މިއަހަރު ރަމްޟާންމަހު ދިވެހިރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ޢީލްމުވެރިން ދީނީ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޚާއްޞަ ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޢަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.
އެޕާޓީގެ އިސް އޮފިޝަލެއް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިޕްރޮގުރާމަކީ ކޮންމެ ރަމްޟާންމަހަކު މެންދުރުފަހު 2:00 އިން 3:00 އަށް އަދި ރޭގަނޑު 10:00 އިން 11:00 އަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިޕްރޮގުރާމުގެ ކޮންމެ ޝެޝަނެއްގައި އަބަދުވެސް ދެޢިލްމުވެރިން ތިއްބަވާނެކަމަށެވެ. އަދި ސުވާލެއް ކުރަން ބޭނުންނަމަ ޢަދާލަތު ޕާޓީގެ އޮފީހަށް ގުޅުއްވުމުން ޝެޝަންގައި ތިއްބަވާ ޢިލްމުވެރިންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅަކު ޖަވާބު ދެއްވާނެ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިކަމާގުޅިގެން އެޕާތީގެ ޢިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ދީނީ ގޮތުން ސުވާލު ކުރެއްވުމަށް ޢަދާލަތު ޕާޓީގެ މަރުކަޒީ އިދާރާގެ ފޯނު ނަންބަރު 3342671 ކަށް ގުޅުއްވުމަށް ޢަދާލަތު ޕާޓީއިން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...