ރާއްޖޭގެ ޚަބަރު މުސްލިމުންނަށް އޯގާތެރިވުމަށް ވިޔަފާރިވެރިންނަށް ޝައިޚް އަޙްމަދު ސަމީރު ގޮވާލައްވައިފި

މުސްލިމުންނަށް އޯގާތެރިވުމަށް ވިޔަފާރިވެރިންނަށް ޝައިޚް އަޙްމަދު ސަމީރު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މުސްލިމުންނަށް އޯގާތެރިވުމަށާއި ރަމަޟާން މަހުގައި ތަކެތީގެ އަގު މަތި ނުކުރުމަށް ވިޔަފާރިވެރިންނަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ގޮވާލައްވައިފި އެވެ.

މި ރަމަޟާން މަހު 2 ވަނަ ދުވަހުގެ އަސްރު ނަމާދަށް ފަހު މަސްޖިދު ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގައި ދަރުސް ދެއްވަމުން ޝައިޚް ވިދާޅުވީ ކޮންމެ ރަމަޟާން މަހެއްގައިވެސް ކާބޯތަކެތީގެ އަގުބޮޑު ވެގެން ދިއުމަކީ ޤައުމުގައި ދިމާވާ ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށެވެ.

"ﷲ ޞުބްހާނަހޫ ވަތައާލާ ވަރަށް ބޮޑު ނިޢުމަތެއް ތިބޭފުޅުންނަށް ދެއްވާފައި ވަނީ. މުދަލަކީ ﷲ ތައާލާގެ ޙައްޤެއް. އެކަލާނގެ ދެއްވާފައިވާ އެއްޗެއް. އެހެންވެ ކީރިތި ޤުރުއާނުގައި މުދަލުން ހޭދަކުރުމަށް އަންގަވާފައިވާ ކޮންމެ އަމުރެއްގައި ކުރައްވާފައި ވަނީ ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާށޭ. ﷲ ތައާލާ ޚަލީފާވެރި ކުރައްވާފައި ވަނީ މުދަލުގެ ވެރިން މުދަލަށް. ޙަވާލުކުރައްވާފައިވާ އަމާނާތެއް." ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އެމުދަލާމެދު އަމާނާތްތެރިވެ ﷲ ޞުބްހާނަހޫ ވަތައާލާގެ އަޅުތަކުންނަށް އޯގާތެރިވެ މިރަމަޟާން މަހުގެ ބަރަކާތާއި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި އެންމެ ކުޑަ މިނުން އަތުން ޞަދަޤާތެއް ނުކުރެވުނު ކަމުގައި ވިޔަސް، މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ގޮތުން އެ ތަކެތީގެ އަގު ބޮޑު ނުވެ ހިފެހެއްޓުމަކީ ވަރަށް ބޮޑު ކަމެއް ކަމުގައެވެ.

ޝައިޚް ވިދާޅުވީ އަޅުތަކުން އެއްޗަކަށް ބޭނުންވާނެ ކަން އެނގުނީމާ އެ އެއްޗެއްގެ އަގު ބޮޑުކޮށް މީސްތަކުންގެ މުދާ ހޯދުމަށް މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި މިފަދަ މާތް ބަރަކާތްތެރި ދީލަތިވުމުގެ މައްސަރެއްގައި ﷲ އަށްޓަކައި މި ދިވެހި މުސްލިމް މުޖްތަމަޢަށްޓަކައި ކަންތައް ކުރަންވީ ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޞަދަޤާތުގެ އަހުލުވެރިން އެއީ ކާމިޔާބު ވާނެ މީހުން ކަމަށެވެ.

ޝައިޚްގެ ވާހަކަފުޅުގައި ﷲ ޞުބްހާނަހޫ ވަތައާލާ މުދާ ދެއްވާފައިވާ ވިޔަފާރިވެރިންނަށް ގޮވާލެއްވީ އެބޭފުޅުންނަށް ﷲ ދެއްވި މުދަލާމެދު ތަޤްވާވެރިވުމަށާއި މުސްލިމުންނަށް އޯގާތެރިވުމަށެވެ. އަދި މާއްދީ ފައިދާތަކެއްގެ ފަހަތުގައި އަޅުތަކުންނަށް ދަތިކުރުމުގެ ނިޔަތުގައި ނުވަތަ ތިމާމެންނަށް ދުނިޔަވީ ފައިދާތަކެއް ބޮޑަށް ލިބިގަތުމުގެ ނިޔަތުގައި އަޅުތަކުންނަށް އެއްޗެހި ހާޖަތްތެރިވާ ވަޤުތުތަކުގައި އެއެއްޗެހީގެ އަގު ބޮޑުކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ނަހީކުރައްވާފައިވަނީ އަޅުތަކުންގެ ހާޖަތުގެ ވަޤުތުގައި މުދަލުގެ އަގު އުފުލާ އެގޮތުގައި މީސްތަކުން ވިޔަފާރިކުރުން. އަދި ކިއެއްތަ އެފަދަ ޙާލަތެއްގައި ރައްޔިތުންނަށް ޟަރޫރީ ގޮތުން ބޭނުންކުރަން ޖެހޭ މުދާތައް ރައްޔިތުންގެ ތެރެއިން ވިޔަފާރިވެރިން އަގުބޮޑުކޮށް ތަކެތީގެ އަގު ދަށްނުކުރާ ކަމުގައި ވާނަމަ މުސްލިމުންގެ ވެރި މީހާ އަށް ޙައްޤުވެގެންވޭ ޟަރޫރީ ގޮތުން ބޭނުން ކުރަންޖެހޭ ބާވަތުގެ މުދާތައް ވަކި އަގެއްގައި ހިފެހެއްޓުމުގެ އިޚްތިޔާރުވެސް. އެއީ ކީއްވެ. ޢާއްމު މަޞްލަހަތަށްޓަކައި." ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ބޭނުންވަނީ އެގޮތެއް ނޫން ކަމަށާއި ބޭނުންވަނީ މުސްލިމް ވިޔަފާރިވެރިން ﷲ އަށް ތަޤްވާވެރިވެ އެންމެންނަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުން ކަމަށެވެ. މީގެ މާނައަކީ ވިޔަފާރިވެރިންނަށް ގެއްލުންވާ ގޮތް ހަދާށެކޭ ނޫންކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ރަމަޟާން މަހަކު އެއްޗެހީގެ އަގު މައްޗަށް އަރައިގެން ދިއުމަކީ ބުއްދި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހެޔޮ އަގުގައި މުދާ ވިއްކުމަކީ މުސްލިމުންގެ ހިތްހެޔޮވެ މުސްލިމުންގެ ހެޔޮދުޢާގެ ސަބަބުން އެމީހުންގެ މުދަލުގައި ބަރަކާތް ލައްވާނެ ކަމެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޓެގް

ދަރުސް ވީޑިއޯ މުދާ ރޯދަ މަސް ޝައިޚް އަޙްމަދު ސަމީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.