ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ދަރުސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން މިދަތުރުގައި ބައިވެރިވެލައްވާ އެ ޖަމްޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް ވިދާޅުވީ މި ދަތުރަކީ އެ ދެއަތޮޅުގެ ބައެއް ރަށްރަށުގެ ޖަމްޢިއްޔާކަކާއި އެފަދަ ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން ކުރާ ދަތުރެއް ކަމަށާއި، މިދަތުރުގައި ދަރުސް ދެއްވަނީ އައްޝައިޚް އަޙްމަދު ސަމީރު ކަމަށެވެ. އެގޮތުން ރޭ ހދ. ހަނިމާދޫގެ ބަނދަރު ސަރަހައްދުގައި ހުންނަ ސްޓޭޖްގައި ޝައިޚް ސަމީރުގެ ދަރުސެއް ބާއްވާފައިވެއެވެ. އަދި މިއަދުގެ އަސްރު ނަމާދަށް ފަހު އެރަށުގެ މަސްޖިދުއް ތަޢުބާގައި ޝައިޚް ދަރުސް ދެއްވާފައިވެއެވެ.
މިދަރުސްތައް އިންތިޒާމް ކުރުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށާއި އެކަމަށްޓަކައި ސަލަފްގެ ފަރާތުން ކައުންސިލަށް ޝުކުރު ޢަދާކުރާ ކަމަށް ޢަލީ ރަމީޒް ވިދާޅުވިއެވެ.
މިދަތުރުގައި މިރޭ ހއ. އިހަވަންދޫގައި ދަރުސް ދިނުމަށްޓަކައި މިއަދު ހަވީރު ޓީމް ވަނީ ފުރާފައެވެ. އެ ރަށުގައި ދަރުސް އޮންނާނީ މިރޭ 21:30 ގައި އިހަވަންދޫ މަދަރުސާގެ ހޯލުގައެވެ. މިދަރުސް އިންތިޒާމް ކުރުމުގައި އެރަށުން ހަރަކާތްތެރިވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ކުލަބު ޕޯލްސްޓަރ އާއި ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
އެރަށުގެ ވެބްސައިޓެއް ކަމަށްވާ އިހަވަންދޫ.ކޮމް ގައި ކުލަބު ޕޯލްސްޓަރގެ ރައީސް އިބްރާހީމް ނަޝީދު އާއި ޙަވާލާދީ ބުނެފައި ވަނީ މިދަރުސަކީ އިހަވަންދޫ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީގޮތުން ޖަވާބު ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދާދިނުމުގު ފުރުޞަތު ރައްޔިތުންނަށް ހޯދާދިނުމުގެ ބޭނުމުގައި ބޭއްވޭ ދަރުސެއް ކަމަށެވެ. މި ދަރުސް އެރަށުގެ ކޭބަލް ޓީވީ އިން ރަށަށް ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެރަށުގެ ކޭބަލް ޓީވީ އިން ދަނީ އެރަށުގައި ރަމަޟާން މަހު ކުރެވޭ ތަރާވީހް ނަމާދާއި ހުކުރު ނަމާދު ވެސް ލައިވްކުރަމުންނެވެ.
މި ދަތުރުގައި މާދަމާ ހއ. ހޯރަފުށީގައި ވެސް ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަލަފުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...