އިނގިރޭސިވިލާތުގައި މިހާރު ކުރިއަށް ދާ ވަރުގަދަ މުޒާހަރާތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަކީ އިޖްތިމާޢީ ވިޔުގަތައް ނުވަތަ ސޯޝަލް ނެޓްވޯރކިންގ ސައިޓްތައް ކަމަށް ދޭހަވާ ޢިބާރާތަކުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ވާހަކަފުޅު ދައްކަވައިފިއެވެ.
ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތައް ރޭވުމާއި ހިންގުމުގައި ފޭސްބުކާއި ޓުވިޓަރ އަދި ބްލެކްބެރީ ފޯނުތައް ބޭނުންކޮށްފައިވާތީ އިނގިރޭސި ސަރުކާރުން މިހާރުވަނީ ފޭސްބުކާއި ޓްވިޓަރގެ އިތުރުން، ބްލެކްބެރީ ފޯނު އުފައްދާ ކުންފުނި ކަމަށްވާ ރިސާރޗް އިން މޯޝަން އާ އެކު މަޝްވަރާތަކެއް ބާއްވަން ނިންމާފައެވެ.
މައުލޫމާތާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވުމުގެ ނަމުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ހަންފަތުރަމުންދާ އިނގިރޭސީން މިފަހަރު ބުނެފައިވަނީ "މިނިވަންކަމާއެކު މައުލޫމާތު ފެތުރުމަކީ ބައެއް ފަހަރު ނުރައްކާ ވެދާނެ ކަމެއް" ކަމަށެވެ. ބޮޑުވަޒީރު ކެމޮރަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ "އަނިޔާވެރިކަމުގައި ބަޔަކު އިޖްތިމާޢީ ވިޔުގަތައް ބޭނުންކުރާނަމަ، އަހަރެމެން އެކަން ހުއްޓުވަން ޖެހޭނެ" ކަމަށެވެ.
ކެމޮރޮންގެ ވާހަކަތަކަށް ތާއީދުކޮށް އިނގިރޭސި ހައުސް އޮފް ކޮމަންސް ގެ ޝެޑޯވ ސެކްރެޓްރީ އޮފް ކަލްޗަރ އިވާން ލެވިސް ބުނެފައިވަނީ، "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަހަރެމެންގެ ޑިމޮކްރަސީގެ މައިގަނޑެކެވެ. ޢާއްމު ސަލާމަތްތެރިކަމާއި ރައްކާތެރިކަމަކީވެސް އެފަދަ އެއްޗެކެވެ."
އިނގިރޭސި ސަރުކާރުން މަޝްވަރާތަކަކަށް ދާން ގޮވާލާފައިވާއިރު، ފޭސްބުކާއި ޓްވިޓަރ އިން ބުނެފައިވަނީ ސަރުކާރާއެކު މަޝްވަރާތަކަކަށް ދާންޖެހޭތީ އުފާވާކަމަށެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ޚިދުމަތްދިނުން ހުއްޓާލާކަށް ނުވަތަ ސެންސަރ ކުރާކަށްވެސް ބޭނުންނުވާކަމަށެވެ. މީގެ އިތުރުން ޓްވިޓަރ އިން ބުނެފައިވަނީ އެއްވެސް އެކައުންތެއް ބްލޮކް ކުރަން ނުވަތަ އެއްވެސް ޕޯސްޓެއް ޑިލީޓްކޮށްލާ ޚިޔާލެއް ނުގެންގުޅޭ ކަމަށެވެ. ފޭސްބުކުންވެސް މިފަދަ މޭރުމަކުން ވާހަކަދައްކަމުން ޢާއްމުކޮށް ބުނެފައިވަނީ މިހާރުވެސް ފާޅުގައި އަނިޔާވެރިކަމަށް ގޮވާލާ އެކައުންޓުތައް ބަންދުކޮށްފައިވާނެކަމަށެވެ.
ބްލެކްބެރީ އުފައްދާ ރިސާރޗް އިން މޯޝަން އިން، މުޒާހަރާ ރޭވުމުގައި ބްލެކްބެރީ ބޭނުންކުރިމީހުން ހޯދުމުގައި އިނގިރޭސި ފުލުހުންނަށް އެހީތެރިވެދޭނެކަމަށް ބުނެފައިވަނިކޮށް މިދިޔަ އަންގާރަދުވަހުވަނީ އެމީހުންގެ "އިންސައިޑް ބެލްކްބެރީ" ބްލޮގް ހެކްކޮށްލާފައެވެ.
މިހާރު އިނގިރޭސި ވިލާތުގައި ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް 1200 މީހުން ހައްޔަރުކޮށްފައިވާނެކަމަށްވެސް މިމަހު 11 ވީ ބުރާސްފަތި ދުވަހު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމޮރަން ވިދާޅުވެފައިވެއެވެ. މިފަހަރުގެ މުޒާހަރާތައް ފެށިފައިމިވަނީ، ނިމިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ލަންޑަނުގެ ޓޮޓެންހަމް ޑިސްޓްރިކްޓްގައި ފުލުހަކު މީހަކަށް ބަޑިޖަހާ މަރާލުމާ ގުޅިގެންނެވެ.
މުސްލިމް ޤައުމުތަކުގައި ޑިމޮކްރަސީގެ ނަމުގައި ހަންފަތުރަމުންދާ އިނގިރޭސިވިލާތުގައި، "ޢާއްމު ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް" ޚިޔާލުފާޅުކުރުމުގެ މިނިވަންކަން "ބަންދުކުރުމަށް" ތަފާތު ފިކުރުގެ ސިޔާސީ މީހުން އެއްބައިވެފައިވާއިރު، އެބައިމީހުނަށް ނުވިސްނޭކަމަކީ، މުސްލިމް ޤައުމުތަކުގައިވެސް "ބަންދުކުރާ" ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެޤައުމުތަކުގެ "ޢާއްމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް" ކުރާކަމެއް ކަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...