ރާއްޖޭގެ ޚަބަރު ރަމަޟާންމަހުގެ ފައިދާ ލިބިގަނެވޭނީ ތަޤްވާވެރިކަމުގައި ދެމިތިބެގެން : އައްޝައިހް އަޙްމަދު ސަމީރު

ރަމަޟާންމަހުގެ ފައިދާ ލިބިގަނެވޭނީ ތަޤްވާވެރިކަމުގައި ދެމިތިބެގެން : އައްޝައިހް އަޙްމަދު ސަމީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޏ. ފުވައްމުލަކުން، ސާއިމް މޫސާ

ރަމަޟާންމަހުގެ ފައިދާ ލިބިގަނެވޭނީ ތަޤްވާވެރިކަމުގައި ދެމިތިބެގެން ކަމުގައި އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ޏ.ފުވައްމުލަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ފައިސަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ރަމާޟާމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން  "ރަމަޟާންމަހުގު ފައިދާ ލިބިގަންނާށެވެ" މިމައުޟޫއަށް އެރަށުގައި ރޭ ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށް ދިޔަ މި ދަރުސްގައި ވަރަށް ތަފްސީލް ކޮށް ރަމަޟާންމަހުގެ ފައިދާ  ހެޔޮގޮތުގައި ލިބޭނެ ގޮތްތައް ޝައިޚް ބަޔާންކޮށް ދެއްވިއެވެ.

"ރަމަޟާން މަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަނެވޭނީ ތަޤްވާވެރި ކަންމަތީގައި ރަމަޟާންމަސް ގޮސް ނިންމާލެވިގެން. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ރަމަޟާން މަސް މި ސިފަ ކުރެވެނީ ކޮނެމެވެސް ރަމަޟާން ކަޕެއް ބާއްވައި މުނިފޫހި ފިލުވުމާއި ކުޅިވަރުގެ މައްސަރެއްގެ ގޮތުގައި."  ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކޮޅު މިސްކިތްތައް ފުރިގެންދާއިރު، ރަމާޟާން މަހު ފާއިތު ވެގެންދާ ވަރަކަށް  ހާއްޞަކޮށް ދަރުމާއާއި ސާވާބު ބޮޑު  ފަހު ދިހަ އަށް ދާއިރު މިސްކިތްތަކުގެ ސަފުތައް ސަފަކަށް ފަހު ސަފެއް މަދުވެގެން ގޮސް، ރަމަޟާން މަސް ނިމޭއިރު މިސްކިތްތައް ހުސްވާ ކަމަށާއި، އެ ގޮތަށް ޢަމަލުތައް ބަހައްޓައިގެން ރަމަޟާން މަހުގެ ފައިދާ ނުލިބޭނެ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފައިދާ ހެޔޮގޮތުގައި ހޯދުމަށްޓަކައި ތިމާގެ ދޫ ވެސް ރޯދައަށް ބެހެއްޓުމަށާއި، އެ ދުލުން މީހުންގެ މަސްނުކެއެމަށާއި، ރޭގަނޑާއި ދުވާލު ކުޅިވާރާއި މަޖަލުގައ  ހަމައެކަނި ހޭދަކުރުމުގެ ބަދަލުގައި ގިނަގިނައިން ﷲ އަށް އަޅުކަންކޮށް ތަޤްވަވެރިކަން މަތީގައި ދެމިތިބުމަށް ޝައިޚް ނަޞީހަތްތެރިވެލެއްވިއެވެ.

ރޭގެ ދަރުސް އަޑުއެހުމަށްޓަކައި ގިނަ ޢަދަދެއްގެ މީހުން ޙާޟިރުވެފައިވެއެވެ. މިދަރުސަކީ 1432 ވަނަ އަހަރުގެ ރަމާޟާމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ފައިސަލް ފައުންޑޭޝަނުން ބޭއްވި ދެވަނަ ދަރުސެވެ. މިސިލްސިލާގެ ފުރަތަމަ ދަރުސް ބާއްވާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ.  ”ސުވަރުގޭގެ ނިޢުމަތްތައް” މި މައުޟޫއަށް އެރޭ ދަރުސް ދެއްވާފައި ވަނީ އައްޝައިޚް މުހައްމަދު ނަޝީދު އާދާމް އެވެ.

ފައިސަލް ފައުންޑޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި ފެންވަރު ރަނގަޅު ޝައިޚުން ފުވައްމުލަކަށް ގެނެވުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށާއި، އެހެން ދިމާވަނީ ފުވައްމުލަކަށް ދަތުރުފަތުރު ކުރުމުގައި ހުރި އުނދަގޫތަކެއްގެ ސަބަބުންކަމަށެވެ.

ޓެގް

ދަރުސް ވީޑިއޯ ފުވައްމުލައް ރަމަޟާން ޝައިޚް އަޙްމަދު ސަމީރު ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.