެސް ހިތުގެ ވަރަށް ނާޒުކު ހިސާބެއްގައި އިން ތިންވަނަ ލޯވަޅު ބޮޑު ވަމުން އަންނަކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަމަހުގެ 20 ވަނަ ދުވަހު ހެދި ޓެސްޓުތަކުން ދައްކާގޮތުގައި ހިތުގައި އެޅިފައިވާ އެ ލޯވަޅުގައި 3.5 އެމްއެމް ހުރި އިރު، މި މަހުގެ 17 ވަނަދުވަހު ހެދި ޓެސްޓުތަކުން ދައްކާފައިވަނީ އެ ލޯވަޅު 4 އެމްއެމްއަށް ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށްޓަކައި އަވަސް ފަރުވާއަކަށް މި ތުއްތު ހިތް ވަނީ ބޭނުންވެފައެވެ. ނަމަވެސް އެފަދަ ފަރުވާއެއް ކުރެވެން އަންނަނީ ރާއްޖެއިން ބޭރުންކަމަށްވެފައި، މި އޮޕަރޭޝަނަށް ބޮޑު ހަރަދެއް ކުރަން ވެސް އެބަޖެހެއެވެ. ނަމަވެސް ޢާއިލީ ފުއްދުންތެރިކަން ހުރި ގޮތުން މިފަދަ ބޮޑު ޚަރަދެއްކުރަން ޢާއިލާއިން ވަނީ ނުކުޅެދިފައެވެ. އެހެންކަމުން މިދަނޑިވަޅުގައި އެ މަޢުސޫމް ދަރިފުޅަށްޓަކައި އަޅުގަނޑުމެންގެ އަތްތައް ހުޅުވާލަމާ ހިނގާށެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ އެ ޢާއިލާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަމާ ހިންގާށެވެ.
މިއަދު އާލްގެ ޢާއިލާ ވަނީ ވަރަށް ބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މައިވަންތަ ކަމުގެ ލޯބީގައި، އެ މަންމަގެ ލޯ މިއަދުވަނީ ކަރުނައިން ފުރިފައެވެ. ދަރިފުޅުގެ ވޭނީ އަސަރުގަދަ ރުއިމުގެ އަޑު އަހަމުން އެދަނީ ހަމަ އަޅުގަނޑުމެންގެ މަންމަ ފަދަ މަންމައެކެވެ. އެ މަންމަ މިއަދު އިނީ އަޅުގަނޑުމެންގެ އެހީތެރިކަމާއިއެކު، ދަރިފުޅުގެ ބައްޔަށް ފަރުވާކުރެވޭނެކަމުގެ އުންމީދާއާއެކު އެކަމުގެ އިންތިޒާރުގައިވެސްމެއެވެ. އެ ތުއްތު ދަރިފުޅާއި، އެ މަންމައަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. އާލްގެ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ފަސްރުފިޔާއަކީވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެންވެސް އަގު ބޮޑު އެއްޗެކެވެ. އަދި އެހީތެރިކަމުގެ ކިތަންމެ ކުޑަ މިންވަރެއްވެސް އެ ޢާއިލާއިން ބަލައިގަންނާނީ ޝުކުރުވެރިކަމާއިއެކުގައެވެ.
އާލްގެ ބައްޕަ އަހްމަދު ފާރޫޤްއަކީ މިއަދުވެސް އެ ޢާއިލާ މެންބަރެއްގެ ކެންސަރު ބަލީގެ ފަރުވާއަކަށް ޚަރަދުކުރަމުން އަންނަ ބައްޕައެކެވެ. މިއަދު މިވަނީ ހަމަ އެފަދަ ބޮޑު ޚަރަދެއް، އެފަދަ ދެވަނަ ކަމަކަށް ކުރަން ޖެހިފައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ފަރާތުން ފޯރުކޮށްދޭ ދީލަތި އެހީތެރިކަމާއިއެކު ނުނީ ފާރޫޤަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅޭކަށް ނެތެވެ. ކުރަން ޖެހޭ އޮޕަރޭޝަންގެ ބޮޑުކަމާއި، ހޯދަން ޖެހޭ ފަރުވާގެ ގިނަކަމުންނެވެ. ކަނޑައެޅިގެން ޚަރަދުވާނެ އަދަދެއް އަދި ހިސާބުކުރެވިފައި ނެތްނަމަވެސް، ހަމައެކަނި ހިތުގެ އޮޕަރޭޝަނަށް ވެސް 8000 ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެކަމަށް އަންދާޒާ ކުރެވެރެވެއެވެ. އަދި އެހެނިހެން ޚަރަދުތަކާއި، ފަރުވާތަކަށް ކިހާބޮޑު ފައިސާއެއް ހޭދަވާނެ ނޫންތޯއެވެ.
ދުނިޔޭގައި ދިރިއުޅުމުގައި އެއް ހާލަތުން އަނެއް ހާލަތަށް އިންސާނާ ބަދަލުވާއިރު، ބައެއް ދަނޑިވަޅުތަކަކީ އިންސާނާއަށްޓަކައި ފުރުސަތުތަކެއް ހުޅުވޭ ވަގުތުތަކެކެވެ. ތިބާއަށްޓަކައި މިއީ މުހިންމު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފާށެވެ. އެހީގެ އަތް ހުޅުވާލައި، އެ ޢާއިލާއާއި ތުއްތު ތުއްތު އާލްގެ ހަޔާތް އުފާވެރިކަމަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ. އިންސާނިއްޔަތަށްޓަކައި، މިއަދު ތިބާގެ އަތުން ދޫކޮށްލެވޭ އެހީތެރިކަމުގެ ފައިސާކޮޅަކީ، މާދަމާ ތިބާ ހިނިތުންވުމުގެ އަސްލުކަމައުގައި ވުމީވެސް އެކަށީގެންވާ ކަމެކެވެ. އެހީތެރިކަމާއި، އޯގާތެރިކަމަށް އެދި މިއަދު އެރޮނީ ތުއްތު ތުއްތު ހިތެކެވެ. މާދަމާ ހަމަ އެފަދަ ހިތަކުން ރޯލާނީ ތިބާގެ ދަރިފުޅު ނޫންކަކަމެއްވެސް ނޭނގެއެވެ. އެދުވަހުން ހަމަ މިގޮތަށް ތިބާވެސް އެހީތެރިކަމަށް އެދޭނެއެވެ. އާދޭސްކުރާނެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުންހިފާ، ތިބާގެ އެހީތެރިކަން ކުޑަކުޑަ އާލް ފޯރުކޮށްދެމާ ހިނގާށެވެ.
އާލްގެ ފަޔަށް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުން ގެންދަނީ ފަރުވާ ދެމުންނެވެ. އެގޮތުން މިހާރު ގެއަށް ބަދަލުކޮށްފައިވާ އާލް ކޮންމެ ހޯމަދުވަހަކު ފައިގެ ޕްލާސްޓަރު އެޅުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވެއެވެ. އަދި މަޑުމަޑުން ފައި ތެދުވަމުން އަންނަކަމަށް ވެސް އާލްގެ ބައްޕަ ބުންޏެވެ. އާލްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ އާލްގެ ބައްޕަ އަހްމަދު ފާރޫޤް (7936252)، އަދި ޢާއިލާ މެންބަރެއްކަމުގައިވާ ހުސައިން ސަމީރު (7881219) އަށެވެ. އަދި އާލްއަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން (101 268470 7704) މި އެކައުޓަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ. މިއީ އާލްގެ ބައްޕަ އަހްމަދު ފާރޫޤްގެ އެކައުންޓް ނަންބަރެވެ.
“އިންސާނިއްޔަތަށްޓަކައި އަހަރެން އެހީވާނަން، މާދަމާ އަހަރެންވެސް އެހެންމީހުންގެ އެހީތެރިކަމަށް އެދެން ޖެހޭނެ”.
އާލްގެ ޢާއިލާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އެދަނީ ތިބާގެ އެހީތެރިކަމަށެވެ. ވެވުނު މިންވަރަކުން މިޢާއިލާއަށް އެހީތެރިން ފޯރުކޮށްދޭށެވެ. މާތްﷲ އާލްއަށް އަވަސް ޝިފާ މިންވަރުކުރައްވާށިއެވެ. އާމީން.

















ދި އިސްލާމް.ކޮމް ގެ ފަރާތުން އެސް އެމް އެސް މެދުވެރިކޮށް މިފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވަންވީނޫންތޯއެވެ؟ އޭރުން ގިނަ ބައަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސޭހަ ވެގެން ދާނެކަމަށް ފެނެއެވެ.