ދީންސުވާލާއި ޖަވާބު

ވިތުރި ކުރި ނަމަވެސް ދަމުނަމާދު ކުރެވޭނެތޯއެވެ؟

ސުވާލު:

އަޅުގަނޑު އިޝާނަމާދުގެ ފަހުގައި ވިތުރީގެ 3 ރަކްޢަތް ކުރަމެވެ. ސުވާލަކީ ވިތުރި ކުރި ނަމަވެސް ދަމުނަމާދު ކުރެވޭނެތޯއެވެ. އަދި ދަމު ނަމާދު ކުރުމަގައި އެންމެ ރަގަނޅު ގޮތަކީ އަދި ރަކްޢަތްތަކުގެ އަދަދަކީ ކޮބައިތޯއެވެ؟ އަދި ރޭއަޅުކަމަށްފަހު ކުރާނެ ރަނގަޅު ދުޢާ އެއް ވިދާޅުވެ ދެއްވަފާނަންތޯއެވެ.؟ ﷲ ސުބްޙާނަޙޫ ވަތަޢާލާ ތިޔަކޮށްދެއްވާ ދީލަތީ މަސައްކަތްތަކަށް ރަޙްމަތް ލައްވާށި. އަދި އަޅަމެންގެ އީމާންތެރިކަން އިތުރު ކޮށްދެއްވާށި. އާމީން

:ޖަވާބު
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ދަމު ނަމާދު ކުރަން ގަޞްދު ކުރާނަމަ ރަގަޅު ގޮތަކީ ވިތްރި ލަސްކޮށްލުމެވެ. ދަމު ނަމާދުކޮށް ނިމިގެން ވިތްރި ކުރުމަށެވެ. ނަމަވެސް ދަމު ނަމާދަަށް ހޭނުލެވިދާނެކަމުގެ ބިރު އޮތްނަމަ ޢިޝާ ނަމާދު ފަހުން ވިތްރި ކޮށްގެން ނިދުން ރަގަޅެވެ. ވިތްރިކޮށްގެން ނިދިނަމަވެސް ދަމުނަމާދަށް ހޭލެވިއްޖެނަމަ ވިތްރީގެ އެއްރަކްޢަތް ކުރުމަށްފަހު ވިތްރި ކަން ކަނޑާނީއެވެ. ސަބަބަކީ ވިތްރި އަކީ އޮނަހިރި ޢަދަދެކެވެ. ވީމާ އިތުރު ރަކްޢަތެއް ކުރުމުން ހަތަރު ރަކްޢަތް ވެއްޖެއެވެ. ވީމާ، އެއޮތީ ވިތްރި ކެނޑިފައެވެ. ދެން ދަމު ނަމާދު ކުރުމަށްފަހު ފަތިސް ވުމުގެ ކުރިން ވިތްރީގެ އެއްރަކްޢަތް ނުވަތަ ތިންރަކްޢަތް ވިޔަސް ކުރާނިއެވެ. ދަމު ނަމާދުގެ ރަކްޢަތް ތަކުގެ ޢަދަދު ކަނޑައެޅިފައެއް ނުވެއެވެ. އެމީހަކަށް ކުރެވުނު ވަރަކަށް ފަތިސް ވުމާއި ހަމައަށް ކުރަންވީއެވެ. ފަތިސް ވުމުގެ ކުރިން ވިތްރި ކުރާންވާނެއެވެ.
ދަމު ނަމާދުގައި ކިޔަން ވަކި ޚާއްޞަ ދުޢާ އެއް ނެތެވެ. ތިމާ ބޭނުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވަންވީއެވެ.

والله أعلم

 

ގުޅުންހުރި

5 ޚިޔާލު

  1. ސުކުރިއްޔާ

  2. ސުކުރިއްޔާ

  3. ޝައިޚުގެ ފަތުވާ އަދި ބަލާލެއްވުން ރަނގަޅެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައިވަނީ “ރޭގަނޑެއްގައި ދެ ވިތުރި ނޯވެއެވެ.”

  4. ދެއްވާފައިވާ ޖަވާބު ރަގަޅަށް ކިޔުމަށްފަހު ކޮމެންޓް ކުރެއްވުން ރަގަޅުވާނެ. އާއްމުކޮށް ދަމު ނަމާދު ނުކުރާމީހަކު ވިތުރި ކޮށްގެން ނިދުމަށްފަހު ފަހުން ދަމުނަމާދުކުރަން ބޭނުންވެއްޖެ ނަމަ ވިތުރީގެ 1ރަކްޢަތް ކުރުމުން ވިތުރި ކެނޑުނީކަމަށް ލިޔުއްވާފައި ވަނީ . ދެން ދަމުނަމާދުކޮށްފައި ވިތުރި ކުރީމައި އެކުރެވުނީ ހަމަ 1ވިތުރި ނޫންތޯ.

  5. ޝައިޚްގެ އަރިހުން މަޢާފް އެދިހުރެ ދަންނަވަމެވެ. މީގެ ކުރިން ދުވަހަކުވެސް ވިތުރި ކަނޑާ ވާހަކަ އަހާފައި ނެތީމައި މީ ކޮން ފޮތަކުން ޝައިޚަށް ލިބިލެއްވި މަޢުލޫމާތެއްތޯ ވިދާޅުވެ ދެއްވާށެވެ.

Your email address will not be published. Required fields are marked *

More in ދީން