ރާއްޖޭގެ ޚަބަރު ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ދެވަނަ ޤުރުއާން މުބާރާތް އައްޑޫ ސިޓީގައި ކުރިއަށް ދަނީ

ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ދެވަނަ ޤުރުއާން މުބާރާތް އައްޑޫ ސިޓީގައި ކުރިއަށް ދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނޫރުލް އިސްލާމްގެ ދެވަނަ ޤުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ މަދަނީ ޖަމްޢިއްޔާ އެއް ކަމަށްވާ ނޫރުލް އިސްލާމްގެ ފަރާތުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ ދެވަނަ އަހަރީ ޤުރުއާން މުބާރާތް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އެބަދެއެވެ.

އެ ޖަމްޢިއްޔާގެ ރައީސް މުޙައްމަދު އަނީލް އާއި ޙަވާލާދީ އައްޑޫއޮންލައިން ނޫހުން ބުނެފައިވަނީ މިމަހުގެ 14 ން 18 ށް ބާއްވާ  މި މުބާރާތުގައި އައްޑޫގެ އެކި ރަށްތަކުން 300 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. މުބާރާތް ކުރިއަށް ގެންދަނީ އުމުރުފުރާތަކަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ބައެވެ. 21 އަހަރުން ދަށުގެ ބައި ހުޅުވާލި ނަމަވެސް އެބައިން އެއްވެސް ދަރިވަރަކު ބައިވެރިވެފައި ނުވާ ކަމަށް އަނީލް އާއި ޙަވާލާދީ އެ ނޫހުން ބުނެއެވެ.

މުބާރާތުގެ ކިޔެވުން އާދީއްތަ އާއި ހޯމަ ދުވަހު ކުރިއަށް ދިޔައީ ހިތަދޫގައި ހުންނަ އައްޑޫ ހައިސްކޫލްގައެވެ. އަދި މިއަދު ކިޔެވުން އޮންނާނީ ހުޅުމީދުގައި ހުންނަ ސ.އަތޮޅު މަދަރުސާގައި ކަމަށާއި މާދަމާ ކިޔެވުން އޮންނާނީ  އައްޑޫ ހައިސްކޫލް ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ހުޅުމީދޫން މުބާރާތުގައި ބައިވެރިވެފައިވަނީ 60 ދަރިވަރުންނެވެ. މިދަރިވަރުން ހޮވާފައިވަނީ މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅި ދަރިވަރުންގެ މެދުގައި ބޭއްވުނު އޮޑިޝަނަކަށް ފަހުގައެވެ.

މި މުބާރާތުގެ އެއްވަނަ ދަރިވަރަށް ދެވޭ އިނާމް ސްޕޮންސަރ ކޮށްފައިވަނީ ހިތަދޫ އާގަލާ ފިހާރައިންނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މުބާރާތުގެ އެއްވަނަ ދަރިވަރަށް އިނާމު ދެއްވާފައިވާ ކަމަށާއި، މިއަހަރުގެ މުބާރާތަށް ވެސް އިނާމް ހުށަހަޅާނެކަމަށް އަންގަވާފައިވާ ކަމަށް އަނީލް އާއި ޙަވާލާދީ އައްޑޫ އޮންލައިނުން ބުނެއެވެ. އަދި މުބާރާތަށް އިނާމު ހުށަހެޅުމުގެ ދޮރު ޢާއްމު ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށް އަނީލް އާއި ޙަވާލާދީ އެނޫހުން ބުނެއެވެ.

މި މުބާރާތުގެ ނަތިޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ.

__________

ފޮޓޯ : "އައްޑޫއޮންލައިން" ނޫސް

ޓެގް

އައްޑޫ ސިޓީ ނޫރުލް އިސްލާމް ޖަމްޢިއްޔާ ޤުރުއާން މުބާރާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.