ދީން ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 4

ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 4

ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 4

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ދިހަވަނަ: ރޯދައިގެ އަދަބުތައް

މިބައިގައި މި ބަލާލަނީ ރޯދައިގެ ބައެއް އަދަބުތަކާމެދުއެވެ. މި އަދަބުތަކުގެ ތެރޭގައި ވާޖިބުކަންތަކާއި ސުންނަތް ކަންތައްވެސް އެކުލެވިގެންވެއެވެ. އެހެންވީމާ، އެކަމަށް ސަމާލުވެލައްވާށެވެ.

1-    އިރުއޮއްސުމުން ރޯދަ ވީއްލުމަށް އަވަސް ވެގަތުން:

އެހެނީ މާތް ނަބިއއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވަނީ މިފަދައިންނެވެ. " لا يزال الناس بخير ما عجلوا الفطر" متفق عليه

މާނައީ: " މީސްތަކުން ރޯދަ ވީއްލުން އަވަސް ކުރާހާ ހިނދަކު (އެބަހީ: އިރުއޮއްސުމާއެކީ) އެބައިމީހުން ހެޔޮކަން ފިލައިނުދާހުއްޓެވެ." (ބުޚާރީ، މުސްލިމް)

2-    ރޯ ކަދުރުން ނުވަތަ ހިކި ކަދުރުން ނުވަތަ ފެނުން ރޯދަ ވީއްލުން:

މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ. " كان النبي صلى الله عليه وسلم يفطر قبل أن يصلي علي رطبات ، فإن لم تكن رطبات فتمرات ، فإن لم تكن تمرات؛ حسا حسوات من ماء" (رواه الترمذي وصححه الألباني)

މާނައީ: " ނަބީ صلى الله عليه وسلم  ނަމާދުކުރެއްވުމުގެ ކުރިން ރޯ ކަދުރުން ފަރީއްކުޅުއްވައެވެ. ރޯ ކަދުރު ނެތިއްޔާ، ހިކި ކަދުރު ކޮޅަކުންނެވެ. ހިކި ކަދުރު ނެތިއްޔާ، ފެން ފޮދެއް ހިއްޕަވައެވެ".

3-    ރޯދަވީއްލާއިރު ދުޢާކުރުން:

އެހެނީ، މާތް ނަބިއްޔ صلى الله عليه وسلم ޙަދީޘްފުޅުކުރައްވަނީ މިފަދައިންނެވެ. " إن للصائم عند فطره دعوة ما ترد " (ابن ماجه وصححه البوصيري)

މާނައީ: " ހަމަކަށަވަރުން، ރޯދަވެރިޔާއަށްޓަކައި އޭނަ ރޯދަ ވީއްލާއިރު ކުރާ ދުޢާ (އިޖާބަ ނުކުރައްވާ) ރައްދު ނުކުރެވޭ ހުއްޓެވެ."

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ވެސް އެބަހުއްޓެވެ. އެގޮތުން:

" اللهم لك صمت ، وعلى رزقك أفطرت " (رواه أبو داود)

މާނައީ: " އޭ ﷲ! އިބައިލާހަށްޓަކައި މިއަޅާ ރޯދަ ހިފައިފީމު، އަދި އިބަ އިލާހުގެ ރިޒްޤުން މިއަޅާ ރޯދަ ވީއްލަމެވެ."

" ذهب الظمأ، وابتلت العروق، وثبت الأجر إن شاء الله " (رواه أبو داود)

މާނައީ: " ކަރު ހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ (ނާރުތަކަށް ތާޒާކަން ލިބިއްޖެއެވެ). އަދި މާތް ﷲ ގެ އިރާދަފުޅުން އަޖުރު ކަށަވަރުވެއްޖެއެވެ."

އިސްވެދިޔަ ދެ ދުޢާއަކީވެސް މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލަހި ވަސައްލަމް) ރޯދަވީއްލާ ހިނދު އެކަލޭގެފާނު ކިޔުއްވި ކަމަށް ޞައްޙަމަގުން ވާރިދުވެފައި ހުރި ދުޢާތަކެކެވެ. އެހެންކަމުން، އަޅުގަނޑުމެން ރޯދަ ވީއްލާއިރު އެ ދުޢާތައް ކިޔުން ސުންނަތް ވެގެންވެއެވެ.

4-    ހާރު ކެއުން ލަސްކުރުމާއި އެކަމަށް ސަމާލުވުން:

އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވަނީ މިފަދައިންނެވެ. " تسحروا ، فإن في السحور بركة ولا يزال الناس بخير ما عجلوا الفطر ، و أخروا السحور " (متفق عليه)

މާނައީ: " ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ، ހަމަކަށަވަރުން، ހާރު ކެއުމުގައި ބަރާކާތް ހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން) އަވަހަށް ރޯދަވީއްލުމާއި، (ވީހާވެސް ވަގުތާއި ގާތްކޮށް) ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ."

އެހެންކަމުން، ސުންނަތް ގޮތަކީ، ހާރު ކެއުން ވީހާވެސް ދަން ކުރުމެވެ. ވީހާވެސް ފަތިހާ ކައިރިވި ވަރެއް ހެޔޮކަން ބޮޑެވެ.

މާތް ﷲ ރުއްސުންލެއްވި ޔަޒީދު އިބްނު ޡާބިތު ވީދާޅުވިއެވެ. " تسحرنا مع النبي صلى الله عليه وسلم ، ثم قام إلى الصلاة. قال أنس ليزيد: كم كان بين الأذان والسحور؟ قال: قدر خمسين آية " (متفق عليه)

މާނައީ: " އަހުރެމެން މާތް ނަބިއްޔާ صلى الله عليه وسلم އެކުގައި ހާރު ކެއިމޫއެވެ. ދެން އެއަށްފަހު، އެކަލޭގެފާނު ނަމާދުކުރައްވަން ތެދުވިއެވެ. ޔަޒީދު ކައިރިން އަނަސް ސުވާލުކުރެއްވިއެވެ: ހާރުކެއުމާއި ބަންގި ގޮވުމާއި ދޭތެރޭ ހުރީ ކިހާ ވަޤުތެއްގެ ތަފާތުތޯއެވެ؟ ޔަޒީދު ޖަވާބުދެއްވިއެވެ: ފަންސާސް އާޔަތުގެ މިންވަރެވެ. (އެބަހީ: ފަންސާސް އާޔަތް ކިޔަވާ ނިމޭހާ ވަޤުތު ކޮޅެކެވެ.)"

5-    ޙަރާމް ކަންތަކުން އަތްފަޔާއި ދޫ ރައްކާތެރި ކުރުން:

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޡްކުރެއްވިއެވެ: " الصيام جنة ، فإذا كان يوم صوم أحدكم ، فلا يرفث ولا يجهل ، فإن امرؤقاتله أو شاتمه فليقل: إني صائم " (متفق عليه)

މާނައީ: " ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއް ނަމަ، ފަހެ ޝަހްވާނީ އެދުންތަކުން އެމީހަކު ދުރުވާށެވެ. އަދި ބޭކާރު ވާހަކަ ދެއްކުމުން ރައްކައުތެރިވާށެވެ. އަދި މީހަކު އޭނާއި ޒުވާބުކޮށް ފުރައްސާރަކޮށް ހަދަނީ ނަމަ ބުނާށެވެ. ހަމަކަށަވަރުން، އަހުރެން މިހުރީ ރޯދައަށެވެ".

އަދިވެސް މާތް ނަބިއްޔ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: " من لم يدع قول الزور والعمل به والجهل، فليس لله حاجة في أن يدع طعامه وشرابه" (رواه البخاري)

މާނައަކީ:" ނުބައި ބަސްތައް ބުނުން ދޫނުކޮށް އަދި (ނުބައި ޢަމަލު) ޖާހިލު ޢަމަލު ކުރާމީހުން (ދަންނާށެވެ!) ފަހެ މާތް ﷲ އެފަދަ މީހެއްގެ ކެއިން ބުއިމުން ދުރުވެހުރުމަށް އެދިވޮޑިއެއް ނުގަނެއެވެ."

6-    ރޯދަވެރީންނަށް ރޯދަވީއްލުން ދިނުން:

ރޯދަ ވެރީންނަށް ރޯދަ ވީއްލުން ދިނުމަކީ ވަރަށް މަތިވެރި ކަމެކެވެ. އެކަމުގެ ޘަވާބާއި ދަރުމައިގެ ވާހަކަތައް މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ ޙަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ.

ކީރިތި ރަސޫލ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: " من فطر صائما، فله مثل أجره، غير أنه لا ينقص من أجر الصائم شيء"

މާނައަކީ: " ރޯދަވެރިއަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ އަޖުރު އޭނައަށްވެސް ލިބޭ ހުއްޓެވެ. އެއީ އެ ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއްނެތިއެވެ".

7-    ޞަދަޤާތްކުރުމާއި ދީލަތިކަން އިތުރުކުރުން:

އެހެނީ، ﷲ ގެ ރަސޫލާ މުޙަންމަދު صلى الله عليه وسلم ގެ ދީލަތިކަން ރަމަޟާންމަސް ޖެހުނީމަ، އިންތިހާއަށް އެކަލޭގެފާނު އިތުރު ކުރައްވައެވެ. އެގޮތުން ފަޤީރުންނަށާއި މިސްކީނުންނަށް އަދި ޢާންމު މުސްލިމުންނަށް ވަރަށް ބޮޑަށް ދީލަތިވެ ވަޑައިގެން ޞަދަޤާތްކުރައްވާ އުޅުއްވިއެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށްވަނީ އެ މާތް ނަބިއްޔާގެ صلى الله عليه وسلم މި ސުންނަތް ދިރުވާ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ދީލަތިކަމާއި ޞަދަޤާތްކުރުން އިތުރު ކުރުމެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ.

8-    ކީރިތި ޤުރުއާން ކިޔެވުން ގިނަ ކުރުން:

އެހެނީ، ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މަސްވަރެވެ. އަދި، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި، މާތް ނަބިއްޔާ صلى الله عليه وسلم ، ޖިބްރީލް عليه السلام އާއެކު، ކީރިތި ޤުރުއާން މުޠާލިޢާ ކުރައްވާ ދެ ފަހަރަށް ޚަތިމްކުރައްވާ ކަމަށް ސުންނަތުން ވާރިދުވެފައިވެއެވެ.

އަދި އުއްމަތުގެ ސަލަފުން، އެބޭކަލުން ކުރައްވާ ގިނަ މަސައްކަތްތައް ހުއްޓާލައްވާ، ޤުރުއާން ތިލާވަތު ކުރުމަށް ވަޤުތު ހުސްކުރައްވައެވެ.

ރަމަޟާންމަހަކީ ޤުރުއާނުގެ މަސްވަރެވެ. އެހެންކަމުން، ރަމަޟާން މަހުގައި ޤުރުއާން ތިލާވަތުކުރުމަކީ، މާތް ވެގެންވާ މޮޅު އިތުރު ސުންނަތެކެވެ. ރަމަޟާންމަހުގައި ޚަތިމެއް ކުރެވޭތޯ ކޮންމެ މުސްލިމަކުވެސް ބަލަންޖެހޭނެއެވެ. އެހެންނޫންނަމަ، ރަމަޟާންމަހުގެ ދަރުމަޔާއި ޘަވާބަށް އެދިގެން ޤުރުއާން ކިޔެވި މީހެކޭ ދެންނެވުމަކީ އުދަނގޫ ކަމެކެވެ.

9-    ރަމަޟާންމަހުގައި ޤިޔާމްކުރުން:

ރަމަޟާންމަހުގައި ޤިޔާމުއްލައިލް ޖަމާޢަތުގައި އަދާކުރުމަކީ ސުންނަތެކެވެ. ރަމަޟާންމަހުގައި އަދާކުރެވޭ މި ޤިޔާމުއްލައިލަށް ކިޔަނީ ތަރާވީޙެވެ. މި އަޅުކަމުގެ މަތިވެރިކަމަށް ޢިޝާރާތްކުރައްވާ މާތް ނަބިއްޔާ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ. (من قام رمضان إيمانا واحتسابا، غفر له ما تقدم من ذنبه)، މާނައީ: ” ޘަވާބާއި ދަރުމައަށް އެދިހުރެ ރަމަޟާންމަހުގައި ޤިޔާމްކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ.”

10-                       އިޢްތިކާފުކުރުން:

އުއްމަތުގެ ނަބިއްޔާ صلى الله عليه وسلم ، ކޮންމެ ރޯދަމަހެއްގެވެސް ފަހު ދިހަގައި އިޢްތިކާފުކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފުކުރެއްވިއެވެ.

އިޢްތިކާފުކުރާ މީހާގެ މައްޗަށް ވަނީ ގިނަ ގިނައިން ޤުރުއާން ތިލާވަތުކުރުމާއި، މާތް ﷲ މަތިން ހަނދުމަކުރުމާއި، ޛިކުރުކުރުމާއި، ދުޢާކުރުމާއި، މިފަދަ އަޅުކަންތަކުގައި މަޝްޣޫލުވެ ހުރުމެވެ. އެހެނީ، އިޢްތިކާފު ކުރުމުގެ މަޤްޞަދަކީވެސް، ދުނިޔޭގެ ހަލަބޮލިކަމުން އެކަހެރިވެ މާތް ﷲ ގެ ރުހުން ލިބޭފަދަ އަޅުކަންތައް ކުރުމަށް މިސްކިތުގައި ހުސްވެގަތުމެވެ.

11-                       ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރުން:

އުއްމަތު މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم  ޙަދީޘްފުޅު ކުރައްވަނީ މިފަދައިންނެވެ. ” تحروا ليلة القدر في الوتر من العشر الأواخر من رمضان ” (متفق عليه) މާނައީ: ” ރަމަޟާން މަހުގެ ފަހު ދިހައެއްގެ އޮނަހިރު ރޭ ތަކުން ޤަދްރިވިލޭ ރޭ ހޯދަން މަސައްކަތްކުރާށެވެ.”

އެހެންކަމުން، އެކަލޭގެފާނު صلى الله عليه وسلم ، ރޯދަ މަހުގެ ފަހު ދިހައެއްގައި އިޢްތިކާފަށް އންނަވައެވެ. ޤަދްރިވިލޭ ރޭގެ ޘަވާބާއި ދަރުމައަށް ދަހިވެތިވެ ވަޑައިގެން އެ ރޭ ހޯއްދެވުމުގެ ނިޔަތުގައެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުން އެކަމަށް ބާރު އަޅުއްވާ އަދި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ހިއްވަރު ދެއްވާ އުޅުއްވައެވެ.

ހަމައެފަދައިން އެ ރޭ އަޅުކަން ކުރުމަށް ބާރުއަޅުއްވާ ޙަދީޘްފުޅު ކުރައްވަނީ ” من قام ليلة القدر إيمانا واحتسابا ، غفر له ما تقدم من ذنبه ” (متفق عليه) ، މިފަދައިންނެވެ. މާނައީ: ” ޘަވާބާއި ދަރުމައަށް އެދި ހުރެ ޤަދްރިވިލޭ ރޭ ޤިޔާމްކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ.”

އެ ރޭ ޤިޔާމްކުރުމަކީ، ތަހައްޖުދު ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ދުޢާކުރުމާއި، އިސްތިޣްފާރުކޮށް މާތް ﷲ ގެ ޙަޟްރަތަށް ތައުބާވުމާއި، މިފަދަ ކަންތަކުގައި އެ ރޭގެ ވަޤުތު ޣަނީމާކުރުމެވެ.

އުއްމުލް މުއުމީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސުވާލު ދެންނެވިއެވެ. އެ ރޭ އެކަމަނާއަށް އެނގިލައްވައިފިނަމަ، އެކަމަނާ ކިޔުއްވަންވީ ކަލިމައަކީ ކޮބައިކަމާ މެދުގައެވެ. ޙަދީޘްފުޅު ކުރެއްވިއެވެ. ” قولي: اللهم إنك عفو تحب العفو فاعف عني” (الترمذي). މާނައީ: ” ކިޔުއްވާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ﷲ ، އިބަ ﷲ އީ ފާފަ ފުއްސަވާ އަދި ފާފަ ފުއްސެވުމަށް ލޯބި ވޮޑިގަންނަވާ ފަރާތެވެ. އެހެންކަމުން، މިއަޅާއަށް ފުއްސަވާފާދޭއެވެ.”

12-                       ރަމަޟާންމަހުގައި ޢުމްރާވުން:

ރަމަޟާން މަހުގައި ކުރާ ޢުމްރާއަކީ ވަރަށް މުސްތަޙައްބު އަޅުކަމެކެވެ. އަދި ހައްޖަކާއި އެއްފަދަ ކަމެކެވެ. ނުވަތަ މާތް ނަބިއްޔާ صلى الله عليه وسلم އެކު ޙައްޖެއް ކުރުމާއި އެއްވަރުގެ ކަމެކެވެ.

އެހެނީ، ﷲ ގެ ރަސޫލާ صلى الله عليه وسلم  ޙަދީޘްފުޅު ކުރައްވަނީ މިފަދައިންނެވެ. ” عمرة في رمضان تعدل حجة – أو قال: حجة معي” (البخاري). މާނައީ: ” ރަމަޟާންމަހުގައި ކުރެވޭ ޢުމްރާއެއް ޙައްޖަކާއި އެއްފަދައެވެ- ނުވަތަ ޙަދީޘްފުޅުކުރެއްވިއެވެ: ތިމަންކަލޭގެފާނާއި އެކު ޙައްޖެއް ވުމާއި އެއްފަދައެވެ.”

والحمد لله رب العالمين.

މި ހިސާބުން މި ފޮތުގައި ލިޔުމަށް އަޅުގަނޑު ގަސްތުކުރި ބައިތައް (މާތް ﷲ ގެ ރަޙްމަތުން) ލިޔެ ނިމުނީއެވެ. އަޅުގެ ދުޢާއަކީ މި ފޮތުގައި ކުށެއްވާނަމަ ނުވަތަ އުނިކަމެއްވާނަމަ، މިއަޅާއަށް މާތް ﷲ ޢަފޫކޮށްދެއްވުމެވެ. އަދި މިފޮތުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި މިއަޅާއަށާއި ކިޔުންތެރީންނަށް މިންވަރު ކޮށްދެއްވުމެވެ.

(ނިމުނީ)

  • ނޯޓް: މި ލިޔުމުގެ މަރްޖިޢުތަކަކީ، އައްޝޭޚު  މުޙަންމަދު އިންބު ޞާލިހު އަލްޢުޘެއިމީންގެ “މުޛައްކިރަތު ފިޤްހި” އާއި އައްޝޭޚު ޞާލިޙު އަލްފައުޒާންގެ ” އަލްމުލައްޙަޞުލް ފިޤްހީ” އެވެ.

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.