ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މެދު ކުރެވޭ ރިޝްވަތުގެ ތުޙުމަތުގެ މައްސަލަތަކެއް ބަލަމުންދާކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހާމަކޮށްފިއެވެ.
މިމައްސަލަތަކުގެ ތަޙުޤީޤު ވަރަށް ތަފްޞީލްކޮށް ހިންގަންޖެހިފައިވާކަމުގައާއި، މިތަޙްޤީޤުތަކުގެ ތެރޭގައި ދަޢުލަތުގެ އެކި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ހޯދަން ޖެހޭ ތަފާތުމަޢުލޫމާތުތައް ހޯދަމުން ދާކަމުގައި އޭ.ސީ.ސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވިއެވެ. ނަމަވެސް މިމައްސަލަތައް އަދި ނިމިފައިނުވާތީ، މިކަމާއި ގުޅޭ އިތުރު ތަފްޞީލެއް އޭސީ.ސީ އިން އަދި ހާމައެއް ނުކުރެއެވެ.
މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރާނެ މިންވަރާއި މެދު މަޖިލީހުން ވަނީ އަދިވެސް ގޮތެއް ނުނިންމިއެވެ. އަދި ޝަރީއަތުން އަންގާ ގޮތަކުން ނޫނީ މެމްބަރުންގެ މާލީ ބަޔާނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ނުދެވޭނެކަމުގައި މަޖިލީހުގެ ސުލޫކުގެ ކޮމިޓީއިން ނިންމާފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން، ވަރަށް ގިނަ ޚިޔާލްތަފާތުވުންތަކާއި އެކު ވަނީ ގޮތެއް ނުނިންމިފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހުގެ މެމްބަރެއްގެ މާލީ ބަޔާން ދައުލަތުގެ މުއައްސަސާއަކުން ބޭނުންވެއްޖެ ހިނދެއްގައި ހާމަކުރުމުގެ މައްސަލަ ފެންމަތިވެ އެބަޙުޘް މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ، މެމްބަރެއްގެ މާލީ ބަޔާން ހޯދުމަށް އޭ.ސީ.ސީ އިން މަޖިލީހުގެ އިދާރާގައި އެދުމާއި ގުޅިގެންނެވެ.
ޤާނޫނު އަސާސީގެ 76 ވަނަ މާއްދާގައި ބުނެފައިވާގޮތުން، "ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށައަޅަންވާނެއެވެ." އަދި މިމަޢުލޫމާތުގެ ތެރޭގައި އެމެމްބަރަކު އެހެން ވަޒީފާއެއް އަދާކުރާނަމަ އެވަޒީފާތަކުގެ ޒިންމާތައް ވެސް ހިމަނަންވާނެކަމުގައި މިމާއްދާގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...