ރާއްޖޭގެ ޚަބަރު ޓެކްސް އަކީ ހަމައެކަނި ދަޢުލަތުގެ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ނަގާ އެއްޗަކަށް ވެގެން ނުވާނެ : ޑރ. މަޖީދު

ޓެކްސް އަކީ ހަމައެކަނި ދަޢުލަތުގެ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ނަގާ އެއްޗަކަށް ވެގެން ނުވާނެ : ޑރ. މަޖީދު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ޓެކްސް ނެގުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން ކަމުގައި ވީހިނދު، ޓެކްސް އަކީ ހަމައެކަނި ދަޢުލަތުގެ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ނަގާ އެއްޗަކަށް ވެގެން ނުވާނެ ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ޑރ. މަޖީދު މިފަދައިން ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ދުވަހަކު ނެރޭ "ހިދާޔަތުގެ އަލި" ނޫހުގެ އިއްޔެ ނެރުނު ޢަދަދުގައި އެމަނިކުފާނު ލިޔުއްވާފައިވާ މަޒްމޫނެއްގައެވެ. އެ މަޒްމޫނުގައި ޑރ. މަޖީދު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ބޭނުންޖެހޭ ޟަރޫރީ ކަންތައްތައް ފަހިކޮށްދިނުމީ ދަޢުލަތުގެ ޒިންމާއެއް ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ފައިސާގެ ތަނަވަސްކަން ދަޢުލަތުގައި ނެތްނަމަ، އެކަންތައް ކުރުމަށް ބޭނުންވާ ފައިސާ ކޮންމެހެންވެސް ހޯދަން ޖެހޭނެ ކަމަށެވެ.

ޓެކްސް ނަގައިގެން ލިބޭ ފައިސާ އިން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ކަންތައްތައް ދަޢުލަތުން ކޮށްދޭން ޖެހޭނެ ކަމަށް ޑރ. މަޖީދު ވިދާޅުވެފައިވެއެވެ.

"ޓެކްސް ނަގައިގެން ރަނގަޅު ފެންވަރަކަށް ޞިއްޙީ ފަރުވާ އާއި ތައުލީމާއި ރަނގަޅު ބޯހިޔާވަކަމަކާއި ޞިއްޙީ ގޮތުން ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމާއި މިބާވަތުގެ ކޮންމެހެން ބޭނުންވާ އަސާސީ ކަންތައްތައް ފަހިކޮށްދީ އެކަން ކަމަށް ބޭނުންވާނޭ އެންމެހައި ވަސީލަތްތައް ދައުލަތުގެ ފަރާތުން ޤާއިމްކޮށްދޭން ވާނެއެވެ. މިގޮތަށް ޓެކްސް ނެގުން ދީނީގޮތުން ބަލާއިރު އެންމެ ރަނގަޅުކަމުގައި ދީނުގެ އިތުބާރުހުރި ޢިލްމުވެރިން ވިދާޅުވެއެވެ." ޑރ. މަޖީދު ލިޔުއްވާފައިވާ މަޒްމޫނުގައިވެއެވެ.

އިތުރަށް ޑރ. މަޖީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ޙަރާމް ކަމެކޭ ވިދާޅުވާ ބޭފުޅުން ބުރަވެވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލުގެ ޙުރުމަތްތެރިކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޢާއްމު ދަލީލުތަކަށް ކަމަށާއި އެ ދަލީލުތަކުން ދޭހަވާ ގޮތުގައި އެއްވެސް މީހެއްގެ މުދާ އެމީހެއްގެ ރުހުމާނުލައި ނެގުން ހުއްދަ ނުވާނެ ކަމަށެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވާ "މީހުންގެ މުދަލުން "މަކްސް" ޓެކްސް ނަގާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ." މިޙަދީޘްފުޅުގެ ދޭހައާމެދު އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ވަހްބަތުއް ޒުޙައިލީ ވިދާޅުވެފައިވާ ބަސްފުޅެއް މި މަޒްމޫނުގައި ނަކަލް ކުރައްވާފައި ވެއެވެ.

އެބަސްފުޅުގައި ޑރ. ވަހްބަތުއް ޒުޙައިލީ ވިދާޅުވެފައިވާ ގޮތުގައި މިކަމުގައި ބަލަންޖެހޭ ހަމަ އަކީ ޓެކްސް ނެގެވޭ މިންގަނޑުގައި ހުރި ޢަދުލުވެރިކަމަކަށާއި ޓެކްސް ނަގައިގެން ކުރެވޭ ކަމަކަށެވެ. އަދި އެއްވެސް ބެލުމެއް ނެތި އަނިޔާވެރި ގޮތެއްގައި ރައްޔިތުންނަށް ނުކަތާ މިންވަރަށް އެބައިމީހުންގެ އަތުން ނަގާ ޓެކުހެއް ނަމަ އަދި އެއިން ހޭދަކުރެވެނީ ރައްޔިތުންގެ މަންފާ އާއި ލާބައަށް ކަމުގައި ނުވާނަމަ، ޝައްކެއްނެތި މިފަދަ އެންމެހައި ޓެކްހެއް ހިމެނިގެންދާނީ ޙަދީޘްގައި ޙަރާމްކުރައްވާފައިވާ ޓެކްސް "މަކްސް" ގެ  ތެރޭގައި ކަމަށާއި އެކަންކުރާ ބަޔަކު އެކަމުގެ ފާފަ ތަޙައްމަލު ކުރަންޖެހޭނެ ކަމަށް ޑރ. ވަހްބަތުއް ޒުޙައިލީ ވިދާޅުވެފައިވެއެވެ.

"އެއާ ޚިލާފަށް ޢަދުލުވެރިގޮތެއްގެ މަތިން، ރައްޔިތުންނަށް ބުރަ ނުވާ މިންވަރަށް ދަޢުލަތް ހިންގުމަށް ބޭނުންވާ މިންވަރުގެ ޓެކްހެއް ރައްޔިތުންގެ އަތުން ނެގުމަކީ މައްސަލައެއް ނޫނެވެ." ޑރ. ވަހްބަތުއް ޒުޙައިލީ އާއި ޙަވާލާދީ އެމަޒްމޫނުގައި ޑރ. މަޖީދު ލިޔުއްވާފައިވެއެވެ.

ޑރ. މަޖީދު މަޒްމޫނުގައި އިތުރަށް ވިދާޅުވެފައި ވަނީ ޓެކްހާ ޒަކާތަކީ ދެއެއްޗެއް ކަމަށާއި، ޓެކްސް ނެގިކަމުގައި ވިޔަސް ޒަކާތް ނަގަން ޖެހޭނެ ކަމަށެވެ. އަދި ޒަކާތް ނަގައި އޭގެ ޙައްޤުވެރި ފަރާތްތަކަށް ދިނުމަކީ އިސްލާމީ ދަޢުލަތެއްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށްޓަކައި ޒަކާތް ނެގުމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ޑރ. މަޖީދު ވިދާޅުވެފައި ވެއެވެ.

ޓެގް

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ މަކްސް ޓެކްސް އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.