އެއީ ސާދަސަތޭކަ ބައްތިރީސް ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޚަބާ ކީ ހޯމަ ވިލޭރެއެވެ. މުސްލިމުންގެ ހިތްތައް އުފަލުގެ ޝުޢޫރުން ފުރިފައިވީ ރެއެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމުން ދިޔައެވެ. އެކި ވަޞީލަތްތައް މެދުވެރިކޮށެވެ. ފޯނުކޮށްގެންނެވެ. އެސްއެމްއެސް އިންނެވެ. އިންޓަނެޓުންނެވެ. ފޭސްބުކް ފަދަ ނެޓްވޯކްތަކުގެ ސްޓެޓަސް އިންނާއި ތަހުނިޔާގެ ޕޯސްޓަރުތައް ޓެގްކޮށްގެން ވެސް ވަރަށް ގިނަ ބަޔަކު ތަހުނިޔާ ކިޔާފައިވެއެވެ.
އެރޭ ގިނަބަޔަކު އަޅުކަމާއިގެން އިތުރަށް މަޝްޢޫލުވާން ފެށިއެވެ. ތަރާވީހާއި ދަމު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވިއެވެ. 1 ރަމަޟާން 1432 ގެ ފަތިސް ނަމާދު ވަޤުތެވެ. އަހަރެން ފަތިސް ނަމާދަށް ދިޔައީ ގޭ ގައިރީގައި ހުންނަ މަސްޖިދު ޔޫސުފުލް ބަރުބަރީ އަށެވެ. އެމިސްކިތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން ފަތިސް ނަމާދުގެ ޖަމާޢަތުގައި ހަމަވަނީ ޢާއްމުކޮށް 4 ނުވަތަ 5 ސަފެވެ. ނަމަވެސް މިއަދު އެމިސްކިތް ފުރިގެން ބޭރުގައި ކުނާއަޅައިގެން ވެސް ބައެއް މީހުން ފަތިސް ނަމާދު ޖަމާޢަތުގައި ޢަދާކޮށްފައިވެއެވެ. ޢާއްމުކޮށް ރަމަޟާން މަހު މިސްކިތްތައް ފުރިބާރު ވެގެން ބޭރުގައި ނަމާދު ޖަމާޢަތް ހެދެމުން ދެއެވެ.
އެދުވަހުގެ މެންދުރު ނަމާދު ވަޤުތެވެ. ހަމަ އެމިސްކިތެވެ. ނަމާދަށް ބަންގި ގޮވި އިރުވެސް މިސްކިތް ވަނީ ގާތްގަނޑަކަށް ފުރިފައެވެ. ނަމާދުގެ ކުރިންވެސް އަދި ފަހުންވެސް ޒުވާނުންނާއި އެކި އުމުރުގެ މީހުން ޤުރުއާން ކިޔެވުމުގައި މަޝްއޫލުވިއެވެ.
އެއްބަޔަކު ހެޔޮކަންތަކުގައި ކުރިއަރައި އެމީހެއްގެ "އެކައުންޓަށް" ގިނަ ޘަވާބާއި ދަރުމަ ޖަމާކުރުމަށްޓަކައި ފޯރިއާ ހިތްވާރާއެކު މަސައްކަތްކުރަމުންދާއިރު ޝައިޠާނާގެ އަވާގައި ޖެހިގެން ކުޅިވަރާއި މަޖަލާއި ބޭކާރު ކަންތައްތަކުގައި ވަޤުތު ހޭދަކުރަމުންދާ ބަޔަކު ވެސް އުޅެއެވެ. މިގޮތުން މީޑިއާ އިން ރަމަޟާން މަހުގެ ޙުރުމަތްތެރިކަމަށް ބަލާނުލާ ފާޑުފާޑުގެ ފާޙިޝް ބޭކާރު ޕްރޮގްރާމްތައް މިއަދު ފޮނުވަން ފަށިއެވެ. ރާއްޖެ ރޭޑިއޯ އިން ޝައިޠާނީ ލޯބީގެ ވާހަކައާއި އެފަދަ ކޮންމެވެސް ބޭކާރު ޕްރޮގްރާމެވެ. އެމްއެންބީސީ ވަން އިން ހެނދުންލައިގެން އޮރިޔާމުން އަންހެނުން އަރާ ފާޙިޝް ލަވައިގެ މަންޒަރުތަކާއި ޝައިޠާނީ މިއުޒިކްގެ ދުންމާރީގެ ބޭކާރު ކަންތައްގަނޑެކެވެ.
މީޑިއާތަކުން ބުނެފާނެއެވެ. އެމީހުން ރަމަޟާން މަހު ދީނީ ޕްރޮގްރާމްތަކަށް އިސްކަންދޭ ކަމަށެވެ. ތެދެކެވެ. ދީނީ ރަނގަޅު ޕްރޮގްރާމްތައް ވެސް ޝެޑިއުލްގައި ނެތެކޭ ނުބުނަމެވެ. ނަމަވެސް މައްސަލަ އަކީ އިސްލާމްދީނާއި ކަނޑައެޅިގެން ޚިލާފް ފާޙިޝް މަންޒަރުތަކާއި އަޑުތައް ގެނެސްދިނުން ޢާއްމު މަސްތަކަށް ވުރެ އިތުރުކޮށް، ފަސާދައަށް މަގުފަހިކުރަން މަސައްކަތްކުރާތީއެވެ. ރަމަޟާން މަހުގެ އެއްވަނަ ދުވަހަށް މީޑިއާތަކުން މަރުޚަބާ ކިޔާފައިވަނީ ފަސާދައިގެ އެއްޗެއްސާއި ރަނގަޅު އެއްޗެހި މަސްހުނިކޮށްގެންނެވެ!
އެދުވަހުގެ އަސްރު ނަމާދު ވަޤުތެވެ. ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމުގައިވާ މަސްޖިދު ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒް) އަށް ވަރަށް ގިނަ ބަޔަކު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވިއެވެ. މިސްކިތުގެ ފުރަތަމަ ބުރި ފުރިގެންދިޔައެވެ. އަދި އެ ނަމާދަށް ފަހު އޮތް ދީނީ ދަރުސް އަޑުއެހުމަށްޓަކައި ގިނަ ބަޔަކު މިސްކިތުގައި މަޑުކުރިއެވެ.
ފިހާރައެއްގައި މަސައްކަތްކުރާ ރައްޓެއްސަކު އޭނަގެ ފޭސްބުކް ސްޓެޓަސް ގައި ލިޔެފައިވެއެވެ. އެދުވަހު "ފިހާރައިން ވަރަށް ގިނަ ތާސްބައި ވިކުނު" ކަމަށެވެ. ކުޅިވަރާއި މަޖަލާއި މި ބަރަކާތްތެރި މައްސަރުގެ ވަޤުތުތައް ބޭކާރު ގޮތުގައި ދުއްވާލުމަށް މަސައްކަތްކުރަންވެސް ބަޔަކު ފެށީއެވެ. ތާސްބައި ކުޅުމެވެ. ރާޒުވާ ކުޅުމެވެ. ކެރަމް ކުޅުމެވެ. ނުވަތަ އެހެންވެސް ބޭކާރު ކުޅިވަރެއްގައި ވަޤުތު ދުއްވާލަން ފެށީއެވެ.
އެދުވަހުގެ ރޯދަ ވީއްލައިފިއެވެ. އެއްބައެއްގެ ހިތަށް ފޮނި ކަމާއި އުފާވެރިކަން އިޙްސާސްކުރުވަމުންނެވެ. އަޅުކަންތަކުގައި އިތުރަށް މަޝްޢޫލުވުމުންނާއި އީމާންކަން އިތުރުވުމުގެ ސަބަބުންނެވެ. އަނެއް ބަޔަކަށް އެކަން ވީ ހަމަ އާދަކާދައިގެ މަތިން ކުރެވޭ ކަމަކަށެވެ. އެ ހިތްތަކަށް ލިބުނު ފޮނިކަމެއް އަދި ހިތްހަމަޖެހުމެއް ނެތެވެ. އެއީ އެދުވަސް ބޭކާރު ކަންތައްތަކުގައި ހޭދަކޮށްލި މީހުންނެވެ. އެމީހުން ހަމައެކަނި ނުކައި ނުބޮއެ ތިބި ކަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...