ވާހަކަ އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ.

އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ.

އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެންމެ ކުޅަދުންވަންތަ.... އެންމެ އޯގާވަންތަ އެންމެ ޙިކްމަތްވަންތަ ފަރާތަކީ ހަމަ އެކަނި ﷲ އެވެ. އެއީ އަޅަމެންގެ އެހީތެރިކަމަށް ބޭނުންވެވޮޑިގެން ނުވާ އެކަމަކު އަޅަމެން އެންމެންވެސް ލާ ކޮންމެ ނޭވާއަކާއެކު އެފަރާތުގެ އެހީތެރިކަމަށް އެދެން ޖެހޭ އަޅަމެންގެ ވެރި ރަސްކަލާނގެއެވެ.

ކިއުންތެރިންނޭވެ....!!!
ނުރައްކާތެރި ކެންސަރު ބަލީގެ ވޭނާއީ ކެކުޅުމުގެ އިންތިހާގައި އެތަކެއް ދުވަސް ހޭދަކުރަމުން އައި އަޅުގަނޑުގެ ދެބެއިންގެ ދެދަރި ކޮއްކޮ "ނާއީ" (މުހައްމަދު ނާއިފް އަހުމަދު އިސްމާޢީލް) ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި، މި ދިޔަ 25 ޖުލައި 2011 ވީ ހޯމަދުވަހު (24 ޝަޢުބާން 1432) ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، މި ވަގުތީ ދުނިޔޭގައި އެ މަޢުސޫމް ތުއްތު ކުއްޖާ ހޭދަކުރަން ހަމަޖެހިފައިވާ ވަގުތު ހަމަކޮށް ފަހުނޭވާ ލާފައެވެ. އެ ކުއްޖާގެ ފުރާނަ ވަނީ އެ ފުރާނައިގެ ވެރި ފަރާތުން ގެންދަވާފައެވެ. انا لله وانا اليه راجعون. (އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ.)
"ހައްދަވާ ބޮޑުކުރެއްވި އޯގާވަންތަ ރަސްކަލާކޮ....އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާއި ދެނެވޮޑިގަތުމާއިމެދު ޝައްކު ކުރާމީހާ އަކީ ގެއްލެނިވެގެންވާ މީހެކެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ....ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އަދި އެންމެ ޙިކްމަތްތެރިވެގެންވަނީ ހަމަ އެކަނި އިބަރަސްކަލާނގެއެވެ. ކަންތައްތަކުގެ ފޮރުވިފައިވާ ހަގީގަތާއި އަޅުގަނޑުމެންނަށް ނޭނގި އަޅަމެންނާ ކުރެވެމުން މިދަނީ އިމްތިހާންތަކެއްކަމާއިމެދު މިއަޅާ ޝައްކެއް ނުކުރަމެވެ. އަދަދު ނުވާ ގިނަ ގުނަ ނިޢުމަތްތަކުން އަޅަމެންގެ މި ޙަޔާތް ފުރިހަމަކުރައްވާފައިވާ މަތިވެރިވެގެންވާ ރަސްކަލާކޮ....ނާއީއަށް އުފުލަން ޖެހުނުފަދަ ވޭނެއް އެއްވެސް ދެވަނަ މީހަކަށް ނުދެއްވާނދޭވެ. އޯގާވަންތަ ރަސްކަލާކޮ....އެއްވެސް އިންސާނަކަށް އަދި އެއްވެސް މަޚްލޫޤަކަށް އެފަދަ ބައްޔެއް ނުޖައްސަވާފާނދޭވެ.

ރަހީމްވަންތަ ރަސްކަލާކޮ....ހިތާމައިގެ ކޮޅެއް ނެތް ހިތާމައިގައި އަޅަމެންވާކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވަނީ އިބަރަސްކަލާނގެއެވެ. އޯގާވަންތަ ރަސްކަލާކޮ....ނާއީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާނދޭވެ. ކުޅަދުންވަންތަ ރަސްކަލާކޮ....ނާއީ އަކީ މި އުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއެކުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، ބަލިމަޑުކަމެއް ، ހިތްދަތިކަމެއް އަދި ކުޑަވިޔަސް ހިތާމައެއް ނެތި އުފާވެރި ކަމުގައި އުޅޭ ކުއްޖެއް ކަމުގައި ލައްވާނދޭނވެ. ފަތިހުގެ ތާޒާ މަލެއްފަދަ ތާޒާ ކަމާއި ހުދު ދޫނީގެ ވަރަ ފަދަ ވަރައެއް ލިބިގެން ސުވަރުގޭގެ ގުނާ އަދަދު ނުކުރެވޭފަދަ ބަގީޗާތަކުގައި އުދުހި އުޅެވޭފަދަ އުފާވެރި ކުއްޖެއް ކަމުގައި އެ ކުއްޖާ އަބަދުގެ އަބަދަށް ލައްވާނދޭވެ. އިބަރަސްކަލާނގެ ކުޅަދުންވަންތަކަމުން ސުވަރުގޭގައި ލައްވަވާފައިވާ ނިމުމެއް ނެތް ނިޢުމަތްތަކުގައި ދާއިމީ އުފަލުގައި އެ ލޮބުވެތި ކުއްޖާ އަބަދުގެ އަބަދަށް ލައްވައިފާނދޭވެ.

އޯގާވަންތަ ރަސްކަލާކޮ....ނާއީގެ މަންމަ އާއި ބައްޕައަށް އަދި ނާއީގެ ދޮންތައަށް ލިބިފައިވާ ހިތާމައަށް އެ އާއިލާއަށް ކެތްތެރިކަން ދެއްވައި އީމާންތެރިކަމުގެ އަލިގަދަ ނޫރުން އެ ހިތްތަކަށް ސާބިތުކަން ދެއްވައިފާނދޭވެ. އެ އާއިލާއަކީ އުޚްރަވީ ޙަޔާތުގައި ސުވަރުގޭގެ ދާއިމީ އުފަލުގައި އެކުގައި އުޅޭނެ އާއިލާއެއް ކަމުގައި ލައްވާފާނދޭވެ.

ރަޙްމާންވަންތަ ރަސްކަލާކޮ....ނާއީގެ ވަކިވެދިއުމާއެކު އާއިލާއަށް ލިބިފައި މިވާ ހިތާމައިގައި އަޅަމެން އެންމެންނަށާއި އަދި ޚާއްޞަކޮށް ނާއީގެ މަންމަ އާއި ބައްޕައަށް މި ހިތާމައަށް ކެތްތެރިވުމުގެ ތައުފީގް ދެއްވާނދޭނވެ. އަޅަމެން ވާގި އެދެނީ ހަމަ އެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ. އަދި ވަކީލު ކުރަނީވެސް ހަމަ އެކަނި އިބަރަސްކަލާނގެއަށެވެ.

އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާކޮ....ނާއީގެ އެ ބައްޔަށް ފަރުވާ ކުރުމަށް އެހީތެރިވެދެއްވިހާ ފަރާތްތަކަށާއި، ނާއީއަށްޓަކައި ހެޔޮ ދުޢާ ކުރެއްވިހާ ފަރާތްތަކަށާއި، ނާއީގެ ހައްގުގައި ކުޑަވިޔަސް ހޭދައެއް ކުރެއްވި ފަރާތްތަކަށާއި، ނާއީގެ ހައްގުގައި ދުލުން ކުޑަވިޔަސް ހެޔޮބަހެއް ބުނެލި ފަރާތްތަކަށާއި، ނާއީގެ ހާލު ލޮލުން ދެކި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާމެދު ސާބިތުކަން ލިބިގަތްފަރާތްތަކާއި، ނާއީގެ އާއިލާއަށް އޯގާތެރިވެދެއްވި ފަރާތްތަކަށާއި މި ނޫނަސް އެ ލޮބުވެތި ކުއްޖާގެ ހައްގުގައި ޒައްރެއްގެ މިންވަރުގެ ހެޔޮކަމެއްވެސް ކުރެއްވި ފަރާތްތަކާއި....ޖުމްލަކޮށް މި ހުރިހާ ފަރާތްތަކުގެ ކުށްފާފަތައް ފުއްސަވައި ޢަފޫކޮށްދެއްވައި އެބައިމީހުންނަށް ދެދުނިޔޭގެ ރަހްމަތް ލައްވާނދޭވެ. އެއެންމެންނަކީވެސް އިބަރަސްކަލާނގެ އޯގާވަންތަކަމުގެ ތަނަވަސްކަމުގައިވާ ފަރާތްތައްކަމުގައި ލައްވާނދޭވެ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ...އަޅާގެ މި އިޚްލާޞްތެރި ދުޢާ އިޖާބަކުރައްވާނދޭވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ....ނާއީގެ ވަކިވެ ދިއުމުން މިއަޅާއަށް ލިބިފައި މިވާ ފުން ހިތާމަތައް ލުއިކޮށްދެއްވައި މިއަޅާގެ ހިތް އިހުނަށްވުރެވެސް ބޮޑަށް އީމާންތެރިކަމުގެ އަލިގަދަނޫރުން ދިއްލައިދެއްވާނދޭވެ. އޯގާވަންތަ ރަސްކަލާކޮ....މިހިތާމައަށް ކެތްކުރުމުގެ ތައުފީގާއި ހިތްވަރު މިއަޅާއަށް ދެއްވާނދޭނވެ. ކުޅަދުންވަންތަކަމުގައި ދެވަނައެއް ނުވާ ރަސްކަލާކޮ....އަޅަމެންގެ މި އާއިލާއަކީ މިފަދަ ގިނަގުނަ މުސީބާތްތަކާއި ވޭންތަކުން ސަލާމަތްވެގެންވާ އާއިލާއެއްކަމުގައި ލައްވާނދޭވެ. އަޅަމެންގެ މައްޗަށް އޯގާތެރިވެވޮޑިގަންނަވާނދޭވެ. އަޅަމެންނަކީ އިބަރަސްކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށް އަބަދާ އަބަދު ޝުކުރުވެރިވާ އެ ނިޢުމަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ކުރާ ބައެއްކަމުގައި ލައްވާނދޭވެ.
ރަޙްމާންވަންތަ ރަސްކަލާކޮ...ލޮބުވެތި ނާއީގެ ފުރާނަ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި....އަދި މި އަޅާގެ ދުނިޔަވީ ހަޔާތަކީ މިއަޅާގެ އުޚްރަވީ ހަޔާތުގައި ، ސުވަރުގެއިން ނާއީއާއި ބައްދަލުވެވޭނެފަދަ ހަޔާތެއް ކަމުގައި ލައްވަވާނދޭވެ. އާމީން...!!!"

ޓެގް

ތައުޒިޔާ ނާއިފް ދުޢާ މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.